ގައްޒާ، އީރާން އަދި ލުބްނާން ހަނގުރާމައާމެދު އާންމުންގެ މެދުގައި އުފެދިފައިވާ ނުރުހުމަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި ބޮޑު ނުފޫޒަކަށްވަނީވެފައެވެ. މި ދިޔަ ބުދަ ދުވަހު ބޭއްވި ރިޔާސީ ދައުރުގެ މެދުތެރެ ނުވަތަ މިޑްޓާމް އިންތިހާބުންވަނީ ވެރިކަންކުރާ ރިޕަބްލިކަނުންނާއި އިދިކޮޅު ޑިމޮކްރެޓުންނަށްވެސް އިންޒާރެއް ލިބިފައެވެ. ވޯޓު ލީ މީހުން ދަނީ އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކަށާއި އެ ކަމަށް އެމެރިކާއިން ފައިސާ ފޯރުކޮށްދިނުމަށް ތާއީދުކުރާ ސިޔާސީ މީހުންނާ ދެކޮޅުހަދައި، އެ މީހުން ބަލައިގަތުމާ ދުރުވަމުންނެވެ.
ގާނޫނު ހަދާ މަޖިލީހުގެ ދެ ގެވެސް ކާމިޔާބުކުރީ ޑިމޮކްރެޓުންނެވެ. މުހިންމު އެއް ކާމިޔާބީއެއް ލިބުނީ މިޝިގަން ސްޓޭޓުންނެވެ. އެއީ މިސްރު ދަރިކޮޅުގެ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުއްރަހްމާން މުހައްމަދު އަލްސައްޔިދު ނުވަތަ އާއްމު ނަމުން އަބްދުލް އަލް-ސައްޔިދަށެވެ. ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސް ބަލިކުރެއްވުމާއެކު އަލްސައްޔިދުވެވަޑައިގަތީ ސެނެޓަށް އިންތިހާބުވެވަޑައިގަތް ފުރަތަމަ މުސްލިމް މީހާއަށެވެ.
އިސްރާއީލަށް ތާއީދުކުރާ ލޮބީ ގްރޫޕެއްކަމަށްވާ އެމެރިކަން އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީ (އޭ.އައި.ޕީ.އޭ.ސީ)އިންވަނީ އަލް-ސައްޔިދާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ހިންގައިފައެވެ. ޑިމޮކްރެޓިކް ޕްރައިމަރީގައި އޭނާ ބަލިކުރުމަށް އެ ގްރޫޕާއި އެ ގްރޫޕާ ގުޅިފައިވާ ޖަމާއަތްތަކުން ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ހަރަދުކުރިއެވެ. އަދި ޕްރައިމަރީއަށްފަހުވެސް އެ ގްރޫޕުންވަނީ އޭނާއާ ދެކޮޅަށް ކެމްޕޭން ކުރިއަށްގެންގޮސްފައެވެ.
ނަމަވެސް މި ދެކޮޅުވެރިކަމާއެކުވެސް އަލް-ސައްޔިދުވަނީ އިންތިހާބު ކާމިޔާބުކުރައްވައިފައެވެ. އޭނާގެ ކެމްޕޭނުގައި އަލިއަޅުއްވައިލެއްވީ އިސްރާއީލުގެ އަސްކަރީ އަމަލުތަކަށާއި އެ ކަމަށް އެމެރިކާއިން ފޯރުކޮށްދޭ މާލީ އެހީތެރިކަމާމެދު ވޯޓު ލައި މީހުންގެ މެދުގައި އޮތް ނުރުހުމެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްވަނީ، ތަފާތު ސަބަބުތަކާ ހުރެ، ވޯޓު ލީ މީހުން ރިޕަބްލިކަން ޕާޓީއާ ދެކޮޅުވެފައިވައިކަމަށް އިއުތިރާފުވެވަޑައިގަންފައެވެ. އެ ސަބަބުތަކުގެ ތެރޭގައި އީރާނާ ދެކޮޅަށްކުރާ ހަނގުރާމައާއި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި އެމެރިކާ އިސްކުރުމަށްކުރާ ވަކާލާތާއި އަދި އިސްރާއީލާ އެމެރިކާއިން ބާއްވައި ގުޅުމަށް އަންނަ ބަދަލުތައް ހިމެނެއެވެ.
"އަހަރެމެންގެ ވޯޓު ލާ މީހުން ނުކުތް. އަދި އޭގެ ތެރެއިން ގިނަ މީހުން ޑިމޮކްރެޓުންނަށް ވޯޓު ދިން ސަބަބަކީ މަތީގައިވާ ހަތަރު ސަބަބު،" ވެންސް ވިދާޅުވިއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްވެސްވަނީ ވެންސްގެ މި ތަހުލީލަކީ "ރަނގަޅު" ތަހުލީލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެމެރިކާގެ ވޯޓު ލާ މީހުން ދަނީ ގައްޒާއާއި އީރާން އަދި ލުބްނާންގައިކުރާ ހަނގުރާމަތަކަކީ އެމެރިކާގެ ހާރިޖީ ސިޔާސަތުގެ މައްޗަށް އިސްރާއީލުން ފޯރުވާ ނުފޫޒާ ގުޅިފައިވާ ކަންކަންކަމަށް ގަބޫލުކުރަމުންނެވެ. އަދި މި ހަނގުރާމަތަކަށް ހިނގާ މާލީ ހަރަދުތަކާމެދުވެސް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި ވޯޓު ލީ 62 ޕަސެންޓް މީހުން ދެކޭ ގޮތުގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެމެރިކާއާއި އިސްރާއީލުން ނިންމި ނިންމުމަކީ ނުބައި ނިންމުމެކެވެ. އަދި 74 ޕަސެންޓް މީހުން ބުނި ގޮތުގައި އެ މީހުން ވޯޓު ދިން ގޮތް ނިންމުމުގައި އެ ހަނގުރާމަ މުހިންމު ދައުރެއް އަދާކުރިއެވެ.
ނަމަވެސް ގައްޒާގެ މައްސަލައިގައި އޮތް ނުރުހުން އެއީ، ޑިމޮކްރެޓުންނަށް ވޯޓު ލީ މީހުން އެ ޕާޓީއަށް އޮޓޮމެޓިކުން ވަފާތެރިވީކަމަށް ބެލެވޭކަށް ނެތެވެ. އެމެރިކާގެ ރައްޔިތުން ބޭނުންވަނީ ކުށެއް ނެތް އާންމުން މެރުމަށް ފައިސާ ދިނުން އެ ގައުމުގެ ލީޑަރުން ހުއްޓައިލުމަށެވެ.
އިސްރާއީލުގެ ހަނގުރާމަތަކަށާއި އެމެރިކާގެ އަސްކަރީ ބައިވެރިވުމަށް އާންމުން ދެކޮޅު ހަދައިހެދުމަށް އަޅާނުލާ ސިޔާސީ މީހުންނަށް އޮތީ އެ މީހުންގެ ސިޔާސީ ތާއީދު ގެއްލުމުގެ ނުރައްކަލެވެ.



advertisment