އެމެރިކާ އާއި އީރާނާ ދެމެދު މިއަދު ހަމަލާތަކެއް ބަދަލުކުރިއިރު، އީރާނާއި އެމެރިކާއާ ދެމެދު މި ދިޔަ މަހު 17 ގައި ގާއިމުކުރި ސުލްހައިގެ ފަހުމްނާމާ މުގުރައިލީ އެމެރިކާއިން ކަމަށް އީރާނުން ބުނެފިއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމީކޮށް ހުއްޓައިލަން ޑީލެއް ހަދަން ސޮއިކުރި ސުލްހައިގެ ފަހުމްނާމާ އެމެރިކާއިން މުގުރައިލި ކަމަށް އީރާނުން އިޝާރާތްކުރީ އެމެރިކާއިން އީރާނަށް މިއަދު ދިން އެތައް ދޮޅަހެއްގެ ހަމަލާތަކަށެވެ.
އެމެރިކާއިން ބުނީ އެމެރިކާއިން އީރާނަށް ހަމަލާތަކެއް ދިނީ ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން ހޯމަ ދުވަހު އާއި އިއްޔެ ދަތުރުކުރި ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ތެޔޮ އުފުލާ އުޅަނދުތަކަކަށް އީރާނުން ހަމަލާދިނީމާ ކަމަށެވެ.
"ސީޒްފަޔާ މިހާރު ނިމުމަކަށް އައިސްފި. އަހަރެމެން މުއާމަލާތް ކުރަމުން މި ގެންދަނީ ސުލްހަ ބޭނުންވާ ބަޔަކާއެކުއެއްނޫން،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އީރާނަށް އަސްކަރީ އިތުރު ހަމަލާތައް ދިނުން އެކަށީގެންވާ ކަމަށެވެ.
އެމެރިކާއިން އީރާނަށް ހަމަލާތައް ދިނުމުން ރައްދުގައި އީރާނުންވަނީ ބަހްރައިން އާއި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.
"އަހަރެމެންނަށް ދޭ ހަމަލާތަކަށް ސާބިތުކަމާއެކު އަހަރެމެން ރައްދު ދޭނަން. ނަމަވެސް ހަމަލާދިނުން ހުއްޓައިލައިފިނަމަ ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދަން އަހަރެމެން ތައްޔާރު،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ (ފޮޓޯ) ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނުން އަލުން ހަމަލާ ބަދަލުކުރަން ފެށުމުން އެތައް މަހެއް ވަންދެން ކުރިއަށްގެންދިޔަ ސުލްހައިގެ ވާހަކަތައް ހުއްޓި، ޑިޕްލޮމެޓިކް ހައްލެއް ނުގެނެވި، ދެ ގައުމުގެ ދެމެދުގައި ދާއިމީ ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރުމުގެ ފުރުސަތު މިހާރު ހަނިވެފައިވާ ކަމަށް ދިރާސާވެރިން ބުންޏެވެ.



advertisment