Support Us

އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމުގެ ތެރެއަށް މޯސާދަށް ވަދެވުނުއިރު ޙަމާސްގެ ހަތިޔާރުތައް ދެނެނުގަނެވުނީ ކީއްވެގެން!

މޯސާދުގެ ނާކާމިޔާބީތައް

  • އިސްރާއީލުން ޣައްޒާ ހަނގުރާމައިގައި އެމީހުންނަށް ކާމިޔާބު ލިބުނުކަމަށް ދަޢުވާ ކުރިއަސް އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސާދު މި ހަނގުރާމައިގައި ފޭލްވެފައިވާ ކަން ވަނީ ދުނިޔެއަށް ހާމަވެފައެވެ. ފަލަސްޠީނުގެ ރޮކެޓް ޙަމަލާތައް 11 ދުވަސް ވަންދެން މެދުނުކެނޑި ދެމުން ދިޔައިރު މޯސާދަށް ވަނީ އިސްރާއީލުގެ ޢަސްކަރިއްޔާއަށް ބޭނުންވާ މުހިއްމު އަމާޒުތަކަށް އެމީހުން މިސްރާބުކޮށް ނުދެވިފައެވެ.  މި ރޮކެޓްތަކުގެ ހަރުތައް ވަނީ ހޯދައިނުގަނެވިފައެވެ.
  • ދެވަނަ ނާކާމިޔާބީއަކީ ބޮޑު ވަޒީރު ނަތަންޔާހޫ އަވަހާރަކޮށްލަން އެންގެވި މުޤާވަމާގެ އިސްވާރުން ޚާއްޞަކޮށް ޙަމާސްގެ ޢަސްކަރީ ފިޔައިގެ ކޮމާންޑަރު މުޙައްމަދުއްޟައިފު އަވަހާރަކޮށް ނުލެވުމެވެ.
  • ތިންވަނަ ނާކާމިޔާބީއަކީ ޙަމާސްގެ ބިންގަރާސް ވިއުގަ ހަލާކުކޮށް ނުލެވުމެވެ. ޙަމާސްގެ ޣައްޒާ ގޮފީގެ ރައީސް ޔަޙްޔާ އައްސިންވާރު ހާމަކުރެއްވި ގޮތުގައި ޣައްޒާގެ ބިމުގެ އަޑިގައި ހަދާފައިވާ 500 ކީލޯމީޓަރުގެ ބިންގަރާސްތަކުން އިސްރާއީލަށް ހަލާކުކޮށްލެވުނީ އެންމެ  5 އިންސައްތަ އެވެ.

ހަނގުރާމައިގެ ކުރިން ވަނީ ފޭލްވެފައި

ޣައްޒާ ހަނގުރާމަ ފެށުމުގެ ކުރިން ވެސް މޯސާދަށް ވަނީ އީލާތާ ހަމައަށް ފޯރާފަދަ ރޮކެޓް ޙަމާސް އަތުގައި ހުރިކަން ދެނެނުގަނެވިފައެވެ. އަދި އިސްރާއީލުގެ ވައިގެ ދިފާޢީ އައްޑަނަކަމުގައި ދެކޭ ދަނގަޑު ޤުއްބުގެ މައްޗަށް ގަދަވެގަތުމަށް ބޭނުންކުރާނެ އުކުޅުތަކާއި ހުނަރުތައް ޙަމާސް ކިބައިގައި ހުރި މިންވަރު ވެސް ވަނީ ދެނެނުގަނެވިފައެވެ. އިސްރާއީލުން ފޮނިކަމާއެކު ބުނަމުންގޮސްފައި ވަނީ މި ޤުއްބު ފަހަނަޅައި ވައިގެ އެއްވެސް ޙަމަލާއަކަށް ނުދެވޭނެއެވެ.

މައްސަލައަކީ މުޤަވަމާ އަތުގައި ހުރި ހަތިޔާރަށްވުރެ އިސްރާއީލުގެ ހަތިޔާރު މޮޅު ކަމެއްނޫނެވެ. އެއީ އެކަމުގައި އެއްވެސް ދެ ބަސްވުމެއްނެތް ކަމެކެވެ. އިސްރާއީލަކީ ފަންނިއްޔާތުގައި ވަރަށް ފުންނާބު އުސް ޤާބިލު ތަނެކެވެ. ފަލަސްޠީނުގެ މުޤާވަމާ ބާރުތަކުގެ އަތުގައި ހުރި ހަތިޔާރަކީ ވަރަށް ބޯދާ ވަރަށް ދޭސީ ވަރަށް ފެންވަރު ދަށް ހަތިޔާރުތަކެކެވެ. އިސްރާއީލަށް ނާކާމިޔާބު ލިބިފައި ވަނީ މުޤާވަމާއާ ބެހޭގޮތުން ލިބިފައިވާ މަޢުލޫމާތު ތިލަކަމުންނެވެ. ޙަމާސާއި ޖިހާދުގެ އުކުޅުތަކާއި ހުނަރުތައް ދެނެނުގަނެވުމުންނެވެ. މުޤާވަމާގެ އިސް މަސްއޫލުވެރީން ޙިމާޔަތް ކުރުމުގައި ބޭނުންކުރި އޮޅުވައިލުންތައް ނޭނގުމުމުންނެވެ. މިކަމާހެދި އިސްރާއީލުގެ ޢަސްކަރީ ބާރުތައް ޠާހިރުކުރަން ގޮވައިލި އަޑުތައް ވަނީ ގިނަވެފައެވެ. އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ހާ އާރްތިސް ދުވަހު ނޫހުގެ އެޑިޓަރ ވަނީ މި ކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައި ވެއެވެ.

މޯސާދުގެ އައު ރައީސް ތަޖްރިބާ ބޮޑު

ޣައްޒާ ހަނގުރާމަ ނިމުމާއެކު އިސްރާއީލުގެ ޖާސޫސީ އިދާރާގެ ރައީސްކަމަށް އައު ބޭފުޅަކު އިސްކުރެވޭނެ ވާހަކަތައް ފެތުރިގެން ދިޔައެވެ. މި މަޤާމަށް އިސްކުރެވޭނީ ޑޭވިޑް ބަރްނީޢު އެވެ. މިއީ ޣައްޒާ ހަނގުރާމާގައި އިސްރާއީލުގެ ޖާސޫސީ އިދާރާގެ މަސައްކަތް ފޭލްވެފައިވާ ކަމުގެ ދަލީލެކެވެ.

ބަރްނީޢުގެ ތާރީޚު ގުޅިފައި ވަނީ އީރާނުގެ ނިޔުކްލިއަރ ފައިލާކަން ފާހަގަ ކުރެވެއެވެ. އޭނާގެ ޖާސޫސީ މަސައްކަތުގެ ބޮޑުބައި ހޭދަކުރައްވާފައި ވަނީ "ތުސޫމީތު" ޔުނިޓާއެކުގައެވެ. އެއީ މޯސާދަށް ބޭނުންވާ އޭޖެންޓުން ހޯދައި އެމީހުންނަށް ތަމްރީނުދީ އެމީހުން ލައްވާ އިސްރާއީލު ބޭނުންވާ މަސައްކަތްތައް ކުރުވާ އިދާރާއެވެ. އީރާނާއި ޙިޒްބުﷲ ފަދަ ތަންތަނާ ބެހޭގޮތުން އިސްރާއީލަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ޖަމާކުރުމުގައި މި ޔުނިޓުން ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ބަރްނީޢު ވަނީ މޯސާދުގެ ރައީސްގެ ނައިބުކަމުގެ މަޤާމަށް އިސްކޮށް ވަޒީފާގެ ކުރިއެރުން ދީފައެވެ. އީރާނުގެ ނިޔުކްލިއަރ ފައިލްގެ ވެރިއަކަށް ހުންނެވީ ބަރްނީޢެވެ. އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމުގެ އިސްވެރިޔާ މުޙްސިން ފަޚްރީ ޒާދާ 27 ނޮވެންބަރު 2020ގައި އަވަހާރަކޮށްލުމުގެ ހުރިހާކަމެއް ރާވާ ހިންގީ ބަރްނީޢެވެ.

ވޭތުވެދިޔަ ދަހަރުގެތެރޭގައި އިސްރާއީލުން އެންމެ އިސްކަން ދީފައި ވަނީ އެތާނގެ އުތުރު ފަޅިއަށެވެ. އެބަހީ ޙިޒްބުﷲއަށާއި އީރާނަށެވެ. ޣައްޒާއާމެދު ބަލައިފައިވަނީ ސާނަވީ ކަމެއް ކަމުގައެވެ. އިސްރާއީލުން ޣައްޒާ ފަޅިއާމެދު ފިޔަވަޅު އަޅަމުން ގޮސްފައި ވަނީ އިޤްތިޞާދީ ފިޔަވަޅުތަކުގެތެރެއިންނާއި ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރީގައި ހަދާފައިވާ  ބިންގަރާސްތައް ނައްތައިލުމަށާއި އިސްރާއީލުގެ ޢަސްކަރީ ދިފާޢީ ނިޒާމު ދަގަނޑު ޤުއްބު ބިނާކޮށް ވަރުގަދަކުރުމަށެވެ. މި ބިންގަރާސް ނައްތައިލުމުގެ ސަބަބުން ޙަމާސަށް ވަގަށް އިސްރާއީލަށް ވަނުން މަނާކުރެވުނު ކަމަށް އިސްރާއީލުން ދަޢުވާ ކުރެއެވެ.

އިސްރާއީލުން ޙަމަސާމެދު ދެކެފައި ވަނީ "ނުބައި އަވަށްޓެރިއެއް" ކަމުގައެވެ. އެހެނަސް އެއީ ވަރަށް ނިކަމެތި ވަރަށް އެކަނިވެރި  އަވަށްޓެރިއެކެވެ. ޙަމާސާ އިސްރާއީލާ ދެމެދުގައި އޮތް މަސްއަލައަކީ އިސްރާއީލު ސިފައިންގެތެރެއިން ޙަމާސުން ހައްޔަރުކޮށްފައި ތިބި އިސްރާއީލު ސިފައިންގެ އަސީރުންނާއި، ބަދަލު ކުރެވުނު ޙަމަލާތަކުގައި މަރުވެފައިވާ އިސްރާއީލު ސިފައިންގެ ހަށިގަނޑުތައް ހޯދުމުގެ މަސްއަލައެވެ.

ކާރިސީ ފޫއެޅުވުންތަކެއް

މި ތާނގައި ފާހަގަކުރެވޭ ކަމަކީ ޙަމާސަށް އެމީހުންގެ ސިއްރުތަކާއި އެމީހުންގެ ހަތިޔާރުތަކާއި ޢަސްކަރީ ބިނާތައް އިސްރާއީލުގެ ޖާސޫސީ އިދާރާއަށް ވަންހަނާކޮށް ފޮރުވުމުގައި ހޯދާފައި ކާމިޔާބުތަކެވެ. ޣައްޒާއަކީ އިސްރާއީލުގެ ސަރަޙައްދާ އިންވެފައިވާ ބިމެކެވެ. ޣައްޒާގެ މުވާޞަލާތީ ހުރިހާ ކަމެއް ހިނގަމުންދަނީ އިސްރާއީލުގެ ޖާސޫސީ އިދާރާއަށް އެ ނިޒާމުތައް ފޫއަޅުވައިލެވޭފަދަ ގޮތަކަށެވެ.

އީރާނަށް ބަލާއިރު ޠަހަރާނަށް ވަނީ އީރާނުގެ ނިޔުކްލިއަރ މުހިއްމު ސިއްރުތައް ވަންހަނާ ނުކުރެވިފައެވެ. މި އަހަރުގެ އޭޕްރީލްގައި އީރާނުގެ ނަޠަންޒް ނިޔުކްލިއަރ މަރްކަޒަށް އިސްރާއީލުން ދިން ޙަމަލާއިން މި ކަން ސާފުކޮށް އެނގެއެވެ.

އެމެރިކާގެ ނިވްޔޯރކް ޓައިމްސް ދުވަހު ނޫސް ބުނާގޮތުގައި މި ޙަމަލާއަކީ ވަރަށް ބާރުގަދަ ޙަމަލާއެކެވެ. މި ޙަމަލާގެ ސަބަބުން އެ މަރްކަޒުގެ ދާޚިލީ ހަކަތަ ނިޒާމު ހަލާކުވެގެން ދިޔައެވެ. މި މަޢުލޫމާތު އެ ނޫހަށް ދެއްވި އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި އެއީ އީރާނުގެ ނިޔުކްލިއަރ މަރްކަޒަށް ދެވުނު ވަރަށް ވަރުގަދަ ޙަމަލާއެކެވެ. މި ޙަމަލާގެ ސަބަބުން އެ މަރްކަޒުން ކުރަމުންދިޔަ ޔޫރޭނިއަމް  މުއްސަނދި ކުރުމުގެ މަސައްކަތަށް ހުއްޓުން އެރިއެވެ. އީރާނަށް މި މަސައްކަތް އަލުން ފެށޭނީ ނުވަވަރަކަށް މަސް ފަހުންނެވެ. އީރާނުން ބުނިގޮތުގައި އެއީ ވަރަށް ކާރިސީ ކަމެކެވެ.

މި ކަންތައްތަކުގެ އިތުރަށް އިސްރާއީލުން ވަނީ އީރާނުގެ  ނިޔުކްލިއަރ ހަތިޔާރު އުފެއްދުމާ ބެހޭ މަޝްރޫޢުގެ މުޅި އަރްޝީފު ވަގަށް ނަގައިފައެވެ. މި އަރްޝީފު ވަގަށް ނެގުމަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ވަރަށް ފަޚްރުވެރިކަމާއެކު މުޙްސިން ޒާދާ އަވަހާރަކޮށްލުމަށް އަމުރުކުރެއްވިއެވެ. އީރާނުގެ ނިޒާމުގެ މަޞްލަޙަތު ބަލަހައްޓާ ވިދާރާގެ އަމީން މުޙްސިން ރިޒާއީ އިޢުތިރާފުވެވަޑައިގެންފައިވާގޮތުގައި "ޤައުމަށް މިވަނީ ސަލާމަތީ ވަރަށް ބޮޑު ވިސަޑެއް ޖެހިފައެވެ. އެއް އަހަރުގެތެރޭގައި ސަލާމަތީ ބޮޑު ތިން ޙާދިސާއެއް މި ވަނީ ކުރިމަތިވެފައެވެ. ނަޠަންޒް މަރްކަޒުގައި ހިނގި ގޮވުމުގެ ދެ ޙާދިސާއާއި، ނިޔުކްލިއަރ ޢާލިމު މުޙްސިން ރިޒާއީ އަވަހާރަކޮށްލުމުގެ ހާދިސާއެވެ.އެބަޔަކު މި ކަންކަން ކޮށްފައި މި ވަނީ ވަރަށް ކާމިޔާބުކަމާއެކުގައެވެ. މި ކަން ހިންގި މީހުން މި ކަންކޮށްފައި، ވަނީ ފިލައިފައެވެ. މި ތިން ހާދިސާގެ ކުރިން އެމީހުން ވަނީ ޤައުމުގެ ނިޔުކްލިއަރ ފައިލް ވެސް ވަގަށް ނަގައިފައެވެ."

ހުޅަނގުގެ ރިޕޯޓްތައް ބުނާގޮތުގައި މި ކަންކަން ކުރުމަށް ޓަކައި މޯސާދުން ވަނީ އީރާނުގައި އިސްރާއީލުގެ އޭޖެންޓުންގެ ބޮޑު ވިއުގައެއް ޤާއިމުކޮށްފައެވެ. މި ވިއުގައިގައި އަންހެން އޭޖެންޓުން ވެސް ހިމެނެއެވެ. އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމުގެ ތެރެއަށް އިސްރާއީލުން ވަދެފައި ވަނީ މި ވިއުގައިގެ ތެރެއިންނެވެ.

އީރާނުން ޤަބޫލުކުރާ ގޮތުގައި އީރާނުގެ ލަނޑުދަނޑިތަކަށް ޙަމަލާދިނުމުގެ ޤާބިލުކަން އިސްރާއީލުން ހޯދައިފިއެވެ. އީރާނުން ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ދޫ ދިނުމަށްފަހު ވާހަކަދެއްކުންތައް ފެށީ މިހެންވެގެންނެވެ.

ޙަމާސާއި ޖިހާދު ބުނާގޮތުގައި އެމީހުން ވަނީ އީރާނުގެ ކިބައިން ދަރުސްތަކެއް އުނގެނިފައެވެ. އެމީހުންނަކީ އީރާނުގެ އެހީއާއި މަދަދު ލިބެމުންދާ ބައެކެވެ. އީރާނާއި ޙިޒްބުﷲ ދެކޭގޮތުގައި ޙަމާސަށާއި ޖިހާދަށް ލިބުނު ކާމިޔާބީއަކީ އެމީހުންނަށް ވެސް ލިބުނު ކާމިޔާބީއެކެވެ.

އީރާން ފޭލްވީ ކީއްވެގެން

އީރާން ފޭލްވިނަމަވެސް ޙަމާސް މި ވަނީ ޣައްޒާ ހަނގުރާމައިގައި ކާމިޔާބު ހޯދައި ފާސްވެފައެވެ. ވަރަށް ގިނަފަހަރަށް މުދައްރިސް ފޭލްވާ ކަންކަމުގައި ދަރިވަރު ކާމިޔާބު ހޯދައެވެ.

ފަލަސްޠީނުގެ މުޤާވަމާ ޖަމާޢަތްތަކަށްވުރެ އީރާން މާ މުއްސަނދިވެފައި ބާރުގަދަކަން ފާހަގަ ކުރެވެއެވެ. އެހެނަސް ބޮޑެތި ޤައުމުތަކަކީ (އެމެރިކާއާއި އިސްރާއީލުފަދަ ޤައުމުތަކަކީ) އެ ޤައުމުތަކުގެ ބީރޯކްރެސީގެ ސަބަބުން އެ ޤައުމުގެ ކަންކަމަށް ބައެއްފަހަރަށް ނޭދެވޭ އަސަރު ފޯރާ ޤައުމުތަކެކެވެ.

އަދި މި މުޖްތަމަޢުތަކުގެ އިންސާނީ ޠަބީޢަތުގެ ސަބަބުން ވެސް އެ ޤައުމުތަކުގެ ޢަސްކަރީ އަދި ސަލާމަތީ ކަންތައްތަކަށް ނޭދެވޭ އަސަރު ފޯރައެވެ.

އިސްރާއީލާއި އީރާނުގެ ޢަސްކަރީ އަދި ނިޔުކްލިއަރ އިދާރާތަކާއި މަރްކަޒުތަކުގައި މަސައްކަތްކުރާ މީހުން ކިތަންމެ ހުނަރުވެރިއަސް އަދި އެމީހުންގެ  ޤާބިލުކަން ކިތަންމެ ބޮޑަސް  އެއީ ވެސް ހަމަ އިންސާނުންތަކެކެވެ. އެމީހުންގެ ކިބައިގައި ޙަމާސްގެ ހަނގުރާމަވެރީންގެ ކިބައިގައި ހުންނަފަދަ ވަޠަނިއްޔަތުކަމެއް ނުހުންނާނެއެވެ. ޢަޤާއިދީ ފޯރިއެއް ވެސް ނުހުންނާނެއެވެ.

ދެވަނަ ސަބަބަކީ މިފަދަ ޤައުމުތަކުގެ ޢަސްކަރީ އަދި ސަލާމަތީ މަރްކަޒުތަކުގައި މަސައްކަތް ކުރާ މީހުންގެ ކިބައިގައި  ޤައުމަށްޓަކައި ފިދާވުމުގެ ނުވަތަ ޤުރްބާންވުމުގެ ތައްޔާރީކަން ކުޑަކަމެވެ. މިއާޚިލާފަށް ވަޠަން މިނިވަންކުރުމުގެ ޙަރަކާތްތަކާއި ވަކި ޢަޤީދާއަކަށް ޓަކައި މަސައްކަތްކުރާ ޖަމާޢަތްތަކުގެ ކިބައިގައި ވަޠަނަށް ޓަކައި ނުވަތަ އެ ޢަޤީދާއަކަށް ޓަކައި ޤުރްބާންވުމުގެ ރޫޙު ބޮޑު ވާނެއެވެ. ޢަޤާއިދީ ޙަރަކާތްތަކުގެ ވެރިން  އެމީހުންގެ ޤަޟިއްޔާއަށް ޓަކައި ނަފްސު ޤުރްބާންކޮށްފައިވާ ތަން ފެނެއެވެ. އަދި ކުރަމުންދާތަން ވެސް ދަނީ ފެންނަމުންނެވެ. މިއާޚިލާފަށް ޤައުމުތަކުގެ ސިފައިންނާއި ޖާސޫސީ އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނަކީ މި މަސައްކަތުގައި ހުނަރުވެރި ޤާބިލުބަޔަކަށް ވިޔަސް އެމީހުންނަކީ މުވައްޒަފުންނެވެ. މި ތަފާތު އަޅުގަނޑުމެންނަށް ވަނީ ވިއެޓްނާމުންނާއި ޖަޒާއިރުންނާއި އަފްޣާނިސްތާނުފަދަ ޤައުމުތަކުން ފެނިފައެވެ.

ޙިޒްބުﷲގެ ޢަމަލުތަކާއި އީރާނުގެ ޢަމަލުތައް

މި ކަމުގެ ހެޔޮ މިސާލެއް އަޅުގަނޑުމެންނަށް ޙިޒްބުﷲ އާއި އީރާނުން ފެނެއެވެ.އީރާނުގެ މުއައްސަސާތަކާ ޙިޒްބުﷲގެ ޢަމަލުތަކުން މި ތަފާތު ފެނެއެވެ. ޙިޒްބުﷲ އަކީ ޙަރަކާތެކެވެ. އީރާނަކީ ދައުލަތެކެވެ. ޙިޒްބުﷲ އަށް ތަމްރީނުދީ ހަތިޔާރު ދެނީ އީރާން ކަމުގައި ވިޔަސް ޙިޒްބުﷲ އަކީ ޢަޤާއިދީ ޙަރަކާތެކެވެ.

ސޫރިޔާގައި ޙިޒްބުﷲ އިން ވަނީ ވަރަށް ގިނަ ހަނގުރާމަތައް ކޮށް ނަތީޖާ ނެރެފައެވެ. ޙިޒްބުﷲ އިން ސޫރިޔާގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވަނީ ދެތިން ހާސް ހަނގުރާމަވެރީން ފޮނުވައިގެންނެވެ. އެހެނަސް ޙިޒްބުﷲގެ ހަނގުރާމަވެރީން ވަނީ ރައީސް ބައްޝާރު ސަލާމަތްކޮށްފައެވެ. އެތައް ލައްކަ ބަޔަކާ ދެކޮޅަށް ހަނގުރާމަކޮށްގެންނެވެ. ތަފާތަކީ އެ ދެ ފަރާތުގެ ހަނގުރާމަވެރީންގެ އިންސާނީ ޠަބީޢަތުގެ ތަފާތުކަމެވެ. އެއްބަޔަކު ހަނގުރާމަ ކުރީ ސިފައިންނަށް ވީތީ ވަޒީފާ އަދާކުރުމުގެ ގޮތުންނެވެ. އެހެނަސް ޙިޒްބުﷲގެ ހަނގުރާމަވެރީން ހަނގުރާމަ ކުރީ އެމީހުން އީމާންވާ އީމާންވުމަށް ޓަކައެވެ. އެ ޢަޤީދާއަށް ޓަކައި ފިދާވުމަށް ޓަކައެވެ. ސޫރިޔާގައި އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރުތައް ހަނގުރާމައިގައި ސީދާ ބައިވެރިއެއް ނުވެއެވެ. އެމީހުން ތިބީ ރާވައި ހިންގުމުގެތެރޭގައެވެ.

ޙާލަތު ތަފާތު

ފަލަސްޠީނުގެ މުޤާވަމާއަށް ބަލާއިރު އެމީހުންގެ ޙާލަތާ އީރާނުގެ ޙާލަތު ވަރަށް ތަފާތެވެ. އިސްރާއީލީންނަކީ ފަލަސްޠީނު މީހުންގެ ބިމުގެތެރެއަށާއި ގޮވެތިގެދޮރަށް ފެނާއި ވައި ވަންނަ ގޮތަށް ވަދެވަދެ ތިބޭ ބައެކެވެ. އެމީހުން ފޯނުން މީހަކާ ވާހަކަ ދައްކާއިރު އިސްރާއީލީން މި ކޯލްތައް އަޑު އަހަމުންދާނެކަން ދަނެއެވެ. އެމީހުން ކުރާ ޓްވީޓްތަކުގެ ސަބަބުން އެމީހުން އެ ވަގުތު ތިބި ތަން އިސްރާއީލަށް އެނގޭނެކަން ދަނެއެވެ. ފަލަސްޠީނުގެ ޖަމާޢަތްތަކަށް ބަލާއިރު (ފަތަޙަ ކަމުގައި ވިޔަސް ޙަމާސް ކަމުގައި ވިޔަސް ކަނާތު ފިޔައަކަށް ވިޔަސް ވާތު ފިޔައަކަށް ވިޔަސް)  އިސްރާއީލުން އެމީހުންގެ ސަފުތައް ފޫއަޅުވާ އެތެރެއަށް ވަންނަކަން ރަނގަޅަށް ދަނެއެވެ. އަދި މި ފޫއެޅުވުންތަކުގެތެރެއިން ލައިފާ ނާޖާއިޒު ފައިދާތައް ނަގަން މަސައްކަތް ކުރާކަން ވެސް ދަނެއެވެ.

އިސްރާއީލުގެ މި ފޫއެޅުވުންތަކުގެ ސަބަބުން ޙަމާސާއި ޖިހާދުގެ ސިޔާސީ އަދި ޢަސްކަރީ އެތައް އިސްވާރުންނެއް ވަނީ ގެއްލިފައެވެ. ފަތަޙު ޖަމާޢަތުގެ އިސްބޭފުޅެއް ކަމުގައިވާ އަބޫ ޖިހާދު ތޫނިސް ގައި އަވަހާރަކޮށްލީ މޯސާދުންނެވެ. ޖިހާދު ޙަރަކާތުގެ މުއައްސިސް ފަތުޙީ އައްޝައްޤާފީއާއި ޙަމާސް ޖަމާޢަތުގެ ބާނީ އައްޝައިޚު އަޙްމަދު ޔާސީން  ޝަހީދުކޮށްލީ އިސްރާއީލުން ދިން ޙަމަލާތަކަކުންނެވެ.

ޙަމާސުގެ ކާމިޔާބީގެ ސިއްރު

ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ފިޔައިގެ ވެރިއާ އެ މަޤާމާ ޙަވާލުވެ ވަޑައިގަތީ އޭނާ ޝަހީދުކޮށްލާނެކަން އެނގިވަޑައިގެން ހުންނަވައެވެ. ޣައްޒާގެ 11 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން މުޙައްމަދުއް ޟައިފު އަވަހާރަކޮށްލަން އެތައް ޙަމަލާއެއް ދިނެވެ. އޭނާގެ ގެ ބިމާ ހަމަކޮށްލިއެވެ. އޭނާގެ އޮފީހަށް ބޮންއެޅިއެވެ. ވޭތުވެދިޔަ 20 އަހަރުގެތެރޭގައި މުޙައްމަދު އަވަހާރަކޮށްލަން އިސްރާއީލުން ޙަމަލާ ދިނީ އެންމެ ފަހަރަކު ދެފަހަރަކުނޫނެވެ. އޭނާ މި ހުރިހާ މަސައްކަތްތަކަކުން ނަޖާވެ ވަޑައިގަތީ އަޅުގަނޑުމެން މުސްލިމުން ޤަބޫލު ކުރާ ގޮތުގައި އޭނާގެ އަޖަލު އަދި ހަމަނުވާތީއެވެ. އެހެނަސް ސަބަބުތަކެއް އޮންނާނެއެވެ. އޭނާ ވަނީ މި މާދަލާ އަނެއް ފުށަށް ޖައްސަވައިފައެވެ. އޭނާ މި ކަންތައް ކުރައްވާފައި ވަނީ އެކާވީސްވަނަ ސައްތައިގެ އިންސާނީ ޙަޟަރަތާ ދުރަށް ޖެހިވަޑައިގެންނެވެ. މީސްމީޑިއާގެ ޒަމާނީ އެއްވެސް ވަސީލަތެއް ބޭނުންފުޅެއް ނުކުރައްވައެވެ. ޠަބީޢީ އިޖްތިމާޢީ ޙަޔާތާ ދުރުހެލިވެ ވަޑައިގަންނަވައިގެންނެވެ. އޭނާ އުޅުއްވަނީ ހިލައިގެ ޒަމާނުގެ އިންސާނުން ދިރިއުޅުނު ފަދަ ވެށްޓެއްގައެވެ.

ޙަމާސާއި ޖިހާދުގެ ޢަސްކަރީ ޢަމަލުތައް ޤާއިމުކޮށްފައި ވަނީ ޒަމާނީ ފަންނިއްޔާތަށް ބަރޯސާ ނުވުމުގެ ބިންގަލުގެ މަތީގައެވެ. ޒަމާނީ ފަންނިއްޔާތަށް ބަރޯސާވުމަކީ އިސްރާއީލަށް މި ސިއްރުތައް ދެނެގަތުމަށް މަގުފަހިކޮށްދޭނެ ކަމަކަށް ވާނެތީއެވެ. އިސްރާއީލުފަދަ ފަންނިއްޔާތުގެ މައިދާނުގައި ކުރިއަރާފައިވާ ޤައުމާކާއެކު މުޢާމަލާތު ކުރާއިރު ޒަމާނީ ފަންނިއްޔާތަށް ބަރޯސާވުމަކީ ބޮޑު މަސްއަލައެކެވެ. މި ކަމުގައި އިސްރާއީލުގެ މައްޗަށް ކުރި ހޯދޭނެ ޤައުމުތައް ދުނިޔޭގައި ވަރަށް މަދުވާނެއެވެ. އެހެންކަމުން ފަންނިއްޔާތަށް ބަރޯސާވުމަކީ އިސްރާއީލަށް ފޫއަޅުވައިލުމަށް ހުޅުވައިދެވޭނެ ދޮރެކެވެ.

ޢިއްޒުއްދީނުލްޤައްޢިއްޒުއްދީނުލްޤައްސާމުގެ ހަނގުރާމަވެރިން ޣައްޒާގައި ޢަސްކަރީ ދައްކައިލުމެއްގައިސާމުގެ ހަނގުރާމަވެރިން ޣައްޒާގައި ޢަސްކަރީ ދައްކައިލުމެއްގައި

އީރާނުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ނިޒާމުތަކާއި ޢަރަބި ޤައުމުތަކުގެ މިފަދަ ނިޒާމުތައް ފޫއަޅުވައިލުމަކީ އެމެރިކާއަށާއި އިސްރާއީލަށް ނުކުރެވޭނެ ކަމެއްނޫނެވެ. އެހެނަސް މުޤާވަމާގެ ރޮކެޓްތަކަކީ ޒަމާނީ އެއްވެސް ވަސީލަތެއް ބޭނުން ކުރާ އެއްޗަކަށް ނުވާތީ މި ރޮކެޓްތަކަށް ހުރަސްއެޅުން ވެގެން ދިޔައީ އިސްރާއީލަށް ވަރަށް އުދަނގޫވި ކަމަކަށެވެ. އަރަބި ޤައުމުތަކަކީ ހުޅަނގުން ހަތިޔާރު ހޯދާ ޤައުމުތަކަކަށް ވާތީ މި ޤައުމުތަކުގެ ހަތިޔާރުތަކާ ކުރިމަތިލާނެ ވަސިލަތްތައް އިސްރާއީލު އަތުގައި ހުންނާނެއެވެ.

ޙަމާސަށާއި ޖިހާދަށް ފަންނިއްޔާތަށް ބަރޯސާވުން ކުޑަކުރެވުނު އަނެއް ސަބަބަކީ އެ ޖަމާޢަތްތަކުގެ މުޖްތަމަޢުގެ ކުޑަކަމެވެ. އެހެންކަމުން އެ ޖަމާޢަތްތަކުގެ މެދުގައި ތަވާޞުލުކުރުމަށް ޒަމާނި ވަސީލަތްތަކަށް ބޭނުމެއް ނުވެއެވެ. މިހެންކަމުން ޣައްޒާއަކީ މާ ބޮޑު ގައި ދުރުކުރުމެއްނެތި އުޅޭ ކުޑަ މުޖްތަމަޢެކެވެ.

އިސްރާއީލުގެ ފޫއެޅުވުންތައް ދުރަށްލައިގެން ޙަމާސަށާއި ޖިހާދަށް އުޅުމުގެ ޤާބިލުކަން ލިބިފައިވާކަން ހާމަކޮށްދޭ އެއް ދަލީލަކީ ޙަމާސުން ހިފާފައިވާ އިސްރާއީލުގެ ސިފައިންގެ މީހާ ޖިލްޢާދު ޝާލީޠު ފަސް އަހަރު ވަންދެން ޙަމާސުން ޣައްޒާގައި ހައްޔަރުކޮށްގެން ގެންގުޅުނު ކަމެވެ. ޣައްޒާއަކީ އެންމެ ބޮޑަށް ފާރަލެވޭ އެއް ސަރަޙައްދު ކަމުގައި ވިޔަސް މި ޖިލްޢާދު ބެހެއްޓިފައި ހުރިތަން އިސްރާއީލަށް ވާނީ ދެނެނުގަނެވިފައެވެ.

ވަންހަނާވެ ފޮރުވިގަތުމަކީ ފަލަސްޠީނުގެ މުޤާވަމާގެ އެއް އިސްތިރާތީޖީއެވެ. ޣައްޒާއަށް ބޮންއަޅައި އިސްރާއީލުގެ ބޯޓުތައް ވައްޓައިލުމުގެ ޤާބިލުކަން ފަލަސްޠީނު މީހުންނަށް ލިބިފައި ނުވާކަން އެމީހުން ދަނެއެވެ. އެހެންވެ އެ ކަމަށް ޓަކައި އެމީހުން އެއްވެސް އެއްޗެއް ވުނައެއް ނުކުރެއެވެ. އެހެނަސް އެމީހުން އިސްކަންދިނީ ބިންގަރާހަށެވެ. މި ޙަމަލާތަކުން ސަލާމަތް ވުމަށް ލިބިފައިވާ ހަމައެކަނި ވަސީލަތަކީ ބިމުގެ އަޑިއަށް ފޭބުންކަމަށް ދެކޭތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *