އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަނގުރާމައަށް ހަފުތާއެއް ވީއެވެ. އިސްރާއީލަށް ކާމިޔާބު ޙާޞިލުނުކުރެވިފައި ވަނީ ކީއްވެގެން ހެއްޔެވެ؟ މި ޢުދްވާނުގެ ސަބަބުން ދެ ފަރާތަށް ދައްކަން ޖެހުނު ބިލުގެ މިންވަރަކީ ކިހާވަރެއް ހެއްޔެވެ؟
ޙަޤީޤަތުގައި އިސްރާއީލުގެ ޖަނަވާރީ ޢުދްވާނު ފެށުނީ ޙަމާސުންނާއި އިސްލާމީ ޖިހާދުން އިސްރާއީލުގެ ބައެއް ރަށްރަށަށް ރޮކެޓް ޙަމަލާތައް ދޭން ފެށުމުންނެއް ނޫނެވެ. ތެދުތެދަށް ބުނާނަމަ އިސްރާއީލުން މި ޢުދްވާން ފެށީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ސިޔާސީ ޙާޔާތާ ގުޅިފައިވާ މަސްއަލަތަކަކާ ހެދިއެވެ. އެއީ ނަތަންޔާހޫ ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވުމެވެ. އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެން ސަރުކާރެއް އެކުލަވައިލެއްވޭވަރަށް ބަރްލަމާނުގައި ގޮނޑި ލިބިވަޑައިނުގަތުމެވެ. ރިޝްވަތާއި ޚިޔާނަތާއި މަޤާމުގެ ނުފޫޒުގެ ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާތަކެއް ނަންގަވާފައިވާ ކަމުގެ ތުހުމަތުގައި އޭނާ ކުށްވެރިވެދާނެތީއެވެ.
ޖައްވު ނުތަނަވަސްވާން ފެށުނީ ހިފާފައިވާ އިރުމަތީ ޤުދުސްގެ އައްޝައިޚު ޖައްރާޙު އަވަށުގައި ދިރިއުޅޭ ފަލަސްޠީނުގެ ޢާއިލާތަކެއް އެމީހުންގެ ގެދޮރުން ނެރެ ބޭރުކޮށްލުމަށް ނަތަންޔާހޫ ރޭއްވެވުމުންނެވެ. އެއަށްފަހު ރަމަޟާން މަސް ފެށުމާއެކު ބާބުލްޢާމޫދު ބަންދުކޮށް އަލްމަސްޖިދުލްއަޤްޞާގެ ޙުރްމަތް ކެނޑުމެވެ. މި މާތް ޙަރަމްފުޅުގެ ޙުރްމަތަށް އަރައިގަން ޔަހޫދީ ވަޒަންވެރީންނާއި އިސްރާއީލުގެ ކަނާތުފިޔައިގެ ޙައްދުފަހަނައަޅައިފައިވާ ޖަމާޢަތްތަކުގެ ސަބަބުންނެވެ. އެމީހުން އަޤްޞާ މިސްކިތަށްވަދެ އެ މުޤައްދަސް ޙަރަންފުޅު ހަޑިމުޑުދާރު ކުރުމުގެ ޙަރަކާތްތައް ހިންގަމުން ދިޔައީ އިސްރާއީލުގެ ފުލުހުންގެ ޙިމާޔަތާއި މަދަދު ލިބގެންނެވެ. އެއަށްފަހު އެމީހުން ރޭވީ ރަމަޟާން 27 ވިލޭރޭ މި ޙަރަންފުޅަށް އަރައިގަތުމަށެވެ. މިކަމަށް ޓަކައި ތިރީހަކަށް ހާސް ވަޒަންވެރިން އެ ޙަރަންފުޅަށް ވަދެގަތުމަށް ތައްޔާރުވިއެވެ. އަދި އިސްރާއީލު ފުލުހުން އެމީހުން ޙިމާޔަތް ކުރުމަށް ފިޔަވަޅުތައް އެޅިއެވެ.

ޔަހޫދީ ވަޒަންވެރިން ތަކްރާރުކޮށް އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައި އެ ތާނގައި އަޅުކަން ކުރަމުންދިޔަ މުސްލިމުންނަށް ފުރައްސާރަކޮށް ޖެއްސުންކުރުމުގެ ނޭއްގާނި ޢަމަލުތައް ހުއްޓައިނުލައި ކުރިއަށް ގެންދިޔުމުން ޙަމާސުންނާއި ފަލަސްޠީނުގެ މުޤާވަމާ ޖަމާޢާތްތަކުން ނަތަންޔާހޫގެ ސަރުކާރަށް މި ޢަމަލުތައް ހުއްޓުވުމަށާއި ޔަހޫދީ ވަޒަންވެރިން މި ޙަރަންފުޅުގެތެރޭގައި މުސްލިމުންނާ ދިމާކުރުން ހުއްޓުވުމަށް އަންގާ އިންޒާރު ދިނެވެ. އިސްރާއީލުގެ ސަލާމަތާ ބެހޭ ބާރުތަކުން މި ކަމުގެ ސަބަބުން އިންތިފާޟާއެއް އަލުން ފެށިދާނެ ކަމަށް އިންޒާރު ދިން ނަމަވެސް ނަތަންޔާހޫ މި ކަމަށް ސަމާލު ކަމެއް ނުދެއްވިއެވެ. ޣައްޒާއިން ރޮކެޓް ޙަމަލާތައް ދޭން ފެށުނީ މި ހިސާބުންނެވެ. މި ފުރްޞަތު ބަލައިފާ ނަތަންޔާހޫގެ ސީދާ އަމުރަށް އިސްރާއީލުން ވަޔާއި ކަނޑާއި އެއްގަމުން ޣައްޒާ ޙިޞާރުކުރިއެވެ. މޭމަހުގެ 10ވަނަ ދުވަހު ހަވީރު ހަނގުރާމައިގެ އަލިފާންގަނޑު ފަޅައިގެން ދިޔައީ މި ހިސާބުންނެވެ.
އާދަމީ ގެއްލުންތައް
ޣައްޒާގައި ހުންނަ ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ރަސްމީ ތަފާސް ހިސާބުތައް ބުނާގޮތުގައި އިސްރާއީލުގެ ޢުދްވާނުގެ ފުރަތަމަ ހަފުތާގެ އިރުއޮއްސުނުއިރު ލިބުނު ގެއްލުންތަކަކީ:-
- ޝަހީދުވި ޣައްޒާ މީހުންގެ ޢަދަދު: 212 އޭގެތެރޭގައި 61 ކުޑަ ކުދީންނާއި 36 އަންހެނުން
- ޒަޚަމުވި މީހުންގެ ޢަދަދު: 1400
- ހުޅަނގު އައްސޭރީގައި ޝަހީދުވި މީހުންގެ ޢަދަދު: 22
- އިސްރާއީލުން ޣައްޒާގައި ހިންގާފައިވާ އެތައް ޤަތުލުޢާއްމުތަކެއް ވެއެވެ. މި ޤަތުލު ޢާއްމުތަކުގެ ސަބަބުން އެތައް ޢާއިލާއެއް ވަނީ މުޅިން ނައްތައިލައިފައެވެ.
- އިސްރާއީލުން ޣައްޒާގެ ޢިމާރާތްތަކަށް ދިން ޙަމަލާތަކުގެ ސަބަބުތައް އެތައް ޢިމާރާތްތަކެއް ވަނީ ބިމާ ހަމަކޮށްފައެވެ. ޣައްޒާގެ ސަހަރުގެ މުހިއްމު އެތައް މަލަތަކެއް ވަނީ ޚަރާބުކޮށް ކުނިގޮނޑަކަށް ހަދައިފައެވެ.
- އިސްރާއީލު ބުނާގޮތުގައި އެމީހުންގެ ތެރެއިން މަރުވި މީހުންގެ ޢަދަދު 10 އެވެ. އޭގެތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. ފާހަގަ ކުރެވޭގޮތުގައި އިސްރާއީލުން އެ ތާނގެ މީހުންނަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިޢުލާނެއް ނުކުރެއެވެ. އެއީ އިސްރާއީލަށް ގެއްލުން ނުވާކަން ދެއްކުމަށާއި އިސްރާއީލު މީހުން ހިތްހަމަ ޖެއްސުމަށް ޓަކައެވެ. މިކަމުގެ ބޭނުމަކީ އިސްރާއީލަށް ނަޞްރު ލިބިއްޖެކަން އިޢުލާންކޮށް އެކަން އިޙްތިފާލު ކުރުމެވެ. އެހެނަސް ޙަމާސާއި ސަރާޔާ އަލްޤުދްސިގެ ރޮކެޓް ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ތައްލު އަބީބަށާއި ޢަސްޤަލާނަށާއި އައްލިއްދަށާއި ސަދީރޫތު ފަދަ ބައެއް ސަހަރުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތަން ފެނެއެވެ.

އިޤްތިޞާދީ ގެއްލުންތައް
އިސްރާއީލުން ޣައްޒާއަށް ވައިގެ ޙަމަލާތައް ދެމުން ދަނީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކަކާއި ޢުރްފުތަކަކާ ޚިލާފަށެވެ. މި ޙަމަލާތަކުގެ އަމާޒަކަށް ހަދާފައި ވަނީ އެ ސަހަރުގެ ބިނާރާއި ފެނާއި ނަރުދަމާ ނިޒާމާއި އިންޖީނުގެތައްފަދަ ޢާއްމު ޚިދްމަތާބެހޭ މުއްސަސާތަކެވެ. ވޭތުވެދިޔަ ހަފުތާގައި އިސްރާއީލުން ޣައްޒާއަށް 1200 ވައިގެ ޙަމަލާދީފައި ވެއެވެ. ޙަމާސް ބުނާގޮތުގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން 50.5 މިލިއަން ޑޮލަރުގެ ގެއްލުން ޣައްޒާއަށް ލިބިފައިވެއެވެ.
ޣައްޒާގެ ޚަބަރުފަތުރާ ރަސްމީ އޭޖެންސީ ބުނާގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި މީހުން ދިރިއުޅޭ 770 ފުލެޓް ބިމާ ހަމަކޮށްލައިފައިވެއެވެ. މީގެ އިތުރަށް 4،976 ޔުނިޓަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ. މި ޙަމަލާތަކުގެ ސަބަބުން 36 މަދަރުސާއަކަށް ގެއްލުން ލިބުނެވެ. އިސްރާއީލުން ހަލާކުކޮށް ބިމާ ހަމަކުރި ޓަވަރުތަކުގެ ތެރޭގައި އަލްޖައުހަރާ ޓަވަރާއި، އަލްޖަލާއު ޓަވަރާއި، އައްޝުރޫޤު ޓަވަރާއި އައްސޫސީ ޓަވަރާއި އަލްވަލީދު ޓަވަރާއި އައްރުއުޔާ ޓަވަރު ފަދަ މީހުން ދިރިއުޅޭ ބޮޑެތި ޓަވަރުތަކެއް ވެއެވެ.

ނޫސްވެރީންނަށް ލިބުނު ގެއްލުން
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ޚަބަރުތައް ޝާއިޢު ކުރުމަށް ޓަކައި ޣައްޒާގައި މަސައްކަތް ކުރާ އެތައް ނޫސްވެރީންނަކަށް ގެއްލުން ލިބުނެވެ. ޙަމާސް ބުނާގޮތުގައި 10 ނޫސްވެރިއަކު ވަނީ ޒަޚަމުވެފައެވެ. މީގެއިތުރަށް ނޫސްވެރީންގެ ބައެއް އޮފީސްތަކަށް ވަނީ ޙަމަލާދީފައެވެ. ޙަމަލާދެވުނު ނޫސް އޭޖެންސީތަކުގެތެރޭގައި ޖަޒީރާ ނޫސް އޮފީސް ހިމެނެއެވެ.
އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ލިބުނު ބައެއް ގެއްލުންތަކުގެ ބިލް:
- ޣައްޒާގެ ލޭބަރ މިނިސްޓްރީއާއި އިޖްތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާ ހުންނަ ޢިމާރާތް ފުނޑުފުނޑުވެ ހަލާކުކޮށްލުން
- ޣައްޒާގެ ބިނާރަށް ލިބުނު ގެއްލުން: 14 މިލިއަން
- ހަކަތައާ ބެހޭ ދާއިރާއަށް ލިބުނު ގެއްލުން: 10 މިލިއަން
- އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއަށް ލިބުނު ގެއްލުން: 21 މިލިއަން
- ދަނޑުވެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުން: 17 މިލިއަން
އިސްރާއީލަށް ލިބުނު އިޤްތިޞާދީ ގެއްލުންތައް
ފަލަސްޠީނަށް ލިބުނު ގެއްލުންތައް އެ ފަރާތުން ސާފުކޮށް ހާމަކުރިނަމަ ވެސް ނަތަންޔާހޫގެ ސަރުކާރުން މަސައްކަތްކޮށްފައި ވަނީ މި ގެއްލުންތައް ވަންހަނާ ކުރުމަށެވެ. އިސްރާއީލުގެ ޞިނާޢަތާ ބެހޭ އިއްތިޙާދުން މި ދިޔަ ބުރާސްފަތި ދުވަހު ނެރުނު ވަރަށް ކުރު ބަޔާނެއް ބުނާގޮތުގައި ހަނގުރާމައިގެ ފުރަތަމަ 3 ދުވަހުގެ ތެރޭގައި އެ ސެކްޓަރަށް 177 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.
ޙަމާސްގެ ޙަމަލާތަކުގެ ސަބަބުން އިސްރާއީލަށް ލިބުނު ގެއްލުންތައް:
- ޢަސްޤަލާން ބަނދަރުގައި ހުންނަ ތެޔޮ ތާނގީތަކުގައި ރޯވެ ދެ ދުވަސްވަންދެން އެނދުން
- އީލާތު– ޢަސްޤަލާން ތެޔޮ ހޮޅިތައް ގޮވުން
- އިސްރާއީލުގެ ތަމާރު ގޭސް ދަނޑަށް އަޑިންދާބޯޓަކުން ޙަމަލާ ދިނުން. މިކަމުގެ ސަބަބުން އެ ދަނޑުގެ މަސައްކަތް ވަނީ ހުއްޓިފާ
- އިސްރާއީލުގެ މަދަނީ ވައިގެ ދަތުރުފަތުރުތައް ހުއްޓުން
- ޑެވިޑް ބެންގޫރިއަން ވައިގެ ބަނދަރު ބަންދު ކުރުން
- އިސްރާއީލަށް ފަތުރުވެރީން އައުން ހުއްޓުން
- އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ޖެރޫސަލަމް ޕޯސްޓް ބުނާގޮތުގައި ޙަމާސްގެ ރޮކެޓްތަކަށް ހުރަސް އެޅުމަށް ބޭނުންކުރާ އިސްރާއީލުގެ ކޮންމެ ރޮކެޓަކީ 50 ހާހާއި 100 ހާހާ ދެމެދުގެ އަގެއް ދައްކަން ޖެހޭ އެއްޗެކެވެ. މިއާ ޚިލާފަށް ޙަމާސުން އުފައްދާ ރޮކެޓެއްގެ އަގަކީ އެންމެ 300 ޑޮލަރާ 800 ޑޮލަރުގެ އެއްޗެކެވެ.އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްސް ހާމަކުރައްވާފައިވާ ގޮތުގައި އިސްރާއީލުގެ ދަގަނޑު ޤުއްބުން ޙަމާސްގެ 1،000 ރޮކެޓަށް ވަނީ ހުރަސްއަޅައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޙަމާސުން ފުރަތަމަ 7 ދުވަހުގެތެރޭގައި 3،100 ރޮކެޓް އިސްރާއީލުގެ އެކި ރަށްތަކަށް ފޮނުވާލައިފާ ވެއެވެ.



advertisment