އީރާނަށް އަލުން ހަމަލާ ދޭން ތައްޔާރުވުމަށް އިސްރާއީލުން އެ ގައުމުގެ އަސްކަރިއްޔާއަށް އަންގައިފިކަމަށް ދޭހަވާ ރިޕޯޓުތަކެއް ފެންމަތިވެއްޖެއެވެ.
އިސްރާއީލުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ކޭ.އޭ.އެނުން އިއްޔެ ރިޕޯޓުކުރި ގޮތުގައި އެ ގައުމުގެ ސަލާމަތީ ކެބިނެޓުންވަނީ އަސްކަރިއްޔާއަށް އާ އިރުޝާދުތަކެއް ދީފައެވެ. އެއީ އީރާނާ ދެކޮޅަށް އަސްކަރީ ހަރަކާތްތަކެއް ހިންގުމަށް މަގުފަހިވެގެންދާ ފަދަ އިރުޝާދުތަކެކެވެ.
އިސްރާއީލުގެ އިދިކޮޅު ލީޑަރު ގާދީ އައިސެންކޮޓްވަނީ އަވަސް ނުރައްކަލެއް ކުރިމަތިވެފައިނުވާނަމަ އިތުރު ހަނގުރާމައަކަށް ނުދިއުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވައިލައިފައެވެ. އަދި ސެކިއުރިޓީގެ ސާފު ސަބަބެއް ނެތި އަސްކަރީ ފިޔަވަޅުތައް ނޭޅުމަށް އޭނާވަނީ އިންޒާރު ދީފައެވެ.
"ސަލާމަތީ ކެބިނެޓުން އިސްރާއީލުގެ އަސްކަރިއްޔާއަށް ދީފައިވާ އިރުޝާދުތަކުގެ ސަބަބުން ހަނގުރާމައެއް ފެށުމަށް މަގުފަހިވެގެންދާ ފަދަ ހަރަކާތްތަކެއް ހިނގައިފައިނެ،" ކޭ.އޭ.އެނުން ރިޕޯޓްކުރިއެވެ.
ސަލާމަތީ ކެބިނެޓުން އަސްކަރިއްޔާއަށް ދިން އިރުޝާދުތަކުގެ ސަބަބުން ސަރަހައްދީ އިތުރު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވަނީ އުފެދިފައެވެ.
އީރާނުން ބުނީ އެ ގައުމަށް ހަމަލާއެއް ދީފިނަމަ ސަރަހައްދުން ބޭރަށް ހަނގުރާމަ ފުޅާކުރާނެކަމަށެވެ.
އީރާނުގެ ސަލާމަތީ ވެރިޔާ މުހްސިން ރިޒާއީ ބުނީ އީރާނަށް ހަމަލާދީފިނަމަ ބަދަލުހިފާނެކަމަށެވެ.
"އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރު ހަނގުރާމައެއް ފަށައިފިނަމަ ހުޅަނގު އޭޝިއާއިން ފެށިގެން ޔޫރަޕާ ހަމައަށް އެ އުދުވާނުގައި ބައިވެރިވާ ކޮންމެ އަސްކަރީ މަރުކަޒަކީ އީރާނުގެ ނުރައްކާތެރި ހަމަލާތަކުގެ ސައްހަ އަމާޒަކަށް ވެގެންދާނެ،" އޭނާ ބުންޏެވެ.



advertisment