ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރެވުނު "ގްރޭންޑް ތެފްޓް އޮޓޯ ހައެއް" ވީޑިއޯ ގޭމް ނެރެފިއެވެ.
އާއްމު ނަމުން ޖީ.ޓީ.އޭ ކިޔައި ގޭމްގެ ހަވަނަ ބައި މުޅި ދުނިޔޭގައި އިއްޔެ ނެރުނީ 13 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. މި ގޭމަކީ ތާރީހުގައިވެސް އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ހުށަހެޅުމަށް ވެގެންދާނެކަމަށް ބެލެވެއެވެ.
ސިއްހަތު ތަން ނުދޭކަމަށާއި އަދި އެހެނިހެން އުޒުރުތައް ދައްކައިގެން ގޭމް ކުޅޭ މީހުން ވަޒީފާއަށް ނުނިކުމެ ކުޅެން ފެށި މި ގޭމް ރޮކްސްޓާ ގޭމްސްއިން އުފެއްދުމަށް އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) ހަރަދުވިކަމަށް ރިޕޯޓްތައް ބުނެއެވެ.
ލަފާކުރެވޭ ގޮތުގައި ޑިޖިޓަލްކޮށް ގޭމް ނެރުމުގެ ކުރިން 15.8 މިލިއަނަށްވުރެ ގިނަ ކޮޕީވަނީ އޯޑަރުކޮށްފައެވެ. މާކެޓް ދިރާސާކުރާ ސެންސާ ޓަވާގެ މައުލޫމާތުތަކަށް ބަލާއިރު މި ދިޔަ އަންގާރައާ ހަމައަށް މި އޯޑަރުތަކުން އެކަނިވެސް ގާތްގަނޑަކަށް 1.54 ބިލިއަން ޑޮލަރު (23.73 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ރޮކްސްޓާ ގޭމްސްއަށްވަނީ ލިބިފައެވެ.
މި ގޭމް ކުޅުމަށްޓަކައި މިލިއަނުން ގުނާލެވޭ ފޭނުން ވަޒީފާއިންވަނީ ޗުއްޓީވެސް ނަގައިފައެވެ. އަދި ބައެއް ކުންފުނިތަކުންވަނީ މުވައްޒަފުންނަށް ޗުއްޓީވެސް ދީފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޭމް ނެރުނު ވަގުތާ ދިމާކޮށް ދަންވަރުގެ އުފާކުރުންތަކާއި ލޯންޗިން ޕާޓީތައްވަނީ ބާއްވައިފައެވެ.
މި ފޯރި އޮތީ ހަމައެކަނި ގޭމިން ދާއިރާއަކު ނޫނެވެ. އެމެރިކާގެ ނިއު ޔޯކް ސިޓީގެ ނިއު ޔޯކް ޔުނިވާސިޓީގެ އެން.ވައި.ޔޫ ސްޓާން ސްކޫލް އޮފް ބިޒްނަސްގެ އެޑްޖަންކްޓް ޕްރޮފެސަރު ޔޫސްޓް ފަން ޑްރޫނެން މި ގޭމް ނެރުނު ނެރުން ސިފަކުރީ މުޅި ދުނިޔެ ބައިވެރިވާ އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައެވެ.
"މިއީ އެކުއެކީ، އެއް ވަގުތެއްގައި އެންމެން ބައިވެރިވާ ހަރަކާތެއް. އެހެންވީމާ ގޭމް ނެރޭ ފުރަތަމަ ދެތިން ދުވަހާއި ފުރަތަމަ ހަފުތާތަކުގައި މިލިއަނުން ގުނާލެވޭ މީހުން ބޭނުންވާނެ މި ތަޖުރިބާގެ ބައިވެރިއަކަށް ވާން،" ރޮއިޓާސްއަށް އޭނާ ބުންޏެވެ.
މި ގޭމަށް މެޓަކްރިޓިކްގައި 100 އިން 99 ގެ އާދާޔާ ހިލާފު މަތީ ރޭޓިންއެއްވަނީ ލިބިފައެވެ. މިއީ 1998 ގައި ނިންޓެންޑޯގެ "ދަ ލެޖެންޑް އޮފް ޒެލްޑާ: އޮކަރީނާ އޮފް ޓައިމް" ގޭމުން ގާއިމުކުރި ރެކޯޑާ އެއްވަރުވުމެކެވެ.
އައި.ޖީ.އެންގެ ރިވިޔުކުރާ މީހާ ލޫކް ރައިލީވަނީ މި ގޭމަށް 10 އިން 10 ގެ ރޭޓިންނެއް ދީފައެވެ.
"ތެދަށް ބުނާނަމަ، ޖީ.ޓީ.އޭ ހައެއް ފަދަ އެހެން ގޭމެއް އަހަރެން ދުވަހަކުވެސް ނުކުޅެން. އަދި މި ވަގުތު މި ގޭމް ކުޅުން ހުއްޓައިލުމުގެ އެއްވެސް ވިސްނުމެއް އަހަރެންގެ ނެތް،" އޭނާ ބުންޏެވެ.
ނަމަވެސް ހުރިހާ ކްރިޓިކުންގެ ހިޔާލު އެއް ގޮތެއް ނޫނެވެ.
"މިއީ ބައެއް ފަހަރު މާޔޫސްކުރުވާ ގޭމަކަށް ވެދާނެ. ކުރިއަށް ކިޔަން ނޭނގޭ، ބުރަ، ބެލެހެއްޓުން ދަތި، އަދި ބައެއް ފަހަރު އިންސާފުވެރި ނޫން ގޭމެއް،" ދަ ގާޑިއަންގެ ކޭޒާ މެކްޑޮނަލްޑް ބުންޏެވެ.
އައިރިޝް ޓައިމްސްގެ އެޑް ޕަވާވެސްވަނީ މި ގޭމަށް ފާޑުކިޔައިފައެވެ. އެއީ އަނިޔާވެރިކަމާއި އަދަބުކުޑަ ގޮތަކަށް މަޖާކަން ގެނެސްދީފައިވާތީއެވެ.
ގޭމްގައި ފެނިގެންދަނީ ހިޔާލީ ގައުމެއްކަމަށްވާ ލިއޮނިޑާގެ ތެރެއިން ޖޭސަން ޑުވާލާއި ލޫސިއާ ކަމީނޯސްގެ ވާހަކައެވެ. ގޭމްގައި ނުހަނު ބޮޑު ދުނިޔެއަކާއި ކުށްކުރުން ފުރިގެންވާ ވާހަކައެއް ހިމެނެއެވެ.
އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއްކަމަށްވާ ސްކޮޓްލެންޑުން އުފަންވި އަދި މިހާރު އެމެރިކާގެ ޓޭކް-ޓޫ އިންޓަރެކްޓިވްގެ ސަބްސިޑިއަރީ ކުންފުނި ރޮކްސްޓާ ގޭމްސްއިން ނެރުނު މި ގޭމް އެމެރިކާގައި ހުއްދަކޮށްފައިވަނީ 17 އަހަރުން މައްޗަށްކަމަށްވާއިރު އިނގިރޭސި ވިލާތާއި ޔޫރަޕްގައި ހުއްދަކޮށްފައިވަނީ 18 އަހަރުން މައްޗަށެވެ. އެއީ، ބޮޑެތި މީހުންނަށް އެކަށީގެންވާ ވާހަކައަކަށް ގޭމް ހަދައިފައިވުމާއި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މަންޒަރާއި ބަރަހަނާ އަދި ޖިންސީ ގުޅުން ހިންގާ މަންޒަރުތައްވެސް ހިމެނޭތީއެވެ.
ރެކޯޑު މިންވަރަކަށް ވިކޭނެކަމުގެ އުއްމީދާއި މުޅި ދުނިޔޭގެ ފޯރިއާއި ގޭމް ކުޅެން މަސައްކަތުގެ މައިދާނަށް މީހުން ހާޒިރުނުވުމާއި ގިނަ ކްރިޓިކުންގެ ތައުރީފު ލިބުމުގެ ސަބަބުން ޖީ.ޓީ.އޭ ހައެއް ތާރީހުގައިވެސް އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ލޯންޗިންއަށްވުމުގެ ފުރުސަތު ބޮޑެވެ.



advertisment