މެލޭޝިޔާއިން ގޫގުލްއާ ދެކޮޅަށް 146 މިލިއަން ޑޮލަރު (600 މިލިއަން ރިންގިޓް ނުވަތަ 2.25 ބިލިއަން ރުފިޔާ) އަރާވަރުގެ ދެ ދައުވާއެއްކޮށްފިއެވެ.
މި ދެ ދައުވާ އިއްޔެ މެލޭޝިޔާގެ މުވާސަލާތީ ރެގިއުލޭޓަރު، މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމް.ސީ.އެމް.ސީ)އިން އުފުލީ ޔޫޓިއުބްގައި ހިންގާ ގައިރު ގާނޫނީ ޖުވާ ކުޅުމާއި ސްކޭމްތަކާއި އަދި އޮޅުވައިލުމުގެ މައްސަލަތަކަށް ފިޔަވަޅު އަޅައިފައިނުވާކަމަށް ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން ކޯޓު އަމުރެއް އޮތްކަމަށްވިޔަސް ޕާޕާގޯމޯގެ ނަމުން މަޝްހޫރު، ކުރީގެ ފުލުހެއް އަދި ބްލޮގަރެއްކަމަށްވާ ވާން މުހައްމަދު އަޒްރީ ވާން ދަރިސް ފަތުރަމުންދިޔަ ކޮންޓެންޓް ހުއްޓުވުމަށް ގޫގުލް ނުކުޅެދިފައިވައިކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. ދަރިސްވަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވުމުގެ ސަބަބުން 2021 ގައި ވެރިކަންކުރާ ކޯލިޝަންގެ ޕާޓީ، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އަމްނޯ)އިން ހަ އަހަރަށް ސަސްޕެންޑްކޮށްފައެވެ.
އެމް.ސީ.އެމް.ސީންވަނީ މި ދިޔަ ޖެނުއަރީ އެކަކާއި މި ދިޔަ މަހު 28 އާ ދެމެދު، ގެއްލުންހުރި ކޮންޓެންޓުގެ 74،703 މައްސަލައެއް ޔޫޓިއުބަށް ރިޕޯޓްކޮށްފައެވެ. ރިޕޯޓްކުރި ގާތްގަނޑަކަށް އެންމެހައި މައްސަލަތަކަކީ އޮންލައިންކޮށް ޖުވާ ކުޅުމުގެ މައްސަލަތަކެވެ. އެމް.ސީ.އެމް.ސީން ބުނި ގޮތުގައި 4،950 ރިޕޯޓަކަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި 35 މައްސަލައަކަށް ފިޔަވަޅުއެޅުމަށް ތިން މަހަށްވުރެ ގިނަ ދުވަސް ނެގިކަމަށްވެސް ބުންޏެވެ.
އެ އިދާރާއިން ބުނީ ދައުވާތަކުގެ އަމާޒަކީ އޮންލައިންކޮށް ފެތުރުނު 50،000 އަށްވުރެ ގިނަ، ގެއްލުން ހުރި ކޮންޓެންޓަށް ފިޔަވަޅުއެޅުމަށް ހޭދަވި ވަސީލަތްތަކުގެ ބަދަލު ހޯދުމާއި، ކުރިއަށް އޮތް ތާނގައި މި ފަދަ ގަވާއިދާ ހިލާފުވުންތައް ހުއްޓުވުމެވެ.
ޔޫޓިއުބްގެ ތަރުޖަމާނު ބުނީ އެ ކުންފުނިން އޮންލައިން ރައްކާތެރިކަމަށް ނުހަނު ބޮޑަށް އިސްކަންދޭކަމަށެވެ.
"އަހަރެމެން ހިދުމަތް ދޭ ކޮންމެ ގައުމެއްގެވެސް ގާނޫނުތަކަށް އަހަރެމެން ތަބާވަން. އަދި އަހަރެމެންގެ އުސޫލުތަކާ ހިލާފުވާކަމަށް ފާހަގަކުރެވޭ އެންމެހައި ކޮންޓެންޓް ވަރަށް ފަރުވާތެރިކަމާއެކު މުރާޖައާކުރަން. މި މައްސަލަތަކުގައި ސަރުކާރާއެކު ދަނީ މަޝްވަރާކުރަމުން،" އޭނާ ބުންޏެވެ.
އެ ކުންފުނިންވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބުމުގެ ހައްގަށް ދޭ އަހައްމިއްޔަތުކަންވެސް ފާހަގަކޮށްފައެވެ.
މި ދައުވާތަކާ ގުޅިގެން ގޫގުލްއިން ވަކިން ބަޔާނެއް އަދި ނުނެރެއެވެ.
މި ދައުވާތައް އައިސްފައި މިވަނީ އަންނަ އަހަރުން 2028 އަށް މެލޭޝިޔާގައި 15 ބިލިއަން ޑޮލަރު (231 ބިލިއަން ރުފިޔާ) އިންވެސްޓްކުރާނެކަން ގޫގުލްއިން އިއުލާނުކުރިތާ ހަފުތާތަކެއް ފަހުންނެވެ. މި އިންވެސްޓްމަންޓްތައް އަމާޒުކޮށްފައިވަނީ ޑޭޓާ ސެންޓަރު ކޭމްޕަސްތަކަށާއި ތިމާވެށްޓާ ރައްޓެހި ހަކަތައަށާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި މަސައްކަތްތެރިންގެ ހުނަރު އިތުރުކުރުމަށެވެ.
މެލޭޝިޔާގެ ސަރުކާރާ، މައިގަނޑު ސޯޝަލް މީޑިއާ މަންސަތަކާ ދެމެދު އޮންނަނީ ރަނގަޅު ގުޅުމެއް ނޫނެވެ. ޓިކްޓޮކް އަދި މީގެ ކުރިން މެޓާ ޕްލެޓްފޯމްސްގެ ފޭސްބުކްއާވެސް މައްސަލަ ޖެހުނީ ގެއްލުން ހުރިކަމަށް ބެލެވޭ ކޮންޓެންޓް ނެގުމުގައި އެ މަންސަތައް ނުކުޅެދިފައިވާކަމަށް ތުހުމަތުކުރުމުންނެވެ.



advertisment