އިންޑިއާގައި ހިންދޫ ދީނަށް ނިސްބަތްވާ 175 އަހަރުވީ ފައްޅިއެއް ކޯރެއްގެ ތެރެއަށް އަޑިއަށް ހިނގައްޖެއެވެ.
އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
ވެސްޓް ބެންގޯލް ސްޓޭޓްގައި ހިންދޫންގެ މުގައްދަސް ގަންގާ ކޯރަށް ފައްޅި އަޑިއަށް ދިޔައީ ކޯރުގެ އައްސޭރިފަށް ގިރާތީ، ފައްޅީގެ ފައުންޑޭޝަން ނިކަމެތިވެގެންނެވެ.
ރަސްމީ އިދާރާތަކުން ވެލިބަސްތާ ޖަހައިގެން ތާރީހީ ފައްޅި ސަލާމަތްކުރަން އުޅުނަސް ކޯރުގެ ގަދަ އޮއިވަރުން އެ ފައްޅި ސަލާމަތެއްނުވިއެވެ.
ނަގައިފައިވާ ވީޑިއޯއިން ފެންނަނީ ކޯރުގެ ތެރެއަށް ފައްޅި އެކީގައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގެއްލިގެންދާ މަންޒަރެވެ.
ރަސްމީ އިދާރާތަކުން ބުނީ އެ ސަރަހައްދުގައި ފެންބޮޑުވުމާއި އައްސޭރިފަށް ގިރުމުގެ ސަބަބުން 100 އަށްވުރެ ގިނަ ގެވެސް ގެއްލިފައިވާކަމަށެވެ. މިހެންވެ ކޯރުގެ އައްސޭރިފަށުގައި ދިރިއުޅޭ މުޖުތަމައުތަކާއި ތަރިކައިގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ތަންތަނުގެ ރައްކާތެރިކަމާމެދުވަނީ ކަންބޮޑުވުން އުފެދިފައެވެ.
"އެހީ ދޭ ދެ މަރުކަޒެއް މިހާރުވަނީ ގާއިމުކޮށްފައި. އެއީ ގެދޮރު ދޫކޮށް ދާން ޖެހުނު މީހުންނަށް،" ވެސްޓް ބެންގޯލްގެ މިނިސްޓަރެއް އަދި އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްކަމަށްވާ ގައުރީ ޝަންކަރު ގޯޝް ވިދާޅުވިއެވެ.



advertisment