ބޭނުންވާތަކެތި:
ދިވެހި ހަކުރު
ހަކުރު
ބަނބުކެޔޮ
ތައްޔާރުކުރާނެ ގޮތް:
ބަނބުކޭލުގެ ތޮށި މެށުމަށްފަހު ދޮވެލާށެވެ. އެއަށްފަހު ދެއިންޗި ދިގު އަދި އެއްއިންޗި ވަރު ފުޅާ މިނުގައި ހުންނަ ވަރަށް ތުނިކޮށް ކޮށާށެވެ. ދިވެހި ހަކުރު އަދި އާދައިގެ ހަކުރު ތަވާއަށް އަޅާ މަޑުގިނީގައި ދޭފަތުން އެއްކުރަމުން ކުޑައިރުކޮޅަކު ކެއްކުމަށްފަހު ކޮށާފައިހުރި ބަނބުކެޔޮ އަޅާށެވެ. ތަވާގެ ކައިރިފަށުގައި ހުރި ހަކުރު ހިކެންދެން މަޑުގިނީގައި އެއްކުރަމުން ކައްކާށެވެ.
ހަކުރުލީ ބަނބުކެޔޮވެސް ދެގޮތަކަށް ބައެއް މީހުން ތައްޔާރުކުރާކަން ފާހަގަކުރެވެއެވެ. ދިވެހި ހަކުރު ގިނައިން އަޅައިފައި ވަރަށް މަޑުކޮށް ހުންނަ ގޮތަށް ބައެއް މީހުން ތައްޔާރުކުރާއިރު، އަނެއްބައި މީހުން ހުންނަނީ ވަރަށް ހަރުކޮށް އާދައިގެ ހަކުރު ގިނައިން ބޭނުންކޮށްގެން ހަކުރުލީ ބަނބުކެޔޮ ތައްޔާރުކޮށްފައެވެ. ކާށި އަދި ހިކިމަހާއި އެކީ ކާން މިއީ ވަރަށް މީރު އެއްޗެކެވެ.