Support Us

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވާހަކަދައްކަން އެދުން

އެމެރިކާއިން ރޫސީވިލާތާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށްފަހު ނުތަނަވަސްކަން ކުޑަކުރުމުގެ ވަގުތު އަތުވެއްޖެކަމަށް ރައީސް ބައިޑްން ވިދާޅުވެއްޖެއެވެ. ބައިޑްން ނޫސްވެރީންނާ (ބުރާސްފަތި ދުވަހު) ބައްދަލު ކުރައްވަމުން ވިދާޅުވިއެވެ. ((ރައީސް ޕޫޓިނާއެކު އަހުރެމެން ވަރަށް ސާފެވެ. އަހުރެމެންނަށް އިތުރު ފިޔަވަޅުތައް އެޅިދާނެއެވެ. އެހެނަސް މި ވަގުތު ވޮޝިންގްޓަން އިސްކަން ދެނީ އަދަބުދިނުމުގައި ކުރިއަށް ނުދިޔުމަށެވެ. އަހުރެމެން މި އެޅީ އެކަށީގެންވާ ފިޔަވަޅެކެވެ.)) ރައީސް ބައިޑްން ހާމަކުރެއްވި ގޮތުގައި އެކުގައި މަސައްކަތް ކުރުމަށް އަދި ވެސް މައިދާން އޮތީ ވަރަށް ފުޅައުކޮށް ހުޅުވިފައެވެ.

އެމެރިކާއިން ރޫސީވިލާތާ ދެކޮޅަށް ފިޔަވަޅުތަކެއް މި އެޅީ ޔުކްރޭނިޔާގެ މަސްއަލައާ މޮސްކޯއިން ބެހެމުންދާތީ އާއި އެމެރިކާއާ ދެކޮޅަށް ރޫސީވިލާތުން އިލެކްޓްރޯނިކް ޙަމަލާތައް ދެމުންގެންދާތީ ކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ. އެމެރިކާއިން އެޅި މި ފިޔަވަޅުތަކާ ދެކޮޅުހެދުމުގެ ގޮތުން މޮސްކޯގައި ހުންނަވާ އެމެރިކާ ސަފީރު ރޫސީ ޚާރިޖިއްޔާއަށް ގެންގޮސް އެމެރިކާގެ ފިޔަވަޅުތަކަށް މޮސްކޯއިން ރައްދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނެވެ.

އެމެރިކާގެ ބައެއް ފިޔަވަޅުތައް

ވޮޝިންގްޓަނުން އެޅި ފިޔަވަޅުތަކުގެ ދަށުން ރޫސީވިލާތުގެ 10 ޑިޕްލޮމެޓަކް އެމެރިކާއިން ފޮނުވާލެވޭނެއެވެ. މި 10 ޑިޕްލޮމެޓުންނަކީ ރޫސީން އެމެރިކާއަށް ދެމުންގެންދާ ސައިބަރާނީ ހަމަލާތަކާ ގުޅުން ހުރި ބައެއް ކަމަށް ވައިޓްހައުސްއިން ބުންޏެވެ. ވައިޓްހައުސްއިން މި ކަން އިޢުލާން ކުރަމުން ބުނިގޮތުގައި އެމެރިކާއިން އެމެރިކާގެ މަޞްލަޙަތުތައް ރައްކައުތެރި ކުރާނެއެވެ.

ރައީސް ބައިޑްން މޮސްކޯއާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ތަންފީޒީ އަމުރެއް ވެސް ވެއެވެ. މި އަމުރުގެ ސަބަބުން ރޫސީވިލާތުގެ އިޤްތިޞާދީ ސެކްޓަރުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު އެމެރިކާ ސަރުކާރަށް ލިބޭނެއެވެ. ރައީސް ބައިޑްނި ތަންފީޒީ އަމުރެއް ނެރުއްވީ އެމެރިކާގައި ބޭއްވުނު 2020ގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މޮސްކޯއިން މަސައްކަތްކޮށްފައިވާތީ ކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ޚަޒާނާއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ރޫސީވިލާތުގެ 32 ފަރާތެއް ކަޅު ލިސްޓްކޮށްފައެވެ. އެއީ 2020ގެ އިންތިޚާބުގެ ތެރެއަށް ވަދެ "އޮޅުވައިލުމުގެ މަޢުލޫމާތުތައް" ފަތުރާފައިވާތީ ކަމަށް ވޮޝިންގްޓަނުން ބުންޏެވެ.

އެމެރިކާއާއެކު އެއްބާރުލުމަށް ޓަކައި ނޭޓޯއިން ވެސް މޮސްކޯއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.

އެމެރިކާގެ އިންޒާރެއް މޮސްކޯއަށް

މި މަހުގެ 13ވަނަ ދުވަހު ރައީސް ބައިޑްން ރޫސީ ރައީސް ޕޫޓިނާ ފޯނުން ބައްދަލު ކުރައްވާ އިންޒާރު ކުރެއްވި ގޮތުގައި "އެމެރިކާއިން އެ ޤައުމުގެ ވަޠަނީ މަޞްލަޙަތުތައް ރައްކައުތެރިކުރުމަށް ހަރުކަށި ފިޔަވަޅު އަޅާނެއެވެ." ވައިޓްހައުސް ބުނިގޮތުގައި މޮސްކޯއިން ދަނީ އެމެރިކާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ސުމޭކު ވަސީލަތްތަކުން ވަންނަމުންނެވެ. ދެބަސްވުންތައް ހުރި މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި އެމެރިކާ- ރަޝާ ބައްދަލުވުމެއް ބޭއްވިދާނެ ކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ. މި ދިޔަ މާރިޗު މަހު ރައީސް ބައިޑްން ވަނީ ރޫސީ ރައީސް ޕޫޓިނަކީ ޤާތިލެއް ކަމަށް ސިފަކުރައްވައިފައެވެ. މޮސްކޯ ބުނާގޮތުގައި ބައިޑްންގެ ކިބައިން އެއްވެސް ފައްސިކަމެއް ނުފެންނާނެ ކަން މޮސްކޯ ޤަބޫލު ކުރެއެވެ. މޮސްކޯ ބުނާގޮތުގައި އެމެރިކާގެ އިންތިޚާބަކީ މޮސްކޯއާ ބެހޭ ކަމެއްނޫނެވެ.

އިނގިރޭސި ވިލާތުން ވެސް ފިޔަވަޅެއް

އަނެއްކޮޅުން ބަލާއިރު ބުރާސްފަތި ދުވަހު އިނގިރޭސި ޚަރިޖިއްޔާއިން ލަންޑަންގައި ހުންނަވާ ރޫސީ ސަފީރު އެ މިނިސްޓްރީއަށް ގެންގޮސް ރޫސީވިލާތުގެ "ހަޑިމުޑުދާރު ސުލޫކު" އާ މެދު ލަންޑަން ވަރަށް ބޮޑަށް ކަންބޮޑުވާކަން ވަނީ ފާހަގަކޮށްފައެވެ. އެމެރިކާއިން ރޫސީވިލާތާ ދެކޮޅަށް އަޅަމުންގެންދާ ފިޔަވަޅުތަކަށް އިނގިރޭސިވިލާތުން ތާއީދު ކުރާކަން ވެސް ވަނީ އިޢުލާނު ކޮށްފައެވެ. އިނގިރޭސި ޚާރިޖީ ވަޒީރގެ ނާއިބު ފިލިޕް ބަރޓްން ވިދާޅުވި ގޮތުގައި ޔުކްރޭނިޔާގެ ސަރަޙައްދު ކައިރިއަށް ރޫސީ ސިފައިންގެ ފައުޖުތައް ޖަމާކުރަމުން ދިޔުމަކީ ލަންޑަން ކުށްވެރިކުރާ ކަމެކެވެ. އަދި ރަޝާއިން ކްރިމިއާ ސަރަޙައްދު ރަޝާގެ ބަޔަކަށް ހެދިހެދުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ވެސް ލަންޑަނުން ބުނެއެވެ. ހުޅަނގުން ބުނާގޮތުގައި އެ ސަރަޙައްދަކީ ޔުކްރޭނިޔާގެ ބިމެކެވެ. ނަމަވެސް މޮސްކޯއިން މި ފިޔަވަޅު އެޅީ މި ސަރަޙައްދުގެ ވަޒަންވެރީންނަކީ ރޫސީންކަމުގައި ވާތީ އެމީހުންގެ ޙައްޤުތައް ރައްކައުތެރިކުރުމަށް ޓަކައި ކަމަށް މޮސްކޯ ބުނެއެވެ.

އިނގިރޭސި ޚާރިޖީ ވަޒީރުގެ ނާއިބު ބާރޓަން ވިދާޅުވި ގޮތުގައި SolarWinds ކުންފުނީގެ ޕްރޮގްރާމުތަކުގެ ތެރެއަށް މޮސްކޯ ވަނީ ވަދެފައެވެ. އޭނާ ހާމަކުރެއްވި ގޮތގައި ރޫސީވިލާތުގެ "ޖާސޫސީ ހަޑިމުޑުދާރު މަސައްކަތްތައް" ފަޟީޙަތްކުރުމުގައި އިނގިރޭސިވިލާތުން ވެސް އެމެރިކާއާއެކު މަސައްކަތް ކުރާނެއެވެ.

ރަޝިޔާއިން ރައްދު ދޭން ފަށައިފި

އެމެރިކާއިން ރަޝާގެ 10 ޑިޕްލޮމެޓަކު ފައްސައިލުމުން ރަޝާއިން މިއަދު ރައްދުދީ އެމެރިކާގެ 10 ޑިޕްލޮމެޓަކު ރަޝާއިން ފުރާވަޑައިގަތުމަށް ދަންނަވައިފިއެވެ. ރޫސީ ޚާރިޖީ ވަޒީރު ލެވަރޯފް އެސޯޝޭޓެޑް ޕްރެސްއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މިއީ އެމެރިކާއިން އެޅި ފިޔަވަޅާ ދެކޮޅަށް އެޅި ފިޔަވަޅެކެވެ. ވަޒީރު ލެވަރޯފް ވިދާޅުވި ގޮތުގައި ރަޝާގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޯން ސޮލިވާނަށް ވޮޝިންގްޓަން އެނބުރިވަޑައިގަތުމަށް އޭނާ ވާނީ ނަސޭޙަތް ދެއްވައިފައެވެ. ރައީސް ޕޫޓިންގެ އެހީތެރިއެއް ކަމުގައި ޑިމިތްރީ ޕިސްކޯފް ހާމަކުރެއްވި ގޮތުގައި މޮސްކޯގައި ހުންނަވާ އެމެރިކާގެ ސަފީރު ސޮލިވާން ގެންނަވާ މޮސްކޯގެ ޤަރާރު ވާނީ ދަންނަވާފައެވެ. މީގެ އިތުރަށް ރޫސީ ޚަރިޖިއްޔާއިން ބުނާގޮތުގައި މޮސްކޯ އިން އިތުރު ފިޔަވަޅުތައް އަދި އަޅާނެއެވެ.

ސަމިޓަށް މަރްޙަބާ

އަނެއްކޮޅުން ބަލާއިރު އެމެރިކާގެ ރައީސް ބައިޑްން ރައީސް ޕޫޓިންއާއެކު ސަމިޓް ބައްދަލުވުމެއް ބޭއްވެވުމަށް ހުށައެޅުއްވި ހުށައެޅުއްވުމަކީ ވަރަށް އީޖާބީ ކަމެއް ކަމަށް ރޫސީ ޚާރިޖީ ވަޒީރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެއްޖެއެވެ. "މޮސްކޯ މި ކަމަށް މަރްޙަބާ ކިޔައެވެ." ވަޒީރު ލެވަރޯފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މޮސްކޯ އިން ދަނީ އެމެރިކާގެ މި އިސްނެގުމާމެދު ތަފާތު ގޮތްގޮތަށް ވިސްނަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *