އިސްރާއީލުގެ އައު ބޮޑުވަޒީރު ނަފްތާލީ ބީނީތާ ރަސްމީ އިޙްތިފާލެއްގައި ވެރިކަން ޙަވާލު ނުކުރައްވާނެ ކަމަށް އިސްރާއީލުގެ ކުރީގެ ބޮޑު ވަޒީރު ނަތަންޔާހޫ މިއަދު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޓްރަމްޕް ބަލިވެވަޑައިގަތުމުން އޭނާ ވެސް ވަނީ އެ ކަން ޤަބޫލު ނުކުރައްވައިފައެވެ. އަދި ރައީސް ބައިޑްނާ ވެރިކަން ޙަވާލު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޓްރަމްޕް ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.
އިސްރާއީލުގެ ރަސްމީ ޓީވީ މިއަދު ހާމަކުރިގޮތުގައި ނަތަންޔާހޫ، ބީނީތާ ބައްދަލު ކުރެއްވިއެވެ. އެހެނަސް ވެރިކަން ޙަވާލުކުރުމާ ޙަވާލުވުމުގެ ރަސްމިއްޔާތެއް ބޭއްވުމާ އޭނާ ދެކޮޅު ހެއްދެވިއެވެ. އިސްރާއީލުގައި ވެސް އާދަކާދައަކީ ވެރިކަން ޙަވާލު ކުރުމާއި ޙަވާލުވުމަށް ރަސްމީ އިޙްތިފާލެއް ބޭއްވުމެވެ. ނަތަންޔާހޫގެ އޮފީހުން ބުނިގޮތުގައި ބޮޑުވަޒީރުކަން ބީނީތާ ޙަވާލު ކުރެއްވުމަށް ޓަކައި ބައްދަލުވުމެއް ބޭއްވޭނެއެވެ. މި ބައްދަލުވުން އޮންނާނީ ޤުދްސުގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައެވެ. އެހެނަސް މި ރަސްމިއްޔާތުގައި ނަތަންޔާހޫ ބައިވެރިވެ ވަޑައެއް ނުގަންނަވާނެއެވެ.
އަނެއްކޮޅުން ބަލާއިރު އައު ސަރުކާރަށް ޙަމަލާ ދެއްވުން ހުއްޓާ ނުލައްވާނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ. އޭނާ ބަރްލަމާނުގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހުރެން ކޮންމެ ދުވަހަކު މި ސަރުކާރަށް ޙަމަލާދޭނަމެވެ. މި ނުބައި ނުރައްކާތެރި ވާތުފިޔައިގެ ސަރުކާރަކީ އިސްރާއީލަށް ވަރަށް ގެއްލުން ހުރި ސަރުކާރެކެވެ. ތިޔަބޭފުޅުން ހީފުޅު ނުކުރައްވާހައި ކުރު މުއްދަތެއްގެ ތެރޭގައި މި ސަރުކާރު ވައްޓައިލާނަމެވެ."
އިސްރާއީލުގެ އައު ސަރުކާރުން ވެރިކަމާ ޙަވާލުވުމުގެ ހުރިހާ އިޖްރާއަތުތަކެއް މިހާރު ދަނީ ފުރިހަމަ ކުރަމުންނެވެ. އިސްރާއީލުގެ ރަސްމީ ޓީވީ ބުނިގޮތުގައި ބޮޑުވަޒީރު ބީނީތަށް އިސްރާއީލުގެ އަމްނާ ބެހޭ ތަފާތު އިދާރާތަކުގެ ވެރިން ރޭ ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ދައުލަތުގެ "ސިއްރު މަޢުލޫމާތުތައް" ވަނީ އައު ބޮޑުވަޒީރަށް އަރުވާފައެވެ.