Support Us

އިސްރާއީލުގެ ލާއިންސާނީ ޖަރީމާތައް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ތަޙްޤީޤުކުރަނީ

ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ހިންގާފައިވާ "ހަނގުރާމައިގެ ޖަރީމާތައް" ތަޙްޤީޤު ކުރުމުގެ މަސައްކަތް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ފަށައިފި ކަމަށް އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ "ދަ ޓައިމްސް އޮފް އިސްރާއީލް" އިން މިއަދު ބުނެފިއެވެ.

މިކަމާ ބެހޭގޮތުން އެ ކޯޓުން އިސްރާއީލަށް ފޮނުވި ދޮޅު ޞަފްޙާގެ ސިޓީގައި ޖަވާބުދާރީވުމަށް ތައްލު އަބީބަށް 30 ދުވަހުގެ މުހްލަތެއް ދީފައިވެއެވެ. މި ނޫސް އިޝާރަތްކޮށްފައިވާ ގޮތުގައި މި ސިޓީ ތައްލު އަބީބަށް ލިބުނީ މި ހަފުތާގެ ކުރީކޮޅުގައެވެ. މި ނޫސް ހާމަކުރި ގޮތުގައި އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކޯޓުގެ ސިޓީއަށް ރައްދު ދިނުމުގެ މަސައްކަތް ފަށައިފިއެވެ. މި ސިޓީ ބުނާގޮތުގައި އެ ކޯޓުން ކުރާ ތަޙްޤީޤުތަކުގައި ތިން ދާއިރާއެއް ހިމެނޭނެއެވެ. އެއީ 2014 ވަނަ އަހަރުގެ ޣައްޒާ ހަނގުރާމައާއި ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހެދުމުގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތާއި 2018ގައި ފަލަސްޠީނު މީހުން ބޭއްވި އިޙްތިޖާޖުތައް ނައްތައިލުމަށް އިސްރާއީލުން އެޅި "އެކަށީގެންނުވާ ހަރުކަށި ފިޔަވަޅުތައް" އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ޖިނާއީ ކޯޓުގެ ޕްރޮސިކިޔުޓަރ ޖެނެރަލް ފާތޫ ބިންސޫދާ ވިދާޅުވި ގޮތުގައި ފަލަސްޠީނުގެ ބިމުގައި އިސްރާއީލުން ހިންގާފައިވާކަމަށް ތުހްމަތު ކުރެވޭ ލާއިންސާނީ ޖަރީމާތައް ބެލުމުގެ ރަސްމީ ތަޙްޤީޤެއް މިހާރު ވަނީ ފެށިފައެވެ. މި ކަމަކީ އިސްރާއީލު އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާކަމެކެވެ.

ބިންސޫދާ ވިދާޅުވާ ގޮތުގައި 2014 ވަނަ އަހަރުގެ ޣައްޒާ ހަނގުރާމައިގައި އިސްރާއީލު ސިފައިންނާއި އިސްރާއީލު ސަރުކާރުންނާއި ޙަމާސާއި،ހަތިޔާރު އެޅި ފަލަސްޠީނުގެ ޖަމާޢާތްތަކުން ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ "ބުއްދި ޤަބޫލުކުރާ" ސަބަބުތަކެއް އެބަ ހުއްޓެވެ.

ފަލަސްޠީނުން މަރްޙަބާ

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މި ނިންމުމަށް ފަލަސްޠީނުން ވަނީ މަރްޙަބާ ކިޔައިފައެވެ. ފަލަސްޠީނުގެ ޚާރިޖިއްޔާއިން ބުނިގޮތުގައި "މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފަލަސްޠީނު އިންތިޒާރު ކުރަމުން އައި ކަމެކެވެ. ސުލްޙައިގެ ބިންގަލަކަށް ވާން ޖެހޭނީ ޢަދާލަތާއި ޒިންމާދާރުކަމެވެ. "ފަލަސްޠީނުން ބުނާގޮތުގައި ޖިނާއީ ކޯޓުގެ ނިންމުމަކީ ވަރަށް ތާރީޚި ކަމެކެވެ. އެއީ ޒިންމާދާރުވުމުގެ އުޞޫލަށް ލިބުނު ކާމިޔާބީއެކެވެ. ޖިނާއީ ކޯޓުގެ ތަޙްޤީޤުތަކުގައި ފަލަސްޠީނު އޮތީ އެ ކޯޓާއެކު އެއްބާރުލުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ފަލަސްޠީނު ސަރުކާރުގެ މަދަނީ ކަންތައްތަކާ ބެހޭ ވަޒީރު ޙުސައިނުއް ޝައިޚު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާގޮތުގައި ފަލަސްޠީނަކީ މި ކޯޓުގެ މެންބަރެކެވެ. ރޯމް މުޢާހަދާއާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގެ ބިމާބެހޭ މަސްއަލަތަކާއި ފަލަސްޠީނު ސަރުކާރުން އުފުލާ ޝަކްވާތައް އެ ކޯޓުން ބަލަން ޖެހޭނެއެވެ. މި ކަމަކީ އޭނާ ވިދާޅުވިގޮތުގައި "ދުނިޔެ ބަލައިގެންފައިވާ ޙައްޤަށާއި ޢަދާލަތަށާއި ޙުއްރިއްޔަތަށާއި އަޚްލާޤީ އަގުތަކަށް ލިބުނު ނަޞްރެކެވެ."

ޖިނާއީ ކޯޓުގެ ޤަރާރަށް މަރްޙަބާ ކިޔަމުން ހިޔުމަން ރައިޓްސް ވޮޗް ބުނިގޮތުގައި މި ނިންމުމަކީ "ވަރަށް މުހިއްމު ކަމެކެވެ." ހިޔުމަން ރައިޓްސް ވޮޗް ޖަމްޢިއްޔާގެ ބައިނަލްއަޤްވާމީ ޢަދާލަތާ ބެހޭ ޕްރޮގްރާމުގެ މުޝީރާ ބަލްޤީސް ޖައްރާޙު ވިދާޅުވިއެވެ. "ޢުޤޫބާތަށް ފިލައިގެން ބައި ސައްތަ އަހަރު އުޅުމަށްފަހު އެމީހުން ހިންގާފައިވާ ނުރައްކާތެރި ޖަރީމާތައް ތަޙްޤީޤު ކުރެވޭނެ މަގު ތަނަވަސްވުމަކީ އުއްމީދުކޮޅެއް ޙަޤީޤަތަކަށް ވެގެންދިޔަ ތާރީޚީ ކަމެކެވެ."

އެމެރިކާއާއި އިސްރާއީލު ރަތަށް

އިސްރާއީލުން މި ޤަރާރާ ދެކޮޅު ހަދައި ވަރަށް އަވަހަށް ބަޔާނެއް ނެރުނެވެ. ހަމަ އެ ގޮތަށް އެމެރިކާއިން ވެސް މި ޤަރާރާ ދެކޮޅު ހެދިއެވެ. އިސްރާއީލާއި އެމެރިކާއަކީ ބައިނަލް އަޤްވާމީ ޖިނާއީ ކޯޓުގެ މެންބަރުންނެއް ނޫނެވެ. ފަލަސްޠީނަށް މި ކޯޓުގެ މެންބަރުކަން ލިބުނީ 2015 ގައެވެ.

އިސްރާއީލުގެ ޗެނެލް 13 ޓީވީ ބުނާގޮތުގައި އިސްރާއީލުގެ ބައެއް މަސްއޫލުވެރީން ހައްޔަރުކުރުމުގެ އަމުރު މި ކޯޓުން ނެރެފާނެތީ އިސްރާއީލުގެ ބައެއް މަސްއޫލުވެރީން ކަންބޮޑުވެވަޑައިގަންނަވައެވެ.

އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުގައި ހައްޔަރުކުރުމުގެ އަމުރު ނެރެވޭ އިސް ބޭފުޅުންގެ ތެރޭގައި ބޮޑުވަޒީރު ނަތަންޔާހޫއާއި ދިފާޢީ ވަޒީރު މޫޝޭ ޔަޢުލޫނާއި ދިފާޢީ ވަޒީރު ބެނީ ޣެންޓްސްއާއި އިސްރާއީލުގެ ސިފައިން ބައެއް ޖެނެރަލުން ހިމެނެއެވެ. ޣެންޓްސް 2014ގައި ހުންނެވީ ޗީފް އޮފް ސްޓާފްގެ މަޤާމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *