މިއީ، ބުނެވޭގޮތުގައި ކަޅުއޮށްފުންމި ބެންނެވުމުގެ ކުރިން ބޮޑުތަކުރުފާނާއި ބޭބޭފުޅު އަލިތަކުރުފާނާއި ކޮއްކޯފުޅު ޙަސަން ތަކުރުފާނު ވިޔަފާރިކަމުގައި ދަތުރުކުރެއްވި ބައްތެލިކޮޅުގެ ހުންގާނުދޫންޏެވެ. ކާނިއާރުން ހަދާފައިވާ މި ހުންގާނުދޫނި އޮތީ ހދ. ކުޅުދުއްފުށީ "ރަށްވެހި އާސާރު" ގައެވެ.
މިއީ ކުޅުދުއްފުށީ، ކޮކާހަނދުވަރުގޭގެ ދެވަނަބުރި އެވެ. ދިވެހިންގެ އިހުގެ ދިރިއުޅުމުގައި ހިފައިގެންގުޅުނު ކަންވާރުގެ ތަފާތު ބާވަތްތަކާއި ކުރީ ޒަމާނުގައި އާންމު ދިރިއުޅުމުގައި ދިވެހި ކާބަފައިން ބޭނުން ކުރި ތަފާތު އެއްޗެއްސެވެ. ދިވެހީން މަސައްކަތްތެރިކަމުގައި ބޭނުންކުރި ތަފާތު ވައްތަރުގެ ވަޅިއާއި ގިރުބާއެވެ. ރުބާގެ ވައްތަރުތަކާއި ތެލިތަށްޓާއި ތާހާއި ލޯގަނޑުތަކެވެ. ރާއްޖޭގެ ރަސްކަމުގެ ދުވަސްވަރު އެކިއެކި ރަދުންގެ ސިއްކަފުޅު ޖެހި ލާރިއެވެ. ކޭލަކުނު ތަޅާލި ވިއްސާރައިގައި ކުޅުދުއްފުށްޓަށް ހިޖުރަކޮށް ފުރަތަމަ ރަށް ހިންގެވި ކާސިން ކަލޭގެ ބޭނުންކުރެއްވި ކަމަށްބުނާ ލިޔާހަރެވެ. މިއީ 2019 ވަނަ އަހަރު ހުޅުވާފައިވާ ކުޅުދުއްފުށީ "ރަށްވެހި އާސާރު"ގެ ވެރިޔާ ޢާރިފް ޢަލީގެ ޤައުމީ ޚިދުމަތެކެވެ. މިރަނުން ފެންނަން މިހިރީ އޭނާ އެއްކުރައްވާފައިވާ ރަށްވެހި އާސާރުން ބައެކެވެ. ހާދަ މުހިންމު ތަކެއްޗެވެ. ހާދަގިނަ ތަކެއްޗެވެ. ހާދަ އަގުހުރި މަސައްކަތެކެވެ. ގަނެފައިހުރި ތަކެއްޗާއި މީހުން ދީފައި ހުރިތަކެއްޗެވެ. އާރިފު ކުރައްވާ ކަމަކީ ތަކެތި އެއްކުރައްވައި ބަލަހައްޓަވައި ވީވަރަކުން މީހުންނަށް ދައްކަވައި "އަތްނުލައި އަތްދޮށް" ކިޔުއްވުމެވެ. ނަތީޖާއަކީ އެހެން މީހުންނާއި ރަސްމީ އިދާރާތަކާއި އެހެން ރަށްރަށުގެ މީހުންގެ ހިތުގައި ވެސް މި ޝައުޤު ބިންވަޅު ނެގެމުންދިޔުމެވެ.

ޢާރިފު ޢަލީ ބުނުއްވިގޮތުގައި ބޮޑުތަކުރުފާނު ދުއްވެވި ބައްތެލިކޮޅުގެ ހުންގާނުދޫނި ލިބިލެއްވީ ނޫމަރާ މާވަޑިއެއްގެ އަތުންނެވެ. މި މާވަޑިޔާ އުތީމަށް ދިޔަ ދަތުރެއްގައި އެ ބައްތެލިކޮޅު އޮތް ކަމަށް ބުނާ އޮޑިހަރުގެއަށް ދިޔައެވެ. އޭރު ހަރުގެވެސް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައިކަމަށް ވެއެވެ. އޮޑިކޮޅު އޮތީވެސް ރޫޅިގެން ބިމަށް ފައިބާފައެވެ. އެތަނަށް ވަދެ ހަނދާނަކަށް އެ އޮޑިކޮޅުން ގެންދެވިދާނެ އެއްވެސް އެއްޗެއް އޮތްތޯ ބަލަނިކޮން އޭނާއަށް އެ ހަރުގެ ދެއްކި ރަހުމަތްތެރިޔާ އަތުގައި ހިފައިގެން ގެއަށް ގެންދިޔައެވެ. އަދި ފޮރުވާފައި އޮތްތަނަކުން ނެރެގެން މި ހުންގާނު ދޫނި ގެނެސްދީފައި ބުންޏެވެ. މިއީ އެ އޮޑިކޮޅުގެ ހުންގާނު ދޫންޏެވެ.

ހުންގާނުދޫނި ލިބުނު ގޮތަށް ބަލައި އުތީމުގެ ތާރީޚަށް ލޯބިކުރައްވާ ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މި ހުންގާނުދޫންޏަކީ ބޮޑުތަކުރުފާނު، ކަޅުއޮށްފުންމީގެ ކުރިން ދުއްވެވި ބައްތެލިކޮޅުގެ ހުންގާނުދޫންޏަށް ވުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. ދުވަސްވަރަށް ބަލާއިރު މިއީ އުތީމު ނައިބުކަލޭގެ ބައްތެލީގެ ހުންގާނު ދޫންޏަށް މި ހުންގާނުދޫނި ވެދާނެކަމަށެވެ.
ބޮޑުތަކުރުފާނުގެ ޒަމާނަކީ މީލާދީން 16 ވަނަ ގަރުނެވެ. ބޮޑުތަކުރުފާނު ދުއްވެވި ބައްތެލިކޮޅެއްކަމަށް ބުނާ ބައްތެލިކޮޅެއްގެ މިފަދަ ތާރީޚީ ހުންގާނުދޫންޏަކަށް ލިބެންވީ ސަމާލުކަން މިހާތަނަށް މި ހުންގާނުދޫންޏަށް ލިބިފައެއް ނުވެއެވެ. ވުމާއެކު މި ހުންގާނުދޫނި މި ޒަމާނަށް އައިގޮތް އިތުރަށް ދިރާސާކުރަން ޖެހެއެވެ. ދުނިޔޭގައި މިހާރު ތިބި މި ހުންގާނުދޫނީގެ މަޢުލޫމާތު އެނގޭ މީހުންނާ ވަކިން ސުވާލުކޮށް މިކަން އިތުރަށް ހޯދަން ޖެހެއެވެ. އަދި ޒަމާންވެފައިވާ މިފަދަ ލަކުޑީގެ އުމުރު ދެނެގަތުމަށް ސައިންސްވެރިންނާއި އާސާރީ ހޯދުންތެރިން ބޭނުންކުރާ ރޭޑިއޯކާބަން ޑޭޓިން (Radiocarbon Dating) އިން މި ހުންގާނުދޫނީގެ އުމުރަކީ ބޮޑުތަކުރުފާނުގެ ޒަމާނުގެ އެއްޗެއްކަން ކަށަވަރުވެއްޖެ ނަމަ ދިވެހިތާރީޚަށް މި ހުންގާނުދޫނި ވާނީ އައު އަލިކަމަކަށެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment