Support Us

އޮބާމާގެ ނާއިބު ރައީސަކަށް ހުންނެވިއިރު ބައިޑެން (ވ)، ޕޫޓިނާ ބައްދަލު ކުރެއްވުން

ސަމިޓަށް ތައްޔާރުވެ ވަޑައިގެންނެވުމުގެ ގޮތުން ޕޫޓިން އެމެރިކާގެ ޑޮލަރާ ގުޅުން ކަނޑައިލައްވައިފި

މި މަހު 16 ވަނަ ދުވަހު ސްވިޒަރލޭންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައީސް ބައިޑްންއާ ރައީސް ޕޫޓިންގެ ސަމިޓްގެ ކުރިން ރޫސީވިލާތުގެ މުއްސަނދިކަމުގެ ސިޔާދަތީ ފަންޑު (Sovereign Wealth Fund) ގައި ހުރި ޑޮލަރުތައް ހުސްކޮށްލުމަށް މޮސްކޯއިން ނިންމައިފިއެވެ.

ރޫސީވިލާތުގެ އިޤްތިޞާދު އެމެރިކާގެ ފައިސާއާ އެކަހެރި ކުރުމުގެ މަސައްކަތް ކްރެމްލިނުން ފެށިތާ އަހަރުތަކެއް ވެއްޖެއެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގެ ބިންގަލަކީ އެމެރިކާގެ ފައިސާއެވެ. ރޫސީން މި ފިޔަވަޅު މި އެޅީ ވޮޝިންގްޓަނުން މޮސްކޯއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ކުރިމަތީގައި މޮސްކޯ ބަލިކަށިވެގެން ދިޔަ ނުދިނުމަށް ޓަކައެވެ.

އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑްން އިސްވެވަޑައިގަތުމާ ވިދިގެން އެމެރިކާއާއި ރަޝިޔާއާ ދެމެދުގައިވާ ގުޅުން ވަނީ ދަށަށްދާން ފަށައިފައެވެ. ރަޝިޔާގެ އިދިކޮޅު ވާދަވެރި ޒަޢީމު އެލެކްސީ ނަވަލްނީ ހައްޔަރު ކުރުމާއި ރޫސީވިލާތުގެ ސިފައިންގެ ފައުޖުތަކެއް ޔުކްރޭންގެ ސަރަހައްދަށް ފޮނުވުމާ ވިދިގެން ވޮޝިންގްޓަންގެ ފާޑުކިޔުންތައް ވަނީ އިތުރުވެ ތުހްމަތުތައް ގިނަވެފައެވެ. މިކަމުގެ ތެރޭގައި އެމެރިކާގައި ހުންނެވި ރޫސީ ސަފީރު ވަނީ ޤައުމަށް އަބުރައި ގެނެވިފައެވެ.

މޮސްކޯގެ ނިންމުން

ރޫސީ މާލީ ވަޒީރު އެންޓަން ސްލޮވަނޯފް މި ދިޔަ ބުރާސްފަތި ދުވަހު ހާމަކުރެއްވި ގޮތުގައި އެ ޤައުމުގެ މުއްސަނދިކަމުގެ ސިޔާދަތީ ފަންޑްގެ ހުރިހާ ޑޮލަރު އުޞޫލުތައް ނައްތައިލެވޭނެއެވެ. މި އުޞޫލުތައް ބަދަލު ކުރެވޭނީ ޔޫރޯއަށާއި ރަނަށާއި ޗައިނާގެ ޔުވާނަށެވެ. މި މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަގުތަށް ބަލާއިރު ރަޝާގެ މި ފަންޑްގެ އުޞޫލުތަކުގެ 35 އިންސައްތަ އަކީ އެމެރިކާ ޑޮލަރެވެ. މި ފަންޑުގެ ޖުމްލަ އުޞޫލުގެ މިންވަރަކީ 186 ބިލިއަން ޑޮލަރެވެ. އެހެންކަމުން ސާޅީހަކަށް މިލިއަން ޑޮލަރު އެހެނިހެން ނަޤްދުތަކަށް ނުވަތަ ރަނަށް ބަދަލު ކުރެވޭނެއެވެ.

ސިލޮވަނޯފާ ޙަވާލާދީ ޚަބަރުފަތުރާ ރޫސީ ނޫސް އޭޖެންސީތައް ބުނާގޮތުގައި އޭނާ މިކަން ހާމަކުރެއްވީ ސޭން ޕީޓަރސްބަރގްގައި މިހާރު ބޭއްވެމުންދާ އިޤްތިޞާދީ މަންސައިގައެވެ. އޭނާ ވިދާޅުވިއެވެ. "ޤައުމީ މުއްސަނދިކަމުގެ ސިޔާދަތީ ފަންޑްގެ ވުނަކުރުންތައް އެމެރިކާ ޑޮލަރާ ދުރަށްލުމަށް އަހުރެމެން ވާނީ ނިންމައިފައެވެ. އަހުރެމެން ޑޮލަރުގެ އުޞޫލުތައް ޔޯރޯއަށާއި ރަނަށާއި ޗައިނާގެ ޔުވާނަށް އެއްމަސް ދުވަހުގެ ތެރޭގައި ބަދަލު ކުރާނަމެވެ."

ރަޝިއާއިން މި އުޞޫލުތައް ބަދަލު ކުރަން ނިންމާފައި ވަނީ  40 އިންސައްތަ ޔޯރޯއަށް، 30 އިންސައްތަ ޗައިނާގެ ޔުވާނަށް، 20 އިންސައްތަ ރަނަށް، 5 އިންސައްތަ ސްޓަރލިންގ ޕައުންޑަށް އަދި އަނެއް 5 އިންސައްތަ ޖަޕާނުގެ ޔެނަށެވެ.

ސިޔާސީ ޤަރާރެއް

މުޙައްލިލުން ވިދާޅުވާގޮތުގައި މި ކަމަކީ މި ވަގުތަށް ބަލާއިރު ސިޔާސީ ކަމެކެވެ. މި މަހު 16 ވަނަ ދުވަހު ސްވިޒަރލޭންޑްގައި ބޭއްވޭ އެމެރިކާ- ރަޝިޔާ ސަމިޓް ވަރަށް ހޫނު ސަމިޓަކަށް ވާނެތީއެވެ. ބައިޑްން ވަނީ ޕޫޓިނަކީ ޤާތިލެއް ކަމަށް ސިފަކުރައްވައިފައެވެ. މި ކަމާ ވިދިގެން ދުނިޔެ އަލުން ފިނި ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ. މީގެ ދެތިން ދުވަސް ކުރިން ރައީސް ބައިޑްން ވަނީ "ހުޅުވިފައިވާ އުނޑުތައް"ގެ މުޢާހަދާއަށް އެމެރިކާ އަނބުރާ ނުދާނެ ކަމަށް ވިދާޅުވެފައެވެ. މިއިން އެނގޭ ގޮތުގައި އެމެރިކާއާއި ރަޝިއާ ހަމަހިމޭންކަމުގެ ޖައްވަކަށް ދާކަށް ގަސްތެއް ނުކުރެއެވެ.

ރޫސީވިލާތުގެ ބޮޑުވަޒީރުގެ އިސް ނާއިބު އެންޑްރޭ ޕިލަސޯފް ވިދާޅުވާ ގޮތުގައި އެ ޤައުމުގެ މުއްސަނދިކަމުގެ ފަންޑްގެ އުޞޫލުތައް އެމެރިކާގެ ޑޮލަރާ ދުރަށްލުމަށް ނިންމި ނިންމުމަކީ ވަރަށް ޙިކްމަތްތެރި ނިންމުމެކެވެ. މިއީ އެމެރިކާގެ މަސްއޫލުވެރިން މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެ އެ ދެއްވާ އިންޒާރުތަކުން މޮސްކޯ ސަލާމަތްކުރުމަށް ޓަކައި ދުރާލައި އެޅުނު ފިޔަވަޅެކެވެ.

އިޤްތިޞާދީ މާހިރެއް ކަމުގައިވާ ތިމޮތީ އޭޝް ކުރެއްވި ޓްވީޓެއް ބުނާގޮތުގައި "މިއީ ވަރަށް ވަރުގަދަ ޙީލަތެކެވެ. އަދި މިއީ އެމެރިކާއިން ދީފާނެ ޙަމަލާއަކުން ރައްކައުތެރިވުމަށް އެޅި ދިފާޢީ ފިޔަވަޅެއްވެސްމެއެވެ."

ރަޝާގެ ވަޒީރު ރޫސީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މި ފިޔަވަޅުގެ ޖިއޯސިޔާސީ ބަހާއަކީ އަހުރެމެންގެ ވުނަކުރުންތައް ޙިމާޔަތް ކުރުމެވެ." އެމެރިކާގެ ބްލޫމްބަރގް އޭޖެންސީ ބުންޏެވެ. "ރައީސް ޕޫޓިން ނިކަމެތި ޙާލަތެއްގައި މި ސަމިޓަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަން މޮސްކޯގެ މި ނިންމުމުން އެނގެއެވެ." މި އޭޖެންސީ ނިމުތުކުރާ ގޮތުގައި މި ސަމިޓްގައި "ވަރަށް ގިނަ ފައިލްތަކަކާބެހޭގޮތުން ބަޙުސް ކުރެވޭނެ" އެވެ.

އިޤްތިޞާދީ މައިދާން

ރަޝިއާގެ މާލީ ވަޒީރު ހާމަކުރެއްވިގޮތުގައި މި ޤަރާރުގެ ސަބަބުން ބާޒާރުގައި ޑޮލަރު މާރު ކުރުމުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

އޭ.އެން.ޖީ ބޭންކް ބުނާގޮތުގައި "އުޞޫލުތައް ޑޮލަރާ ވަކިކުރުމަކީ ދާޚިލީ ކަމެކެވެ. އެ ކަން އޮންނާނީ "މަރްކަޒީ ބޭންކާ ސަރުކާރާ ދެމެދުގައެވެ." މި ބޭންކް ބުނިގޮތުގައި ކުރިމަގުގައި ވެސް "ބޭރު ފައިސާ ޖަމާކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ."

މޮސްކޯއިން މި ފިޔަވަޅު އެޅުމުން ރަޝިޔާގެ ބާޒާރުގައި ކުޑައިރުކޮޅަކަށް ޑޮލަރުގެ އަގު މައްޗަށް ދިޔައެވެ. އެހެނަސް ވަރަށް އަވަހަށް ޑޮލަރުގެ އަގު ކުރީގެ އަގަށް ވެއްޓިގެން ހިނގައްޖެއެވެ. ބްލޫމްބަރގް ބުނާގޮތުގައި މޮސްކޯގެ މި ނިންމުގެ އަސަރު ވަރަށް ކުޑަވާނެއެވެ.

މާ ބޮޑު އެއްޗަކަށް އިންތިޒާރެއް ނުކުރައްވާ

އެމެރިކާގެ ރައީސް ބައިޑްނާއެކު ބާއްވަވާ ސަމިޓުން މާ ރަނގަޅު ނަތީޖާއަކަށް އިންތިޒާރު ނުކުރައްވަވާ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައެވެ. ޕޫޓިން ތުހްމަތު ކުރެއްވިގޮތުގައި ދެ ޤައުމުގެ ގުޅުން "ނުބައިވެގެން ދިޔައީ އެމެރިކާއާ ހެދި" އެވެ.

މި ކަން އޭނާ ހާމަކުރެއްވީ ދުނިޔޭގެ މުހިއްމު ނޫސް އޭޖެންސީތަކުގެ ވެރިންނާ ދާދިވަރުކޮށް ބައްދަލު ކުރައްވަމުންނެވެ. އޭނާ ވިދާޅުވިއެވެ. "ކޮންމެ ބަޔަކު ވެސް އަނެއް ބައެއްގެ މަޞްލަޙަތުތަކަށް އިޙްތިރާމު ކުރަން ޖެހޭނެއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ޤަދަރު ކުރަން ޖެހޭނެއެވެ."

ޕޫޓިން ހާމަކުރެއްވި ގޮތުގައި ދެ ރައީސުންގެ ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ ޖެނީވާގައެވެ. އޭނާ ވިދާޅުވިއެވެ. "އުފެދިފައިވާ ދެބަސްވުންތައް އުފެއްދީ ރަޝިއާއަކުން ނޫނެވެ. އެހެނަސް އަހުރެމެންގެ މެދުގައި މަޞްލަޙަތުތަކެއް އެބަ އޮތެވެ." ރައީސް ޕޫޓިންގެ ބައްދަލުކުރެއްވުމުގައި އޭނާގެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރި ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި ޢުޤޫބާތްތަކަކީ "އަރަތެކެވެ." އޭނާ ވިދާޅުވިއެވެ. "އެމެރިކާ- ރަޝިއާ ގުޅުންތައް ވަނީ އެމެރިކާގެ ސިޔާސަތުގެ ސަބަބުން ހައްޔަރު ކުރެވިފައެވެ." އެމެރިކާއަށް ފާޑުވިދާޅުވަމުން ޕޫޓިން ސިފަކުރެއްވި ގޮތުގައި "ބައިޑްނަކީ ތަޖްރިބާކާރު ސިޔާސީއެކެވެ." ޕޫޓިން ވިދާޅުވިއެވެ. "މިހެންވެ އަހުރެންގެ އުއްމީދަކީ ސަމިޓް ބިނާކުރަނިވި ބައްދަލުވުމަކަށް ވުމެވެ."

ރޫސީ ޚާރިޖީވަޒީރު ސަރްގީ ލަވްރޯފް ވިދާޅުވިގޮތުގައި ޕޫޓިން- ބައިޑްން ބައްދަލުކުރެއްވުމުގެ ސަބަބުން ސިޔާސީ "ފޫއެޅުވުމެއް" އަންނާނެ ކަމަށް ލަފައެއް ނުކުރެއްވެއެވެ. "އެހެނަސް ނިޔުކްލިއަރ އެންމެ ބޮޑު ދެ ބާރުގެ އިސް ވެރިންގެ ބައްދަލު ކުރެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *