މެލޭޝިއާގެ ފިރިހެނަކަށް ފިލިޕީންސް އަންހެނަކާ ކާވެނިކޮށްގެން ލިބިފައިވާ 10 އަހަރުވީ ފިރިހެން ކުއްޖަކަށް މެލޭ ރައްޔިތުކަން ހޯދާން މެލޭޝިއާގެ ފެދުރާލީ އިސްތިއުނާފް ކޯޓަށް ހުށަހެޅި މައްސަލަ ޝަރުޠު ފުރިހަމަ ނުވާކަމަށް ކަނޑައަޅައި ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ބޭރުކޮށްލައިފިއެވެ.
އެ މައްސަލަބެއްލެވި ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވި ނިންމުން އިޢުލާނު ކުރައްވަމުން ޤާޟިޔާ ތާން ސްރީ ރޫޙާނާ ޔޫސުފް ވިދާޅުވީ، މެލޭޝިއާގެ ރައްޔިތަކަށް ވާން ފުރިހަމަވާން ޖެހޭނެ ކަމަށް މެލޭޝިއާގެ ފެދުރާލީ ޤާނޫނު އަސާސީގައި ކަނޑައަޅައިފައިވާ ޝަރުޠުތައް އެ ކުއްޖާގެ ފުރިހަމަ ނުވާ ކަމަށެވެ.
އެ ކުއްޖާ ވިހެއީ 2010 ވަނަ އަހަރު ސެޕްޓެންބަރުމަހުގެ ތެރޭގައި ފިލިޕީންސްގައެވެ. އެ ކުއްޖާއާއެކު އެކުއްޖާގެ މައިންބަފައިން މެލޭޝިއާއަށް އެނބުރި އައިސް އެ މީހުންގެ ކާވެނި މެލޭޝިއާގައި ރަޖިސްޓަރީކުރީ 2011 ވަނަ އަހަރު ފެބްރުވަރީމަގު ތެރޭގައެވެ.
ރޫޙާނާ ވިދާޅުވީ ވިހެއުމުގެ ފަހުން (ރައްވެއްސަކަށް ނުވެ ހުރެއްޖެ ނަމަ) ޢަމަލުކުރެވެމުންދާ ފެދުރާލީ ޤާނޫނުއަސާސީގެ 14 ވަނަ މާއްދާގެ ދަށުން، ރައްޔިތަކަސް ވުމުގެ ޤާނޫނީ ހައްސިއްޔަތު ގެއްލޭނެ ކަމަށެވެ.
"މިއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ. އެހެނީ، އުފަންވާ ކުއްޖަކަށް ރައްޔިތުކަން ލިބޭނީ ވިހޭގެ ތެރޭގައި ކަމަށާއި އޭގެ ފަހުން ނޫންކަން ޢަމަލުކުރެވެމުން އަންނަ ފެދުރާލީ ޤާނޫނުއަސާސީގައި އެކަމަށް ކަނޑައާލައިފައިވާ ޝަރުޠުތަކުން ވަރަށް ސާފެވެ." އޭނާ ވިދާޅުވިއެވެ.
ރައްޔިތުކަން ނުދީ ހިފެހެއްޓިފައިވާ ފިރިހެންކުއްޖާއަށް މެލޭޝިއާގެ ރައްޔިތުކަން ހޯދާން އެދުނީ ފެދުރާލީ ޤާނޫނުއަސާސީގެ 14 ވނަ މާއްދާގެ (1) (B) ގެ ދަށުންނެވެ. އެ މާއްދާގައި ޤާނޫނު ތަންފީޒުކުރާން ފަށާއިރު މެލޭ ރައްޔިތެއްކަމުގައިވާ ކޮންމެ މީހަކަކީ މެލޭޝިއާގެ ރައްޔިތެއްކަމަށް މި މާއްދާގައި ކަނޑައަޅައިފައި އޮވެއެވެ. އަދި ޤާނޫނުއަސާސީގެ ދަށުން އޮޓަމެޓިކުން މެލޭ ރައްޔިތަކަށް ވެވޭނެ ޝަރުޠުތައް ވެސް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެކުއްޖާއަށް މެލޭ ރައްޔިތުކަން ލިބުމުގެ ޙައްޤު ނުލިބުނީ ޤާނޫނުގައި ކަނޑައަޅައިފައިވާ ހުރިހާ ޝަރުޠުތަކެއް ފުރިހަމަ ނުވާކަމަށް، އެ މައްސަލަ ބެއްލެވި ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީތީއެވެ.
ކުއްޖާގެ ފަރާތުން އިސްތިއުނާފު ކޯޓުގައި ކުރި އިސްތިއުނާފުގެ މައްސަލަ ބޭރުކޮށްލީ ޤާޟިޔާ ރޫޙާނާއާއި ފަނޑިޔާރު ވަރނޮން އޮންގ ލާމް ކިއަތާއި ދާތޫ ޒަބަރިޔާ މުޙަންމަދު ޔޫސުފާއި ދާތޫ ސްރީހަސްނާ މުޙަންމަދު ހާޝިމް ދެއްވި އަޣުލަބިއްޔަތު ރައުޔުނެވެ. އެ ކުއްޖާއާ އެއް ކޮޅަށް ރައުޔު ނެރުއްވީ އުއްތަމަ ފަނޑިޔާރު ތޫންތުންގކޫ ތުއާން މަތު އާއި ފަނޑިޔާރު ދާތޫ ނައްލިނީ ޕަތުމަނަތަން އާއި ދާތޫ މޭރީ ލިމް ތިއަމް ސުއަން އެވެ.
މެލޭޝިއާގެ ރައްޔިތުކަން ކުއްޖާއަށް ހޯދާން އެދި އޭނާގެ ބައްޕަ މެލޭޝިއާގެ ނޭޝަނަލް ރެޖިސްޓްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުމުން މަޤުބޫލު އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި އެ ހުށަހެޅުން ބަލައި ނުގަތީ 2012 ގައެވެ. މި ކަމާ ގުޅިގެން ކުއްޖާގެ ފަރާތުން ކުއްޖާގެ ބައްޕަގެ ފަރާތުން އަވަސްވެގަތީ އެ މައްސަލަ، ނޭޝަނަލް ރެޖިސްޓްރޭޝަން ޑިޕާޓްމަންޑްގެ ޑިރެކްޓަރ-ޖެނެލާއި، ދާޚިލީ މުޒާރާގެ ސެކްރެޓަރީ-ޖެނެރަލާ އިދިކޮޅަށް ހައިކޯޓަށް ހުށަހަޅާށެވެ. އޭނާ ހައިކޯޓްގައި އެދިފައިވަނީ އެ ކުއްޖާގެ އުފަން ދުވަހުގެ ސެޓުފިކެޓާއި ކާކުކަން އަންގައިދޭ ކާޑުހަދޭން ކަމާބެހޭ ފަރާތްތަކަށް ކޯޓުން އަމުރުކޮށްދޭށެވެ.
ދެހާސް ސަތާރައިގައި ހައިކޯޓަށް ހުށަހެޅި ހުށަހެޅުން ކާމިޔާބު ނުވުމާއެކު 2019 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި މި މައްސަލަ އަލުން އިސްތިޢުނާފު ކޯޓަށް ހުށަހެޅީއެވެ.
އިސްތިޢުނާފު ކޯޓުގެ އަޣުލަބިއްޔަތު ރައުޔު އިއްވަވަމުން ޤާޟިޔާ ރޫޙާނާ ވިދާޅުވީ ޤާނޫނުއަސާސީގެ 3 ވަނަ ބާބުގެ 17 ވަނަ މާއްދާއިން ސާފުކޮށް އެނގޭ ގޮތުގައި ޣައިރުޤާނޫނީ (ނުވަތަ ނުހަލާލު) ދަރިއެއް ނަމަ ތަބާވާންޖެހޭނީ އެ ކުއްޖެއްގެ މަންމަގެ ރައްޔިތުކަމަށެވެ. މި ހައިސިއްޔަތު އެކުއްޖާއަށް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހެނީ އެ ކުއްޖާ ވެސް ދަތުރުކޮށްފައިވަނީ ފިލިޕީންސް ސަރުކާރުން ޝާއިޢުކޮށްފައިވާ ޕާސްޕޯޓެއް ހިފައިގެން ކަމަށް ވާތީއެވެ.
ކުއްޖާއާ އެއްކޮޅަށް ރައުޔު ނެރުއްވި ޤާޟީ މައިމޫން ވިދާޅުވީ އެ ކުއްޖާގެ ޙަޔާއީ ބައްޕަ (އުފަން ބައްޕަ)އާ މެދު އެއްވެސް އިޚުތިލާފެއް ނެތަތީ، އެކުއްޖާގެ ބައްޕައަކީ މެލޭ މީހަކަށްވުމުން މެލޭ ރައްޔިތު ކަމުގެ ޙައްޤު ލިބުމުގެ ޝަރުޠު ފުރިހަމަވާ ކަމަށެވެ. އޭނާ ވިދާޅުވީ ފެދުރާލީ ޤާނޫނުއަސާސީގެ ދެވަނަ ޖަދުވަލުގެ 2 ވަނަ ބާބުގެ 1 ވަނަ މާއްދާގެ (b)ގައި ބަޔާންކޮށްފައިވާ "ބައްޕަ"ގެ މާނައަކީ އެ ކުއްޖެއްގެ ޙަޔާއީ ބައްޕައެވެ. އެއީ އޭނާގެ ހަލާލު ދަރިއެއްތޯ ނޫންތޯ ސުވާލު އުފެއްދުމަކީ ރައްޔިތުކަން ދިނުމާ ގުޅޭ ކަމެއް ނޫނެވެ. ފަނޑިޔާރު ނައްލިނީއާއި ފަނޑިޔާރު ލިމް ވެސް، މައިމޫންގެ ރައުޔަށް ތާއީދުކުރެއްވިއެވެ. ފަނޑިޔާރު ލިމް ވިދާޅުވީ ކުއްޖާ އުފަންވީއިރު ކުއްޖާގެ މަންމައާއި ބައްޕަ ކާވެނިނުކޮށް ތިބި ތިބުމަކީ އެ ދެމަފިރީންނަށް ލިބޭ ދަރީންނަށް ރައްޔިތުކަމުގެ ޙައްޤު ގެއްލޭން ޖެހޭ ސަބަބެއް ނޫންކަމަށެވެ.
މި ކުއްޖާއަށް ފިލިޕީންސްގެ ޕާސްޕޯޓެއްގައި މެލޭޝިއާއަށް އާދެވުމުން އޭނާއަށް ފިލިޕީނު ރައްޔިތަކަށް ވެވޭނެ ކަމަށް ގަބޫލުކުރެވުނަސް ކުއްޖާގެ ބައްޕަ ބޭނުންވަނީ އޭނާއަށް މެލޭ ރައްޔިތެއްގެ ހައްޤު ލިބިދޭށެވެ.
(މަޢުލޫމާތު: ބަރްނާމާ/އެންއެސްޓީ)



advertisment