Support Us

އަންހެނުންގެ ޤާޟީކަން: ފިޤްހުގެ ބަހާއި ޤާނޫނުގެ ބަސް

"ދިވެހިސަރުކާރުން އަންހެނުންނަށް ޤާޟީކަން ދިނުމުގެ ސިޔާސަތު އަލުން މުރާޖަޢާކޮށް ކީރިތި ޤުރްއާނާއި ސުއްނަތުގެ އަލީގައި، ޚާއްޞަކޮށް ޝާފިޢީ މަޒުހަބަށް ފެތޭގޮތަށް، އަދި ޢާއްމުކޮށް ފިޤްހު ޢިލްމުވެރީންގެ މެޖޯރަޓީ އާ އެއްގޮތަކަށް އަންހެނުންނަށް ޤާޟީކަން ދިނުމުގެ ސިޔާސަތު ކަނޑައަޅަން އިލްތިމާސް ކުރަމެވެ."

މިއީ އަންހެން ފަޑިޔާރުންގެ މަޤާމާއިމެދު އޮޅުންބޮޅުމުގެ މޭރުން ޢާއްމުންގެ މެދުގައި ވާހަކަ ފެތުރޭތީވެ، އެކަމުގައިވާ ފިޤްހުގެ ބަހާއި ޤާނޫނުގެ ބަސް ދަނެގަތުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ.

މި ދިރާސާއިން ހޯދުނު ނަތީޖާއަކީ، ފިޤްހު ޢިލްމުވެރީންގެ ނަޒަރުގައި ޤާޟީކަމުގެ މަފްހޫމަކީ ދައުލަތުގެ އިސްވެރިކަމުގެ ތެރެއިން ވެރިކަމެއް ކަމަށެވެ. ޖުމުހޫރު (މެޖޯރެޓީ) ފިޤްހު ޢިލްމުވެރީން، އޭގެތެރޭގައި ޝާފިޢީ މަޒުހަބާއި، ޙަންބަލީ މަޒުހަބާއި، މަލިކީ މަޒުހަބުގެ ޖުމުހޫރު ފިޤްހުޢިލްމުވެރީންނާއި، ޙަނަފީ މަޒުހަބުގެ ތެރެއިން އަލްއިމާމު ޒުފަރުގެ ބަހަކީ އަންހެނުން ޤާޟީ ކަމަށް ޢައްޔަންކުރުން ހުއްދަ ނުވުމެވެ.

މަޝްހޫރު ހަތަރު މަޒުހަބު ކަމުގައިވާ ޙަނަފީ، ޝާފިޢީ، މާލިކީ، ޙަންބަލީ މަޒުހަބުގެ ހުރިހާ ފިޤްހު ޢިލްމުވެރީން (الطبريގެ މަޒުހަބު ކަށަވަރުނުވާތީވެ، އެބޭކަލަކު އިސްތިސްނާކޮށް) ދެން ތިއްބެވި ހުރިހާ ބޭކަލުން އިއްތިފާޤުވާ ގޮތުގައި އަންހެނުންނަށް ޤާޟީކަން އާއްމުކޮށް ހުރިހާ މައްސަލަތައް ބެލުން ހިމެނޭ ގޮތަށް ދިނުން ޙުއްދަވެގެން ނުވެއެވެ.

އަންހެނުންނަށް ޤާޟީކަން އާއްމުކޮށް ހުރިހާ މައްސަލަތައް ބެލުން ނުހިމެނޭ ގޮތަށް ދިނުމާމެދު މާލިކީ މަޒުހަބުގެ ތެރެއިން ابن القاسم އާއި އަދި ابن زرقون ގެ ރައުޔަކީ އަންހެނުން ހެކިބަސް އަދާކުރުން ހުއްދަވާ މައްސަލަތަކުގައި އަންހެނުން ޤާޟީކަމަށް އިސްކުރުން ހުއްދަކަމުގައި ނަޤުލުކުރެވިފައިވެއެވެ. ޙަނަފީ މަޒުހަބު ދިރާސާކުރުމުން ލިބުނު ނަތީޖާއަކީ، ޙައްދު ކަނޑައެޅޭ މައްސަލަތަކާއި ޤިޞާޞް ހިފެވޭ މައްސަލަތަކުގައި އަންހެނުން ޤާޟީކަމަށް ޢައްޔަންކުރުން ހުއްދަ ނުވުމެވެ. ނަމަވެސް އަންހެނުންނަށް ހެކިބަސް އަދާކުރެވޭ މައްސަލަތަކުގައި އަންހެނުން ޤާޟީކަން ކުރުމަކީ ފާފަވެރިވުމާއި އެކު ހުއްދަ ކަމެއްކަމަށެވެ. ފާފަވެރިވުމާއި އެކު ކަމެއް ހުއްދަވުމަށް އެމަޒުހަބުގައި ކިޔަނީ "مكروه تحريم"  އެވެ. ޙަނަފީ މަޒުހަބުގެ ބޯދާ ފިޤްހު ޢިލްމުވެރިއަކު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ޞަރީޙަ ޢިބާރަތަކުން، އަންހެނުން ފަނޑިޔާރުކަމަށް އިސްކުރުން ހުއްދަކަމަށް ބުނެފައިނުވެއެވެ. މިސާލަކަށް (تعيين) ޢައްޔަންކުރުމުގެ ލަފުޒުން، ނުވަތަ (تولية) މަޤާމަކަށް އިސްކުރުމުގެ ގެލަފުޒުން އަންހެނުން ފަނޑިޔާރުކަމަށް އިސްކުރުމުގައި ނުވަތަ ޢައްޔަންކުރުމުގައި އެމަޒުހަބު ބަޔާންކުރައްވާފައިނުވެއެވެ. ޙަނަފީ މަޒުހަބުގެ ބޯދާ ފޮތްތަކުގައި ފެންނަންހުރީ ހަމައެކަނި އަންހެނުންގެ ހެކިބަސް ޤަބޫލުކުރެވޭ ކަންތައް ތަކުގައި އަންހެނަކު ޤާޟީކަމަށް އިސްކުރެވި ޙުކުމެއްކޮށްފިނަމަ އެކުރި ނިޔާއެއް ޞައްޙަވުމާއި ނުވަތަ ޞައްޙަ ނުވުމުގެ މައްޗަށް ވާހަކަ ދައްކަވާފައިއެވެ. ބޭނުންކުރައްވާފައިހުރީ މުޅީންވެސް (قضاء) ގެ ލަފުޒެވެ. އެބަހީ ޤާޟީކަންކުރުމުގެ ލަފުޒެވެ. ނުވަތަ ޤަޟިއްޔާ ހިންގުމުގެ ލަފުޒެވެ.

އަންހެނުން ޤާޟީކަންކުރުން ހުއްދަކަމަށް الأمام ابن جرير الطبري އަށް ނިސްބަތްކުރެވުނު  މަޒުހަބާއި މެދު ގޮތެއްނިންމުން ދަތިއެވެ. ސަބަބަކީ ފަހުގެ ޢިލްމުވެރީން އެކަމުގައި ދެފަޅިކަށް ބައިވިއެވެ. އެއްފަޅިން ދެލެއްވީ ޞައްޙަ ސަނަދަކުން އެކަން ސާބިތުނުވާ ކަމަށެވެ. އަދި އަނެއްފަޅިން ދެކެލެއްވެވީ އެކަން ޤަބޫލުކުރެވޭކަމަށެވެ. ނަމވެސް އެއްވެސް ޙުއްޖަތެއް ދެފަރާތުން ވެސް ދައްކަވަފައިނުވެއެވެ.

الأمام ابن حزمގެ الظاهري މަޒުހަބަކީ މިކަމުގައި އޮތް އެންމެ ނާދިރު މަޒުހަބެވެ. އެމަޒުހަބުގައި ވަނީ ހުރިހާ އަޙްކާމު ތަކެއްގައި ޤާޟީކަން ކުރުން އަންހެނުންނަށް ހުއްދަކަމަށެވެ.

އަންހެނުން ޤާޟީކަމަށް އިސްކުރުން މަނާކުރާ ނުވަތަ ހުއްދަކުރާ ޞަރީޙަ ނައްޞެއް (ދަލީލެއް) ޤްރުއާނުން އަދި ޙަދީޘުން ލިބިފައިނުވާ ކަމަށް ބާޙިޘަށް ބުރަވެއެވެ. އަދި މިކަމުގައި ފުރިހަމަ އިޖުމާޢު ނުލިބޭ ކަމަކަށް ބާޙިޘަށް ބުރަވެއެވެ.

ހުރިހާ ޢިލްމުވެރީންވެސް  އަންހެނުން ޤާޟީކަމަށް އިސްކުރުން މަނާކުރުމަށް ނުވަތަ ހުއްދަކުރުމަށް ދަލީލު ނެންގެވީ އިޖުތިހާދު ކުރައްވައިގެންނެވެ. ޤިޔާސްކުރެއްވި އަސާސަކީ ( لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً) ގެ ޙާދީޘަށެވެ.

ޖުމުހޫރު ޢިލްމުވެރީ އަންހެނުން ޤާޟީކަމަށް ޢައްޔަންކުރުން ހުއްދަ ނުވާކަމަށް ދަލީލު ދެއްކެވީ ޤްރުއާނުގެ ބައެއް އާޔަތްތަކަށާއި، އިސްވެދިޔަ ޙަދީޘަށާއި އަދި ބައެއް އެހެން ޙަދީޘްތަކުގެ މައްޗަށް ޤިޔާސްކުރައްވައިގެންނެވެ. އަދި އަންހެނުން ޤާޟީކަމަށް ޢައްޔަންކުރުން މަނާކަމަށް އިޖްމާޢު ލިބޭކަމަށް ދެކިގެންނެވެ. އަދި ބުއްދީގެ ނަޒަރިއްޔާތަކުގެ މައްޗަށް ވެސް ބުރަވެއެވެ. ޙަނަފީ ބޭކަލުން އަންހެނުން ޤާޟީކަންކުރުން ހުއްދަ ކަމަށް ދަލީލު ދެއްކެވީ ޤާޟީކަން ހެކިބަހުގެ މައްޗަށް ޤިޔާސް ކުރައްވައިގެންނެވެ. އެއީ ހެކިބަސް އަދާކުރުމުގެ އަހުލުވެރިވުގެ ސިފައަކީ، ޤާޟީއަކަށް ވުމުގެ އަހުލުވެރިކަމުގެ ސިފަކަމަށް ބަލައިގެންނެވެ. އަދި ހެކިބަސް އަދާކުރުމާއި ޤާޟީކަމަކީ، އެދެކަމުގައިވެސް ވެރިކަމުގެ ސިފަ އެކުލިވެންވާ ދެކަމެއްކަމަށް ބަލައި، ހެކިބަސް އަދާކުރުން ހުއްދަވާކޮންމެ ކަމެއްގައި ޤާޟީއަކަށްވުން ހުއްދަކަމަށް ދެކިގެންނެވެ. އަންހެނުން ޤާޟީކަމަށް އިސްކުރުން الأمام ابن جرير الطبري ގެއަރިހުގައި ހުއްދަކަމަށް ނަޤުލުކުރެއްވެވީ فتح الباري ގައި  الإمام ابن حجرއާއި، بداية المجتهد ގައި الإمام ابن رشد އެވެ. އެއްވެސް ދަލީލެއް ބަޔާންކުރައްވާފައިނުވެއެވެ. އިބްނު ޙަޒުމް، ނުވަތަ ޡާހިރީ މަޒުހަބުން ދަލީލު ދެއްކެވީ ޤާޟީކަން، ހެކިބަހުގެ މައްޗަށާއި، ޢާއިލީ މަސްއޫލިއްޔަތުގެ ޒިއްމާ އަށާއި، ޙިސްބާގެ ވަޒީފާ އަށާއި ފަތުވާދިނުމުގެ ވަޒީފާއަށް ޤިޔާސްކުރައްވައިގެންނެވެ. ހުރިހާ ފިޤްހު ޢިލްމުވެރީން ދަލީލު ނެންގެވުމަށް ކުރެއްވި އިޖުތިހާދާއި، ޤިޔާސް ކުރެއްވިގޮތް ރަނގަޅެވެ. ޙުއްދަކަމަށް ކުރެއްވި ޤިޔާސްގައްޔާއި ހުއްދަނޫން ކަމަށް ކުރެއްވި ޤިޔާސްގައިވެސް ޢިލްމީ އޮއްޓަރު އެކުލެވިގެންވެއެވެ. އެހެންކަމުން ދީނީ މުއައްސަސާއަކުން ފިޤްހު ޢިލްމުވެރީންގެ ރައުޔުތަކުގެ ތެރެރެއިން ރައުޔެއް ނަގައި، އެރައުޔަކަށް އިސްކަންދޭންޖެހޭ ޝަރްޢީ ސަބަބަބު ކަށަވަރު ކުރެވިއްޖެނަމަ އެއަށް ޢަމަލުކުރުމަށް ނިންމުމުގައި ޝަރްޢީ ހުރަހެއްނެތެވެ.

ނަމަވެސް ދިވެހިސަރުކާރުން އަންހެނުންނަށް ޤާޟީކަން ދެއްވާފައިވަނީ ފިޤްހުގެ މަޝްހޫރު ދެ މަޒުހަބު ކަމުގައިވާ ޝާފިޢީ މަޒުހަބާއި ޙަންބަލީ މަޒުހަބާ މުޅީން ޚިލާފަށެވެ. އަދި ފިޤްހުގެ މަޝްހޫރު މަޒުހަބެއް ކަމުގައިވާ މާލިކީ މަޒުހަބުގެ އަޢުލަބިއްޔަތާއި ޚިލާފަށެވެ. އަދި ޙަނަފީ މަޒުހަބުގައި އަންހެނުން ޤާޟީކަންކުރުން ހުއްދަކަށް ބެލިކަމުގައި ވިޔަސް އެ ހުއްދަ ލިބެނީ ޙައްދު ކަނޑައެޅޭ މައްސަލަތަކާއި ޤިޞާޞް ހިފެވޭ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތަކުގައި ކަމަށް ވެފައި، ދިވެހިސަރުކާރުން އަންހެނުންނަށް ޤާޟީކަން އާއްމުކޮށް ހުރިހާ މައްސަލަތައް ބެލުން ހިމެނޭގޮތަށް ދެއްވާފައިވާތީވެ އެނ ިންމުން ޙަނަފީ މަޒުހަބަކަށް ވެސް ނުފެތެއެވެ. ފިޤްހު ޢިލްމުވެރީންގެ ތެރެއިން އިބްނު ޙަޒުމް، ހުރިހާ އަޙްކާމު ތަކެއްގައި ޤާޟީކަން ކުރުން އަންހެނުންނަށް ހުއްދަކަމަށް ވިދާޅުވެފައި ވީނަމަވެސް ޡާހިރީ މަޒުހަބަކީ ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ މަޒުހަބެއްނޫނެވެ. އެމަޒުހަބަށް ޢަމަލުކުރަން ވެއްޖެނަމަ ނުވަތަ އެނޫންވިޔަސް ދިވެހި ރާއްޖޭގައި ޢަމަލުކުރެވޭ މަޒުހަބުފިޔަވައި އެހެން މަޒުހަބަކަށް ވަކިބާވަތެއްގެ މައްސަލަތަކުގައި ޢަމަލު ކުރުން މުހިއްމު ވެއްޖެނަމަ އެކަމެއް ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން، ނުވަތަ ރައްޔަތުންނާ ގުޅޭ ދީނީ މުއައްސަސާއަކުން ބަޔާންކޮށް ޝާއިޢު ކުރަންޖެހޭނެ ކަމަށް ފެނެއެވެ.

ޤާނޫނުގައި އަންހެނުންގެ ޤާޟީކަމާއިމެދު ވަކިއެއްޗެއް ބުނެފައިނުވެއެވެ. ޤާނޫނު ބާރުއަޅާފައިއޮތީ އެމަގާމުގައި ހުންނަ މީހަކީ މުސްތަޤިއްލު މީހަކަށް ވާންޖެހޭނެ ކަމަށާއި، އެމީހަކީ ހުރިހާ ވަގުތެއް ފަނޑިޔާރުކަމަށް ތަޚްޞީޞު ކުރެވޭނެ މީހަކަށް ވުމަށެވެ. އަންހެނުންނަކީ ދީނީ ގޮތުން ފިރީންނަށް ކިޔަމަންގަތުން ވާޖިބުވެފައިވާ ބަޔަކަށް ވާތީއާއި، އަދި ވިހެއުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ބަޔަކަށްވާތީއާއި އަންހެނުންނަށް މެދުވެރިވާ ޝަރްޢީ ޢުޒުރު ތަކުގެތެރޭގައި ހިމެނޭ ޙައިޟު ވެރިވުމުގެ ކަންތަކަކީ މެޑިކަލް ސައިންސް ބުނާގޮތުން އަންހެނާގެ ޠަބީޢަތާއި މިޒާޖު ބަދަލުވާ ކަންތައްތަކަށް ވެފައި އެފަދަ ދުވަސްތަކުގައި ޝަރީޢަތް ކުރުމީ މަނާކަމަކަށް ވާތީވެ އަންހެނުންގެ މުސްތަޤިއްލުކަމާއި އަދި ހުރިހާ ވަގުތެއް ފަނޑިޔާރުކަމަށް ތަޚްޞީޞު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ޤާނޫނަކުން ކަނޑައަޅަންޖެހޭނެކަމަށް ފެނެއެވެ. އެގޮތުން ބަލާއިރު ދިވެހިސަރުކާރުން އަންހެނުންނަށް ޤާޟީކަން ދެއްވާފައިވަނީ ޤާނޫގައި ބުނާ މުސްތަޤިއްލު މީހަކަށް ވާންޖެހޭނެކަމުގެ ޝަރުޠާއި، އެމީހަކީ ހުރިހާ ވަގުތެއް ފަނޑިޔާރުކަމަށް ތަޚްޞީޞު ކުރެވޭނެ މީހަކަށް ވުމުގެ ޝަރުޠު ކަށަވަރުނުކޮށެވެ.

އެހެންކަމުން ދިވެހިސަރުކާރުން އަންހެނުންނަށް ޤާޟީކަން ދިނުމުގެ ސިޔާސަތު އަލުން މުރާޖަޢާކޮށް ކީރިތި ޤުރްއާނާއި ސުއްނަތުގެ އަލީގައި، ޚާއްޞަކޮށް ޝާފިޢީ މަޒުހަބަށް ފެތޭގޮތަށް، އަދި ޢާއްމުކޮށް ފިޤްހު ޢިލްމުވެރީންގެ މެޖޯރަޓީ އާއި އެއްގޮތަކަށް އަންހެނުންނަށް ޤާޟީކަން ދިނުމުގެ ސިޔާސަތު ކަނޑައެޅުމަށް އަދިވެސް އެއްފަހަރު ވަޞިއްޔަކޮށް އިލްތިމާސް ކުރަމެވެ.

ނޯޓް: މިދިރާސާ އެއްކޮށް ވިދާޅުވުމަށް