Support Us

އީރާނާއެކު ނިއުކްލިއަ ޑީލެއް ނުހެދުން އެކަށީގެންވޭ: އެމެރިކާ

އީރާނާއެކު ނިއުކްލިއަ ޑީލެއް ނުހެދުން އެކަށީގެންވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން މިހެން ބުނީ، ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ޖުލައިގައި މެދުކަނޑައިލައިފައި އެމެރިކާ އާއި އީރާނުން އަލުން ހަމަލާ ބަދަލުކުރަން މިހާރު ފަށައިފައިވަނިކޮށެވެ.

އީރާނުން ހުޅަނގުގެ ގައުމުތަކާ ހެދި ނިއުކްލިއަ ޑީލުން އެމެރިކާ އަމިއްލައަށް ބޭރުވެގަތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައެވެ.

އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް (ފޮޓޯ) އިއްޔެ ވިދާޅުވީ އާ ނިއުކްލިއަ ޑީލެއް އީރާނާއެކު ނުހެދުން އެކަށީގެންވާކަމަށެވެ.

"އީރާނުން ނިއުކްލިއަ އިންފްރާސްޓްރަކްޗަރެއް ގާއިމުކުރިޔަނުދިނުމަށް އަހަރެމެން އީރާނަށް ހަމަލާދިނުން ކުރިއަށް ގެންގޮސްފާނަން،" އޭނާ ވިދާޅުވިއެވެ.

ރައިޓް ވިދާޅުވީ ނިއުކްލިއަ ހަތިޔާރު އުފައްދަން އީރާނަށް ފުރުސަތު ނުދިނުމަށް އެމެރިކާއިން މަސައްކަތްކުރާނެކަމަށެވެ. އަދި އީރާނާއެކު ނިއުކްލިއަ ޑީލެއް ގާއިމުކުރެވުން އެކަށީގެންވަނީ އީރާނަށް ކުރިމަގުގައި އަންނާނެ އާ ސަރުކާރަކާއެކުކަމަށެވެ. އެހެނަސް އީރާނާއި އެމެރިކާއާ ދެމެދު ހުރި މައްސަލަތަކަށް ޑިޕްލޮމެޓިކް ހައްލެއް ހޯދަން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައިޓް ވިދާޅުވީ އީރާނާ ދެކޮޅަށްކުރާ ހަނގުރާމަ އެމެރިކާއިން ކޮޅެއްގައި ޖައްސައިނެކަމަށާއި އެ ހަނގުރާމަ ނިންމައިލަން އެހެން ގައުމުތަކުންވެސް އެމެރިކާއަށް އެހީތެރިވެދޭނެކަމަށެވެ.

ހަނގުރާމައިގައި މިހާތަނަށް އީރާނުން 3،600 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެމެރިކާގެ 18 ސިފައިން މަރުވެފައިވެއެވެ. ގަލްފުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އަށް މީހުން އަދި ކުވައިތުންވެސް އަށް މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން ބަހްރައިން، އުމާން އަދި ސައޫދީ އަރަބިއްޔާ، މި އިން ކޮންމެ ގައުމަކުންވެސް ތިން މީހުން މަރުވެފައިވެއެވެ.

ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު ހުކުރު ދުވަހު ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ ހުރީ 95 ޑޮލަރު (1،464ރ.)ގައެވެ. މިއަދު އަލުން ދުނިޔޭގެ ބާޒާރު ހުޅުވައިލުމުން 96 ޑޮލަރު (1،480ރ.)އަށް އަގު އަރައިފިއެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *