...

Support Us

ވިއްކާލަން އުޅުނު އަވަށްޓެރިޔާ!

ސައީދު ބުން އާޞްގެފާނަކީ ޒުވާންދުވަސްވަރު އިސްލާމްދީން ޤަބޫލްކޮށް މާތްނަބިއްޔާ ﷺ އަރިހުގައި އުޅުއްވި ބޭކަލެކެވެ. އިލްމުވެރި ބޭކަލެކެވެ. އުސްމާނުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު ކޫފާގެ ގަވަރުނަރުކަން ކުރެއްވިއެވެ. އެއަށްފަހު މުއާވިޔަފުގެފާނުގެ ވެރިކަމުގައި މަދީނާގެ އަމީރަކަށް އައްޔަންކުރެއްވުމުން ހަޔާތުގެ ބާކީބައި ހޭދަކުރެއްވީ އެރަށުގައެވެ.

ސައީދު ބުން އާޞްގެފާނަކީ ދީލަތި އޯގާވެރި މާތް އަޚުލާގެއްގެވެރި ބޭކަލެކެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ގިނަގުނަ މުދާ ދެއްވި ތަނަވަސް ބޭކަލެކެވެ. ނަމަވެސް އެމުދާތަކާއި މުއްސަނދިކަމާ މެދު އެކަލޭގެފާނު ދެކެވަޑައިގަތީ އެއީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނާ ހަވާލުކުރައްވާފައިވާ އަމާނާތެއްގެ ގޮތުގައެވެ. އެހެންކަމުން މުދަލާއި ފައިސާ ޚަޒާނާކޮށް ގިނަކުރުމުގެ ބަދަލުގައި އެތަކެތިން ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ ފަގީރުންނަށް ބައްސަވަމުން ގެންދެވިއެވެ. މީހަކު އަތްމަތިދަތިވެ ފަޤީރު ހާލުގައި އުޅޭކަން އެނގިއްޖެ ނަމަ އެކަލޭގެފާނު އަމިއްލަފުޅަށް އެމީހެއްގެ ގާތަށް ވަޑައިގެން އެހީތެރިކަން ފޯރުކޮށްދެއްވައެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނަކީ މީސްތަކުން ވަރަށް ލޯބިވާ ޤަދަރާއި އިހުތިރާމް ކުރާ ބޭކަލެއްކަމުގައި ވިއެވެ.

ސައީދުގެފާނުގެ އަވަށްޓެެރިންގެ ތެރޭގައި މުޙައްމަދު ބުން ޖަހުމް ކިޔުނު މީހަކު އުޅުނެވެ. އެއީ އެކިއެކި ވިޔަފާރިކޮށްގެން ދިރިއުޅޭ މީހެއް ނަމަވެސް ވިޔާނުދާ ބޭކާރު ޚަރަދުކުރުމުގައި ހައްދުން ނައްޓައިފައި ހުރި މީހެކެވެ. އެހެންކަމުން އަބަދުމެ ހުންނަނީ ފައިސާ ހުސްވެ އަތްމަތި ދަތިވެފައެވެ. އަދި އެކިއެކި މީސްމީހުން އަތުން ދަރަންޏަށް ފައިސާ އަތުލައިގެން ދަރަނި އަދާނުކޮށްގެން އަބަދުވެސް ހުންނަނީ ކޮންމެވެސް މީހަކާ މައްސަލަޖެހި އަރައިރުންވާ ހިސާބުގައެވެ. މިފަދަ ކޮންމެ ދަނޑިވަޅަކު ސައީދުގެފާނު އޭނާއަށް އެހީތެރިކަން ފޯރުކޮށްދެއްވައެވެ. އަދި އިތުރަށްވެސް ފައިސާ ދެއްވައެވެ. މިކަމާ މުޙައްމަދުގެ އަންހެނުން އޭނާއަށް ވަރަށް ނަޞޭހަތްތެރިވެއެވެ. ނަމަވެސް ދުވަސްކޮޅަކު މަޑުމަޑުން ހުރުމަށްފަހު އަނެއްކާވެސް ބޭކާރު ޚަރަދުކުރަން ފަށައިގަނެއެވެ.

އެއްފަހަރަކު މުޙައްމަދު ބުން ޖަހުމު އެކިއެކި މީސްމީހުން އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ވިޔަފާރި މުދާގަނެ އެތަކެތި ވިއްކުމަށް އެހެން ރަށަކަށް ދިޔައެވެ. އަދި އެ ދަތުރުގައި އެހެން ވިޔަފާރިވެރިޔަކު މުދާކޮޅެއް ގަތުމަށް ހަވާލުކުރި ފައިސާކޮޅެއްވެސް ގެންދިޔައެވެ. ކޮންމެއަކަސް މިތަކެތި ވިއްކައިގެން މުހައްމަދު ރަނގަޅު ފައިދާއެއް ހޯދިއެވެ. ނަމަވެސް އެ ހުރިހާ ފައިސާއެއް ބޭކާރުގޮތުގައި ޚަރަދުކޮށްލިއެވެ. އަދި އެއްކަލަ ވިޔަފާރިވެރިޔާ ހަވާލުކުރި ފައިސާކޮޅުވެސް ހުސްކޮށްލައި ރަށަށް އައި އިރު މީހާ ހުރީ އިނދަޖެހިފައެވެ. ލޯލާރިއެއްހާ މިންވަރުވެސް އަތަކުނެތެވެ. ރަށަށް އައުމާ އެކު ދަރަނި ދިން މީހުންނަށް މިޚަބަރު އޮޅުންފިލައިފިއެވެ. އަދި އެއްކަލަ ވިޔަފާރިވެރިޔާއާއި ދަރަނި ދިން މީސްތަކުން މިކަމާ ވަރަށް ބޮޑަށް ރުޅިއައިސް ރެޔާއި ދުވާލު އެދަރަނި ހޯދަން އެގެޔަށް ދާންފަށައިފިއެވެ. މިކަމާ މުޙައްމަދު ބުން ޖަހުމް ކަންބޮޑުވެގެން އޭނާގެ އަންހެނުން ގާތުގައި ބުންޏެވެ. "ކަލޭ ސައީދު ބުން އާސްގެ ގާތަށް ގޮސް ކޮންމެވެސް މަދަދެއް ލިބޭތޯ ބަލަންވީ ނޫންހެއްޔެވ؟" އަންހެނުން ބުންޏެވެ. "މާތްﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެން މިފަހަރަކު އޭނާ ގާތަކަށް ނުދާނަމެވެ. އަދި ކަލޭވެސް ދިޔަކަނުދޭނަމެވެ. ލަދު ކުޑަކަމުގެވެސް ހައްދެއް އޮންނަންވާނެއެވެ." އެއަށްފަހު ބުންޏެވެ. "ކަލޭ މިގެ ވިއްކާލާފައިވިޔަސް ދަރަނި އަދާކުރާށެވެ."

މިކަމާ މުޙައްމަދު ބުން ޖަހުމް ވަރަށް ކަންބޮޑުވިއެވެ. ނަމަވެސް ގެ ވިއްކާލުން ނޫން ގޮތެއް ނެތުމުން އެންމެ ފަހުން އެކަމާ އެއްބަސް ގެ ވިއްކާލަން އުޅޭ ވާހަކަ މީސްތަކުންގެ ގާތުގައި ދައްކަން ފަށައިފިއެވެ. އިސާހިތަކު ކޮންމެވެސް މީހަކު 50،000 ދިރުޙަމަށް އެ ގެ ގަންނަން އައިސްފިއެވެ. މި މީހާ ފައިސާ ހިފައިގެން މުޙައްމަދުގެ ގާތަށް އައުމުން ބުންޏެވެ. "ފަންސާސް ހާސް ދިރުޙަމަކީ ހަމަ އެކަނި ގޭގެ އަގެވެ. ގޭގެ އަގުގެ އިތުރުން އަހަރެންގެ އަވަށްޓެރިޔާގެ މައްޗަށްވެސް އަގުދޭން ޖެހޭނެވެ."

އެހިނދު ގެ ގަންނަން އައި މީހާ އަންތަރީސްވެފައި އަހާލިއެވެ. "އަވަށްޓެރިޔާއަށް އަގުދޭށޭ؟ އަވަށްޓެރިޔާވެސް ވިއްކާލަނީ ހެއްޔެވެ؟ މިހާރު އަވަށްޓެރީންނަކީ ވެސް ވިއްކާ އެއްޗެއް ހެއްޔެވެ؟"

ޖަވާބުގައި މުޙަމަދު ބުން ޖަހުމު ބުންޏެވެ. "އާނއެކެވެ. އެއީވެސް ވިއްކާ އެއްޗެކެވެ. ސައީދު ބުން އާސްގެ އަވަށްޓެރިޔަކަށް ވުމަކީ ކިހާ ފައިދާ ހުރި ކަމެއްކަން ކަލެއަށް އެނގޭ ހެއްޔެވެ؟ އެކަލޭގެފާނަކީ އަވަށްޓެރިޔަކު ކަމަކަށް ނުވަތަ އެއްޗަކަށް ބޭނުންވެއްޖެ ނަމަ ކޮންމެ ގޮތެއް ހަދާފައިވެސް އެކަމެއް ފުއްދައިދޭ މީހެކެވެ. މުޞީބާތެއް ދިމާވެއްޖިޔާ ސައީދު ވަގުތުން ކަލެއަށް އެހީވާނެއެވެ. އޭނާއަށް ކަލޭ ނުބައި ކަމެއް ކުރިޔަސް އޭގެ ބަދަލުގައި އޭނާ ކޮށްދޭނީ ހެޔޮ ކަމެކެވެ. ކަލޭ ބޮލުގައި ބުރައެއް އެޅިއްޖިޔާ އެކަމެއް ލުއިކޮށްދޭނެއެވެ. މިކަހަލަ ހެޔޮ އަވަށްޓެރިއެއް ލިބުމީ ކޮންކަހަލަ ބޮޑު ނަސީބެއް ހެއްޔެވެ؟"

އެހިނދު ގެ ގަންނަ މީހާ ބުންޏެވެ. "ތިޔަބުނީ ތެދެކެވެ. ތިޔަ ކަހަލަ ހެޔޮ އަވަށްޓެރިޔަކު ލިބޭނީ ވަރަށް ނަޞީބު ގަދަ މީހަކަށެވެ. އެހެން ކަމުން ގޭގެ އަގު ފިޔަވައި ތިޔަ އަވަށްޓެރިޔާ އަށް އަދި އިތުރަށް 10،000 ދިރުހަމް ދޭނަމެވެ."

ކޮންމެއަކަސް މި ވިޔަފާރި މުއާމަލާތް އަޑުއަހަން އޭރު އެހެން މީހަކު ހުއްޓެވެ. އެމީހާ ވަގުތުން އަވަސް އަވަހަށް ގޮސް ސައީދު ބުން އާސް އަށް މިޚަބަރު ދިނެވެ. އެ ހިނދު ސައީދު ވަގުތުން މުޙައްމަދު ބުން ޖަހުމަށް 100،000 ދިރުޙަމް ދެއްވިއެވެ. އަދި ބުންޏެވެ. "އެއްގޮތަކަށްވެސް ތިޔަ ގެ ވިއްކާނުލާށެވެ. ކަލެއަކީ އަހަރެންގެ އަވަށްޓެރިއެކެވެ. އަދި އަހަރެންނަކީ ކަލޭގެ އަވަށްޓެރިއެކެވެ. އެހެންނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ބުނަމެވެ. ކަލޭ އިބިލީހުގެ ވަސްވާސްތަކުން ދުރުވެ ވިޔާނުދާ ޚަރަދު ކުރުމުން ދުރުހެލިވާށެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގެން ނުވާ ކަމެއްކަން ނޭނގޭހެއްޔެވެ؟"

މިވާހަކަތައް އަޑުއަހާފައި މުޙައްމަދު ބުން ޖަހުމް ވަރަށް ލަދުގަތެވެ. އަދި 100،000 ދިރުހަމުން އޭނާގެ ދަރަނި އަދާކޮށް ތައުބާވެ އެކަހަލަ ބޭކާރު ޚަރަދުކުރުމުން ދުރިހެލިވިއެވެ. އެއަށްފަހު ނުހަނު ރައްކާތެރިކަމާ އެކު ޚަރަދަށް ބަލައިގެން ދިރިއުޅުން ވޭތުކުރަމުން ގެންދިޔައެވެ. ދުވަސްތަކެއް ނުވެ އެރަށުގެ އެންމެ ތަނަވަސް މީހުންގެ ތެރޭގައި މުޙައްމަދު ބުން ޖަހުމު ހިމެނުނެވެ.

ބުނެވޭ ގޮތުގައި މުޙައްމަދު ބުން ޖަހުމް ސަޢީދު ބުން އާސްގެ ދިރިއުޅުއްވުމުން ދަސްކުރި ފިލާވަޅު މުޅި އުމުރަށް ހަނދާނުގައި ބެހެއްޓިއެވެ. ހަމަ އެކަލޭގެފާނު ފަދައިން ބޭނުން ޖެހިފައި ތިބޭ މީސްތަކުންނަށް އެހީތެރިވެ އަވަށްޓެރިންނަށް ހެޔޮ މީހަކު ކަމުގައި މުޙައްމަދު ވިއެވެ. މާތް ﷲ ސުބުޙާނަހޫ ވަތައާލާ އޭނާގެ މުދަލުގައި ބަރަކާތް ލައްވަވައި އޭނާ ހޭދަކުރާ މިންވަރުގެ ދެގުނަ ދެއްވެވިއެވެ.

އިބުރަތް: މިވާހަކައިން އަޅުގަނޑުމެންނަށް ލިބޭ އިބުރަތަކީ އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމެވެ. އަދި ބޭރާކު ޚަރަދުކޮށް އިސްރާފްކުރާ މީހުން ދެކެެ މާތްﷲ ސުބުހާނަހޫ ވަތައާލާ ރުހިވޮޑި ނުގަންނަވާކަމެވެ. މީގެ އިތުރުން މާތްﷲ ގެ މަގުގައި ހޭދަކުރާ މީހުންގެ މުދަލުގައި އެކަލާނގެ ބަރަކާތްލައްވަވައި އިތުރުކޮށްދެއްވާ ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.