Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ނުރައްކާތެރި ދިގު ރޭވުން- ރާއްޖޭގެ ސިޔާދަތު ސަލާމަތްކުރުމުގެ ޗާޓު!

ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރުން ފެށިގެން، 'ހަވީރު' ނޫހާއި 'އައްޑުވަސް' ފަދަ ނޫސްތަކުގައި މަސައްކަތްކޮށް، އަދި އޭގެ ފަހުން އިނގިރޭސި މަޖައްލާ 'މަންޑޭ ޓައިމްސް’ގެ އެޑިޓަރެއްގެ ގޮތުންނާއި، ސަން އޮންލައިން ފަދަ ނޫސްތަކުގައިވެސް ކުރިއަށް މިދާ އަޅުގަނޑުގެ ނޫސްވެރިކަމުގެ ޙަޔާތުގައި އަބަދުވެސް ހިފެހެއްޓި އެންމެ ވަރުގަދަ އަސާސަކީ، މި ލޮބުވެތި ދިވެހިރާއްޖޭގެ އިސްލާމީވަންތަކަމާއި، މިނިވަންކަމާއި ސިޔާދަތެވެ. މިގޮތުން 1980 ގެ އަހަރުތަކުން ފެށިގެން ފެންނަން ފެށި ބޭރުގެ ނުފޫޒުތަކުގެ ހިޔަނި، މިއަދު މިވަނީ މުޅި ޤައުމުގެ މިނިވަންކަން ދިރުވާލާ ފަދަ ބޮޑު އަނދިރިގަނޑަކަށް ބަދަލުވެފައެވެ. ރާއްޖެ ފަދަ ކުޑަ، އަދި ދުނިޔޭގެ މެރިޓައިމް ޗާޓުގެ މުހިއްމު ނާރެހެއްގައި އޮތް ޖަޒީރާ ޤައުމަކަށް، މިނިވަންކަމަކީ ދާއިމީކޮށް ލިބިފައި އޮންނާނެ ކަމުގެ ގެރެންޓީއެއް އޮތް އެއްޗެއް ނޫނެވެ. އެއީ ކެނޑިނޭޅި ކޮންމެ ދުވަހަކު ކުރަންޖެހޭ ހަނގުރާމައެކެވެ.

އިގްތިސޯދީ އަދި ދިފާއީ އެހީގެ ނަމުގައި އިންޑިއާއިން ރާއްޖޭގައި މި ހިންގާ ގިނަ ހަރަކާތްތަކަކީ ހަމައެކަނި ޑިޕްލޮމެޓިކް ނުވަތަ ޚާރިޖީ ގުޅުންތަކެއް ނޫނެވެ. މިއީ ދިވެހިރާއްޖެއަކީ އިންޑިއާގެ ކަނޑުގެ އަސްކަރީ މަރުކަޒަކަށް ނުވަތަ އިންޑިއާގެ ނުސީދާ އަޅުވެތިކަމުގެ ދަށުގައި އޮތް އައުޓް ޕޯސްޓަކަށް ދިވެހި ރާއްޖެ ހެދުމަށްޓަކައި، ނިއުދިއްލީގެ 'ޑީޕް ސްޓޭޓް' އިން ރާވައިގެން ހިންގާ ދިގު މުއްދަތުގެ ޖިއޯޕޮލިޓިކަލް ކުޅިގަނޑެކެވެ. ބާރުގަދަ ޤައުމުތަކުން ކުދި ޤައުމުތައް އަޅުވެތިކުރުމަށް ބޭނުންކުރާ ސިޔާސަތުތައް މިއަދުވެސް ރާއްޖޭގައި ދަނީ ހިންގަމުންނެވެ. އެއީ މުއައްސަސާތަކަށް ބިރުދެއްކުމާއި، އިޤްތިޞާދީ ގޮތުން ބަރޯސާކުރުވުމާއި، އަދި ދިވެހި ޤައުމުގެ ތެރެއިން އިންޑިއާއަށް ވާގިވެރިވާނެ ސިޔާސީ ދިވެހީން އުފެއްދުމެވެ.

ނުރުހުން ފާޅުކުރުމުގެ އަގު: ބިރުދެއްކުމާއި ބްލެކްލިސްޓް ކުރުން

އިންޑިއާ ދައުލަތުގެ ނުފޫޒު ގަދަ މުއައްސަސާތަކުގެ ހަރުކަށިކަން އަޅުގަނޑަށް ވަނީ އަމިއްލައަށް ތަޖުރިބާކުރެވިފައެވެ. މީގެ އަހަރުތަކެއް ކުރިން ކޮޗިން އެއާޕޯޓު މަގުން ރާއްޖެއަށް ދަތުރުކުރަނިކޮށް، އިންޑިއާގެ އިމިގްރޭޝަނުން އަޅުގަނޑު ހިފަހައްޓައި، ގަޑިއިރުތަކެއް ވަންދެން ސުވާލުކުރިއެވެ. އެމީހުން ވަރަށް ސީދަލަށް ސުވާލުކުރީ: "ކަލޭ އެމްޑީޕީއާއި އިންޑިއާއާ ދެކޮޅަށް ލިޔަނީ ކީއްވެގެންހޭ؟" އެވެ! އަޅުގަނޑުގެ އެދުވަހުގެ ޖަވާބަކީ، އަދި މިއަދުގެ ވެސް ޖަވާބަކީ: އަޅުގަނޑަކީ އިންޑިއާގެ ރައްޔިތުންނަށް ނަފުރަތުކުރާ މީހެއް ނޫނެވެ. ނަމަވެސް، ރާއްޖޭގެ ދާޚިލީ ކަންކަމަށް ނިއުދިއްލީން ވަނުމާއި، ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރިއްޔާއެއް އޮތުމާ އަޅުގަނޑު ހަރުކަށިކޮށް ދެކޮޅު ހަދަމެވެ. އެދުވަހު އަޅުގަނޑު ދޫކޮށްލީ އެތައް ގަޑިއިރަކު ހައްޔަރުގައި ބައިންދައި، އެތަކެއް ބިރެއް ދެއްކުމަށް ފަހުގަ އެވެ.

މި ޖަވާބުގެ ބަދަލުހިފުން އައީ މީގެ އެއް އަހަރު ކުރިންނެވެ. އަޅުގަނޑުގެ ދަރިފުޅުގެ ވަރަށް މުހިއްމު ބޭސްފަރުވާއަކަށް އިންޑިއާއަށް ދާން އުޅުމުން، އިންޑިއާ ސަރުކާރުން އަޅުގަނޑު ބްލެކްލިސްޓް ކޮށްފައިވާކަން އެނގުނެވެ. މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ބްލެކްލިސްޓުން ނަން އުނިކުރެވޭނީ އިންޑިއާއާ ދެކޮޅަށް އަޅުގަނޑު ލިޔުނު ލިޔުންތަކަށް ޢާންމުކޮށް މަޢާފަށް އެދުމުން ކަމަށެވެ. އަޅުގަނޑު އެކަމަށް އިންކާރުކުރީމެވެ. ނޫސްވެރިއެއްގެ ގަލަމަކީ ބޭރު ޤައުމެއްގެ ވިސާ ޑެސްކަކުން ގަނެވޭނެ އެއްޗަކަށް ވެގެން ނުވާނެއެވެ.

އިންޑިއާގެ 200 މިލިއަނަށްވުރެ ގިނަ މުސްލިމުންނާ މެދު ހަރުކަށި ހިންދުތުވާ ސިޔާސަތު ގެންގުޅެ، މުސްލިމުންގެ ގެދޮރާއި ވިޔަފާރިތަކާއި މިސްކިތްތައް ބުލްޑޯޒަރުތަކުން ހަލާކުކުރާ ދައުލަތަކުން، އަވަށްޓެރި މުސްލިމް ކުޑަ ޤައުމެއްގެ މިނިވަންކަމަށް އިޙްތިރާމް ކުރާނެ ކަމަށް ހީކުރުމަކީ ކޮޅުނެތް ފަދަ މޮޔަކަމެކެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ފަދައިން، އެމެރިކާގެ ރައީސް ޓްރަމްޕް ފަދަ ހައިޕަރ-ނޭޝަނަލިސްޓް، ހައްދަވައިފާނެ އެއްޗެއް އެއްވެސް ބަޔަކަށް ނޭނގޭ ބޮޑުވަޒީރަކު އިންޑިއާގެ ވެރިކަމަށް އަތުވެއްޖެ ނަމަ ކޮންމެ ވަގުތަކުވެސް ރާއްޖެއަށް ކަނޑުގެ މަގުން ބްލޮކޭޑެއް ކޮށް، އިންޑިއާގެ ނޭވީ ފޮނުވައިގެން ރާއްޖެ ހިޞާރުކޮށްފާނެ ފަދަ ބޮޑު ބިރެކެވެ.

ތާރީޚީ ފިލާވަޅުތަކާއި ސިޔާސީ އޮޅުވާލުންތައް

ތާރީޚަކީ ކުދި ޤައުމުތަކަށް އޮތް ބޮޑު ފިލާވަޅެކެވެ. ނަވަރާ ސަތޭކަ ހަތްދިހަ ފަސް ވަނަ އަހަރު އިންޑިއާގެ ބިމުގެ ތެރޭގައި ކަނޑުގެ އައްސޭރިއެއް ނެތި ލޭންޑް ލޮކްވެފައި އޮތް ކުޑަކުޑަ މިނިވަން ޤައުމެއް ކަމުގައިވާ ސިއްކިމް، އިންޑިއާގެ ބައެއްގެ ގޮތުގައި ދިރުވާލި ގޮތަކީ މީގެ ހެއްކެކެވެ. އެހެންނަމަވެސް، މިފަދަ ނުރައްކަލަކުން ސަލާމަތްވުމުގެ ނަމުގައި ޗައިނާ ނުވަތަ ޕާކިސްތާނު ފަދަ އެހެން ބާރެއްގެ އަސްކަރީ އެހީ ހޯދަން ދިވެހި ރާއްޖެއިން އުޅުމަކީ ޔޫކްރެއިންއިން ރަޝިއާގެ ދަލުގައި ޖެހުން ފަދަ ދަންތުރައަކަށް ވެދާނެއެވެ. ޔޫކްރެއިނުން އެމެރިކާގެ އެހީ ހޯދައި، އެމެރިކާގެ އަސްކަރިއްޔާއަށް ޖާގަ ދިނުމުން، ރަޝިޔާއިން އެ ޤައުމަށް އެރީ ރަޝިއާއަށް އެކަމުން ސަލާމަތީ ބިރެއް އޮތްކަމަށް ބުނަމުންނެވެ. އުމަރު ނަސީރު ވިދާޅުވާ ފަދައިން، ރާއްޖޭގެ ފަސްގަނޑަށް ބޭރުގެ އެއްވެސް އަސްކަރީ ބާރަކަށް މިފަދައިން ޖާގަދިނުމަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލަކަށް ވާނެއެވެ.

ނޮވެމްބަރ ތިނެއްގެ ރޭވުން

ނޮވެމްބަރު 3، 1988ގެ ޢުދުވާނަކީ އިންޑިއާގެ އިންޓެލިޖެންސް އިދާރާ (ރޯ) އަށް އެނގިގެން، ނުވަތަ އެމީހުންގެ ރޭވުމެއްގެ ދަށުން ސްރީލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ހިންގި ކަމެއް ކަމަށް ދިވެހީންގެ ގިނަ ބަޔަކު އަދިވެސް ޤަބޫލުކުރެއެވެ. އެއީ އެކަން އޮތްގޮތް ކަމުގައިވާނަމަ އިންޑިއާގެ ބޭނުމަކީ ރާއްޖެއަށް އަސްކަރިއްޔާ ފޮނުވައި، ރާއްޖެ ސަލާމަތްކުރުމުގެ މާސްކު އަޅައިގެން، ރާއްޖޭގައި ދާއިމީ އަސްކަރީ މަރުކަޒެއް ހެދުމެވެ. އެ ދުވަހު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ދާއިމީކޮށް ނުތިބެވުނީ އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އޭރުގެ ހާރިޖީ ވަޒީރު މަރްހޫމު ފަތުހުﷲ ޖަމީލުގެ ހުށިޔާރު ޚާރިޖީ ސިޔާސަތުގެ ސަބަބުންނެވެ. އިންޑިއާއަށް 1988 ގައި މިކަން ކާމިޔާބު ނުވިއަސް، 2008 ވަނަ އަހަރު މައުމޫނުގެ ވެރިކަން ނިމި، މުހައްމަދު ނަޝީދުގެ ރައީސްކަން ފެށުނު ހިސާބުން، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި އިންޑިއާގެ ހެލިކޮޕްޓަރާއި ދޯނިއާ މަތިންދާބޯޓު ރާއްޖެ ފޮނުވައި، އެތަކެތި އޮޕަރޭޓް ކުރުމުގެ ނަމުގައި އިންޑިއާ ސިފައިންގެ އެތައް ބަޔަކު ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ރަށްރަށުގައި ބައިތިއްބައި، އިންޑިއާގެ އަސްކަރީ ފައިތިލަ ރާއްޖޭގައި ދާއިމީކުރިއެވެ.

ރައީސް ޔާމީނަށް ވެސް ނުކުރެއްވުނުކަން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ދާދި ފަހަކުން ވަނީ އެމަނިކުފާނުގެ ވެރިކަމުގައިވެސް އިންޑިއާ ސިފައިން ރާއްޖެއިން މުޅިން ބާލައި ދިވެހި ޤައުމު ސަލާމަތް ނުކުރެއްވުނު ކަމަށް އިޢުތިރާފްވެވަޑައިގެންފައެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން "އިންޑިއާ ސިފައިން ބާލައިފި" ކަމަށް ބުނާ ބުނުމަކީ މުޅިއަކުން ތެދެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ހަތްދިހަ ހަތް އަސްކަރީ ސިފައިން ބޭލުމަށްފަހު، އެމީހުންގެ ބަދަލުގައި ގެނައީ ހަމަ އެ އިންޑިއާގެ އަސްކަރީ ކުންފުނިތަކުގެ ސިވިލިއަން ޓެކްނީޝަނުންނެވެ. މިއީ ހަމައެކަނި މޫނުމަތީގެ ބަދަލެކެވެ. ޤައުމުގެ ތަޅުދަނޑީގެ ނަކަލެއް އަދިވެސް އިންޑިއާ މީހުންގެ އަތުގައި އެބައޮތެވެ.

އިންޑިއާގެ ވާގިވެރިންގެ އެނބުރި އައުން

ރާއްޖޭގައި 2018 އިން 2023 އަށް އޮތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިންޑިއާގެ ނުފޫޒު ރާއްޖޭގައި އޭގެ އެންމެ މަތީ ދަރަޖައަށް ދިޔައެވެ. ޤައުމީ ދިފާޢީ ބާރުތައް އިންޑިއާގެ ކުރިމަތީގައި ކުރުނީސް ކުރުވައި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަލިކަށިވެ، އިންޑިއާގެ ޕަޕެޓް ސަރުކާރަކަށް ދިވެހި ސަރުކާރުވީ ހިސާބުން، ދިވެހި ރައްޔިތުންގެ މެދުގައި އިންޑިއާ އައުޓް ޙަރަކާތް އުފެދުނެވެ. އަދި 2023 ގައި ރައީސް މުއިއްޒުގެ ވެރިކަން އައި ހިސާބުން މިފަދަ ގިނަ ކަންކަން ބަދަލުވާން ފެށިއަސް، މިއަދު އަނެއްކާވެސް އެމްޑީޕީގެ ތެރެއިން އިންޑިއާގެ ވާގިވެރިން މިވަނީ ތެދުވާން ފަށައިފައެވެ. ރައީސް ނަޝީދު އިންޑިއާގެ ސިޔާސީ ފަރާތްތަކާ ގުޅުން ބަދަހިކުރައްވައި، ނިއުދިއްލީގެ އެހީގައި ސިޔާސީ ބާރުވެރިކަން ހޯއްދަވަން އުޅުއްވުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމާ ދެކޮޅަށް ހިންގާ އުދުވާނެކެވެ. ރާއްޖެ އަޅުވެތި ކުރަން އިންޑިއާއިން އަސްކަރީ މަނަވަރުތަކުގައި ރާއްޖެއަށް އަރާކަށް ނުޖެހެއެވެ. ނަޝީދު ފަދަ ޕަޕެޓުން ނުވަތަ ވާގިވެރިން ރާއްޖޭގެ ވެރިކަމަށް އިސްކުރުމުން އިންޑިއާގެ ބޭނުން ފުދުނީއެވެ!

ރާއްޖެ ސަލާމަތްކުރުމުގެ ބްލޫޕްރިންޓް

މި ނުރައްކާތެރި ބަރޯސާވުމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ބަލަންވީ ސްވިޒަލޭންޑް އަދި މޯލްޓާ ފަދަ ކުދި ޤައުމުތަކަށެވެ. ސްވިޒަލޭންޑުން ގެންގުޅެނީ ދިރުވާލަން އުނދަގޫ "ހެޖްހޮގް" އެއްގެ ސިޔާސަތެވެ. އެއީ ދިރުވާލަން އުނދަގޫ، ކަށި ގިނަ އެއްޗަކަށް ވުމުން އެއްވެސް ބަޔަކު އެތަނާ ކައިރިވާކަށް ނޫޅެއެވެ. ސްވިޒަލޭންޑުގެ މުޅި ރައްޔިތުން ކަހަލަ ގޮތަކަށް ހަތިޔާރު އަޅުވައި، މިލިޓަރީ ޓްރެއިނިން މަޖުބޫރުކުރުވުމުން އެ ޤައުމާ ތޮޅެން ގިނަ ޤައުމުތަކުން ޖެހިލުންވިއެވެ. މޯލްޓާއިން އެ ޤައުމުގެ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ޤާނޫނު އަސާސީގައި ލިޔެ، އިޤްތިޞާދީ މަރުކަޒަކަށް ހަދައި، އެއްވެސް ބަޔަކަށް މޯލްޓާގެ ފަރާތުން ބިރެއް ނެތްކަން އެގުމުން މޯލްޓާގެ ވަށައިގެން ތިބި ހުރިހާ ޤައުމުތައް މޯލްޓާ ބަލައިގަތީ އިގްތިސޯދީ މަރުކަޒެއްގެ ގޮތުގައެވެ.

މި ފިލާވަޅުތަކުން ރާއްޖެއަށް އޮތް ބްލޫޕްރިންޓް

އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކަށް ވާންޖެހޭނީ، އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖެ ނުގެނެސް، އިންޑިއާއާއި ޗައިނާއާ ދެމެދުވެސް ހަމައެކަނި ވިޔަފާރީގެ ގުޅުން ބޭއްވުމެވެ. އެއާ އެކު، ހަމައެކަނި ވިޔަފާރިއާއި އިގްތިސޯދީ ހަރަކާތްތަކަށް ރާއްޖެ ހުޅުވާލަން ޖެހެއެވެ. ރާއްޖޭގެ ބަނދަރުތަކާއި ވައިގެ ސަރަޙައްދު އެއްވެސް ބަޔަކަށް އަސްކަރީ ބޭނުމަކަށް ނުދޭނެކަން ސާފުކޮށް އިއުލާނުކުރަންޖެހެއެވެ.

އިންޑިއާއިން ރާއްޖޭގެ އުތުރާއި ދެކުނުގައި ހަދަން އުޅޭ ބަނދަރުތަކުގެ މަޝްރޫޢުތަކަށް ހުރަސްއަޅަނީ ރާއްޖެ އިޤްތިޞާދީ ގޮތުން މިނިވަންވިޔަ ނުދިނުމަށެވެ. އިންޑިއާއިން އަންނަ ލަކުޑި ބޯޓުފަހަރުން ކުނި ބިހާއި ކުނި ފިޔާ ގެނެސް ފްލަޑް ކުރަން އޮތް މާކެޓަކަށް ރާއްޖެ ހެދުމެވެ.

ރައީސް ޔާމީން ޖަލަށްލި ޙަޤީޤީ ސަބަބަކީވެސް މިއީއެވެ. އެމަނިކުފާނުގެ މައްޗަށް ދެއްކި ކޮރަޕްޝަނުގެ މައްސަލަތަކަށްވުރެ ބޮޑަށް، އިންޑިއާގެ ލޮލުގައި އަޅައިގަތް "ކުށަކީ" އިންޑިއާގެ ނުފޫޒާ ދެކޮޅަށް ޔާމިނު ފާޅުގައި ކުރެއްވި މަސައްކަތެވެ. އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި، ރައީސް ނަޝީދު ފަދަ އިންޑިއާގެ ޕްރޮކްސީންނާ ދެކޮޅަށް ތެދުވާން، ރައީސް ޔާމީން ފަދަ ވަރުގަދަ، ޖެހިލުންކުޑަ ލީޑަރުން، މިއަދުގެ ރައީސް މުއިއްޒާ އެކު މަސައްކަތް ކުރެއްވޭނެ ސިޔާސީ މާހައުލެއް ހޯދުން ވަރަށް މުހިއްމެވެ.

ނިންމުން

އަޅުގަނޑުމެންނަށް އިންޑިއާ ފަދަ ނިއުކްލިއާ ބާރަކާ ދެކޮޅަށް ކަނޑުމަތީގެ ހަނގުރާމައެއް ކާމިޔާބެއް ނުކުރެވޭނެއެވެ. ނަމަވެސް، އުމަރު ނަސީރު ވިދާޅުވާ ފަދައިން، ރާއްޖެއަށް އަރައިގަންނަން އުޅޭ ކޮންމެ ދުޝްމަނެއްގެ ނޭފަތްމަތީގައި ޖަހައި ލޭއަރުވާލެވޭނެ ފަދަ ވޮލަންޓަރީ، ޕެރަމިލިޓަރީ ދިފާޢީ ނިޒާމެއް ބިނާކުރެވިދާނެއެވެ. މުއިއްޒު ސަރުކާރުން އެއާ ކޯ އާއި ނެޝަނަލް ސާވިސް އުފެއްދުމަކީ ރަނގަޅު ފެށުމެކެވެ. ނަމަވެސް މިއަށްވުރެ މިކަން ފުޅާކޮށް، ދިވެހި ޒުވާނުންނަށް މަޖުބޫރު އަސްކަރީ ޚިދުމަތް ތަޢާރަފްކުރަންޖެހެއެވެ. އަދި ހުރިހާ ހަތިޔާރާއި އަސްކަރީ ވަސީލަތްތައް ހަމައެކަނި މާލޭގައި ބެހެއްޓުމުގެ ބަދަލުގައި، ހުރިހާ އަތޮޅުތަކަކަށް ހަތިޔާރުގެ އާމަރީތައް ބަހާލައި އެމް.އެން.ޑި.އެފް ލާމަރުކަޒީ ކުރަންޖެހެއެވެ.

އަޅުގަނޑުގެ 36 އަހަރުގެ ނޫސްވެރިކަމުގެ ތަޖުރިބާއަށް ބަލައި، އަޅުގަނޑުގެ ފުރާނައަށް ނުރައްކާ އޮތްކަން އެނގިހުރެވެސް މި ޙަޤީޤަތްތައް ހާމަކުރަނީ މިޤައުމުގެ ޙައްޤުގައެވެ. ޤައުމު ކުޑަވުމަކީ ޖިއޮގްރަފީގެ ގޮތުން އޮތް ޙަޤީޤަތެކެވެ. ނަމަވެސް ނިކަމެތިވެ، އަޅުވެތިވުމަކީ ސިޔާސީގޮތުން އަޅުގަނޑުމެން އަމިއްލައަށް ކުރާ އިޚްތިޔާރެކެވެ. އިންޑިއާގެ ހެލިކޮޕްޓަރުތަކާއި، އެމީހުންގެ އަސްކަރީ ފިކުރުގެ މީހުން މި ފަސްގަނޑުން މުޅިން ބޭލުން އެއީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެވެ. އަޅުގަނޑުމެންގެ ވިސްނުމާއި ގަލަންތައް ތޫނުކޮށް، ދިވެހިރާއްޖޭގެ މުސްތަޤްބަލް ލިޔާނީ ދިވެހިންގެ އަމިއްލަ އަތްތަކުންކަން ސާބިތުކޮށްދޭންޖެހެއެވެ.