Support Us

އޮކްޓޫބަރު 2012 ގައި ފަލަސްތީންގެ ވެރިރަށް އަދި ހުޅަނގު އައްސޭރީގެ ރާމަﷲ ސިޓީގައި މުނިސިޕަލް އިންހާބުތަކުގައި ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)ގެ ރައީސް މަހްމޫދު އައްބާސް (ވ) ވޯޓުލަނީ

ފަލަސްތީންގެ ލީޑަޝިޕުން ސިޔާސީ ރިސެޓަކަށް

ފަލަސްތީން ސިޔާސީ ގޮތުން އަލުން ހަމައަކަށް އެޅުވުމަށް ނުވަތަ ރިސެޓެއް ގެންނަން ފަލަސްތީން އޮތޯރިޓީ (ޕީ.އޭ) އާއި ހަމާސްއިން ނިންމައިފިއެވެ.

ހުޅަނގު އައްސޭރި ހިންގާ ޕީ.އޭގެ ރައީސް މަހްމޫދު އައްބާސް އިއްޔެ ވަނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަދި ޣައްޒާގައި އަންނަ ނޮވެމްބަރުގެ 28 ގައި ގައުމީ އިންތިހާބު ބާއްވާނެ ކަމަށް އިއުލާން ކުރައްވައިފައެވެ. އެންމެ ފަހުން ގައުމީ އިންތިހާބެއް ބޭއްވީ މީގެ 20 އަހަރު ކުރިން 2006 ގައެވެ. ނަމަވެސް އޭގެ ފަހުން ލޯކަލް ކައުންސިލް ފަދަ މުނިސިޕަލް އިންތިހާބު ބާއްވައިފައިވެއެވެ.

ބައިނަލްއަގުވާމީ ޕްރެޝަރާހުރެ އައްބާސް މި ގޮތަށް ނިންމެވީ 2007 އިން ފެށިގެން ޣައްޒާ ހިންގާ ހަމާސްއިން ޣައްޒާގައި އޮތް އެ ޖަމާއަތުގެ މަދަނީ ސަރުކާރު މި ދިޔަ ހޯމަ ދުވަހު އުވައިލައިފައިވަނިކޮށެވެ.

ހަމާސްއިން ޣައްޒާގެ މަދަނީ ސަރުކާރު އުވައިލީ ދެ އަހަރުވީ ޣައްޒާ ހަނގުރާމައަށްފަހު ޣައްޒާ އަލުން ހަމަމަގަށް އަޅުވައި، އަލުން އާރާސްތުކުރުމަށްޓަކައި ޓެކްނޮކްރެޓުން ނުވަތަ ފަންނީ މީހުންގެ ސަރުކާރެއް ޣައްޒާގައި ގާއިމުކުރުމަށެވެ.

ޕީ.އޭ އާއި ހަމާސްއިން މި ގޮތަށް ސިޔާސީ ރިސެޓެއް ގެންނަނީ ފަލަސްތީންގައި ފަލަސްތީންގެ އެކި ގްރޫޕްތަކުގެ މެދުގައި އެއްބައިވަންތަކަން އޮތް ސަރުކާރެއް ގާއިމުކުރަން ކަމަށް އެ ދެ ޖަމާއަތުން ބުންޏެވެ. ނަމަވެސް ސުވާލު އުފެދިފައިވަނީ ހަނގުރާމައިން ސުންނާފަތިވެފައިވާ ޣައްޒާގައި ވޯޓު ލުމުގެ ކަންތައް ކުރިއަށްގެންދެވިދާނެތޯ އާއި ހަމާސްއިން ޣައްޒާގެ ސަލާމަތްތެރިކަމުގެ ކޮންޓްރޯލު ދޫކޮށްލަފާނެތޯއާމެދުއެވެ.

"އިންތިހާބުތަކުގެ ޒަރީއާއިން ޑިމޮކްރެޓިކް ގާނޫނު އަލުން ގެންނަން އަހަރެމެން މި ތިބީ ސާބިތުކަންމަތީގައި،" އިންތިހާބު ބާއްވަނީކަން އިއުލާންކުރެއްވި ގަރާރުގައި އައްބާސް ވިދާޅުވިއެވެ.

ހަމާސްއިން ބުނީ އެ ޖަމާއަތުގެ މަދަނީ ސަރުކާރު އުވައިލީ ގައުމީ ސަރުކާރެއް ގެނައުމަށް ކަމަށެވެ.

އިސްރާއީލުގެ ހާރިޖީ ވަޒީރު ގިޑީއޮން ސައަރު ބުނީ ހަމާސްއިން ޣައްޒާގެ މަދަނީ ސަރުކާރު އުވައިލުމަކީ އެ ޖަމާއަތުން ޖެއްސި ސްޓަންޓެއް ނުވަތަ ސަމާލުކަން ހޯދަންކުރި ކަމެއް ކަމަށެވެ.

"ހަމާސްއިން އެ ޖަމާއަތުގެ ހަތިޔާރުތައް ދޫކޮށްނުލާހާ ހިނދެއްގައި އަހަރެމެން ބަލާނީ އެއީ ސްޓަންޓެއް ކަމަށް،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *