Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 30

މިކިއަލް ދެއަތް އުފުލައިލީ އޭނާގެ ދެއަތުން ހިމާޔަތް ދޭނަމޭ ބުނާ ފަދައިންނެވެ. އޭނާގެ މޭގައި ބޯ އަޅާލާފައި މާޔާއަށް ބޭނުން ވަރަކަށް ރޮވިދާނެއެވެ. ވަރުބަލިވުމެއް އަދި ފޫހިވުމެއް ނެތި މާޔާގެ ވާހަކަތައް އަޑުއަހަން އޭނާއަށް އިނދެވިދާނެއެވެ. މާޔާ އާއި ދިމާލަށް މިކިއަލް ހިނިތުންވެލިއެވެ. މާޔާ ދެއަތް ތިރިކޮށްލާފައި ހީވީ އަންނަން އުޅުނުހެންނެވެ. ތެދެކެވެ. މާޔާ ގުދުވެ މިކިއަލް އާއި ކައިރިވިއެވެ. އެކަމަކު އެދެއަތުގެ ތެރެއިން ހިމާޔަތް ހޯދާކަށް ނޫނެވެ. މާޔާ އަތް ވީއްލައި މިކިއަލްގެ މޫނުމަތީ ޖެހީއެވެ.

ވީތަދަށްވުރެ ހައިރާންވެފައި މިކިއަލްއަށް އިނދެވުނެވެ. ކޯތާފަތްމަތީ ފިރުމައިލަމުން މިކިއަލް ބަލަން އިނީ ހައިރާންވެފައެވެ.

** **

"މާޔާ، އަހަރެން ވެސް ޤަބޫލުކުރަން އަހަރެންގެ ބައްޕައަށް ހައްޤުވާ އަދަބު ލިބެންޖެހޭނެކަމުގައި، އެކަމަކު މިއަދު ބައްޕަ ބަލި އެނދުގައި އޮވެ އެދެނީ އޭނާގެ ފުށުން އަނިޔާ ލިބުނު އެންމެންގެ މަޢާފް، އަހަރެން މިހެން ބުނެގެން މާޔާ ހައިރާންވާނެކަން އެނގޭ، ބައްޕަ ރާއްޖެ ގެނެވުނީ މާޔާ އެޑްމިޓްކުރުމުގެ އެއް ދުވަސްކުރިން، އޭގެފަހުން ބައްޕަ ހުރީ ޖަލުގައި، ބަލިވެ އުޅުނީ މާޔާ އެންމެ ހާލު ދެރަވި ވަގުތު، އޭރުން ފެށިގެން އޮތީ އައި ސީޔޫގައި، ބުނެއެއްނު އެމީހެއްގެ މަރުގެ ރަހަ ލުމުގެ ކުރިން އިސްލާހްވާން އެއްވެސް މީހަކު މަސައްކަތެއް ނުކުރާނެއޭ، އެކަމަކު އެއީވެސް ވަރަށް ނަޞީބު ގަދަ މީހުން، ތައުބާ ވުމުގެ ފުރުޞަތު އެންމެ ކުޑަމިނުން އެމީހުންނަށް ލިބޭތީ، މާޔާ، ބައްޕަ އާއި ބައްދަލުކުރަން ލިބޭ ކޮންމެ ފަހަރަކު ބުނޭ މާޔާ ކައިރިން މަޢާފަށް އެދޭށޭ، މިހާ ލަސްވީވެސް އަހަރެންނަށް ނުކެރިގެން،" ޝީތު ދެއްކި ވާހަކަތައް މާޔާގެ ކަންފަތުގައި ގުގުމައިލިއެވެ.

"މިކިއަލް ނުބައި އެ ޔޫނުސްއަށްވުރެ؟" މާޔާއަށް ބިރުވެރި ހުވަފެނަކުން ހޭލެވުނު ފަދައެވެ. އޭނާގެ ކުރިމަތީ ހައިރާންވެފައި އިން މިކިއަލް ފެނުމާއި އެކު އޭނާގެ ޟަމީރު ދެން ނުހުއްޓުވުނެވެ.

"އޭނަ ވެސް އަހަރެންގެ ފަރާތުން މަޢާފަށް އެދުނު،" މިކިއަލްއަށް އޮޅުންފިލަންފެށީ ދެނެވެ. އޭނާ ގެ ދެލޮލުން ކަރުނަ ނިރާލިއެވެ. މާޔާގެ ދެލޮލުން ފައިބާ ކަރުނަ އާއި މޫނުމަތިން ފެންނަން ހުރި ހިތްދަތިކަމުން މިކިއަލްއަށް އަސަރުކުރިއެވެ. އެއަށްވުރެ ބޮޑަށް އޭނާ ހިތްދަތިވީ މާޔާގެ ބަސްމަގު ހުރިގޮތުންނެވެ.

"ކަލެއަށް ކުށުގެ އިހްސާސްވާނީ ކޮން ދުވަހަކުން؟" މާޔާގެ ދެލޮލުން ކަރުނައިގެ ސިފައިގައިވެސް ފެންނަން ހުރީ އެތެރޭގައި އަނދަމުން ދިޔަ ރުޅީގެ ހުޅުގަނޑެވެ.

"މާޔާއަށް އަހަރެންގެ ފަރާތުން އެއްވެސް ތަފާތެއް ނުފެންނަ ކަމަށްޓަކައި އަހަރެން ހިތާމަކުރަން، މީހުން ބުނާތީ އަޑުއަހަން، ދުލުން ބުނެލާ ލަފްޒަކަށްވުރެ ކަމެއް ސާބިތުވާނީ އަމަލުން ދެއްކީމައިކަން، މާޔާ އަހަރެންގެ ލޯ ހުޅުވައިދިން، އެކަމަށްޓަކައި ނުހަނު ޝުކުރުވެރިވަން، އަހަރެންގެ ކުރި ނުބައި ކަންތަކުގެ އިހްސާސްވޭ، އަހަންނަށް އެކަން ބަދަލެއް ނުކުރެވޭނެ، ނުކުރާކަމަކަށް ނުހެދޭނެ، އެކަމަކު އަހަރެން އަމިއްލަ ނަފްސަށް ވައުދުވިން ދުވަހަކުވެސް އެހެން އިތުރު ކުއްޖަކަށް ނުހަދަން، އަހަރެން މާޔާއަށް ކަންތައްކުރީ ވަރަށް ގޯސްކޮށް، "

މިކިއަލްގެ އަޑުގައި ރިހުމެއް ހުއްޓެވެ. މާޔާގެ ރުޅި ފިނިވާން މާ ގިނަ ވަގުތެއް ނުނެގިއެވެ. އަންތަރީސްވެފައި އޭނާއަށް އިނދެވުނެވެ. މިކިއަލްގެ ދެލޮލަށް ގިނަވި ކަރުނައިން އެދެއްކި ވާހަކައިގެ ތެދުކަން ހާމަވެއެވެ. މިކިއަލް ހިންދިރުވާލަން މަސައްކަތްކުރިއެވެ. ފުންނޭވާއެއް ލާފައި ނުރޮއި ޖަޒްބާތުތައް ކޮންޓްރޯލް ކުރިއެވެ. ތެދުވެ މާޔާއަށް ފުރަގަސްދިނެވެ.

އެގެއިން ނިކުންނަން މިކިއަލް ދިޔަތަން ބަލަން އިނދެފައި މާޔާ ތެދުވިއެވެ. މިކިއަލް ހުއްޓުވަން މާޔާ ބޭނުންވިއެވެ. އެކަމަކު އެ ހތްވަރު އޭނާއަކަށް ނުލިބުނެވެ. މިކިއަލްގެ އިހްސާސްތައް ނުދަންނަ މީހަކަށް އޭނާ ވެއްޖެކަމުގެ އިހްސާސްކުރެވުނެވެ.

** **

ދެ ދުވަސްވެގެން ދިޔައިރު މާޔާ މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. އޭނާ މެސެޖަކުން ޝީތުއަށް އޭނާގެ ޖަވާބު އެންގިއެވެ. ޔޫނުސްއަށް މަޢާފްކޮށްފީމޭ ބުނެދޭށޭ ބުނެލިއެވެ. އޭގެ ޖަވާބުގައި ޝީތު ފޮނުވީ ޝުކުރުގެ ބަސްތަކެކެވެ. އެދުވަހު މާޔާގެ ހިތަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ. ބޮޑު ބުރައެއް ފިލައި ދިޔަކަމުގެ އިހްސާސްކުރެވުނެވެ. އަމިއްލަ ނަފްސާއި މެދު އަބަދު ކުރެވޭ ޝަކުވާތައް ހުއްޓުމަކަށް އައެވެ.

މާޔާ އޮފީހަށް ނިކުތީ ނަވާޒް އާއި ބައްދަލު ކުރުމުގެ ނިޔަތުގައެވެ. އެދުވަހު އެންމެ ފުރަތަމަ ކަމަކަށް އޭނާ އެދުނީވެސް ނަވާޒް އާއި ބައްދަލުކުރުމެވެ. އޭނާއަށް އެ ފުރުޞަތު ދީފައި އެކެބިންއަށް އިތުރު މީހަކު ނުވަންނަން ނަވާޒް އެންގިއެވެ. މާޔާ އިށީނުމުން ނަވާޒްގެ މޫނުމަތިން ހުރި ބޮޑާކަން މާޔާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

"އަހަރެން ހީކުރީ މި އޮފީހަށް މާޔާއަށް ވަންނަން ނުކެރޭނެކަމަށް." ނަވާޒް ވާހަކަ ދެއްކީ މިއީ އޭނާގެ އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ސިފަކުރަމުންނެވެ. ނަވާޒްއަށް ނޭނގުނީ އޭނާވެސް އެހުރީ މާޔާ ފަދައިން ވަޒީފާ ކަމުގައެވެ.

"ނޫނޭ، އަހަރެން ބޭނުމެއް ނޫން ތިޔަ ކަހަލަ ބޮޑާ މީހެއްގެ ކުރިމަތީ މަސައްކަތްކުރާކަށް، އެހެން ނޫނީ އެއްވެސް އުޒުރެއް ނެތް." މާޔާ ސިޓީއުރައެއް ބޭއްވިތަން ފެނި އެދިމާލަށް ނަވާޒްގެ ކަޅި ދަތުރުކޮށްލިއެވެ. މާޔާގެ އަތް ތިލަ ނެގުމާއި އެކު އެ ސިޓީ އުރަ ނަގައި ނަވާޒް ބަލައިލިއެވެ. އޭގައި އޮތީ މާޔާ ވަޒީފާއިން ވަކިވާ ކަމުގެ ސިޓީއެވެ.

"އެޓްލާސްޓް." ނަވާޒް ހަމަޖެހުމުގެ ނޭވާއެއް ލިއެވެ.

"ކުރެވުނު ކުށާއި މެދު ހިތާމަ ނުކުރާ މީހަކަށްވުރެ އަބާއްޖަވެރިއަކު ނުހުންނާނެ. އެކަމަކު ހެއްދެވިފަރާތުން ނަވާޒްއަށް ވަރަށް ބޮޑު ނިޢުމަތެއް ދެއްވި، ދުޢާކޮށް ޝުކުރުވެރިވޭ އެކަމަށްޓަކައި." މާޔާގެ މޫނުމަތިން ފެންނަންހުރި ހަމަޖެހުމުން ނަވާޒްގެ ތަބީއަތް ބަދަލުވަމުން ދިޔައެވެ. އޭނާގެ އުފާވެރިކަން ނެތިކޮށްލި ދެވަނަ ކަމަކަށްވީ މާޔާ އުކަމުން ދިޔަ ބަސްތަކެވެ.

"ވަޓް ޑު ޔޫ މީން؟" ރުންކުރުވެފައި ނަވާޒްއަށް އަހައިލެވުނެވެ.

"ދަރިއަކު ނުދެއްވި ކަމަކީވެސް ނަވާޒްއަށް ލިބުނު ނިޢުމަތެއް." މާޔާ އާއި ދިމާލަށް ނަވާޒްއަށް ބަލައިލެވުނީ އޭނާއަށްވީ އެންމެ ބޮޑަކަށް ދެބުމަ ގޮށްޖަހާލަމުންނެވެ. އޭނާ ގޮނޑިން ތެދުވިލެއް ބާރުކަމުން އެ ގޮނޑި ގޮސް ފާރުގައި ޖެހުނު އަޑު ހުއްޓެވެ. މޭޒުމަތީ ދެއަތް އަޅުވާލާފައި މާޔާ އާއި ދިމާލަށް ގުދުވިއަސް މާޔާ ގޮނޑީގައި ބުރަކަށި ޖައްސާލައި ހަމަޖެހިލިއެވެ.

"ނަވާޒް މުސްކުޅި ވާ ދުވަހު ގުރައިދޫއަށް ފޮނުވާލާނެ ދަރިއަކު ނުލިބުމަކީވެސް ނަޞީބެއް.. ނު ދަރިން ބަލާނެކަމުގެ އުއްމީދުގައި ހުއްޓާ އެކަން ކާމިޔާބު ނުވުމުން ހިތަށް ހާދަ އަސަރެއް ކުރާނެއޭ، އެކަމަކު އޭގެ ބަދަލުގައި ބަލާނެ އެއްވެސް މީހެއް ނެތް މީހާ އެދޭނީ އެފަދަ ތަނަކަށް ގެންގޮސްގެންވިއަސް ބަލައި ދިނުމަށް." މާޔާ ތެދުވަން ގަސްތުކުރީ ދެނެވެ. ނަވާޒް ބަލަން ހުއްޓާ މާޔާ ތެދުވެ ގޮސް އެތަނުން ނިކުތުމާއި ހަމަޔަށް އޭނާއަށް ހުރެވުނީ ހަދާނެގޮތެއް ނޭނގިފައެވެ. ކެބިންގެ ދޮރު ލެއްޕުނު އަޑާއި އެކު ނަވާޒްގެ ރުޅި އޭގެ ހުރިހާ އިމެއް ފަހަނަ އަޅައި ދިޔައެވެ. މޭޒުމަތީގައި ހުރި ލެޕްޓޮޕް ނަގައި ހޫރާލި އަޑަށް ދެތިން މުވައްޒަފަކު ދުވެފައި އައެވެ.

** **

އެތަނުން ނިކުމެވުނުއިރު މާޔާ އަށް މާ ބޮޑު ހިތްހަމަޖެހުމެއް ނުލިބުނެވެ. ގެއަށް އާދެވުމާއި އެކު އޭނާގެ މަސައްކަތަކަށްވީ ދެވަނަ ވަޒީފާއެއް ހޯދުމެވެ. އޭނާގެ އަތުގައި ހުރި ފައިސާކޮޅު ހުސްވުމުގެ ގޮތުން ގޮތެއް ނުފެނިއްޖެނަމަ އޭނާ ގޮސް ހުއްޓެންޖެހޭނީ ކޮންމެވެސް އެކެއްގެ ކުރިމަތީގައެވެ.

މިކިއަލް އާއި މާޔާގެ ދެމދުގައި އޮތީ ބީރައްޓެހިކަމެވެ. މިކިއަލް އޭގެފަހުން އޭނާ ކޮބައިތޯވެސް ބަލައި ނުލައެވެ. އެކަމަކު މިކިއަލް އާއި ވާހަކަ ދައްކަން މާޔާގެ ހިތަށް އެރިއެވެ. އެދުވަހު މިކިއަލް ބުނި އެއްޗެއްގެ މާނަ އާއި މެދު އޭނާއަށް ވިސްނެންފެށިއެވެ. އިސްލާހްވެފައިވާ މީހަކަށް ދެވޭނެ އެންމެ ބޮޑު ދެރައަކީ އޭނާއަށް އިތުބާރު ނުކުރުމެވެ. އޭގެ ސަބަބުން އަލުން ކުށުގެ ވެއްޓަކަށް އެމީހާ ދިއުމަކީވެދާނެކަމެކެވެ.

** **

މިކިއަލް އާއި ގުޅަން މަސައްކަތްކުރިއިރު އެއީ ބޭނުންކުރާ ނަންބަރަކަށް ނުވިއެވެ. އިތުރަށް މާޔާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތޭ ހިތަށް އަރައި އޭނާ ކުރާ ކޮންމެ ނަމާދެއްގައި މިކިއަލްއަށްޓަކައިވެސް ހެޔޮ ދުޢާކުރެވުނެވެ. މާގިނަ ދުވަހެއް ނުވެ މާޔާއަށް ވަޒީފާއެއް ލިބުނެވެ. ވަޒީފާގެ ގޮތުން އޭނާއަށް އެކި ރަށްރަށަށް ދަތުރުކުރަން ޖެހެއެވެ. އެއީ މާޔާއަށް އުދަނގޫކަމަކަށް ނުވިއެވެ.

ލާމު އަތޮޅަށް ދެވުނު ފަހަރަކު އޮފީސްގެ މަސައްކަތް ނިންމާފައި ކައިރި އެހެން ރަށްރަށް ބަލައިލަން ދިއުމުގެ ފުރުޞަތު ލިބުނެވެ. އަތޮޅު ތެރެ ވެގެން ދިޔައީ ވަރަށް ހިތްގައިމު ތަނަކަށެވެ. މާލޭގެ ހަލަބޮލިކަމުގެ ބަދަލުގައި ފެންނަ ހިމޭންކަމާއި ގުދުރަތުގެ ފުރިހަމަކަން ފެންނަ ކުޅިތަކާއި ގޮނޑުދޮށްތައް ވެގެން ދިޔައީ އެފަދަ ދަތުރުތަކަށް ލޯބިޖެހުނު ސަބަބަކަށެވެ.

ކޮންމެ ދަތުރަކުވެސް މާޔާ އާއި އެކު ދަތުރު ކުރަމުން ދިޔަ މީހަކަށް ނުހާ ވާނެއެވެ. ނުހާގެ އުފަން އަތޮޅަށް އާދެވުމުން އިތުރަށް ދަތުރުގެ ފޯރި ވަނީ ގަދަވެފައެވެ.

ދަތުރުގެ އެންމެ ފަހު ދުވަހު ރަށުތެރެ ބަލާލަން ނިކުމެ އުޅެނިކޮށް މާޔާއަށް މާ އަޖައިބު ކުރުވަނިވި މަންޒަރެއް ފެނުނެވެ. އެމީހުން އައިސް ގޯޅިއެއްގައި މަޑުކޮށްލައިގެން ތިބީ ނުހާއަށް ފޯނެއް އައިސްގެން ދުރަށްޖެހިލީމައެވެ. އޭނާ ހުއްޓިގެން ހުރި ދިމާލުން ކުރިމަތީގައި  ހުރި ގެއަކުން މީހަކު ނިކުމެ އިނެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން އަންހެންމީހާ މާޔާއަށް ބަލާލާފައި ހިނިތުންވެލީ ދަންނަ މީހެއް ފަދައިންނެވެ. އޭނާ އިނީ ގޭގެ ދޮރާށި ކައިރިއަށް ނިކުމެފައެވެ. ރައްދުގައި މާޔާވެސް ހިނިތުންވެލިއެވެ.

"ރާމީން"

މާޔާގެ ކަންފަތުގައި ޖެހުނު އަޑާއި އެކު ނަގަން ހުރި ފިޔަވަޅު ހުއްޓާލެވުނެވެ. އެ އަންހެންމީހާ ރާމީންގެ ނަމުންގޮވާލުމުން އޭނާއަށް ބަލަން ހުރެވުނީ އެ އަންހެންމީހާގެ ގޮވާލުމަށް ނިކުންނަ ރާމީން ދެކިލުމަށެވެ.

ދޮރު ހުޅުވާފައި ނިކުން ރާމީން ފެނި މާޔާއަށް ހީވީ މެޔަށް ފެން އެއްޗެއް އޮއްސާލިހެންނެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. ރާމީން ނިކުމެ މަންމަ ކައިރީ ހުއްޓުމުން މަންމަ އިޝާރަތްކޮށްފައި ދެއްކީ މާޔާއެވެ. އެވަގުތު ރާމީންއަށްވެސް ހުރެވުނީ ބަލާށެވެ.

މާޔާ ހީކުރީ ރާމީން އިންނާނީ ފުރޮޅުލީ ގޮނޑިއެއްގައި ކަމަށެވެ. އެންމެ ފަހުން ލިބުނު މައުލޫމާތަކީ ރާމީންއަށް ދުވަހަކުވެސް އަމިއްލަ ދެފައިގެ މައްޗަށް ކޮޅަށް ނުހުރެވޭނެ ކަމެވެ.

"ހައި" ހުވަފެނަކުން ހޭލެވުނު ފަދައިން މާޔާ ސިހުނީ ރާމީންގެ އަޑަށެވެ. އޭނާ އަށް ބޯޖަހައިލަންވެސް ނޭނގުނެވެ.

"ރާމީން" މާޔާއަށް އެ ނަން ކިޔާލެވުނުއިރު އިތުރު ޖަޒްބާތުތަކެއް އުފެދެމުން ދިޔަ އިހްސާސްކުރެވުނެވެ. ރާމީންގެ މޫނަށް ބަލަން ނުކެރި އިސްޖަހައިލެވުނެވެ.

"މިރަށަށް އަންނަ ވާހަކަ ކީއްވެ ނުބުނީ؟" ރާމީން ޝަކުވާކޮށްލިއެވެ. އެކަމަކު އެއީ ރާމީން ކުރަންޖެހޭ ސުވާލެއް ހެއްޔެވެ؟ އޭނާ ރާމީންއަށް އަންގަންވީ ކޮން ހައިސިއްޔަތަކުން ކަމެއް ނޭނގެއެވެ.

"އަހަންނަކަށް ނޭނގެ މި އާދެވުނީ ރާމީންގެ ރަށަށް ކަމެއް." މާޔާ ޖަވާބު ދިނެވެ. އެކަމަކު އޭނާގެ ހިތުގައި އޮތީ އެ ޖުމްލައެއް ނޫނެވެ. ރާމީންގެ ރަށް ކަން އެނގުނު ނަމަ އޭނާ އެރަށުން ފައިބައިގެން ދެވޭތޯ ބެލީހެވެ. ރާމީންއަށްވެސް އޭނާގެ އުދަނގުލެއް ވާކަން ނޭދެއެވެ.

"އޯހް" ރާމީން ހައިރާންވިކަން އަންގާލިއެވެ. އެ މޫނަށް ނުބަލަން މާޔާ ބަލައިލީ ނުހާ ކޮބައިތޯއެވެ. އަދިވެސް އޭނާއަށް އައި ދިގު ކޯލް ނިމޭކަށް ނޫޅެއެވެ. އޭނާ އެތަން މިތަނަށް ބަލަމުން ދަނިކޮށް ރާމީންގެ މަންމައަށް ބަލައިލެވުނެވެ. މާޔާ ފެނުމާއި އެކު ރާމީންގެ މަންމަ އެ އިންނަނީ ހިނިތުންވެލައިގެންނެވެ.

"މިކިއަލް ނުބުނޭތަ؟" ރާމީން އަހާލިއެވެ. ރާމީންގެ މޫނަށް ނުބަލަން ހުއްޓާވެސް މިކިއަލްގެ ނަން އަހާފައި އޭނާ ސިހިގެން ދިޔައެވެ.

"މިކިއަލް ބުނި ރާމީން މީހަކާއި އިނދެގެން އުޅޭ ވާހަކަވެސް." މާޔާގެ ސިކުނޑިއަށް އައީ އެތަންކޮޅެވެ. ރާމީން ނިތްކުރީގައި އަތުން ޖަހާލިތަން ފެނިފައި މާޔާ އަޖައިބުވިއެވެ.

"ޤަބޫލުކުރީތަ؟" ރާމީން ހިނި އައިސް އަހާލިއެވެ. އެއީވެސް މިކިއަލް ހެދި ދޮގެކޭ ހިތަށް އެރީ ދެނެވެ. މިކިއަލް ތެދަށް ބުނީ ކޮން ވާހަކައެއްކަމެއް ދެން ނޭނގެއެވެ.

"ވައި ވުޑް ހީ ލައި؟" މާޔާއަށް ޝަކުވާ ކުރެވުނެވެ. ރާމީންގެ ހިނިތުންވުން ފިލައި ދިޔައެވެ.

"އޭރު މިކިއަލް ދެކުނީ މާޔާ ހުންނަންޖެހޭނީ އޭނަ ބުނާ ގޮތެއް ހަދަންކަމުގައި، އޭނަ ދޮގު ހެދީ ހަމައެކަނި މާޔާ ކައިރިއަކު ނޫން، އެކަމަކު ދެރައީ މާޔާ ފަދައިން އޭނާގެ ވާހަކައިގައި އަހަންނަށްވެސް ޖެހެވުނުކަން." ރާމީންގެ މޫނުމަތިން ފެނުނީ އެބުނި ބަހާއި މެދު ހިތާމަކުރާތަނެވެ. އޭނާގެ ކައިރީ މާޔާ އާއި ޔޫނުސް އާއި ބެހޭގޮތުން ދެއްކި ވާހަކަ ޤަބޫލުކުރެވުނެވެ. އަދި ދުރަށް ދެވުނު ސަބަބަކަށް އެކަންވިއެވެ.

ފަހުން ހަޤީޤަތް އެނގުނުއިރު މާޔާގެ ކުރިމައްޗަށް ދާކަށް ނުކެރުނެވެ. އިތުބާރުނުކުރާކަން ހާމަވުމުން ދެންގޮސް ބުނާނީ ކީކޭކަމެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ލަދުން ފަސްޖެހެވުނެވެ.

"ސޮރީ މާޔާ." ރާމީން އިސްނަގައި އެދެމީހުންގެ މެދުގައިވާ ދުރުމިން ކުޑަކޮށްލިއެވެ. މަޢާފަށް އެދެން އަބަދު ފުރުޞަތު ނުލިބިދާނެއެވެ.

"އަހަރެންވެސް" މާޔާ އަށް އެހެން ބުނުންވީ ހީކުރި ވަރަށް ވުރެ އުދަނގޫކަމަކަށެވެ. ކަމުގެ ހަޤީޤަތް ނުބެލުމުން އޭނާއަށް ރާމީން ނުގެއްލުނީ ކިރިޔާއޭ ހިތަށް އެރިއެވެ. ދެމީހުން އެކަކު އަނެކަކަށް ހިނިތުންވެލެވުނެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ނުހާ ފޯނު ނިންމާލިތަން ފެނި މާޔާ ދާންވެއްޖެކަމުގައި ބުނެވުނެވެ.

"ދެން ދާންވާނީ ބުނެފައި." ރާމީން ހިފީ މާޔާގެ އަތުގައެވެ. މާޔާއަށް ތެޅިގަނެފައި އަތް ވީއްލަން މަސައްކަތްކުރެވުނެވެ. ފެންނަން އިން ރާމީންގެ މަންމަ އަށް ބަލާލާފައި ލަދުގަންނަ ގޮތްވިއެވެ.

"ކީކޭތަ ބުނަންވީ؟" މާޔާ ރުޅި އަންނަ ގޮތްވިއެވެ. މަގުމަތީގައި އެ ނޫނަސް މީހުން އެބަތިއްބެވެ. ނުހާވެސް ހުރީ ދެލޯ ބޮޑުކޮށްލައިގެން ބަލާށެވެ. ރާމީން އޭނާގެ އަގު ވައްޓާލަނިއްޔޭ ހިތަށް އެރިއެވެ. ރާމީން އަށް ދެލޯ އަޅާލަމުން އަތް ފޮޅުވާލެވުނެވެ. އައި ރުޅިން ދުއްވައިގަންނަންވެސް ބޭނުންވިއެވެ. ރާމީންއަށް ފުރަގަސްދިންތަނުން ރާމީން ބުނި އެއްޗެއް އަހާފައި މާޔާއަށް ހީވީ ދެފައި ބިންމަތީގައި ތަތްލެވީހެންނެވެ.

"ލޯބިވަންޏާއި އެހެން ބުނެފައި ދާންވާނި" ރާމީންގެ އަޑުގައި އަމުރުވެރިކަމެއް ނެތެވެ. އެއީ ހަމައެކަނި އޭނާ އެދޭ އެދުމެވެ. މާޔާ އަށް ސިހިފައި ބަލައިލެވުނެވެ. އޭނާގެ ހިތް އޮތް ގޮތެއް ރާމީންއަށް އެނގޭ ގޮތެއް ނުވިސްނުނެވެ. ރާމީން ދެކެ އޭނާ ލޯބިވިއެވެ. އެކަމަކު އޭނާ ހީކުރީ އެއީވެސް އޭނާގެ ތަގްދީރުގައި ލިޔެވިފައިވާ އެއްޗެއް ނޫންކަމުގައެވެ.

"ރާމީން އަހަރެން ދެކެ ލޯބިވޭތަ؟" މާޔާ ހިތަށް އަސަރުކުރިއެވެ. މިކިއަލް ބުނީ ކީކޭކަމެއް ނޭނގެއެވެ. އެކަމަކު ރާމީން ލޯބިވާނަމަ އޭނާ ހާސިލްކުރަން މަސައްކަތް ކުރީހޭ ހިތަށް އެރިއެވެ.

"ލޯބިވަން. އެކަމަކު ބުނަން ނުކެރުނީ." ރާމީން ބަލައިލީ އޭނާގެ މަންމައަށެވެ. އެދެމީހުން ދައްކާ ވާހަކަ ނީވުނަސް މަންމައަށް އިހްސާސްކުރެވޭ ކަހަލައެވެ. މަންމަގެ ދެލޯ ފުރެމުން އައިތަން ރާމީންއަށް ފެނުނެވެ.

އޭނާ މާޔާ ދެކެ ލޯބިވާކަން މަންމައަށް އެނގުނީ އެންމެ ބޮޑަށް އޭނާ ބަލިވި ދުވަސްވަރެވެ. އެކަމަކު އޭރު މަންމައަށް މާޔާ ވަކިކުރާކަށް ނޭނގުނެވެ. އެއްދުވަހު ހޮސްޕިޓަލަށް މާޔާ އައިތަން ފެނި މަންމައަށް ކަމުދިޔަ ކުއްޖަކު ކަމުގައި ވިއެވެ. އެކަމަކު ރާމީން އަށް އޭނާ ރަނގަޅުވާނެކަމުގެ އުއްމީދު ނެތުމުން އެ ޖަޒްބާތު ޖެހުނީ ފަސްއަޅައި ފޮރުވާށެވެ. އެއީވެސް މިކިއަލް ހެދި ދޮގެއްކަން އެނގުނީ ރަށަށް އައިފަހުންނެވެ. ފަހުން އަމިއްލަ ބޭސްވެރިކަމުން ފަރުވާކޮށް އޭނާ ރަނގަޅުވިއެވެ. އެކަމަކު ކުއްލިއަކަށް މަންމަ ބަލިވެ އޭނާއަށް ރަށުން ބޭރަށް ދެވޭ ގޮތްނުވީއެވެ.

އަސަރުކުރިވަރުން މާޔާއަށް ހުރެވުނެވެ. އޭނާ ވާންވީ އުފާކަމެއް ނޭނގެއެވެ. މިއީ ލޮލަށް ފެންނަ ހުވަފެނަކަށް ނުވުމަށް އެދެވުނެވެ. އަދި އެ ލަފްޒު ތަކުރާރުކޮށް ރާމީންގެ ދުލުން އިވެން ބޭނުމެވެ.

"އަހަރެން ބޭނުން ޖަވާބެއް." ރާމީން ފިޔަވަޅެއް އަޅައި ދެމީހުންގެ ދުރުމިން ކުޑަކޮށްލިއެވެ. މާޔާގެ މެޔަށް ފނިވެގެން ދިޔައީ އެހާ ކައިރިން ރާމީންގެ ދެލޯ ފެނިފައެވެ. މީގެކުރިން ނުދެކޭ ފަދަ ރީތިކަމެއް އެބަހުއްޓެވެ. މަޑުމުށިކުލައިގައި ކަޅި ހުންނަކަން މި ނޫނީ މާޔާއަށް ފާހަގަ ވެފައިނެތެވެ.

"ތިޔަ ބުނާ އެއްޗެއް ބުނެފައި އަވަހަށް އާދޭ ދާން، އޮއްސާލަފާނެ." ނުހާގެ އަޑަށް މާޔާ ބަލައިލިއެވެ. ބޯމަތީ ނަގާފައި އޮތް ކަޅުވިލާ ގަނޑު ފެނުނީ ދެނެވެ. "ލޯބިވަން." މާޔާގެ އަޑު ނިކުތީ ވަރަށް މަޑުންނެވެ. ރާމީންގެ ހިތަށް ބަޔާން ނުކުރެވޭ އުފާވެރިކަމެއް ލިބުނެވެ. މާޔާ ގެނެސް މޭގައި ޖައްސާލަން ބޭނުންވިއެވެ. ލޯބިން ބޮސްދޭން ބޭނުމެވެ. އެކަމަކު އޭނާގެ ޟަމީރު އެހުރިހާ ކަމަކުން މަނާވެގަތެވެ. މާޔާގެ އަބުރަށްވުރެ އޭނާއަށް އެއްވެސް ކަމެއް މުހިއްމެއް ނޫނެވެ. މާޔާގެ އަތްތިލައިގައިވެސް އޭނާ ބީހިލާނީ ކައިވެންޏަށްފަހުގައެވެ.

ވާރޭގެ ފުރަތަމަ ތިކި އައިސްޖެހުނީ މާޔާގެ މޫނަށެވެ. ސިއްސައިގެން ދިޔަވަރުން ބާރަށް ހީނގަނެވުނެވެ. ނުހާ އާއި ދިމާލަށް ދުއްވައިގަންނަމުން ރާމީން ކައިރީ ރަންކިޔަން ފޮނުވާށޭ ބުނެލީ ސަމާސާއަކަށް ނޫނެވެ. އެ ގުޅުން ދާއިމީވާން އޭނާ ބޭނުމެވެ.ރާމީންގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުމެވެ. (ނިމުނީ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
34
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *