Support Us

2018 ވަނަ އަހަރުގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާ އާމިރު ހުށަހަޅުއްވައިދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

ހުސެއިން އާމިރު: ގައުމީ އިނާމުގެ ޚިދުމަތްތެރިޔާ

"އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު މި ފަހަރު ލިބިވަޑައިގަންނަވާ ބޭފުޅަކީ، ދިވެހި ދައުލަތުގެ ފަރާތުން ގައުމީ އިނާމު ދެއްވަން 1979 ވަނަ އަހަރު ފައްޓަވައިގެން މިހާތަނަށް މިވީ 41 އަހަރު ދުވަހުގެ ތެރެއިން 27 އަހަރުގެ ދިގު މުއްދަތެއްގައި މިކަމުގެ ތެރޭގައި އުޅުއްވާފައިވާ ބޭފުޅެއް. ގައުމީ އިނާމު ދެއްވުމަށް ދިވެހި ސަރުކާރުގެ ފަރާތުން ބާއްވަވާ ރަސްމީ ޖަލްސާތަކުގެ ސްޓޭޖްމަތީގައި 1993 ވަނަ އަހަރުން ފެށިގެން އޭނާ ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ. މިގޮތުން ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް އިއުލާންކޮށްދެއްވައި، އެ ބޭފުޅުންގެ ވަނަވަރު، 2004 ވަނަ އަހަރުން ފެށިގެން ވިދާޅުވެދެއްވަމުން ގެންދަވަނީ އޭނާ. ގައުމީ އިނާމު ދެއްވާ ޖަލްސާ އޭނާ ހުށަހަޅުއްވާދެއްވާ މިއީ 16 ވަނަ އަހަރުކަން ފާހަގަކުރެވޭ. ދިވެހި ތާރީޚުގައި އޭނާގެ ނަންނަ ލިޔެވިގެން ދާނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް 1979 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވަޑައިގެންނެވި ފަސް ރައީސުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތްޕުޅު ކުރައްވަމުން، އަދި އެ ފަސް ރައީސުންގެ އަތްޕުޅުން ގައުމީ އިނާމު ދެއްވުމަށް، ފާއިތުވި 16 އަހަރު ދުވަހު ދައުވަތު ދެއްވައި، އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް އިއުލާންކޮށްދެއްވައި، އެ ބޭފުޅުންގެ ވަނަވަރު ވިދާޅުވެދެއްވި ހަމައެކަނި ބޭފުޅާގެ ގޮތުގައި. އަދި ހަމަ އެހެންމެ 2008 ވަނަ އަހަރާއި 2011 ވަނަ އަހަރާއި 2013 ވަނަ އަހަރު އޮތް "ދިވެހި ދައުލަތުގެ ޢިއްޒަތް" އެރުވުމުގެ ރަސްމިއްޔާތުގައި، "ދިވެހި ދައުލަތުގެ ޢިއްޒަތް" ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް އިއުލާންކޮށްދެއްވައި، އެ ބޭފުޅުންގެ ވަނަވަރު ވިދާޅުވެދެއްވީ ވެސް އޭނާ. ދެހާސް ނުވަވަނަ ވަނަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ ގައުމީ އިނާމު ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން. މިހާރު އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސްގެ މަގާމުގައި.
ދިވެހި ދައުލަތުގެ އިއްޒަތާއި ގައުމީ އިނާމުތައް ދެއްވުމުގެ ދާއިރާއިން، އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު، އަލްފާޟިލް ހުސެއިން އާމިރު، ހ. މާދޫގެ."

ގައުމީ އިނާމު ދިނުމުގެ ޖަލްސާއެއް އާމިރު ހުށަހަޅުއްވައިދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

ޝައްކެއް ނެތެވެ. މިއީ ވަރަށް ގިނަ ބަޔަކު އަޑުއަހާލަން ކެތްމަދުވެފައި ތިބި އިބާރާތްތަކެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ގައުމީ އިނާމު ދިނުމުގެ ރަސްމީޔާތުތަކާއި ދިވެހި ދައުލަތުގެ އިއްޒަތް އެރުވުމުގެ ރަސްމީޔާތުތައް އެންމެ ބޮޑަށް ގުޅިފައިވަނީ ހުސެއިން އާމިރުގެ ހުށަހެޅުއްވުމާއެވެ. އެހެން ހުރިހައި މޫނަކާއި އަޑެއް ބަދަލުވެގެންދިޔަ ނަމަވެސް ފާއިތުވި 27 އަހަރު ބޭއްވި ގައުމީ އިނާމު ދިނުމުގެ ރަސްމީޔާތުތަކުގެ ސްޓޭޖުމަތިން ބަދަލުނުވާ ހަމައެކަނި މޫނާއި އަޑަކީ އެއީއެވެ. އެ އަޑު މިހާރު ވެސް ކަންފަތުގައި ޖެހޭ ކަހަލައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ މައުމޫން އަބްދުލްގައްޔޫމު ހަވާލުވެވަޑައިގަތް ފުރަތަމަ އަހަރު ތައާރަފު ކުރެއްވި ގައުމީ އިނާމު، 1979 ގައި އެންމެ ފުރަތަމަ ދެއްވަން ފެއްޓެވިއިރު، އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް އިއުލާންކޮށްދެއްވައި، އެ ބޭފުޅުންގެ ވަނަވަރު އެންމެ ފުރަތަމަ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމުގައި ތިއްބެވި ހަތަރު ބޭފުޅެކެވެ. އެންމެ ފުރަތަމަ، އޮނަރަބަލް ޢަބްދުﷲ ޖަމީލެވެ. ދެން، އޮނަރަބަލް އައްބާސް އިބްރާހީމެވެ. ދެން، އޮނަރަބަލް ޢަބްދުއްރަޝީދު ޙުސައިނެވެ. ދެން، އޮނަރަބަލް ޢަބްދުﷲ ޝާހިދެވެ. އެ މަސައްކަތް އާމިރާ ހަވާލުކުރެއްވީ 2004 ވަނަ އަހަރުން ފެށިގެންނެވެ. އެހެންކަމުން ގައުމީ އިނާމު ދެއްވާތާ މިވީ 41 އަހަރު ތެރޭގައި އެ ހަތަރު ބޭފުޅުން ވެގެން 25 އަހަރު، އަދި އާމިރު އެކަނި، 16 އަހަރު ވަނީ ގައުމީ އިނާމު ހުށަހަޅުއްވާދެއްވައިފައެވެ.

އާމިރުގެ އާއިލާގެ ބައެއް މެމްބަރުންނާއެކު…

"ރައީސް މައުމޫނު ބޭނުންފުޅުވެގެން 2004 ވަނަ އަހަރުން ފެށިގެން އިނާމުދިނުމުގެ ބައި އަޅުގަނޑު ހުށަހަޅަންފެށީ،" އާމިރު ވިދާޅުވިއެވެ.

އިނާމާބެހޭ ބައި ހުށަހެޅުއްވުމުގެ ކަންތައް 2004 އިން ފެށިގެން އާމިރު ކުރިޔަށް ގެންދެވި ނަމަވެސް، 1993 އިން ފެށިގެން ވެސް ސްޓޭޖްމަތިން އާމިރު ފެނެއެވެ. އިނާމު ފައިލް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅާ ހަމައަށް ނުވަތަ ރައީސް އަރިހުގައި ހުންނަވާ ވަޒީރެއްގެ އަތްޕުޅާ ހަމައަށް ގެންގޮސްދެއްވަނީ އާމިރެވެ.

އާމިރުގެ ދެ ދައްތަ އާއި ބޭބެއާއެކު (ކ-ވ) ޒާހިދާ، އާމިރު، އަލްއުސްތާޒު އަހުމަދު އަސްލަމް އަދި ނަސްރީން

ގައުމީ އިނާމު ދިނުމުގެ ޖަލްސާއަކީ، ވަރަށް ދުރާލައި އެކަމަށް ތައްޔާރުވެގެން، ވަރަށް ބޮޑަށް ރޭވިފައިވާ އިންތިޒާމެއްގެ ދަށުން ޒަމާނުއްސުރެ ބާއްވަމުން އަންނަ، ގައުމީ ފެންވަރުގެ އެންމެ ބޮޑު ޖަލްސާއެވެ. ގައުމީ އިނާމު އެންމެ ފުރަތަމަ ދެމުން އައީ ސަރުކާރުން ކަނޑައަޅާ ފަރާތްތަކަކަށް އެކަނި ކަމަށް ވީނަމަވެސް، ފަހުން ވަނީ އެކަން ފުޅާކުރައްވައި، ސަރުކާރުގެ ކަމާ ބެހޭ އޮފީސްތައް މެދުވެރިކޮށް ނަން ހުށަހެޅޭ ގޮތަށް ބަދަލުކޮށްފައެވެ. އެ ނަންތައް ދިރާސާކޮށް ބެލެހެއްޓީ ރައީސް އޮފީހުގެ ލެޖިސްލޭޓިވް ސެކްޝަނުންނެވެ. އެ ސެކްޝަނުން ފޮނުވާ ނަންތަކުގެ ތެރެއިން އިނާމު ދޭ ފަރާތްތައް ކަނޑައަޅަނީ ވަޒީރުންގެ ކޮމިޓީއަކުން ބެއްލެވުމަށްފަހު، ކެބިނެޓުންނެވެ.

އާމިރުގެ އާއިލާގެ ބައެއް މެމްބަރުން: ޖަމީ މިސް، ސީމާ، އާމިރު، ޖައިޝަން އަދި ޖައިލަމް

އެ ގޮތަށް އިނާމު ދިނީ ރައީސް މައުމޫން ގައުމީ އިނާމު ދެއްވި އެންމެ ފަހު އަހަރު ކަމަށްވާ 2007 އާ ހަމައަށެވެ. ޖެހިގެން އައި އަހަރު، 2008 ގައ،ި ގައުމީ އިނާމެއް ނުދެއެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ކަމަށް މުހައްމަދު ނަޝީދު ވަޑައިގެން، ގައުމީ އިނާމު ކޮމިޓީ 2009 ގައި އުފައްދަވައި، ތަފާތު ދާއިރާތަކުގެ ބޭފުޅުން އައްޔަންކުރެއްވިއެވެ. އެއާއެކު، ގައުމީ އިނާމުގެ ދާއިރާތައް ގިނަކޮށް، އިނާމަށް ކުރިމަތިލެވޭ އުސޫލުތައް ފަސޭހަކޮށް، ފުޅާކުރިއެވެ. އަދި އިނާމުދޭ ފަރާތްތައް ކަނޑައެޅުން އެ ކޮމިޓީއާ ހަވާލުކުރިއެވެ.

ގައުމީ އިނާމު ކޮމިޓީގައި ރައީސް އޮފީހުގެ ފަރާތުން އިންނަވާ މެމްބަރަކަށް އާމިރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ 2009 ގައި ރައީސް މުހައްމަދު ނަޝީދެވެ. އޭގެ ފަހުން، ރައީސް ޑރ. މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ގައުމީ އިނާމު ކޮމިޓީގައި ވެސް އާމިރު ހިމެނިވަޑައިގަނެއެވެ. އެ ކޮމިޓީގައި އެންމެ ގިނަ ދުވަސްވީ މެމްބަރަކީ ވެސް އޭނާއެވެ.

ގައުމީ އިނާމު ކޮމިޓީގައި މުގައްރިރެއް އިންނަވާ ނަމަވެސް، އެ ކޮމިޓީގެ ހުރިހައި ކަމެއް ހިންގުމާ ހަވާލުވެހުންނަވަނީ އާމިރެވެ.

2018 ވަނަ އަހަރުގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާ އާމިރު ހުށަހަޅުއްވައިދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

"ގައުމީ އިނާމު ދިނުން އެއީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މަސައްކަތް. އެހާ ދުރާލައި ތައްޔާރުވެ، އިއުލާންކޮށް، ފޯމުތައް ބަލައި، ޝޯޓުލިސްޓުކޮށް، އިންޓަވިއުކޮށް، ތަންތަނަށް ޒިޔާރަތްކޮށް، ވީޑިއޯ ނަގައި، ފޮޓޯނަގައި، ތައާރަފު ލިޔެ، ފޮތް ތައްޔާރުކޮށް، އިނާމުތަކާއި ސަނަދު ތައްޔާރުކޮށް މިހެން ގޮސް ހުރިހައި ކަމެއް،" އާމިރު ވިދާޅުވިއެވެ. "ގައުމީ އިނާމު ދިނުމުގެ ރަސްމީޔާތުގެ ކުރިން ބާއްވާނެ ރިހާސަލެއް ވެސް. އޭގައި އެނގޭނެ ކަން ކުރަންވީ ހުރިހައި ގޮތެއް. އޮޅުމެއް ނާރައި، އޮމާންކޮށް ކުރިއަށް ދަނީ ގިނަ ބައެއްގެ މަސައްކަތުން."

މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރޮޖެކްޓް އޮފިސަރ، ޓްރޭނީއެއްގެ ވަޒީފާއަށް އާމިރު ވެންނެވީ 15 މާޗު 1981 ގައެވެ. މިހާރު އޭނާ ހުންނެވީ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސްގެ މަގާމުގައެވެ. (ރައީސް އޮފީހުގެ ސެކްރެޓަރީންނަކީ ސްޓޭޓް މިނިސްޓަރުން ފެންވަރުގެ، ސިޔާސީ މަގާމެކެވެ.)

އާމިރުގެ އާއިލާގެ ބައެއް މެމްބަރުންނާއެކު

ރައީސް އޮފީހުގެ ގިނަ ސިޔާސީ މަގާމުތަކަކީ ވެސް ވެރިކަން ބަދަލުވުމާއެކު، ބަދަލުވަމުންދާ މަގާމުތަކެކެވެ. އަލަށް ވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާއާއެކު، ބަދަލުނުވާ މަދު ބޭފުޅުންގެ ތެރޭގައި އަބަދުވެސް އާމިރު ހިމެނެއެވެ.

"ރައީސް އޮފީހުގައި އަޅުގަނޑު ވަޒީފާ އަދާކުރާތާ އަންނަ އަހަރު 40 އަހަރު ފުރިހަމަވާނެ،" އާމިރު ވިދާޅުވިއެވެ. "އެންމެ އުފާވަނީ އެންމެ ދަށުން ފެށިގެން މިހާ ހިސާބަށް އާދެވުނީމަ. ވަޑައިގެންނެވި ހުރިހައި ރައީސުން ވެސް އަޅުގަނޑުގެ މަސައްކަތަށް އިތުބާރުކުރައްވާތީ އަޅުގަނޑަށް މިހާ ހިސާބަށް މި އާދެވުނީ. މި މަގާމުގައި މި ހުރެވުނީވެސް. އެއީ ޝުކުރުވެރިކަމާއެކު އަޅުގަނޑު ފާހަގަކުރާ ކަމެއް."

އާމިރު ވަނީ 1989 އިން ފެށިގެން 2015 އާ ހަމައަށް، ރައީސް އޮފީހުގެ ޚަބަރާ ބެހޭ ސެކްޝަން ހިންގަވައި، ރައީސުލްޖުމްހޫރިއްޔާގެ ޚަބަރުތައް ތައްޔާރުކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

އާއިލާގެ މެމްބަރެއްގެ އުފަންދުވަހުގެ ޕާޓީގައި އާމިރާއި ސީމާ

އާމިރު، 58، އަކީ ރާއްޖޭގެ ތައުލީމާއި ދިވެހި އަދަބިއްޔާތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރުހޫމު މާދޫގޭ އަލީ އަހުމަދުގެ 11 ބޭފުޅުންގެ ތެރެއިން ހަތް ވަނަ ބޭފުޅާއެވެ. އަލީ އަހުމަދުގެ "އާލިޔާ ސްކޫލް"ގެ ޕްރިންސިޕަލްކަން ވެސް، 1995 އިން ފެށިގެން 2010 އާ ހަމައަށް އާމިރު ކުރެއްވިއެވެ.

މަރުހޫމު އަލީ އަހުމަދަށް ވަނީ ތައުލީމަށް ހިދުމަތްކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1979 ގައި އަދި ދިވެހި ބަހަށް ހިދުމަތްކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1995 ގައި ލިބިވަޑައިގެންފައެވެ.

އާމިރުގެ އާއިލާ: (ބިއްދޮށުގައި) ފާތުމަތު ސީމާ އާއި ޖައިޝަން، (މަގަތުގައި) އާމިރާއި ޖައިލަމް، 2019 ގައި ސިންގަޕޫރުގައި

މީގެ 31 އަހަރު ކުރިން ފާތުމަތު ސީމާއާ ކައިވެނި ބައްލަވައިގެން އާމިރަށް ދެ ފިރިހެން ބޭފުޅުން ވަނީ ލިބިވަޑައިގެންފައެވެ. އެއީ 28 އަހަރުގެ މުހައްމަދު ޖައިލަމް އާމިރާއި 26 އަހަރުގެ އަލީ ޖައިޝަން އާމިރެވެ. މީގެ ތެރެއިން ޖައިލަމް ވަނީ ބެޗްލަރ އޮފް ސައިންސް އިން އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ މެނޭޖްމަންޓުން ފަރސްޓްކްލާސް އޮނާސް ހޯދައިފައެވެ.

އާމިރާއި ސީމާގެ ކައިވެންޏަށް 31 އަހަރު ފުރުން ފާހަގަކުރުމަށް އާއިލާގެ ފަރާތުން ރޭ ބޭއްވި ކުޑަ ހަފުލާއެއްގެ ތެރެއިން…

ޖައިޝަން ވަނީ، ސިންގަޕޫރުގެ ސިންގަޕޯރ އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓުން 2018 ވަނަ އަހަރު، ޔުނިވަރސިޓީ އޮފް ލަންޑަން، ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ ބެޗްލަރ އޮފް ސައިންސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް ކޯހުން، އެންމެމަތީ ދަރަޖައިގައި ފާސްވެ، ގޯލްޑް އެވޯޑް ހާސިލުކޮށްފައެވެ. އެއާއެކު، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2019 ގައި ޖައިޝަން އަށް ވަނީ ލިބިފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2019 ގައި ޖައިޝަން އަށް ދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

ގައުމީ އިނާމު ދިނުމުގެ މަސައްކަތުގައި ފާއިތުވި ދިގު މުއްދަތުގައި އާމިރު ކުރައްވައިފައިވާ މަސައްކަތްތައް ފުރިހަމަވެފައި ކާމިޔާބު ކަމަށް އެންމެން ވެސް ގަބޫލްކުރެއެވެ. އާމިރުގެ މަސައްކަތްޕުޅުތަކަށް ހުރިހައި ރައީސުން ވެސް ތައުރީފު ކުރައްވާނެކަން ޔަގީނެވެ. އެހެންވިއިރު މިހާރު މަދުވަނީ ހަމަ އެންމެ ކަމެކެވެ. ފެށުމުގައި އެވާ އިބާރާތްކޮޅު، އިވިގެންދާނެ ދުވަހަކަށެވެ. އަޅުގަނޑުމެން އެންމެން މިތިބީ އެ ދުވަހަކަށް އިންތިޒާރުކޮށް، އަތްތިލަބަޑި ޖަހަން ތައްޔާރަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
611
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *