ވާހަކަފުޅުދައްކަވާނީ ނަތީޖާއިން ކަމަށާއި، މިގޮތުން، ސާނަވީ ތަޢުލީމު ނިންމައި، މަތީ ސާނަވީ މަރުޙަލާއާ ގުޅޭ ދަރިވަރުންގެ ނިސްބަތް ތިން އަހަރު ދުވަހުގެ ތެރޭގައި 37 އިންސައްތައިން 46 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. އަދުގެ ސަރުކާރުން ހަވާލުވާންޖެހުނީ ވަރަށް ހާލުގައި އޮތް ތަޢުލީމީ ނިޒާމަކާ ކަމުގައި ވީ ނަމަވެސް، ތަޢުލީމީ ދާއިރާއިންވެސް މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާ، މިފަދަ ބައެއް ދާއިރާތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މިގޮތުން ވޮކޭޝަނަލް ތަޢުލީމުގެ ދާއިރާއިން އަމަލީ ސިފައެއްގައި އަދުގެ ސަރުކާރުން ގެނެސްދެއްވި ބައެއް ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ވޮކޭޝަނަލް ދާއިރާ ކުރިއެރުވުމަށް ވާހަކަދެކެވޭތާ އެތައް އަހަރެއް ވީ ނަމަވެސް، އަމަލީ ގޮތުން އެފަދަ ސްކޫލެއް ތަޢާރަފުކުރީ އަދުގެ ސަރުކާރުގައިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަފާތު އެކި ފަންނުތަކުން 121 ދަރިވަރަކު މިހާރުވެސް ވޮކޭޝަނަލް ސްކޫލްގައި އުނގެނެމުން އަންނަ ކަމުގައި ވިދާޅުވެފައެވެ.
ހަމަ މިމޭރުމުން، މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް އެމަނިކުފާނުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ހިލޭ ޑިގްރީއާއި ސްކޮލަރޝިޕް އަދި ލޯނުގެ ގޮތުގައި ކުރެވިފައިވާ ޚަރަދުތަކުގެ ބައެއް ތަފާސް ހިސާބުތައް، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
އެންމެ ގިނަ ދަރިވަރުންނާއި ޢާއިލާތައް މާލެއަށް ހިޖުރަކުރާ އެއް ސަބަބަކީ މަތީ ތަޢުލީމުގެ ފުރުސަތު ރަށާ ކައިރިން ފަހިވެފައި ނެތުން ކަމުގައިވާއިރު، މިކަން ބަދަލުކުރުމަށް އަދުގެ ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ޔުނިވަރސިޓީތަކުގެ ދަނާލާއި ކެމްޕަސްތައް އަތޮޅުތެރޭގައި ގާއިމުކުރުމަށް ހިންގޭ މަޝްރޫޢުތައްވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު، ސަރުކާރުގެ ޚަރަދުގައި، ގައުމުން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު އަނބުރާ ޤައުމީ ޚިދުމަތާ ގުޅުމަށް ބައެއް ދަރިވަރުން މަޤުބޫލު އުޒުރެއް ނުދައްކައި ދެކޮޅުހަދާ މައްސަލައަށް ހައްލު ހޯއްދެވުމަށްވެސް އަދުގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.



advertisment