Support Us

ކޮލަމް: ވިނަވި

އިންޑިއާ ރެސިޕީއަށް ރިހަ ކެއްކުން

އިންޑިއާ ރެސިޕީތަކަށް ރިހަ ކެއްކުމަކީ ތިޔަ ހީކުރައްވާހާ އުނދަގޫ ކަމެއް ނޫނެވެ. އެކަމަށް ތަޖުރިބާއެއް ވެސް އަދި މައުލޫމާތެއް ވެސް ބޭނުމެއްނުވެއެވެ. މި ލިޔުންތެރިޔާއަކަށް ވެސް ކުރިއަކުން ނޭނގެއެވެ. (މިހާރަކު ވެސް ނޭނގެއެވެ.)

އިންޑިއާ ކެއްކުމުގެ އެންމެ މުހިންމު ކަމަކީ ކައްކާ ޑިޝްގެ ނަން ޚިޔާރުކުރުމެވެ. އެކަން ކުރާނީ ގޫގްލްކޮށްގެނެވެ. ޝާހީ ޕަނީރު، ޗިކަން މުޣްލައި، މަޓަން ކޫރުމާ، ޗިކަން ކަޑައީ، ދޯސާ، އިޑްލީ ފަދަ ރީތި ނަމެއް ޚިޔާރުކުރުމަކީ ބޭނުންތެރި ކަމެކެވެ.  އޭގެ މާނަ ނޭގުނަސް އެއީ މައްސަލައެއް ނޫނެވެ.  މިއީ ވިހާ ބޭބީއަކަށް ނަން ކިޔުން ކަހަލަ ކަމެވެ. ކުއްޖާގެ ނަމާއި އެ ކުއްޖާގެ ސިފައާއި ކުލައާއި ގުޅެން ނުޖެހޭގޮތަށް ޑިޝްގެ ނަމާއި އެ ކައްކާގޮތާއި އަޅާ އެއްޗަކާއި ގުޅުމަކީ ލާޒިމް ކަމެއް ނޫނެވެ. އެހެނަސް ނަމުގައި ޗިކަން އޮތިއްޔާ ކައްކާ އެއްޗެއްގައި ކުކުޅުކޮޅެއް އޮތުން މުހިންމެވެ. ނެތިއްޔާ ކާ މީހުން މައްސަލަޖައްސާނެއެވެ. ގިނަ ދިވެހީންނަށް އެވަރު އެނގޭނެއެވެ.

ޑިޝްގެ ނަން ޚިޔާރު ކުރުމަށް ފަހު މެނޫގައި ލިޔެލާނީއެވެ. ދެން އޭގެ އަގު ޖަހާނީއެވެ. ކޮންމެހެން މާ ހެޔޮ އަގެއް ޖަހާކަށެއް ނުޖެހޭނެއެވެ. އެހެން ހަދައިފިއްޔާ އެއީ މާ ދެރަ އެއްޗެއްހެން ކަސްޓަމަރުންނަށް ހީވެދާނެއެވެ. މީގެ އިތުރުން، ލިބޭ ލާރިކޮޅު ވެސް މަދުވާނެކަން އަބަދު ވެސް ހަނދާން ކުރަން ވާނެއެވެ. މެނޫގައި ލިޔެލާ ހިސާބުން ނަމުގެ ބޭނުން އެ ނިމުނީއެވެ. އެހެނީ ކައްކާ އެއްޗަކާ ނަމާ އެއްވެސް ގުޅުމެއް ނޯންނާނެއެވެ.

ދެން އޮންނާނީ ހަވާދާއި ތަރުކާރީ ނެގުމެވެ. މީ މާ މުހިންމު ކަމެއް ނޫނެވެ. ފަސޭހައިން ލިބޭ އެއްޗެއް ނަގާނީއެވެ. އެކިއެކި ކެއްކުންތަކަށް އަޅަނީ ކޮންކޮން ތަރުކާރީތަކެއްކަން އެނގޭ ދިވެހީން ވަރަށް މަދުވާނެއެވެ. އެހެނަސް ބައިވަރު މިރުސް ނަގަން ހަނދާންކުރަން ވާނެއެވެ. ގަދައަށް ކުޅިކޮށްލީމާ ކާ މީހާއަށް އެ މީރުކަމެއް ނުބައިކަމެއް ތަނެއްދޮރެއް ނޭނގޭނެއެވެ. އެހެން ކަމުން މިރުހަކީ ކެއްކުމުގެ އެންމެ ވަރުގަދަ ހަތިޔާރެވެ. ގިތެޔޮމިރުސް ކޮންމެހެން ވެސް އަޅަން ވާނެއެވެ. އެއީ ގިތެޔޮމިރުހަކީ ދިވެހީންނަށް މީރު އެއްޗަކަށް ވާތީއެވެ. ހަޤީޤަތުގައި ގިތެޔޮމިރުހަކީ އިންޑިއާގެ އެއްވެސް ރެސިޕީއެއްގައި ހިމެނޭ އެއްޗެއެއް ނޫނެވެ. ނަސީބަކުން އެކަމަކީ ގިނަ ދިވެހީންނަށް ނޭނގޭ ކަމެކެވެ.

ދެން އޮންނާނީ ކެއްކުމެވެ. ފުރަތަމަ ބައިވަރު ތެލާއި ބަޓަރު އަޅައިގެން ފިޔާ މީރުކޮށްލާނީއެވެ. (މި ތަނުގައި 'މީރު' މި ބަސް ބޭނުންކޮށްފައި ވަނީ ހަމައެކަނި ނަމެއްގެ ގޮތުންނެވެ.) ދެން ހަވާދު އަޅައިގެން އިތުރަށް ކައްކާނީއެވެ. އެ ކަމަށް ކިޔަނީ ހަވާދު މީރުކުރުމެވެ. (މި ތަނުގައި ވެސް 'މީރު' ބޭނުންކޮށްފައިވަނީ ނަމެއްގެ ގޮތުގައެވެ.) ދެން އޮންނާނީ ކުކުޅުކޮޅު ނުވަތަ ބަކަރި މަސްކޮޅު ހެޔޮވަރަށް ކޮށާފައި އަޅާލައިގެން ރޯފިލުވުމެވެ. ގެރިމަސް ވެސް ބޭނުން ކުރަން ވާނެއެވެ. އެއީ ދިވެހީންނަށް ވަރަށް މީރު އެއްޗަކަށް ވާތީއެވެ. ހަޤީޤަތުގައި އިންޑިއާ ރެސިޕީތަކުގައި ހިމެނޭ އެއްޗެއް ނޫނެވެ. އެއީ ހިންދޫއިންނަށް ހަރާމް އެއްޗެކެވެ. (މިކަން ވެސް ގިނަ ދިވެހީންނަށް ނޭނގޭނެއެވެ.) އެންމެ ފަހުގެ ފިޔަވަޅަކަށް އޮންނާނީ ފެން އަޅައިގެން ބައިގަޑިއެއްހާއިރު ކެއްކުމެވެ. ފެން އަޅާނީ ލިބިފައި ހުރި އޯޑަރުތަކަށް ބަލައިގެން ކޮންމެ އޯޑަރަކަށް ތައްޓެއް ވާވަރަށެވެ. ލޮނު އަޅަން ހަނދާން ނެތިފައިވާނަމަ، މި ހިސާބުން ލޮނުކޮޅެއް ގިރާފައި އަޅާލާނީއެވެ.

ކޮންމެ ވިޔަފާރިއެކޭ ވެސް އެއްފަދައިން އިންޑިއާ ކެއްކުމުގެ ވެސް އެންމެ މުހިންމު ބަޔަކީ ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށް އިޝްތިހާރުކުރުމެވެ. އަންހެން ކުއްޖަކު ކައްކާތަން ފެންނަ ޓިކްޓޮކްކޮޅެއް ލެވިއްޖެއްޔާ ވަރަށް ހިނގާނެއެވެ. އެކުއްޖާ ދުވަހަކު ބަދިގެއަށް ނުވަނަސް، ރީތިއްޔާ ބަރާބަރުވާނެއެވެ. ކޮންމެގޮތަކަށް އިޝްތިހާރު ކޮށްގެން ވިޔަސް، ވިކެންޏާ އެ ނިމުނީއެވެ.

މިހާތަނަށް މި ބަޔާން ކުރެވުނީ މިހާރަކަށް އައިސް، ޚާއްސަކޮށް ކޮވިޑް އައި ފަހުން، މާލޭގެ ރެސްޓޯރަންޓްތަކުގައި އިންޑިއާ ކެއްކުންތައް ކައްކައި ހޯމް ޑެލިވަރީ ކުރާ ގޮތެވެ. އެންމެން އެހެން ނުހެދިޔަސް ގިނަ މީހުން ހަދަނީ އެހެންކަން ތަޖުރިބާގެ އަލީގައި އެނގެއެވެ. މިހެން ދެންނެވިޔަސް ހަޤީޤީ އިންޑިއާ ކެއްކުން ކައްކާ ރެސްޓޯރަންޓްތައް ވެސް މަދުމަދުން މާލޭގައި އެބަހުއްޓެވެ. މިސާލަކަށް ހުޅުމާލޭގެ ބޮމްބޭ ދަރުބާރު ނަންގަވާށެވެ. އެއީ ބޮމްބޭ (މިހާރު މުމްބައީ) ގައި އަމިއްލަ ރެސްޓޯރެންޓެއް ހިންގަވައި އެކަމުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅަކު ހުޅުއްވި ތަނެކެވެ. (ތި ޝައްކު ކުރެއްވިގޮތަށް މި ލިޔުންތެރިޔާއަކަށް އެތަނުން ކޮމިޝަނެއް ނުލިބެއެވެ.)

އަސްލީ އިންޑިއާގެ ކެއްކުމުގައި މައިގަނޑު ދެ ބާވަތެއް ހިމެނެއެވެ. އޭގެ ތެރެއިން ފުރަތަމަ ބާވަތަކީ އުތުރު އިންޑިއާ (ދިއްލީ، މުމްބައީއާއި ލަކަނޫ ހިމެނޭ ސަރަހައްދު)ގެ މުޣުލައީ ކެއްކުމެވެ. ދެވަނަ ބާވަތަކީ ދެކުނު ގެ 4 ސްޓޭޓް (އަންދުރާ، ކަރުނާޓަކާ، ޓެމިލް ނާޑޫއާއި ކެރަލާ) ގައި ކައްކާ ތަރުކާރީ ކެއުމެވެ.

މުޣުލައީ ކެއްކުމަކީ މީގެ 200 ވަރަކަށް އަހަރާ ޖުހެންދެން އުތުރު އިންޑިއާގައި ވެރިކަން ކުރި މުޣުލީ ދައުލަތުގެ ރަސްކަލުން ތައާރަފު ކުރެއްވި ކެއުމެކެވެ. އެ ރަސްކަލުންނަކީ އަސްލަށް ބަލާއިރު ތރުކީ، އީރާންއާއި އަފްޣާނިސްތާނުގެ ބޭފުޅުންނެވެ. އެ ބޭފުޅުން ވަޑައިގެންނެވީ އެ ރަށްރަށުގެ ރަހަތައް ހިއްޕަވައިގެންނެވެ. އަދިވެސް އެބޭފުޅުންގެ ޒަމާނުގެ ރެސިޕީތައް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރެވެމުންނެވެ. މިދާކަށްދުވަހު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި  ލަންޑަނުގެ ރެސްޓޯރަންޓްތަކުގައި އެންމެ ގިނައިން އޯޑަރުކުރެވޭ ކާނާއަކީ ޗިކަން ޓިއްކާއެވެ.

ގިނަ މީހުން ޤަބޫލުކުރާ ގޮތުން އަސްލާ އެއްމެ ގާތްކޮށް މުޣުލައީ ކެއްކުން ކައްކަނީ ދިއްލީގެ ކަރީމްސް ރެސްޓޯރަންޓްގައެވެ. އެތަނުގައި ބޭނުންކުރާ ރެސިޕީތަކަކީ އެއްމެ ފަހުން މޫޣަލް ރަސްކަލަކަށް ހުންނެވި ބަހާދުރު ޝާހު ޒަފަރު ރަދުންގެ ބަދިގޭގައި ބޭނުންކުރެވުނު ރެސިޕީތަކެވެ. (ބަހާދުރު ޝާހަކީ ހަމައެކަނި ނަމަކަށް ހުންނެވި ރަސްކަލެކެވެ.) އެ ބަދިގޭގެ ބޮޑުކައްކާ، މުހައްމަދު ޢަޒީޒު، ހުރީ އާއިލާގެ ތެރޭގައި ރެސިޕީތައް ދަމަހައްޓާފައެވެ. ނަވާރަސަތޭކަ ތޭރައިގައި ކަރީމްސް ރެސްޓޯރަންޓް ހުޅުވީ އޭނާގެ ދަރި ހާޖީ ކަރީމުއްދީނެވެ.

އިންޑިއާގެ ވެޖެޓޭރިއން ކެއުމަކީ އުފެދުމުގައި ވެސް އިންޑިއާގެ އެއްޗެކެވެ. އެ އުފަންވީ އެ ޤައުމުގެ ބްރަހަމަނުންގެ ތެރޭގައެވެ. އެ މީހުންނަކީ މަސް ކެއުން ދީނީގޮތުން މަނާ ބައެކެވެ. އެމީހުންނަށް މަސް ކައްކާ ބަދިގެއެއްގައި ކައްކާ އެއްޗެއް ވެސް ނުކެވޭނެއެވެ. (މި ކޮލަމްގެ ލިޔުންތެރިޔާ ވަނީ ކިޔެވި ދުވަސްވަރު ކޮލެޖުގެ ވެޖެޓޭރިއަން ބަދިގޭގެ ވެރިޔަކަށް 1 އަހަރުގެ ދައުރަކަށް އިންތިޚާބުވެ އެކަމުގެ ތަޖުރިބާ ހޯދައިފައެވެ.)

ވެޖެޓޭރިއަން ކެއުމަށް ބަލާއިރު އިންޑިއާގެ މަޝްހޫރު ރެސްޓޯރަންޓު ޗޭން ތަކުން ވަނީ ހުޅަނގުގެ ބޮޑެތި ސިޓީތަކުގައި އެ މީހުންގެ ގޮފިތައް ހުޅުވައިފައެވެ. މީގެ ތެރޭގައި ދަސަޕްރަކާޝް ޗޭން ހިމެނެއެވެ. އެއީ މައިސޫރުން އުފެދުނު ޗޭނެކެވެ. ދިއްލީގެ ސާގަރު ރަތުނާ އަކީ ވެސް މިފަދަ ޗޭނެކެވެ. އިންޑީއާ ކޮފީ ހައުސްއަކީ ބެންގަލޫރުން އުފަންވި ޗޭނެކެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު ރާއްޖޭގައި އިންޑިއާ ކެއުން އަސްލާ އެއްގޮތަށް އެންމެ ކުރިން ކެއްކެވި ބޭފުޅަކީ އައްޑޫ ހުޅުދޫ ފަނޑިޔާރުތައްކާނުގެ ދޮން މަނިކެވެ. ނަވާރަސަތޭކަ ތިރީސް ހާ ހިސާބުގައި އޭނާ ކެއްކެވި 'ހިނދުސްތާނު' ކުކުޅު ރިހައިގެ ރެސިޕީ މިހާރު ވެސް އައްޑޫގައި ބޭނުން ކުރެއެވެ. ދޮން މަނިކު މުޣުލައީ ކެއްކުން ދަސްކުރެއްވީ  އޭނާގެ އޮޑީގައި ކަލްކަތާއަށް ކުރެއްވި ދަތުރުތަކުގައެވެ. ރެސިޕީތަކަށް ބޭނުނުންވާ ހަވާދު އެ ދަތުރުތަކުގައި އޭނާ ގެންނެވިއެވެ. އަދި ތާޒާކޮށް ބޭނުންވާ ސާމާނު ގޭގައި ހެއްދެވިއެވެ. އޭގެ ތެރޭގައި އަނބިހި، ކަރަންކާ، ޏަމުޏަމާއި ހެލެނބެލި ހިމެނުނެވެ. ދޮން މަނިކު ކައްކަވައި އުޅުއްވީ އިންޖީނު އުނދުން ބޭނުން ކުރައްވައިގެން، އަމިއްލަފުޅަށެވެ.

އައްޑޫގެ އިންޑިއާ ކެއްކުމުގެ ވާހަކަ ދައްކާއިރު މަޝްހޫރު 'ޕާކިސްތާނު ފޮޅީގެ' ވާހަކަ ވެސް ދައްކަން ވާނެއެވެ. އެއީ ގަމުގައި މަސައްކަތް ކުރި ޕާކިސްތާނީ މުއައްޡަފުން ފިހުނު ފަރާޓާއެވެ. އެއީ މުޣުލައީ ކެއުމުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އައްޑޫ މީހުންނަށް އެ މީރުވެގެން ހުހަށް ވެސް ކައި އުޅުނެވެ. މިހާރު ވެސް އައްޑޫގައި ފަރާޓާ ފިހެ އުޅެއެވެ.

ލަފާކުރެވޭ ގޮތުން ރާއްޖޭގައި އިންޑިއާގެ ކެއްކުންތަކަށް އުޖާލާ މުސްތަގުބަލެއް އޮންނާނެއެވެ. އެއީ މިހާރު މުޅި ދުނިޔޭގައި ވެސް އިތުރަށް މަޤުބޫލުވަމުންދާ އެއްޗެކެވެ. މިޔާއެކު އުންމީދު ކުރެވެނީ ރެސިޕީތަކަށް ވެސް އަސްލީ ރަހަ އައުމެވެ.