Support Us

ނަހަމަ ހަދިޔާ

ކުރިޔަށް އޮތީ ވޯޓެއްގެ ދުވަސްވަރެވެ. އަދި އެއީ ތަކުރާރުވާނެ ދުވަސްތަކެކެވެ. އެފަދަ ދުވަސްތަކުގައި އިވޭ އެއްއަޑަކީ ރިޝްވަތުގެ އަޑެވެ. ނުވަތަ ވޯޓް ގަންނައަޑެވެ.

ވޯޓަކީ އަމާނަތެކެވެ. މާތް الله سبحانه وتعالى، وحي  ކުރެއްވިއެވެ. إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا ﴿النساء ٥٨﴾ މާނައީ: ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمرކުރައްވަތެވެ.

ވޯޓް ދިނުމުގައި ނުވަތަ މަސްއޫލުވެރިޔަކު ހޮވުމުގައި ބަލަންޖެހޭ މިންގަނޑުތަކެއް ވެއެވެ. އެއީ މުސްލިމަކު ކަމުގައި ވުމާއެކު ނަމާދު ޤާއިމްކުރާ އަދި އެމީހެއްގެ ވެރިކަން ނުވަތަ ލިބޭ ބާރެއް އިސްލާމީ ޝަރީޢަތާ އެއްގޮތް ވާގޮތުގެ މަތީން ބަހަށްޓާނެކަމުގެ އުއްމީދެއް އޮތް މީހެއްތޯ ބަލަންޖެހޭނެ ކަމަށް ދެކެމެވެ. އެގޮތުން ޝަރީޢަތުގައި ކަޑައެޅިފައިވާ ޙައްދުތަކަށް އިންކާރުނުކުރާ އަދި ދީނީ ހޭލުންތެރިކަމަށް އިސްކަންދޭ އަދި ދީނީ ޢިލްމުވެރީންނާއި ރައްޔަތުންނަށް އިޙްތިރާމްކުރާ މީހަކަށް ވާނެ ކަމުގެ އުއްމީދުކުރެވޭ މީހެއްތޯ ބަލަންޖެހޭނެ ކަމަށް ދެކެމެވެ. އަދި އެމީހަކީ ﷲގެ އަޅުތަކުން އެ އިލާހުގެ ކިބައަށް ކިޔަމަންތެރިކުރުވުމަށް މަސައްކަތްކުރާނެ ކަމުގެެ އުއްމީދުކުރެވޭ މީހެއްތޯ  ބަލަންޖެހޭނެ ކަމަށް ދެކެމެވެ. އަދި ތެދުމަގުގައި އުޅުމަށް ކަންފަސޭހަކޮށްދޭ މީހަކަށްވުމާއި އަނިޔާވެރިން ކުރާ އަނިޔާ މަނާކުރާ މީހަކަށްވުމާއި ޢަދުލު އިންސާފު ޤާއިމްކުރާ މީހަކަށްވުމާއި ދުނިޔެވީ ކަންތައްތައް ޙަލާލުގޮތުގައި ފަސޭހަކޮށްދޭނެ ކަމުގެ އުއްމީދުކުރެވޭ މީހެއްތޯ ބަލަންޖެހޭނެ ކަމަށް ދެކެމެވެ. ވޯޓް ހޯދަން ބޭނުންވާ މީހާ ރައްޔަތުން ދޭންޖެހޭނީ އިސްވެދިޔަ ކަންތައްކުރާނެ ކަމުގެ ޔަޤީންކަމެވެ. ރައްޔަތުން ވޯޓްދޭންޖެހެނީ އޭނާ ދުލުންދޭ ޔަޤީންކަމުގެ މައްޗަށެވެ. ނަމަވެސް އިވޭއަޑު ތަފާތެވެ. އިވޭ އެއް އަޑަކީ ހަދިޔާގެ އަޑެވެ.

ހަދިޔާ ދިނުމަކީ، އޭގެ ޒާތުގައި ނުރަނގަޅު ކަމެއް ނޫނެވެ. އެއީ ރަނގަޅު މާތް އިސްލާމީ އާދައެކެވެ. ނަމަވެސް ވޯޓާ ދިމާކޮށް ޙަދިޔާ ދިނުމަކީ ބޮޑު މައްސަލައެކެވެ.

ޢުމްރުބްނު ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. "ޞަލާމާއި ޞަލަވާތްލެއްވި ރަސޫލާގެ ދުވަސްވަރު ހަދިޔާ ދެވެނީ ހަދިޔާގެ ގޮތުގައެވެ. ނަމަވެސް މިއަދުގެ ހަދިޔާއަކީ ރިޝްވަތެކެވެ". އެހެންކަމުން އަޅުގަނޑު ބުރަވާގޮތުގައި ވޯޓްގެ ދުވަސްވަރު ދެވޭ ހަދިޔާއަކީ ރިޝްވަތެކެވެ.

މުޖުތަމަޢެއްގައި، ރިބާއާއި ރިޝްވަތު ފަދަ ޢަމަލުތައް ގިނަވެއްޖެނަމަ، އެޤައުމަކަށް ތަދުމަޑުކަމާއި ބިރުވެރިކަން ޢާންމު ވެދާނެކަމަކީ ދޮގުނުކުރެވޭފަދަ ދިނީ ބަސްފުޅުތަކުން އެނގިފައިވާ ހަޤީޤަތެކެވެ. މިފަދަ ކަންކަމުގެ ނަތީޖާއަކަށްވާނީ މުޖުތަމަޢުން އިންސާނިއްޔަތުކަން ނެތިދިޔުމެވެ.

ނަހަމަ ހަދިޔާގެ ނަމުން މިލިޔުން ޝާއިޢުކޮށް އޭގެ ޕީ.ޑީ.އެފް ފައިލު ރައްޔަތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގެ މަޤްޞަދަކީ، ރިޝްވަތަކީ ޤައުމުގެ ބާއްޖަވެރިކަމާއި އަދި މުޖުތަމަޢުން އިންސާނިއްޔަތުކަން ނައްތާލާ ވަބާއެއް ކަމަށްވެފައި އެކަމަކާމެދު ކަނޑައެޅިގެން އެތައް އެތައް އިންޒާރުތަކެއް އައިސްފައިވާތީ އެވަބާއިން އަޅުގަނޑުގެ މިލޮބުވެތި ޤައުމު ސަލާމަތް ކުޅައުމުގެ މަތިވެރި މަޤްސަދުގައެވެ.

"ނަހަމަ ހަދިޔާ"ގެ ސުރުޚީއަށް 1990 ގައި އަޅުގަނޑު ވަނީ ކުޑަކުޑަ ލުއިފޮތެއް ނެރޭނަމޭ ހިތުލައިގެން ކަރުދާހެއް ތައްޔާރުކޮށްފައެވެ. ނަމަވެސް އެކަންކުރުމަކަށް މަގެއްފަހި ނުވިއެވެ. އެކަރުދާސް ބައްލަވަން ބޭނުންފުޅުނަމަ ތިރީގައި އެވާ ލިންކަށް ތިއްޕަވާލައްވާށެވެ.

https://docdro.id/Qp6bCLu