Support Us

ކޮޝްނަރ ދައުޙާގައި ޤަޠަރުގެ އަމީރު ޝައިޚު ތަމީމާ ބައްދަލުކުރައްވަނީ

ކުރިއަށް އޮތް ގަޑިތަކުގައި ގަލްފްގެ މަސްއަލައަށް ޙައްލެއް ފެނިދާނެ: ޖަޒީރާ

ކުރިއަށް އޮތް ގަޑިތަކުގައި ގަލްފްގެ މަސްއަލައަށް ޙައްލެއް އަތުވެދާނެ ކަމަށް ޖަޒީރާއިން ބުނެފިއެވެ. ޖަޒީރާއިން މި ގޮތަށް ޚަބަރު ދިނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ޚާއްޞަ މުޝީރު ޖެރަލްޑް ކޮޝްނަރ ސަޢޫދީ ޢަރަބިއްޔާއަށާއި ޤަޠަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ބެހޭ ގޮތުން ދުރަށް ދެއްކި ޚަބަރެއްގައެވެ.

ރައީސް ޓްރަމްޕްގެ ދަނބިދަރިކަލުން ކޮޝްނަރ މިއަދު ދައުޙާގައި ޤަޠަރުގެ އަމީރު ޝައިޚު ތަމީމާ ބައްދަލު ކުރެއްވިއެވެ. ޖަޒީރާ ބުނާގޮތުގައި ބޭއްވެމުންދާ ވާހަކަދެއްކުންތަކަށާއި ހިނގަމުންދާ ޙަރަކާތްތަކަށް ބަލާއިރު މުހިއްމު ނަތީޖާއަކާ ހަމައަށް ވަރަށް އަވަހަށް ވާޞިލު ވެވިދާނެ ކަމަށް ލަފާކުރެވެއެވެ.

ކޮޝްނަރ ގަލްފް ސަރަޙައްދަށް ވަޑައިގެންނެވީ މީގެ ތިން އަހަރު ކުރިން ސަޢޫދީ ޢަރަބިއްޔާއާއި އިމާރާތާއި މިޞްރާއި ބަޙްރައިނުން ޤަޠަރާ ބޮއިކަޓްކޮށް އެ ޤައުމުތަކުގެ ކަނޑާއި އެއްގަމާއި ވައިގެ ސަރަޙައްދުތައް ޤަޠަރުގެ ކުރިމަތީގައި ބަންދުކޮށް ޤަޠަރާ ގުޅުން ކެނޑުމުން އުފެދުނު މަސްއަލަ ޙައްލު ކުރެއްވޭތޯއެވެ. އެމެރިކާގެ ވޯލް ސްޓްރީޓް  ޖަރނަލް ބުނާގޮތުގައި ކޮޝްނަރގެ ވާހަކަދެއްކެވުންތަކުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ޤަޠަރުގެ ބޯޓުތަކަށް ސަޢޫދީ ޢަރަބިއްޔާއާއި އިމާރާތުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ މަސްއަލައާ ބެހޭ ގޮތުންނެވެ. މި ސަރަޙައްދު ބަންދު ކުރުމުގެ ސަބަބުން ޤަޠަރު އެއަރލައިނަށް ދަނީ ވަރަށް ބޮޑަށް ގެއްލުން ލިބެމުންނެވެ. މި ނޫސް ބުނާގޮތުގައި މި ޙިޞާރުގައި ބައިވެރިވާ ޤައުމުތަކުން ވަނީ އެ ޤައުމުތަކުން ޤަޠަރަށް ހުށައަޅާފައިވާ 13 ނުކުތާއަށް ލުއި ދިނުމަށް ސިއްރުން އެއްބަސްވެފައެވެ. މި ކަމުގައި ކުވައިތު ވަރަށް މުހިއްމު ދައުރެއް ކުޅެމުން އަންނަ ކަމަށް މި ނޫސް ބުންޏެވެ.

މީގެ ދެ ހަފުތާ ކުރިން ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލު ޘާނީ ހާމަކުރައްވާފައިވާ ގޮތުގައި ޤައުމުތަކުގެ ސިޔާދަތަށް އިޙްތިރާމު ކުރާ އަސާސުގެ މަތިން ބޭއްވޭ ވާހަކަ ދެއްކުންތަކަށް އޭނާގެ ޤައުމު މަރްޙަބާ ކިޔައެވެ. އޭނާ ވިދާޅުވިގޮތުގައި ގަލްފްގެ މަސްއަލައިގައި ފައިދާވާނެ ފަރާތެއް ނެތެވެ.

ސަޢޫދީ ޢަރަބިއްޔާއާއި މިޞްރާއި އިމާރާތާއި ބަޙްރައިނުން ޤަޠަރާ ގުޅުން ކަނޑައި ޤަޠަރު ޙިޞާރު ކުރީ 2017ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެ ޤައުމުތަކުން ބުނި ގޮތުގައި މި ޙިޞާރު ނައްތައިލެވޭނީ ޤަޠަރުން 13 ޝަރްޠެއް ޤަބޫލު ކުރީމައެވެ. އެހެނަސް ޤަޠަރު ބުނާގޮތުގައި މިއީ އެ ޤައުމުގެ ސިޔާދަތާއި ކަރާމަތަށް އިހާނެތިކޮށް ހިތާ ޝަރްޠުތަކެކެވެ. އަދި މިއީ އެ ޤައުމުގެ ސިޔާސީ މިނިވަން ޤަރާރުތައް ކަނޑައެޅުމުގެ މިނިވަންކަމަށް އަރައިގަންނަ ޝަރްޠުތަކެކެވެ.  ޤަޠަރު ބުނަމުންދާ ގޮތުގައި އެ ޤައުމު އޮތީ ހަމަހަމަކަމާއެކު ވާހަކަ ދައްކައިގެން މަސްއަލަ ޙައްލު ކުރުމަށް ތައްޔާރަށެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ރޮބަރޓް އޮބްރައިން ދެއްވި ބަޔާނެއް ބުނާގޮތުގައި ވައިޓްހައުސްއިން ޓްރަމްޕް ނުކުމެވަޑައިގަތުމުގެ ކުރިން މި މަސްއަލަ ޙައްލު ކުރައްވަން އޭނާ ބޭނުންފުޅު ވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *