ބޭނުންވާތަކެތި:
ފުށް
ކާށިކިރު
ރާނބާފަތް
ކާފޫރުތޮޅި
ހަކުރު
ތައްޔާރުކުރާނެ ގޮތް:
ފެންއަޅައިގެން ފުށްގަނޑު މޮޑެލާށެވެ. ފުށްގަނޑު މޮޑޭނީ ރޮށިފިހަން ފުށްގަނޑު މޮޑޭ ވަރަށްވުރެ ހަރުކޮށެވެ. އެއަށްފަހު ރޮށިގޮތަށް ދަމާލާ، ހިމަ ދިގުކޮށް ކަފާލުމަށްފަހު ކުދިކުދި އެތިއެތިކޮޅަށް ½ އިންޗި އެއްހާ މިންވަރަށް ބުރިކޮށްލާށެވެ. އެކަތި އަނެކަތި ތަތްނުލަވާނެހެން އޭގެ މައްޗަށް ކުޑަ ފުށްކޮޅެއް އަޅާފަ ބަހައްޓާށެވެ.
ފެން ތެއްޔަކަށް އެޅުމަށްފަހު ކައްކަން އުދާށެވެ. ފެން ކެކިގަތުމުން ތައްޔާރުކުރި ފުށްކޮޅުތައް އޭގެތެރެއަށް އަޅާށެވެ. ރާނބާފަތް، ކާފޫރުތޮޅި، ހަކުރު އެޅުމަށްފަހު ދޭފަތުން ހަލަމުން ކައްކާށެވެ. ފުށް ރަނގަޅަށް ރޯފިލުމުން ކާށިކިރު އަޅާފަ ކެކިގަތުމުން އުނދުންމަތިން ބާލާށެވެ.
ބައެއް މީހުން މި ވައްތަރު ކަނދި ކައްކާއިރު ހުވަނދުމާ ފެންވެސް ބޭނުންކުރެއެވެ. ހުވަދުއަތޮޅު ބައެއް ރަށްރަށުގެ މީހުން މި ކަންޖަށް "ފާ ބަތެފެނެ، ފާލީ ކަނދި" މިގޮތަށް ވެސް ކިޔައި އުޅެއެވެ.