"ޙަނަފިއްޔާ"އަކީ ފުރައްސާރަ ނަމެކެވެ. ބޮޑު ޖޯކެކެވެ. މަލާމާތެކެވެ. އަރަބި ދުނިޔޭގެ ބައެއް ހިސާބުތަކުގައި އެ ނަން ދެވިފައިވަނީ ވުޟޫކުރާން މިސްކިތްތަކުގައި ބެހެއްޓުނު ފެން އިސްކުރަށެވެ. ޚާއްޞަކޮށް މިޞްރުގައެވެ. އެއީ 19ވަނަ ޤަރުނުގެ ތެރޭގައި މިޞްރުގައި ހިނގި ވަރަށް ޝައުޤުވެރި ހާދިސާއެކެވެ. ތަފުޞީލާ ދިމާއަށް ދަތުރު ފަށާނަމެވެ.
މަދަރުސާތަކުގެ ދަރިވަރުންނަށް އިސްލާމް މާއްދާ ކިޔަވައިދޭ މުދައްރިސަކަށް ވެވޭތޯ އަޅުގަނޑު މަސައްކަތްކުރި ދުވަސްވަރެވެ. އަޅުގަނޑު އިނީ ރާއްޖޭގައި ދީނީ ތަޢުލީމު އުނގަންނައިދޭ މަޤުބޫލު މުއައްސަސާއެއްގެ ކިލާސްރޫމެއްގައެވެ. ދަރިވަރެއްގެ ހައިސިއްޔަތުންނެވެ.
އަޅުގަނޑުމެން އޭރު ކިޔެވި އެއް މާއްދާއަކީ ފިޤުހު ޢިލްމެވެ. މިއީ ދީނުގައި އިންސާނާގެ ޢަމަލުތަކުގެ ޙުކުމްތައް، އެއީ ޙަލާލު (ހުއްދަ) އެއްޗެއްކަން، ނުވަތަ ޙަރާމް އެއްޗެއްކަން، ވާޖިބެއްކަން، މަކްރޫހަ އެއްޗެއްކަން ނުވަތަ މުބާޙު އެއްޗެއްކަން ކަނޑައަޅައި ބަޔާންކޮށްދޭ ޢިލްމެވެ. ޢިލްމުލް ފިޤުހު (الفِقْه) އެވެ.
އަޅުގަނޑުމެންނަށް އުނގަންނާދެއްވި އަނެއް މާއްދާއަކީ އުސޫލުލްފިޤުހެވެ. މިއީ ޝަރުޢީ ޙުކުމްތަކަށް ވާސިލުވުމަށްޓަކައި ފިޤުހުވެރީން ބޭނުންކުރާނެ ޤަވާޢިދުތަކާއި މަންހަޖުތައް އެކުލަވައިލާ ޢިލްމެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ، މިއީ "ޙުކުމް ނެރުމުގެ ވަސީލަތް (އާލަތް)" އެވެ. ފިޤުހަކީ އެއިން ނުކުންނަ "ނަތީޖާ" އެވެ. އެހެންކަމުން މި ދެ މާއްދާގެ ފަރަގު ވެސް، ގުޅުން ވެސް، ހިސާބު ނަންބަރާއި ނަވަތަ ފަދައެވެ.
ފޮތްތަކުގައިވާ މިސާލެއް ދަންނަވައިލާނަމެވެ. ފިޤުހު ޢިލްމު ބުނެދެނީ "ރާބުއިމަކީ ޙަރާމްކަމެކެވެ." އުސޫލުލްފިޤުހުގެ ޢިލްމުގައި ބަހުސްކުރެވޭނީ ނައްޞުތަކުން މި ޙުކުމް ނެގުނީ ކިހިނެއްކަމެވެ.
"ޙަނަފިއްޔާ"ގެ ހާދިސާއަށް އުސްތާޛު ވަޑައިގަތީ، މި މައުޟޫޢުގެ ތެރޭންނެވެ. ދީނުގައި ކަމެއް ޙަރާމްކަމެއްކަމުގައި ކަނޑައަޅާން، ޙަލާލުކަމެއްކަމުގައި ކަނޑައަޅާން ބަލާ މިންގަނޑުތަކެއް ހުންނަކަން ވިދާޅުވެދެއްވަންވެގެންނެވެ. ހަމަ އެހެންމެ ދީނުގެނަމުގައި ނުރަނގަޅު ކަންކަން އުފެދި ބިދުޢަތައް ތަޢާރުފުވެދާނެތީ ޢިލްމުވެރީން ހުރިހައި ޒަމާނެއްގައި ވެސް ބިރުފުޅުގަންނަކަން ފާހަގަކުރެއްވިއެވެ.
ކޮންމެޔަކަސް، މިޞްރަށް ޒަމާނީ އުމްރާނީ ތަރައްޤީ ތަޢާރަފުވި ދުވަސްވަރެވެ. މުޙައްމަދު ޢަލީ ބާޝާގެ ވެރިކަމުގެ (1805- 1848) ދުވަސްވަރެވެ. މިސްކިތްތަކުގައި ވުޟޫކުރާ އިސްކުރުބަރި ހަރުކުރާން ސަރުކާރުން ވިސްނަވައިފިއެވެ. އެ ހިސާބުން އެ އުފެދުނީ ވަރަށް ބޮޑު ދީނީ ބަހުސެކެވެ. މައްސަލައެކެވެ.
މިސްކިތްތަކުގައި ވުޟޫކުރާން ފެން އިސްކުރު ހަރުކުރުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކުރެއްވިކަމެއްނޫނެވެ. އެކަލޭގެފާނުގެ ޢަމަލުފުޅުން ވެސް ބަސްފުޅުން ވެސް ފެންނަން ނެތްކަމެކެވެ. ސުންނަތުން ސާބިތު ނުވާކަމެކެވެ. ޚަލީފާއިންގެ ދައުރު ވެސް ހަމަ އެ ފަދައެވެ. މާތްވެގެންވާ ތިން ޤަރުނުގެ ނުވަތަ ހަތަރު ޤަރުނުގެ ތެރޭގައި ވެސް، އެއްވެސް މިސްކިތެއްގައި ފެން އިސްކުރު ހަރުކޮށްގެން މުސްލިމުން ވުޟޫކޮށްފައެއްނެތެވެ. އެހެން ވީމާ، މިކަން ހުއްދަވާނެ އެއްވެސް ގޮތެއް ނޯންނާނެ ނޫންހެއްޔެވެ؟
ފެން އިސްކުރު ހަރުކުރުމަށް އިންކާރުކުރައްވާ ބޭފުޅުންގެ ތެރޭގައި، ޝާފިޢީ މަޒުހަބުގެ ޢިލްމުވެރީންނާއި، ޙަމްބަލީ މަޒުހަބުގެ ޢިލްމުވެރީން ވެސް ހިމެނިވަޑައިގަތްކަމަށް ވެއެވެ. މުހިންމު ނުކުތާއަކީ މި ބޭފުޅުންގެ ވެސް ނިޔަތެވެ. މަޤުޞަދު މާތްކަމެވެ. ޠާހިރުކަމެވެ.
އާދެ! އެއް ބިރަކީ ދީނުގެ ތެރެއަށް ޝަރުޢުގައި ނުހިމެނޭ ބިދުޢައެއް ވަދެ ދީން ފާސިދުވެދާނެކަމުގެ ބިރެވެ. ދީނުގެ ކަންކަން އޭގެ ޢުރުފުން ބޭރުވެދާނެކަމުގެ ބިރެވެ. އަނެއް ބިރަކީ ވުޟޫގެ ފެނުގައި ހުންނަން ޖެހޭ ޝަރުޠުތަކާ މެދު އުފެދޭ ސުވާލެވެ. އެ ފެނުގެ ޠާހިރުކަމެވެ. އެ ފެނުގެ އޮހުމެވެ. މި ފަދަ ބައެއް ކަންކަމެވެ. މި ބޭފުޅުން ވެސް ބެއްލެވީ އުޞޫލުލްފިޤުހުގެ އުޞޫލުތަކަށް ކަމަށް ވެއެވެ.
ޙަނަފީ މަޒުހަބުގެ ދަންނަބޭކަލުން މުޅިން ތަފާތެވެ. ނެރުއްވި މާ ވަރުގަދަ ފަތުވާ އެކެވެ. އެ ބޭފުޅުން އެ ކަން ހުއްދަކުރެއްވިއެވެ. އެ ހުއްދަކުރެއްވުމުގައި ވެސް ބެއްލެވީ އުޞޫލުލްފިޤުހުގެ ހަމަތަކަށެވެ. އެ ބޭފުޅުން ވެސް މައިގަނޑު ހަތަރު ނުކުތާއަކަށް ރިޢާޔަތްކުރައްވައިފައިވެއެވެ.
ފުރަތަމަ ކަމަކީ ވަކި ގޮތަކަށް މަނާނުކުރެވޭ ހާ ހިނދަކު، ދީނުގައި ކޮންމެ ކަމެއްގެ ވެސް އަސްލަކީ ޙަލާލުވުން ކަމަށް އޮންނަ ހަމައެވެ. އަޅުކަމުގެ މަޤްޞަދަކީ (ފެނުން ގުނަވަންތައް ދޮވުމެވެ). ނަމަވެސް އެކަމަށް ބޭނުންކުރާ ވަސީލަތަކީ (އިސްކުރު، ތަށި، ނުވަތަ ހޮޅި) ދުންޔަވީ ކަމެކެވެ. ދުންޔަވީ ވަސީލަތްތަކުގައި ޚާއްޞަ މަނާކުރުމުގެ ދަލީލެއް ނެތްހާ ހިނދަކު އަޞްލަކީ ޙަލާލުވުމާއި ހުއްދަވުމެވެ.
އަނެއް ނުކުތާއަކީ ޢާންމު މަޞްލަޙަތު (المَصْلَحَةُ المُرْسَلَةُ)އެވެ. މިސްކިތްތަކަށް ހޮޅިގުޅައި އިސްކުރު ބެހެއްޓުމަކީ ފެން އިސްރާފުވުން ކުޑަކޮށް، ސާފުތާހިރުކަން އިތުރުވެ، އަދި ގިނަބަޔަކަށް އެކަމުން ފަސޭހަ ލިބިގެންދާ ކަމެކެވެ. ޝަރީޢަތުގެ މައިގަނޑު މަޤްޞަދަކީ މަޞްލަޙަތު ޙާޞިލުކޮށްދިނުމެވެ.
ތިންވަނަ ނުކުތާއަކީ ދަތިކަންކަން ނައްތާލައި ލުއިފަސޭހަކުރުން (التَّيْسِيرُ وَرَفْعُ الحَرَجِ)އެވެ. ދަތިކަންކަން މެދުވެރިވުމުން ލުއިގޮތްތައް ފަހިވެގެންދެއެވެ" (المَشَقَّةُ تَجْلِبُ التَّيْسِيرَ). ޖާޑިޖާޑިއަށް ފެންފުރައިގެން ފެން އުފުލައި ވިއްކާ މީހުންގެ އަތުން ފެން ގަނެގެން ޙައުޟުތަކަށް އެޅުމަށްވުރެ، ވިއުގައަކުން ސާފުފެން ލިބެންހުރުމަކީ އުއްމަތަށް ލިބޭ ބޮޑު ލުޔެކެވެ.
ހަތަރުވަނަ ނުކުތާއަކީ އިސްތިޙްސާން (الإِسْتِحْسَانُ)އެވެ. ޢާންމު ޤިޔާސަށްވުރެ ވަރުގަދަ މަޞްލަޙަތަކަށްޓަކައި ނުވަތަ ޢުރުފަށްޓަކައި ޚާއްޞަ ޙުކުމަކަށް ރުޖޫޢަވުމެވެ. ޙައުޟުގައި ހުންނަ ފެނަށްވުރެ ހޮޅިން އަންނަ ހިނގާފެން (الماء الجاري) ސާފުވެފައި ނަޖިސްވުމުގެ ފުރުޞަތު ކުޑަކަމަށް ފެންނާތީ، އިސްތިޙްސާންގެ އުޞޫލުން އެއީ މާ އިތުރުވެގެންވާ ގޮތެއް ކަމަށް ކަނޑައެޅުއްވީއެވެ.
ފުރައްސާރައިގެ ނަން އުފެދުނު ގޮތް
ޢަރަބި ބަހުގައި އިސްކުރަށް ކިޔަނީ صُنْبُورُ (ޞަންބޫރު)އެވެ. ނުވަތަ صُنْبُورُ المَاءِ (ފެންއިސްކުރު)އެވެ. އަޅުގަނޑުމެންނަށް މި ފެނުނީ މައްސަލައިގައި ދީނަށް ޓަކައި އެ ކަމަށް ފަރުވާތެރިވެވަޑައިގަތް ޢިލްމުވެރީންނެވެ. އެ ބޭފުޅުންގެ ވިސްނުންފުޅު ދެކަފިވިއެވެ. އަދި ކޮންމެ ކަތްޕެއްގެ ބޭފުޅުން ވެސް، އޭގެ ޢިލްމީ އަސްލަށް ރުޖޫޢަވެވަޑައިގަތެވެ. އެ މައްޗަށް ބަހުސުކުރެއްވިއެވެ. ބުރަކަން ލިބުނީ ޙަނަފީންގެ ރައުޔަށެވެ. އެ ހިސާބުން އެއް ގޮތެއްގައި ނަމަ، ޢިލްމީ ފައިސަލާ ނިމުނީ ނޫންތޯއެވެ؟
ތަފާތުކަމެއް އައީ ފެން އުފުލާ މީހުންގެ ކިބައިންނެވެ. އެވެރީން ޙަނަފީ ދަންނަބޭކަލުންގެ ފަތުވާ މީހުން ގަބޫލުކޮށް އެ ގޮތް ބަލައިގެންފިކަން އެނގުމުން އިދިކޮޅު ފަތުވާއެއް ނެރެދޭނެ ޢިލްމުވެރީން ވޭތޯ ވެސް މަސައްކަތްކުރިކަމަށްވެއެވެ. ކީއްވެބާވައެވެ؟ މިސްކިތްތައް ފެންވަޔަރުކޮށް، އިސްކުރުބަރި ބެހެއްޓުމުން އެމީހުންގެ ވިޔާފާރިޔަށް ގެއްލުންވަނީއެވެ. ވިޔަފާރި ހުއްޓުމަކަށް އަންނަނީއެވެ. އެހެންވެގެން އެންމެ ފަހުން ދެން ފެށީ ހަޖޫޖަހާށެވެ. ފުރައްސާރަކުރާށެވެ. އެ ގޮތުން ޙަނަފީ މަޒުހަބުގެ ނަން، ފެން އިސްކުރަށް ނިސްބަތްކުރިއެވެ. އެ ފެން އިސްކުރަކީ ޙަނަފިއްޔާކަށް ކިޔައި ހަޖޫޖަހަން ފެށިއެވެ. ހަމަ އެހެންމެ އާންމުންގެ ދޫމަތީގައި އެ ނަން ހަރުލިއެވެ.
ވަކިވެލުމުގެ ކުރިން
ނަވާރަ ވަނަ ޤަރުނުގައި އަލަށް ތަޢާރަފުވި ކަމެއް، ޢިލްމުވެރީންގެ މެދުގައި ޢިލްމީ ބަހުސުތަކެއް ހިނގުމަށް ފަހު، މުޅިން ހުއްދަވީއެވެ. ފެން އިސްކުރުން ވުޟޫކުރުމަކީ ބިދުޢައެއް ނޫންކަމަށް ހަމަޖެހުނީއެވެ. އެ ގޮތުން މި ވާޤިޢާ ދެތިން ކަމަކަށް އަޅުގަނޑުމެންގެ ސަމާލުކަން ގެންދެއެވެ. ފުރަތަމަ ކަމަކީ ދީނުގެ ކަންކަމަށް ޢިލްމުވެރީން ފަރުވާތެރިވެވަޑައިގަންނަވާ މިންވަރެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ކަންކަމުގައި ނެރުއްވޭ ޙުކުމެވެ. ހަމަ އެހެންމެ ޢިލްމުވެރީން މި ކަމުގައި "ފިޤުހީ ނަވަތަ" (އުސޫލުލްފިޤުހުގެ ހަމަތައް) ބޭނުންކުރައްވާ މިންވަރެވެ. ދެން ޚިޔާލު ތަފާތުވާ ޙާލަތުގައި ޢިލްމުވެރީން ޢަމަލުކުރައްވާ ރީތި ހަރުދަނާ ގޮތެވެ. ހަމަ އެ ޙާލަތުގައި ޢިލްމުވެރިކަން ކުޑަ، އަމިއްލަ އެދުންވެރިކަން ބޮޑު މީހުންނަށް އަމަލުކުރެވޭ ދެރަ ހުތުރު ގޮތެވެ. ފުރައްސާރަޔާއި ދިމާކުރުން ފަދަ ނަހީކުރެއްވި، ނުރަނގަޅު އަޚްލާޤު ތިމާމެންގެ ކިބައިން ފާޅުކޮށްގަނެވެނީއެވެ. އެހެންކަމުން މުދައްރިސުންގެ ހައިސިއްޔަތުން ނުވަތަ މީހުންނަށް ދީން އުނގަންނާ ދޭ، ދީނުގެ މަގު ދައްކައިދޭ ޢިލްމުވެރީންގެ ހައިސިއްޔަތުން، ނުވަތަ އާންމު މުސްލިމެއްގެ ހައިސިޔަތުން މި ހާދިސާއަކީ ވިސްނައިލާން ކިހައި ރަނގަޅު ފިލާވަޅެއް ތޯއެވެ؟

