Support Us

ދުނިޔެއިން އެންމެ ރީތި ޒުވާން 15 އަންހެނުން އެނގޭތަ؟

ރީތި ހުތުރަކީ ތަފާތު އެއްޗެކެވެ. އެކަކަށް ރީތިވާ އެއްޗެއް އަނެކަކަށް ހުތުރު ވެސް ވެދާނެއެވެ. ނަމަވެސް ގިނަ މީހުންނަށް ރީތިވެއްޖެ ނަމަ، އެއީ ރީތި އެއްޗެއް ކަމަށް ބެލެވެއެވެ. ނަމަވެސް ދެ ބަސްވެވޭން ނެތް ހަގީގަތަކީ މާތް ﷲ އެންމެ ފުރިހަމަ ޞޫރައިގައި ހައްދަވައިފައިވާ މަޚުލޫޤަކީ އިންސާނުންކަމެވެ. އެހެނީ މި ކަން ވަނީ އެތައް އެއްޗެއް ގަންދެއްވައި އެކަލާނގެ ހުވައި ވަޙީކުރައްވައި އަންގަވައިފައެވެ. ވައްތީންޏާއި ޒައިތޫންޏާއި ޠޫރުސީނާފަރުބަދައާއި އަމާންކަންލިބިގެންވާ ރަށް (މައްކާ) ގަންދެއްވައި އެކަލާންގެ ވަޙީކުރައްވައިފައިވެއެވެ. "لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ" ("ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورةގައި އިންސާނާ ހެއްދެވީމެވެ."). (سورة التين:4). އެހެންވީމާ އިންސާނުންގެ ތެރޭގައި މީހުން ޙައިރާންވާހައި ރީތި މީހުން ތިބޭނެއެވެ. ނަމަވެސް ބޭރުފުށާއި އެތެރެފުށުން އެންމެ ރީތި އަންހެނުންނަކީ އެ މީހުންގެ ރީތިކަން އެ މީހުންގެ ފިރީންނަށް ނޫނީ ދައްކާނެ ބަޔެއް ނޫނެވެ. މި ލިޔުން ވިދާޅުވާން އަޅުގަނޑު އެދެނީ އަޅުގަނޑު މި ދެންނެވި ވާހަކަތައް ހަނދުމަފުޅުގައި ބަހައްޓަވައިގެންނެވެ.

އަޅުގަނޑަކީ ތަފާތު މައުޟޫޢުތަކަށް ތަފާތު ދާއިރާގައި ލިޔާހިތްވާ މީހަކަށްވާތީ ތަފާތު މައުޟޫއެއްގެ މައްޗަށް މިއަދު އިންސާފުކޮށްލާހިތްވީއެވެ. ހަމަ އެކަނި ރަހަ ތަފާތުކޮށްލުމަށް ޓަކައެވެ. އާންމުކޮށް އަޅުގަނޑު ލިޔެ އުޅޭ، ބަހާއި އަދަބުގެ ދާއިރާއާއި ޤައުމީ-އިޖުތިމާޢީ ދާއިރާއާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއާއި ތަރީޚާއި ސަގާފަތުގެ ދާއިރާ ފިޔަވައި އެހެން ދާއިރާއެއްގެ ލިޔުމެއް ވެސް ލިޔެލާހިތްވީއެވެ. މި ފަދަ މައުޟޫޢުތައް އަޅުގަނޑާ ނުގުޅޭކަމަށް އަޅުގަނޑު ގާތު ވިދާޅުވި ރަޙުމަތްތެރީންގެ އަރިހުން މަޢާފަށް އެދެމުންނެވެ.

މި ލިޔުމުގައި އަޅުގަނޑު މި ބަލައިލަނީ ދުނިޔޭގައި މިހާރު ތިބި އެންމެ ރީތިކަމަށް ކިޔާ ޅަޒުވާން 15 އަންހެނުންގެ ވާހަކައެވެ. މިއީ މީހުންނަށް އިޝްތިހާރުވެ މަޝްހޫރުވެފައިވާ އަންހެނުންނެވެ. މިއީ އެންމެ ރީތި މީހުންނަށް ނުވުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. މިއަށްވުރެ މާ ރީތި އަންހެނުން ތިބުމަކީ އެންމެ އެކަށީގެންވާ ގޮތް ވެސްމެއެވެ. ނަމަވެސް މިއީ ކުރީން މި ދެންނެވި ފަދައިން ފިލްމީ ދާއިރާއާއި މުނިފޫހިފިލުވުމުގެ ދާއިރާއާއި މޮޑެލްކުރުމުގެ ދާއިރާގައި މަޝްހޫރުވެފައިވާ މީހުންގެތެރެއިން www.wonderslist.com ވެބްސައިޓްގައި ލިސްޓްކޮށްފައިވާ ޒުވާން 15 އަންހެނުންގެ ލިސްޓެވެ. އެހެންވީމާ މި ނުކުތާ ފާހަގަކޮށްލެއްވުން އެދެމެވެ.

15. ޖެނިފާރ ލޯރެންސް (Jennifer Lawrence)

ޖަނަވަރީ 15، 1990 ގައި ދުނިޔެއަށް އުފަންވި ޖެނިފާރ ލޯރެންސްއަކީ އެމެރިކާގެ ފިލްމީ ތަރިއެކެވެ. ދުނިޔޭގައި އެންމެ އަގުބޮޑު ފިލްމީތަރިކަމަށް މަޝްހޫރުވެފައިވެއެވެ. މީނާގެ މުއްސަނދިކަން ހަ ބިލިއަން ޑޮލަރަށް އަރާކަމަށް ވެއެވެ. 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގައި ވެސް އެންމެ އަގުބޮޑު ފިލްމީ ތަރީގެ ގޮތުގައި މީނާ ލިސްޓްކުރެވިފައިވެއެވެ. 2006 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް މީނާ އަންނަނީ މި ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. ފޯބްސް އިން ފާހަގަކޮށްފައިވާ ގޮތުގައި 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުގައި ޓައިމް މަޖައްލާއިން ދުނިޔޭގެ އެންމެ ރީތި އަންހެން ކުދީންގެ ތެރޭގައި މީނާ ލިސްޓްކުރެވިފައިވެއެވެ. މީނާ ހިމެނިގފައި ވަނީ މި ލިސްޓްގެ 15 ވަނައިގައެވެ. މި ލިސްޓް އެހެން މީހުން އެހެން ގޮތަކަށް ތަރުތީބުކޮށްފައި ވެސް ވެދާނެއެވެ.

14. ނާނާ (Nana)

ދެކުނު ކޮރެއާގެ ލަވަކިޔުންތެރިއެއް ކަމަށްވާ އިމް ޖިން އާހ (މަޝްހޫރުވެފައި ވަނީ ނާނާގެ ނަމުންނެވެ. މީނާ) އަކީ މޮޑެލްއެކެވެ. ދުނިޔޭގެ އަލިކަން ދުށީ 14 ސެޕްޓެމްބަރ 1991 ގައެވެ. އަންހެންކުދީންގެ މިޔުޒިކް ގްރޭޕެއް ކަމުގައިވާ "އާފްޓަރ ސްކޫލް" އާއި "އޮރެންޖް ކެރަމަލް"ގައި ވެސް މީނާ ޙަރަކާތްތެރިވެފައިވެއެވެ. އެތައް ޓީވީ ޑްރާމާތަކަކުން ވެސް މީނާ ފެނިފައިވެއެވެ. މީގެ ތެރޭގައި "ލަވް ވީވްސް ތުރޯ މިލޭނިއަމް (2015)" އާއި "ދަ ގުޑްވައިފް (2016)"އާއި "ކިލް އިޓް (2019)"އާއި "ޖަސްޓިސް (2019): ފަދަ ޑްރާމަތައް ހިމެނެއެވެ. ނާނާ ލިސްޓްކުރެވިފައިވަނީ ރީތި 15 އަންހެނުންގެ ތެރެއިން 14 ވަނައިގައެވެ.

13. ޝައިލީނީ ވޫޑްލީ (Shailene Woodley)

ދުނިޔޭގައި ރީތިކަމަށް މަޝްހޫރުވެފައިވާ އަންހެނުންގެ ލިސްޓުން 13 ވަނައަށް ޖާގަ ހޯދައިފައިވާ ޝައިލީން ޑަޔާން ވޫލީއަކީ އެމެރިކާގެ ފިލްމީ ތަރިއެކެވެ. ދުނިޔޭގެ އަލިކަން ދެކެފައިވަނީ 15 ނޮވެންބަރު 1991ގައެވެ. އެކިއެކި ޓީވީ ޝޯތަކާއި ފިލްމުތަކުން ޝައިލީ ފެނިފައިވެއެވެ. މީނާއަކީ ފިލްމީ ތަރިއެއްގެ އިތުރަށް ފިލްމު އުފައްދާ ޕްރޮޑިޔުސަރެއްވެސް މެއެވެ. އަދި އެއަށްވުރެ ވެސް ބޮޑަށް ފާހަގަކުރެވިފައިވަނީ މިއީ ތިމާވެއްޓަށް މަސައްކަތްކުރާ ޙަރަކާތްތެރިއެއް ކަމަށް ވެސް ވާތީއެވެ. މިއީ ފިލްމީ ތަރީންގެ ތެރެއިން އެންމެ ރީތި ބަޠަލާއެއް ކަމަށް ލިސްޓްކުރެވިފައިވާ އަންހެނުންގެ ތެރޭގައި ލިސްޓްކުރެވިފައިވާ މީހެކެވެ. އަދި މިއަދު ވެސް މިނާއަކީ އެންމެ ރީތި އަންހެން ކުދީންގެ ތެރޭގައި ހިމެނިފައިވާ މީހެކެވެ.

12. ޒެންޑޭޔާ (Zendaya)

ޒެންޑޭޔާ މެރީ ސްޓޯމަރ ކޯލްމޭން ވެސް މަޝްހޫރުވެފައި ވަނީ އެމެރިކާގެ ފިލްމީ ތަރިއެއްގެ ގޮތުގައެވެ. ސެޕްޓެމްބަރ1، 1996 ގައި ދުނިޔޭގެ އަލިކަން ދުށް ޒެންޑޭޔާއަކީ ލަވަކިޔުންތެރިއެއް ވެސް މެއެވެ. އަދި އޭނާއަކީ ނެށުންތެރިއެއް ވެސް މެއެވެ. މީނާއަކީ ދުނިޔޭގެ ރީތި މީހުންގެ ލިސްޓުން 12 ވަނައަށް ޖާގަ ހޯދައިފައިވާ އަންހެނެކެވެ. ދުނިޔެއަށް މަޝްހޫރު ސްޕައިޑާރމޭންގައި ވެސް މީނާގެ ދައުރެއްވެއެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ފުރާވަރު އުމުރުގެ އަންހެންކުދީންގެ ލިސްޓުން ވެސް 2019 ގައި އޭނާ ޖާގަ ހޯދައިފައިވެއެވެ.

11. ބެލަ ތޯން (Bella Thorne)

އެނާބެލަތޯން އެވްރީ ތޯން (ބެލަ ތޯން)އަކީ ވެސް އެމެރިކާގެ ޓީވީ ތަރިއެކެވެ. އޮކްޓޯބަރ 8، 1997 ގައި އެމެރިކާގެ ފްލޮރިޑާގައި ދުނިޔޭގެ އަލިކަން ދެކެފައިވާ ބެލަތޯނަކީ ވެސް އެމެރިކާގެ ފިލްމީ ތަރިއެކެވެ. އަދި ލަވަކިޔުންތެރިއެކެވެ. އަދި މީނާއަކީ މޮޑެލްކުރުމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވާ މީހެކެވެ. މީގެ އިތުރަށް މިއީ ފިލްމީ ޑައިރެކްޓަރެއް ވެސް މެއެވެ. އަދި މީނާއަކީ އިންސާނީ ޚިދުމަތުގެ ދާއިރާގައި ވެސް ޙަރަކާތްތެރިވާ މީހެކެވެ. މީނާއަށް ތަފާތު އިނާމުތައް ވެސް ލިބިފައިވެއެވެ. އޭނާ 2003 ވަނަ އަހަރުން ފެށިގެން ދަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. ޓީވީއިން ފޮނުވާ ސިލްސިލާ ޑްރާމާތަކުގައި ވެސް މީނާ ޙަރަކާތްތެރިވަމުންދެއެވެ.

10. ޕެސޫޖީ (Bae Suzy)

ދެކުނުކޮރެއާގެ ގްވާންގޖޫ އަށް 1994 ވަނަ އަހަރު އޮކްޓޫބަރު މަހު 10 ވަނަ ދުވަހު އުފަންވި ބައެ ސުޒީ (ތަލައްފުޒުކުރަނީ: ޕެސޫޖީ) އަކީ ދެކުނު ކޮރެއާގެ އެންމެ ރީތި ކުއްޖާގެ ގޮތުގައި ފާހަގަކުރެވިފައިވާ ފިލްމީ ތަރިއެކެވެ. މީނާއަކީ ދެކުނުކޮރެއާގެ "ސޯލް ޕާރފޯމިންގ އާރޓްސް ހައި ސްކޫލް"ގައި ކިޔެވި ދަރިވަރެކެވެ. ޕެސޫޖީއަކީ ފިލްމީ ތަރިއެކެވެ. ލަވަކިޔުންތެރިއެކެވެ. ޕެސޫޖީއަކީ އަންހެންކުދީންގެ މުނިފޫހިފިލުވައިދޭ ގްރޫޕްތަކުގައި ވެސް ޙަރަކާތްތެރިވަމުން ގެންދާ ތަރިއެއް ވެސްމެއެވެ. އޭގެ ތެރޭގައި "މިސް އޭ"، "ލީމިންހޯ"، ޖޭވައިޕީ ނޭޝަން" ހިމެނެއެވެ.

9. އާލިޔާ ބަތު (Alia Bhatt)

އާލިޔާ ބަތު (ތަލައްފުޒުކުރަނީ: އެލިއާ ބަޓް)އަކީ އުތުރުކަރައަށް އުފަން، އިނގިރޭސި ރައްޔިތެކެވެ. ހިންދީބަހުގެ ފިލްމުތަކުގައި މަސައްކަތްކުރާ ފިލްމީ ތަރިއެކެވެ. އުތުރުކަރައިގައި އެންމެ އަގުބޮޑު ތަރީންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އަދި ލަވަކިޔުންތެރިއެއް ވެސް މެއެވެ. މަހޭޝްބަތާއި ސޯނީ ރަޒްދާންގެ ދަރިއެއް ކަމުގައިވާ އާލިޔާ ބަތު ދުނިޔޭގެ އަލިކަން ދުށީ 15 މާރިޗު 1993 ގައި އުތުރުކަރައިގެ ބުންބާއަށެވެ. ރީތިކަމާއި ހުނަރުގެ ގޮތުން މަޝްހޫރިވެފައިވާ އާލިޔާބަތަކީ ދުނިޔޭގެ ރީތި އަންހެންކުދީންގެ ލިސްޓުން ނުވަ ވަނައަށް ޖާގަ ހޯދައިފައިވާ ތަރިއެކެވެ. އެތައް ބައިވަރު ފިލްމަކުން އޭނާ ފެނިފައިވެއެވެ. ފިލްމުފެއަރ އެވޯޑްގެ ތެރެއިން "އެންމެ ކުޅަދާނަ ބަޠަލާ"ގެ އިނާމު އޭނާ ވަނީ ޙާޞިލުކޮށްފައެވެ. އާލިޔާ ވަނީ އޭނާގެ އަމިއްލަ ހެދުމެއް ވެސް އިންޑިއާގެ އަންހެނުންނަށް ތަޢާރަފުކޮށްފައެވެ. އުތުރުކަރައިގެ އެންމެ ރީތި އަންހެނުންގެ ލިޓުގެ އެންމެ ކުރީން އޭނާއަށް ޖާގަ ލިބިފައިވަނީ 2018 އާއި 2019ގައެވެ.

8. ކައިލީ ޖެންނާރ (Kylie Jenner)

ރިއަލިޓީ ޝޯތަކުން ފެންނަ މީޑިއާގެ ޝަޚުޞިއްޔަތެއް ކަމުގައިވާ ކައިލީ ޖެންނާރ އަކީ ވިޔަފާރިވެރިއެކެވެ. އޮގަސްޓު 10، 1997 ގައި ދުނިޔޭގެ އަލިކަން ދުށް ކައިލީ ޖެންނާރ މަޝްހޫރުވީ "ކީޕީންގ އަޕް ވިތު ކަރުދާޝިއަންސް" ފަދަ ރިއަލިޓީ ޝޯތަކުންނެވެ. މިއީ މޮޑެލްކުރާ މީހެކެވެ. އެކްޓަރެކެވެ. އެއީ މުއްސަނދި ޢާއިލާއަކުން އައިސް ހުރި، އަދި އިޖުތިމާއީ ތަރައްޤީއަށް މަސައްކަތްކުރާ މީހެކެވެ. ދުނިޔޭގެ އެންމެ ރީތީ އަންހެނުންގެ ލިސްޓުން އަށްވަނައަށް ޖާގަ ލިބިފައިވާ ކައިލީ ކާވެނިކޮށްގެން އުޅެނީ ޓްރެވިސް ސްކޮޓްއާއެވެ.

7. ކެނޑްލް ޖެނާރ (Kendall Jenner)

ފެޝަން މޮޑެލިންގެ ދާއިރާގައި އެންމެ މަތީ އާމްދަނީއެއް ހޯދާކަމަށް ފޯބްސް މަޖައްލާގައި ބަޔާންކޮށްފައިވާ ކެނޑްލް ނިކޯލް ޖެނާރަކީ ވެސް އެމެރިކާގެ ޓީވީ ޝަޚުޞިއްޔަތެކެވެ. ނޮވެންބަރު 3، 1995 ގައި ދުނިޔޭގެ އަލިކަން ދުށް ކެންޑްލް ޖެނާރަކީ އަހަރީ އާމްދަނީގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ލިބޭ މީހެކެވެ. އިންސްޓަގްރާމްގައި އެންމެ ގިނަ މީހުން ތަބާވާ އެއް މޮޑެލެވެ. އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ކެނޑްލްއަށް ރީތި އަންހެނުންގެ ލިސްޓުން ޖާގަލިބިފައިވަނީ ހަތްވަނައިގައެވެ.

6. ޑަވް ކެމަރޫން (Dove Cameron)

ޓިވީ ޝޯތަކާއި އެތައް ފިލްމަކުން މަޝްހޫރުކަން ހޯދައިފައިވާ ޑަވް ކެމަރޫންއަކީ ރީތި އަނަހެނުންގެ ލިސްޓުން ހަވަނަ ޖާގަ ހޯދައިފައިވާ އަނެހެނެކެވެ. މީނާގެ އާންމު ނަންތަކެއްގެ ގޮތުގައި ޑަވްލިން، ޑުވޭ، ކްލޯވެސް މަޝްހޫރުވެފައިވެއެވެ. ނަމަވެސް ފުރަތަމަ ކީ އަސްލު ނަމަކީ ކްލޯ ސެލެސްތޭ ހޮސްޓަރމަންއެވެ. ފަސް ފޫޓު ދެ އިންޗީގެ އިސްކޮޅެއް ލިބިފައިވާ ޑުވޭއަކީ ފިލްމީ ތަރިއެއްގެ އިތުރަށް ކުޅަދާނަ ލަވަކިޔުންތެރިއެއް ވެސްމެއެވެ. ޑޫވޭ އުފަންވެފައިވަނީ 15 ޖަނަވަރީ 1996ގައި އެމެރިކާގެ ވޮޝިންގޓަންގެ ސީޓްލް އަވަށުގައެވެ.

5. ސެލީނާ ގޮމޭޒް (Selena Gomez)

އެމެރިކާގެ ޓެކްސާސްއަށް 1992 ވަނަ އަހަރު ޖުލައި މަހު 22 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދުށް ސެލީނާ ގޮމޭޒްއަކީ މެންޑީ ޓީފީއާއި ރިކާގޯ ގޮމޭޒްގެ ދަރިފުޅެކެވެ. އިސްކޮޅުގައި ފަސްފޫޓް ފަސް އިންޗި ހުންނަ ސެލީނާއަކީ ފެންނަ ފެނުމުގައި ވަރަށް މަޢުޞޫމު ގޮތެއް ހުންނަ ލަވަކިޔުންތެރިއެކެވެ. ރީތި އަންހެނުންގެ ލިސްޓުން ފަސްވަނަ ހޯދައިފައިވާ ސެލީނާއަކީ އެމެރިކާގެ ފިލްމީ ތަރިއެއް ވެސް މެއެވެ. އެތައް ވަނައަކަށް ވާދަކުރާން ހޮވިފައިވާ ސެލީނާއަށް މި ދާއިރާއިން އެތައް ވަނައެއް ވަނީ ލިބިފައިވެސް މެއެވެ. މިހާރު ވެސް އޭނާ މަސައްކަތްކުރަނީ ފިލްމީ ދާއިރާގައްޔާއި ލަވަކިޔުމުގެ ދާއިރާގައެވެ.

4. ލައިޒަ ސޮބްރާނޯ (Liza Soberano)

އެމެރިކާގެ ބައްޕައެއް ކަމަށްވާ ޖޯން ކާސްތިލާއާއި އެމެރިކާގެ މަންމައެއް ކަމަށްވާ ޖެކޫލީން އަށް ލިބިފައިވާ އެލިޒަބަތު ސޮބްރާނޯ އުފަންވީ 4 ޖެނުއަރީ 1998ގައި އެމެރިކާގެ ކެލިފޯނިއާއަށެވެ. އެމެރިކާއާއި ޕިލިޕީންސްގެ ސިފަ ލިބިފައިވާ އެމެރިކާގެ ފިލްމީ ތަރިއެކެވެ. މީނާ "އެކްޓް"ކުރާން ފެށީ ޓީވީ ސިލްސިލާތަކުންނެވެ. ލައިޒާގެ ރީތިކަމުގެ އިތުރަށް އޭނާގެ ހިތްވަރާއި ކެރުންތެރިކަމަށް ޓަކައި އޭނާއަކީ ވަރަށް މަޤުބޫލު ޝަޚުޞިއްޔަތެކެވެ.

3. ބާރބަރާ ޕަލްވިން (Barbara Palvin)

ބާރބަރާ ޕަލްވިންއަކީ ވިކްޓޯރިއާގެ "ސީކްރެޓް އެންޖަލް"ގެ ލަގަބު ލިބިފައިވާ ރީތީގެ ރާނީއެކެވެ. އަދި 2012 އާއި 2018 ގައި ވެސް މި ލަގަބު ބާބަރާ ހާސިލުކޮށްފައިވެއެވެ. ހަންގޭރީއަށް އުފަން ބާބަރާ ދުނިޔޭގެ އަލިކަން ދުށީ 8 އޮކްޓޯބަރު 1993ގައެވެ. ބާރބަރާގެ ޅަފުރާގެ އުމުރުން ފެށިގެން މޮޑެލްކުރަންފެށި ކުއްޖެކެވެ. ފެޝަން ދުނިޔޭގައި މަޝްހޫރު ބާރބަރާ ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުން ތިން ވަނަ ޖާގަ ލިބިފައިވެއެވެ. އަދި ދުނިޔޭގެ އެންމެ މަޤުބޫލު މޮޑެލުންގެ ލިސްޓުން ދެ ވަނަ ލިބިފައި ވެސް ވެއެވެ. މިއަދު ވެސް ޕަލްވިންއަކީ މަޤުބޫލު މޮޑެލްއެކެވެ.

2. ކައިއާ ގާރބަރ (Kaia Gerber)

އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖަލީސްއަށް 2001 ވަނަ އަހަރު ސެޕްޓެމްބަރު 3 ގައި އުފަންވި ކައިއާ ޖޯރްޑަން ގާރބަރ އަކީ މަޝްހޫރު ވިޔަފާރިވެރިޔާ ރޭންޑޭ ގާރބަރއާއި މަޝްހޫރު މޮޑެލް ސިންޑީ ކްރޯފޯރޑްގެ ދަރިފުޅެވެ. އޭނާއަކީ މިއަދު ވެސް މަޤުބޫލު މޮޑެލްއެކެވެ. އަދި ފިލްމީ ތަރިއެއް ވެސް މެއެވެ. މީނާއަކީ މިއަދު ވެސް ދުނިޔޭގެ ރީތި އަންހެނުންގެ ތެރެއިން ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތެކެވެ. މި ލިސްޓުން މީނާ ޖާގަ ހޯދައިފައިވަނީ ދެވަނައިގައެވެ.

1. ތިލޭން ބްލޮންޑޯ (Thylane Blondeau)

ތިލޭން ލީނާ-ރޯޒް ލޮބްރީ ބްލޮންޑޯއަކީ، މި ރީތި އަންހެނުންގެ ލިސްޓް ތައްޔާރު ކުރި މީހުންގެ ނަޒަރުގައި 2021 ވަނަ އަހަރު މުޅި ދުނިޔޭން ވެސް އެންމެ ރީތި އަންހެނާއެވެ. އެޕްރީލް 5، 2001 ގައި ދުނިޔޭގެ އަލިކަން ދުށް ތިލޭން ބްލޮންޑޯ، އުމުރުން އެންމެ ހަ އަހަރުގައި ރީތީގެ ރާނީގެ ތާޖު އޭނާ ހާސިލުކުރިއެވެ. އަދި އެ ލަގަބު 2017 ގައި ދެވަނަ ފަހަރަށް އޭނާ ހާސިލުކުރިއެވެ. ފަސް ފޫޓް ހައިންޗީގެ ދިގު އިސްކޮޅެއް ލިބިފައިވާ ބްލޮންޑޯ ފަރަންސޭސި ވިލާތުގައި މަޝްހޫރުވެފައިވަނީ މުޅި ދުނިޔެއިން އެންމެ ރީތި އަންހެންކުއްޖާގެ ނަމުންނެވެ. ފުރާވަރު އުމުރުގެ މި ރީތި އަންހެންކުއްޖާއަކީ ފިލްމީ ތަރިއެއްގެ އިތުރަށް ކާމިޔާބު ވިޔަފާރިވެރިއެއް ވެސް މެއެވެ. ހިރާސްތަކަށް ބެލުމެއްނެތި އެކި ވިޔަފާރިތަކުގައި ވުނަކޮށްގެން ތަނަވަސްކަން ހޯދަމުން އަންނަ އަރުތަވެރި ހުނަރުވެރި ވިޔަފާރިވެރިއެކެވެ.

ތިލޭން ލީނާ-ރޯޒް ލޮބްރީ ބްލޮންޑޯއަކީ ފަރަންސޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕެޓްރިކް ބްލޮންޑޯއާއި ފިލްމީ ތަރި ވެރޯނިކާ ލޮބްރީއަށް އުފަން ދަރިފުޅެކެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި އޭނާ މޮޑެލްކުރާން ފެށި ކަމަށްވެއެވެ. އުމުރުން 10 އަހަރުގައި އޭނާގެ ކުރު ހެދުމާއި، އަދި މާ ބޮޑަށް މޭކަޕްކުރާނީ އޭނާއަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. މި ފާޑުކިޔުންތައް އަމާޒުވީ އެ ދުވަސްވަރު "ރިސްކުއޭ ފޮޓޯ ޝޫޓުގައި ބައިވެރިވެ އޭނާގެ ފޮޓޯތައް މަޝްހޫރުވުމާ ގުޅިގެންނެވެ. މީގެ އިތުރަށް އުމުރުން 15 އަހަރުގައި "އައިއެމްޖީ މޮޑެލްސް"ގައި އޭނާ މޮޑެލްކުރާން އެއްބަސްވެ ސޮއިކުރިއެވެ.

މި ދަންނަވައިލީ ދުނިޔޭގެ އެންމެ ރީތި ޒުވާން އަންހެނުންގެ ތެރެއިން 2020 އާއި 2021ގައި އެންމެ ރީތި ކަމަށް (އަޅުގަނޑު ކުރީން ދެންނެވި ވޮންޑަރލިސްޓް ޑޮޓް ކޮމްގައި) ލިސްޓްކޮށްފައިވާ 15 ޒުވާނުންގެ ވަރަށް ކުރުކުރު ތައާރަފެކެވެ. މި ލިސްޓްގައި ހިމެނޭ ގިނަ ޒުވާނުންނަކީ ގިނަ ބަޔަކަށް ރީތި ޒުވާނުން ކަމަށް ވިޔަސް މިއަށްވުރެ މާރީތި މީހުން ދުނިޔޭގައި އުޅޭނެ ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. މިއީ ވެސް ﷲ ސުބްޙަނަހޫ ވަތަޢާލާގެ ޚަލްޤުކުރެއްވުމުގެ ފުރިހަމަ މިސާލުކަމުގައި ނޫނީ ނުވާނެއެވެ. އެކަލާނގެ ޚަލްޤުކުރެއްވުމުގެ ފުރިހަމަކަމާއެވެ!!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
411
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *