Support Us

މި ދިޔަ ޖުލައި 12 ގައި ނެގި ސެޓެލައިޓު ފޮޓޯއަކުން ބާބުލްމަންދަބު ކަނޑުއޮޅި ފެންނަ ގޮތް

ކުރިއަށް އޮތް ހަމަލާއަކަށް އީރާން ތައްޔާރުކުރުމުގައި ރަޝިޔާއިން އެހީތެރިވާ ގޮތް

ރަޝިޔާގެ ފަޒާގެ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ ސަބަބުން އެމެރިކާއިން ދީފައިނެ ހަމަލާއަކަށް ތައްޔާރުވުމަށް އީރާނަށް އެހީއަކަށްވާނެއެވެ.

ކުރިއަރައިފައިވައި ސެޓެލައިޓް އިންޓެލިޖެންސް މައުލޫމާތު ރަޝިޔާއިން ފޯރުކޮށްދީގެން އެމެރިކާގެ އަސްކަރީ ހަމަލާއަކަށް ތައްޔާރުވުމަށް އީރާނަށް މިހާރުވެސް އެހީތެރިވަމުންދާކަމަށްވެދާނެއެވެ. މި އެހީގެ ސަބަބުން އީރާނަށް ދީފައިނެ ހަމަލާތަކުގެ އިންޒާރު އީރާނަށް ކުރިން ލިބި، އަދި ބާރުގަދަ ރައްދު ހަމަލާތައް ރޭވުމަށް އީރާނަށް އެހީއަކަށްވާނެއެވެ.

އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއްކަމަށްވާ އިންގްލެންޑްގައި އިނގިރޭސި ސަރުކާރުން ހިންގާ ދިރާސާކުރާ ޔުނިވާސިޓީ، ކިންގްސް ކޮލެޖް ލަންޑަންގެ، ހަނގުރާމައާ ގުޅޭ މައުލޫމާތު ދިރާސާކުރާ ޑިޕާޓްމަންޓް، ޑިޕާޓްމަންޓް އޮފް ވޯ ސްޓަޑީޒްގެ ސީނިއާ ފެލޯއެއްކަމަށްވާ ނަވާފް އުބައިދު މިއަދު އަލްޖަޒީރާގައި ޝާއިއުކުރި ކޮލަމެއްގައިވަނީ ރަޝިޔާއާއި އީރާނާ ދެމެދު އިތުރުވަމުންދާ އަސްކަރީ އެއްބާރުލުން ފާހަގަކޮށްފައެވެ.

އުބައިދު ބުނީ އޭނާގެ "ޕްރޮޖެކްޓް އޯރޯރާ" މަޝްރޫއުން އަށް މަސް ތެރޭގައި ކޮސްމޮސް-2600 ސީރީޒްގެ ރަޝިޔާގެ މަދުވެގެން 20 އަސްކަރީ ސެޓެލައިޓް ޓްރެކްކޮށްފައިވާކަމަށެވެ. ދިރާސާވެރިންނަށް މީގެ ތެރެއިން 18 ސެޓެލައިޓެއް ޓްރެކްކުރެވެއެވެ.

މި އުޅަނދުތަކަށް ތަފްސީލީ ތަސްވީރުތައް ނަގައި، ރާޑަރުގެ ހަރަކާތްތައް މޮނީޓަރުކޮށް، އަދި އަސްކަރީ މުވާސަލާތީ މައުލޫމާތު އެއްކުރެވެއެވެ. މި ސެޓެލައިޓްތަކުން ސޫރިޔާ، ލުބްނާން އަދި އިސްރާއީލުން ފެށިގެން އީރާނާއި އަރަބި ޕެނިންސިއުލާއާ ހަމައަށް ބޮޑު ސަރަހައްދެއް ކަވަރުކުރެއެވެ. އަދި ހުރުމުޒު ކަނޑުއޮޅިއާއި ބާބުލްމަންދަބު ކަނޑުއޮޅިވެސް މޮނީޓަރުކުރެއެވެ.

ރަޝިޔާގެ ސެޓެލައިޓްތައް، މުހިންމު އަސްކަރީ މަރުކަޒުތަކާއި އިންފްރާސްޓްރަކްޗަރުގެ މަތިން ދަތުރުކުރުމަށްޓަކައި އެ ތަކެތީގެ މަގާމުތައް ބަދަލުކުރާތަން އުބައިދަށްވަނީ ފެނިފައެވެ. އީރާނުގެ ހަމަލާތަކުގެ ކުރިންނާއި ފަހުން، ހަމަލާދިން އަމާޒުތަކުގެ މަތިން ބައެއް ސެޓެލައިޓްތައް ދަތުރުކުރިއެވެ. މީގެ ސަބަބުން، ލިބުނު ގެއްލުންތައް ވަޒަންކުރަން ރަޝިޔާއަށް ފުރުސަތު ލިބުނެވެ.

އުބައިދު ގަބޫލުކުރާ ގޮތުގައި އެމެރިކާއާއި ގަލްފުގެ އަސްކަރީ އަދި މަދަނީ އަމާޒުތަކަށް އީރާނުން ދިން ހަމަލާތަކަށް ރަޝިޔާއިންވަނީ އީރާނަށް އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދީފައެވެ. އަދި މި އިންޓެލިޖެންސް މައުލޫމާތުގެ ސަބަބުން އެމެރިކާގެ އަސްކަރީ ހަރަކާތްތައް މޮނީޓަރުކޮށް، އެމެރިކާގެ ފަރާތުން ކުރިމަތިވެދާނެ ހަމަލާއަކަށް ތައްޔާރުވުމަށް އީރާނަށް އެހީއަކަށްވެދާނެކަމަށްވެސް އޭނާ ބުންޏެވެ.

މި މައުލޫމާތު ބޭނުންކޮށްގެން އީރާނަށް އެ ގައުމުގެ ފައުޖުތައް ރައްކާތެރިކޮށް، ކޮމާންޑް ސިސްޓަމްތައް ދެމެހެއްޓިދާނެއެވެ. އަދި ސަރަހައްދީ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭން ތައްޔާރުވެވިދާނެއެވެ.

އަލުން ހަނގުރާމައެއް ފަށައިފިނަމަ ތެޔޮ ސާފުކުރާ ކާރުހާނާތަކަށާއި ތެޔޮ ބޭރުކުރާ ޓާމިނަލްތަކަށާއި ޑީސެލިނޭޝަން ޕްލާންޓްތަކަށާއި އަދި އިންޖީނުގެތަކަށް ނުރައްކާވެދާނެކަމަށް އުބައިދު ބުންޏެވެ.

"ޓްރަމްޕް، އޭނާގެ ނިންމެވުން ބަދަލުކުރައްވައި، ހަމަލާދޭން ނިންމަވައިފިނަމަ، އެމެރިކާގެ އަސްކަރިއްޔާއިންކުރާ ކަންކަމަށް އީރާން ތައްޔާރަށް އޮތުމުގެ އިތުރުން، އެ ސަރަހައްދަށް ފަނާކުރަނިވި ބޮޑު ހަމަލާއެއް ދިނުމުގެ ގާބިލުކަންވެސް އީރާނަށް ލިބިގެންދާނެ،" އުބައިދު ބުންޏެވެ.

އޭނާ ބުނީ ގަލްފްގެ އިންފްރާސްޓްރަކްޗަރަށް ދޭ ހަމަލާތަކުގެ ސަބަބުން ފެނާއި ކަރަންޓުގެ ހިދުމަތަށް ބުރޫއެރުން އެކަށީގެންވާކަމަށެވެ. އަދި ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރުތަކަށްވެސް މީގެ އަސަރުކޮށްފައިނެކަމަށް އުބައިދު ބުންޏެވެ.

ރަޝިޔާއިން ހަނގުރައިމައިގެ ތެރެއަށް ސީދާ ނުވަދެ، ސެޓެލައިޓް އިންޓެލިޖެންސްގެ މައްޗަށް އޮތް ބާރުގެ ބޭނުންކޮށްގެން އީރާނަށް ނުފޫޒު ފޯރުވިދާނެއެވެ.

ކުރިއަށް އޮތް ހަނގުރާމަތައް، އީރާނާ ދެކޮޅަށް އެމެރިކާއިންކުރަމުންދާ ހަނގުރާމައިން ބޭރަށް ގޮސް، ފަޒާގެ ތެރެއަށް ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރު އުބައިދު ދިނެވެ. އޭނާވަނީ ފިންލޭންޑްގެ ވިޔަފާރި ސެޓެލައިޓަކާ ރަޝިޔާގެ ކޮސްމޮސް-ސީރީޒްގެ ސެޓެލައިޓެއް ކައިރިވި ހާދިސާ، އަސްކަރީ ތައްޔާރީތަކެއްގެ ނިޝާނަކަށްވެދާނެކަން ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *