ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ބާއްވާ "ދުޅަހެޔޮ އިސްރަށްވެހިން"ގެ ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް އެޗް.ޑީ.ސީން ދީފިއެވެ.
"މި ޕްރޮގްރާމަކީ ގިނަ އިސްރަށްވެހިން އަބަދު ގޭގައި ތިބެންޖެހޭ ޖެހުމާއި، އިޖުތިމާއީ ހަރަކާތްތަކުން އެކަހެރިވުން ނައްތާލައި، އެ ފަރާތްތަކަށް އުފާވެރި އަދި ހަރަކާތްތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ރާވާފައިވާ ހަރަކާތެކެވެ. މި ޕްރޮގްރާމްގައި މުޅިން ހިލޭ ބައިވެރިވެވޭނެއެވެ. ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުންނަށް މި ގޫގްލް ފޯމް މެދުވެރިކޮށް ދުޅަހެޔޮ އިސްރަށްވެހީންގެ ޕްރޮގްރާމްގައި ބައިވެރިވެލެއްވޭނެއެވެ." އެޗް.ޑީ.ސީން ބުނެއެވެ.
މި މަހު ފަސްވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގެ ތެރެއިން ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ މި ޕްރޮގްރާމްގައި ރަޖިސްޓްރީވެފައެވެ.
"މި ޕްރޮގްރާމަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން ވީހާ ވެސް ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ވަނީ ދީފައެވެ." އެޗް.ޑީ.ސީން ބުނެއެވެ.
"ދުޅަހެޔޮ އިސްރަށްވެހިން ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ނޮވެންބަރު 19 ގައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށެވެ. ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެއެވެ. މި ހަރަކާތާ އެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެއެވެ. އިސްރަށްވެހިންނާ ގުޅޭ މި ނޫން ވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ."
މި ޕްރޮގްރާމަކީ އެޗް.ޑީ.ސީ އާއި މިނިސްޓްރީ އޮފް ހެލްތާއި ހުޅުމާލެ ހޮސްޕިޓަލާއި، ފުލުހުންނާއި، ފިޒިއޯ ސޮލިއުޝަންސްގެ އިތުރުން ޕެންޝަން އޮފީހާއި، އެމްޓީސީސީ އާއި، އުރީދޫ އަދި އެކިއެކި އެންޖީއޯތަކުގެ އެއްބާރުލުމާ އެކު ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.
"މި ކޯޕަރޭޝަންގެ އަމާޒަކީ، މި ޕްރޮގްރާމްގެ ސަބަބުން އިސްރަށްވެހިންގެ ސިއްހީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުވެ، މުޅި ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުމެވެ."



advertisment