އާންމު ގޮތެއްގައި މީހަކު، އޭނަ ކުރި ކުށެއްގެ ސަބަބުން، އޭނަގެ މައްޗަށް މަރުގެ ހުކުމް އިއްވައި، އެ ހުކުމް އޭނަގެ މައްޗަށް ތަންފީޒު ކުރެވުމުން ކުރިން، ކުށްވެރިޔާއާ ކުރެވޭ އެންމެ ފަހުގެ މުއާމަލާތަކީ އޭނަ ކުރެން، އޭނަ ބުނަން ބޭނުން ފަހު ބަހެއް އޮތްތޯ އެހުމެވެ. ތިރީގައި އެ ވަނީ މި ފަދަ ކުށްވެރިޔަކާއި އޭނަގެ ފަހު ބަހެވެ.
މި ލިޔުމުގައި އޭނަގެ މައްޗަށް ދަންޖައްސައި މެރުމުގެ ހުކުމް އައުމުގެ ތަފްސީލަށް ދިޔުމުގެ ބޭނުމެއް ނެތެވެ. ބާރުގެ ބޭނުންކޮށްގެން ވައްކަންކުރަން އުޅެ، އެ އަމަލު ހިންގުމުގެ ތެރޭގައި މީހަކު މެރިއްޔޭ ބުން ފުއްދާލާނަމެވެ. މި ލިޔުމުގައި ބަލައިލަން ގަސްދުކުރަނީ އޭނަގެ ފަހު ބަހަށެވެ. ދަންޖައްސަން ގެންދިޔުމުގެ ކުރިން، އޭނަގެ ކިބައިން ފަހު ބަހެއް އޮތްތޯ އޭނަ އެހުމުން އޭނަ ބުނި ވާހަކައިގެ މައްޗަށެވެ. އޭނަގެ ނަމަކަށް ބިލްއޭ ކިޔާނަމެވެ.
ބިލްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވަގުތު އައިސް ޖެހުމުން، އެހެން އެފަދަ ކުށްވެރިންގެ ކިބައިން އެހޭ ފަދައިން، ބިލް ކުރެންވެސް، ފަހުގެ ބަހެއް އޮތްތޯ އެހުނެވެ. ބިލް އާނއެކޭ ބުނެ، ގަނޑަކާއި ގަލަމަކަށް އެދުނެވެ. ދެން، ބިލްގެ މަންމައާ މުޚާތަބުކޮށް މަންމައަށް ސިޓީއެއް ލިޔުނެވެ.
"ލޯބިވާ މަންމާއެވެ! ދުނިޔޭގައި އިންސާފެއް އޮތް ނަމަ، މިއަދު، އަހަންނާއެކު، މަންމަ ވެސް ދަންޖައްސަން ޖެހޭނެއެވެ. މަންމަ ހަނދާން އެބަހުރި ހެއްޔެވެ؟ އަހަރެން، ކުޑަ އިރު، ބައިސްކަލެއް ވަގަށް ނަގައިގެން ގެއަށް ގެނައުމުން، ބައްޕައަށް އެކަން އެނގި އަހަންނަށް އަދަބެއްދީފާނެތީ، އެ ބައިސްކަލު ފޮރުވަން މަންމަ އެހީވެދިނީމު ނޫން ހެއްޔެވެ؟ އަދި، އޭގެ ފަހުން، އަހަރުމެންގެ އަވަށްޓެރިޔާގެ ގެއިން ވައްކަންކޮށް، ފައިސާ ހިފައިގެން އައި ދުވަހު، އެ ފައިސާ ބޭނުންކޮށްގެން ބާޒާރަށް ގޮސް އެއްޗެހި ގަތުމުގައި މަންމަ ވެސް ބައިވެރިވީމު ނޫން ހެއްޔެވެ؟ ބައްޕައަށް ކޮންމެ ވެސް ގޯހެއް ވެގެން އުޅޭހެން ހީވުމުން، އެ ދުވަހު ވެސް، ބައްޕައާ ޒުވާބުކޮށް، މަންމަ އަހަރެން ދިފާއުކުރީމު ނޫން ހެއްޔެވެ؟ ދެން، އިސްކޫލުގައި ވެސް ބަސްނާހައި، އަދި އިމްތިހާނުތަކުގައި ކޮޕީކޮށް ހެދުމުން ވެސް، އަހަރެންގެ އުޅުން ރަނގަޅުވޭތޯ މަންމަ އަހަންނަށް އެއްވެސް ނަސޭހަތެއް ނުދެމު ނޫން ހެއްޔެވެ؟ އަދި، ބައްޕަ ވެސް އެކަން ކޮށްފާނެތީ ހުރަސް އަޅަމު ނޫން ހެއްޔެވެ؟ ދެން އާޚިރުގައި އަހަރެން އިސްކޫލުން ވެސް ކަނޑާލީ ނޫން ހެއްޔެވެ؟ ދެން، އަހަރެން ބޮޑުވެ، ބަދަލުވެގެން ދިޔައީ، އެއްވެސް ހެޔޮ އަގުތަކެއް ގަބޫލު ނުކުރާ، އަދި، ބޭއަޚުލާގީ މީހަކަށެވެ. ދެން، މިއަދު މިފެންނަނީ އެ އިހުމާލުވުމުގެ އާޚިރު ނަތީޖާއެވެ. ދެން، ކުރެވޭނޭ ކަމެއް ނެތެވެ. އަހަރެން ދުނިޔެއަށް އުފަންކޮށް، އަދި އަހަރެންގެ ފުރާނަ ނެތިކޮށްލުމުގެ ސަބަބަކަށް ވެސް މަންމަވީތީ ޝުކުރުވެރި ވަމެވެ." މިހެން ބުނެ ބިލް، އޭނަގެ ސިޓީ ނިންމާލިއެވެ. އަދި، އެއަށް ފަހު، ދަންޖައްސައި އޭނަ މަރާލިއެވެ.
ބިލްގެ ސިޓީއިން ލިބޭ އިބުރަތަކީ ކޮބައި ހެއްޔެވެ؟ އިންސާނުން، ސީދާ މަގުން ކައްސާލައި، ކަތި ފިޔަވަޅު އަޅަން ފަށަނީ ހަމަ ހުރެފައި ކުއްލިއަކަށް ނޫނެވެ. ނުރަނގަޅު މަގުގައި އޭނަ ހިނގަން ފަށަނީ ކުޑައިރުއް ސުރެން ފެށިގެންނެވެ. ހެޔޮ މަގުގައި ހިނގުން އާދައަކަށް ހެދުމަށްޓަކައި، ގުދުރަތުން، އޭނަގެ ކިބައިގައި ބާރުތަކެއް ލެއްވިފައި ވެއެވެ. އޭނަގެ ސަލާމަތް ބުއްދިއެވެ. އޭނަގެ ޟަމީރެވެ. ނަމަވެސް، އޭނަގެ 'މާހައުލުގެ' ސަބަބުން، ހެޔޮ މަގަށް އަޅުވައިދޭނޭ ގުދުރަތީ މި ބާރުތައް އިހުމާލުކޮށްލެވެއެވެ.
މި ނަންގަތް 'މާހައުލަކީ' ކޮބައި ހެއްޔެވެ؟ އެންމެ ފުރަތަމަ އެއީ އޭނަގެ ގެއެވެ. އޭނަގެ މައިންބަފައިންނެވެ. ބިލް، އޭނަގެ ސިޓީގައި ފާހަގަކުރި ފަދައިންނެވެ. ގޭގެ މާހައުލުގެ ތެރެއިން، ހެވާއި ނުބަޔަކީ، ރަނގަޅާއި ނުރަނގަޅަކީ އޮންނަ އެއްޗެއްކަން ބުނެދީ ދަސްކޮސްދޭން ޖެހެއެވެ. މައިންބަފައިންގެ ބަހާއި އަމަލުންނެވެ.
އެއަށް ފަހު މަދަރުސާއެވެ. މަދަރުސާ ވާންޖެހޭނީ ހަމައެކަނި ހުސް މައުލޫމާތުތަކެއް ފޯރުކޮށްދޭ ތަނަކަށް ނޫނެވެ. ތައުލީމީ މަންހަޖުތަކަގެ ތެރެއިން، މުޖުތަމައުގެ އަގުތައް – މަކާރިމުލް އަޚުލާގު ސިފަތައް، ތެދުވެރިކަމާއި ވަފާތެރިކަން، އަނެކުންނަށް އަޅާލައި އިހުތިރާމުކުރުން – ކިޔަވާ ކުދިންނަށް ފޯރުކޮށްދެވޭން ޖެހެއެވެ. މިސާލަކަށް، ދީނީ މާއްދާގެ ތެރެއިންނެވެ. އަދަބިއްޔާތުގެ މާއްދާ ކިޔަވައި ދިނުމުގެ ތެރެއިންނެވެ. މި ނަންގަތް އަގުތައް އެކުލެވޭ ވާހަކަތަކާއި ޅެންތައް ކިޔަވައިދީ އަދަބީ އެ ފަދަ ލިޔުންތައް ތަހުލީލުކޮށްގެންނެވެ.
ކުއްޖާއަށް އަސަރުކުރުވާ މާހައުލަކީ ހަމައެކަނި އޭނަގެ ގެއާއި އޭނަގެ މަދަރުސާއެއް ނޫނެވެ. މީގެ އިތުރުން އޭނަގެ މުޖުތަމައު ވެސް މެއެވެ. މުޖުތަމައުއެއް ހެޔޮ ގޮތުގައި އޮވެވޭނީ އެ މުޖުތަމައެއްގައި ހަރުދަނާ އަގުތަކެއް ފާހަގަކޮށް ކަނޑައަޅާލެވިފައި އޮވެގެންނެވެ. މި އަގުތައް ގުޅެނީ ދީނާއެވެ. ދީނަކާ ނުލައި ދާއިމީ ސިފަ ލިބިގެންވާ އަގުތަކެއް ކަނޑަ ނޭޅޭނެއެވެ.
މި ނުކުތާ އިތުރަށް ސާފުކޮށްލަދިނުމުގެ ގޮތުން، އިސްލާމް ދީނުގެ އަގުތަކުގެ މައްޗަށް ކަޅިއެއް އެއްލަމާ ހެއްޔެވެ؟ އިސްލާމް ދީނުގައި ދެ ބާވަތެއްގެ އަގުތަކެއް އޮވެއެވެ. އިންފިރާދީ އަގުތަކަކާއި މުޖުތަމައީ އަގުތަކެކެވެ. ރިވެތި އަޚުލާގީ ސިފަތައް ލިބިގަނެ ހެޔޮލަފާ މީހަކަށް ވުމެވެ. އިސްލާމީ ހުރިހާ އަޅުކަންތަކެއްގެ މައިގަނޑު މަގުސަދަކީ މި އަމާޒަށް ވާސިލުވުމެވެ. ދެވަނަ ބާވަތުގެ އަގުތައް ގުޅެނީ މުޖުތަމައުއާއެވެ. އާދެ، އެއީ މުޖުތަމައީ އަގުތަކެވެ. އިސްލާމީ މުޖުތަމައު އިންތިޒާމުވެގެންދާން ޖެހޭނީ ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް ކަމަށް ބުނާ އަގުތަކެވެ. މި ދެ ކަންތަކުގެ ވާހަކަ ވެސް ކޮންމެ ހުކުރު ދުވަހަކު ހަނދާންކޮށްދެވެއެވެ. އަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުގައި އޮންނަ إن الصلاة تنهى عن الفحشاء والمنكر މިއާޔަތާއި، ނަހުލު ސޫރަތުގެ 16 ވަނަ އާޔަތުގައި އޮންނަ إن الله يأمر بالعدل މި ދެ އާޔަތް ކިޔައެވެ. ފުރަތަމަ އާޔަތުގައި ހަނދާންކޮށްދެވެނީ ނަމާދުގެ ޒަރިއްޔާއިން މާތްﷲއާ ގުޅުން އުފައްދައި، އަޚުލާގީ ގޮތުން ހަޑިހުތުރު ކަންކަމާއި، އަދި، ދޮގު ހެދުމާއި ވައްކަން ކުރުމާއި ފަސާދައިގެ އަމަލުތައް ފަދަ، ސަލާމަތް ބުއްދި އެއީ މުންކަރާތްކަމަށް، އާދެ، ނުރަނގަޅު ކަންތައްތައް ކަމަށް ބުނެދޭ ކަންކަމާ ދުރުވެ، ހެޔޮ ލަފާ މީހަކަށް ވުމެވެ. ދެވަނަ އާޔަތުގައި ގޮވާލެވިފައި ވަނީ، ކީރިތި ގުރުއާނުގެ މުޖުތަމައީ ހުކުމްތަކުގެ މަގުސަދަކީ ހަމަހަމަކަމާއި އަދުލު އިންސާފު ގާއިމުކުރުން ކަމެވެ. މިކަން ކުރެވޭނީ، އެ މީހުންގެ މަސައްކަތުން، ހުރިހާ މުވާތިނުންގެ ވެސް އަސާސީ ބޭނުންތައް ފުރިހަމަ ކުރެވޭނޭ ނިޒާމެއް ގާއިމުކޮށް މުޖުތަމައިން ފަގީރުކަމާއި މުހުތާދުކަށް ފިލުވާލައިގެންނެވެ.
ދެން، ފާޅުގައި މުޖުތަމައުގެ އަގުތަކާ މެދު – އެއީ އިންފިރާދީ އަގުތަކަށް ވިޔަސް ނޫނީ މުޖުތަމައީ އަގުތަކަށް ވިޔަސް – އަޅާ ނުލެވި، އެކަމާ މެދު އިހުމާލުކޮށްލެވޭތަން ފެނުމުން، އެ ފަދަ މުޖުތަމައެއްގައި ކުއްޖާ ބޮޑުވާން ޖެހުމުން، ކަތި މަގުން ހިނގުން އޭނައަށް ފަސޭހަކަމަށް ވެއެވެ.
މުޖުތަމައުގެ އަގުތަކާ މެދު އަޅާ ނުލައި އިހުމާލުކޮށްލެވިފައިވާ ކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ ދެ ގޮތަކުން މިކަން އެނގިދާނެއެވެ. މުޖުތަމައު އިންތިޒާމުކޮށް ހިންގަން ހަވާލުކުރެވިފައިވާ މީހުންގެ ހުރިހާ ވެސް އެދުމަކީ އެ މީހުންގެ އަމިއްލަ ބޭނުންތައް ފުއްދުން ކަމަށް، މުވާތިނުންނަށް ފެނި ގަބޫލުކުރެވުމެވެ. އެއްކޮޅުން، އާންމު ރައްޔިތުންނަށް، އެމީހުންގެ ބޭނުންތައް އެ މީހުންނަށް މަހަކު ލިބޭ އަށެއްކަ ހާސް ރުފިޔާއިން ފުއްދޭނެކަމަށް ގަބޫލުކޮށް، އަނެއްކޮޅުން ލައްކައިންނާއި މިލިޔަނުން މަހު މުސާރަ ނަގަން އިސް މަގާމުތަކުގައި މީހުން ތިބޭ ތަން ފެނުމެވެ. ދެން، މިހެން ވުމުން، މުޖުތަމައުގެ އަގުތަކުގެ ހުރުމަތް ކަނޑާލެވޭ ތަން އެންމެނަށް ފެނުމުން، އެކަން ހުއްޓުމުގެ ބާރެއް، އެކަން ހުއްޓުވުމުގެ އެދުމެއް، އެކަން ހުއްޓުވުމަށްޓަކައި ކަނޑައެޅިފައި އޮންނަ މުޖުތަމައީ މުއައްސަސާތަކާއި އިދާރާތަކަށް ލިބިފައި އޮންނަ ކަމަކަށް ނުވެއެވެ.
މިކަމުގެ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ މާ ދުރަށް ނުގަސް، މި ވޭތުވެ ދިޔަ ދެ ހަފްތާތެރޭގައި ރާއްޖޭގައި ހިނގައި ދިޔަ، މުޅި މުޖުތަމައު އެކަމާ މެދު ދެރަވެ، ހިތާމަކުރަން ޖެހޭ، ބައެއް ހާދިސާތަކުގެ މައްޗަށް ނަޒަރު ހިންގާލާށެވެ. ރަށެއްގައި ޖަމާއަތެއް ވެގެން، އަންހެނުންތަކެއްގެ އިއްފަތް ފޭރިގަތުމުގެ ހާދިސާއެވެ. ބައްޕައަކު އޭނަގެ އުފަން ދަރިޔާ ޖިންސީ ގޮތުން ގޯނާ ކުރި ކަމުގެ ހާދިސާއެވެ. ކަމުވޮށިގެންވާ ބޭކަލެއްގެ މައްޗަށް އޭނަގެ ދޮންދަރިޔަކާ ދިގު މުއްދަތަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި ބަންދުކުރެވުނު ހާދިސާއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި، ހެވާއި ނުބަޔަކީ އެކައްޗަކަށްވެ، ދެ ބެން ޖިންސީ ގުޅުން ހިންގަމުންދާ ކަމުގެ ވާހަކައެވެ.
މި ހާދިސާތަކުން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ބިލް، އޭނަގެ ސިޓީގައި ބުނެފައިވާ ފަދައިން، ކުށްވެރިވަނީ ކުށް ކުރި މީހުން އެކަންޏެއް ނޫނެވެ. މުޅި މުޖުތަމައުއެވެ. ނުރަނގަޅު މަގުތަކުން އާންމު ފަރުދުން ހިނގަމުންދާ އިރު، އެކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭ ފަރާތްތަކުން އެކަމާ އިހުމާލުވެފައި ވުމުންނެވެ. މައިން ބަފައިންނެވެ. މަދަރުސާއެވެ. އަދި، ކުށެއް ކުރުމުން، އެއީ ކިތަންމެ ބޮޑު ޖަރީމާއެއް ކަމަށް ވިޔަސް، އެއް ދުވަހަށް ދެދުވަހަށް 'ބަންދުގެ މުއްދަތު ޖަހަން ތަންދޭ ޝަރުއީ އަދި ގާނޫނީ ނިޒާމެވެ.
މިކަންކަމާ މެދު އެންމެން ވިސްނައި ފިކުރުކޮށް، މިކަންކަން އިސްލާހުކުރުމުގެ ފިޔަވަޅު އެޅޭތޯ އެންމެން ވެސް މަސައްކަތް ކުރަން ޖެހެއެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ވާޖިބު އަދާކުރެވޭތޯ ބަލަން ޖެހެއެވެ. މުޅި ގައުމު، އެ އަނދަވަޅެއްގެ ތެރެއަށް ވެއްޓެމުންދާ އަނދަވަޅުން ސަލާމަތް ކުރުން އެދޭ ނަމައެވެ. އެހެން ނޫން ނަމަ، ބިލް ލިޔުނު ސިޓީ ފަދަ ސިޓީ ލިޔަން ކޮންމެ މީހަކަށް ވެސް ޖެހިދާނެއެވެ. ނަމަވެސް، އެ ސިޓީއަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ބިލް ވެސް މަރުވެ، މުޅި މުޖުތަމައު ވެސް މަރުވެ ނެތި ހިނގައިދާނެއެވެ.
