އިސްރާއީލާއެކު މިއަދު ކުރިއަށްގެންދާ ވާހަކަތަކުގައި ބޭނުންވަނީ ދެ ގައުމުން އެއްބަސްވެގެން ސަލާމަތީ އާ ނިޒާމެއް ގާއިމުކުރަން ކަމަށް ލުބްނާނުން ބުނެފިއެވެ.
"އަހަރެމެން ބޭނުންވަނީ 'ޑިކޮންފްލިކްޓް' ކުރުމުގެ ނިޒާމެއް. އެއީ މިހާރު ގާއިމުކޮށްފައިވާ ސީޒްފަޔާ ހަރުދަނާކުރަން،" ލުބްނާންގެ ރައީސް ޖޯސެފް އައުން ވިދާޅުވިއެވެ.
ޑިކޮންފްލިކްޓް ނިޒާމެއް ލުބްނާނުން އިސްރާއީލާއެކު ބޭނުންވަނީ، ލުބްނާން ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ، އީރާނުން ވާގިވެރިވާ ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު މާރޗް މަހުން ފެށިގެން އަލުން ހަމަލާ ބަދަލުކުރަން ފެށުމުން ލުބްނާންގެ މަދުވެގެން 4،175 އާއްމު ރައްޔިތުން މަރުވުމުން، އާއްމުންގެ ސަލާމަތަށް ބަލައިގެން އިސްރާއީލުގެ ހަރަކާތްތައް ޑިކޮންފްލިކްޓް ކުރަން ނުވަތަ އާއްމުންނަށް ގެއްލުން ނުލިބޭ ގޮތަށް ލުބްނާނާ ވިލަރެސް ކުރުމަށެވެ.
ނޮވެމްބަރު 2024 ގައި ހިޒްބުﷲ އާއެކު އިސްރާއީލުން ގާއިމުކުރި، އިސްރާއީލުން އިހްތިރާމް ނުކުރާ ސީޒްފަޔާއަށްފަހު، ހިޒްބުﷲއިން އިސްރާއީލަށް އަލުން ހަމަލާ ދޭން ފެށީ މާރޗްގައެވެ. އެއީ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީމައެވެ.
އައުން ވިދާޅުވީ ޑިކޮންފްލިކްޓް ނިޒާމަކާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޖޭ.ޑީ ވާންސް އާއި ގަތަރުގެ ބޮޑުވަޒީރު ޝައިޚު މުހައްމަދު ބިން އަބްދުއްރަހްމާނުއްސާނީއާ ވާހަކަދެއްކެވި ކަމަށެވެ. ގަތަރަކީ ޕާކިސްތާނާ ބައިވެރިވެގެން އީރާނާ އެމެރިކާ ސުލްހަކޮށްދިން ގައުމެކެވެ.
"އަމާޒަކީ އިސްރާއީލާއެކު ގާއިމުކުރި ސީޒްފަޔާ ހަރުދަނާކުރުމާއެކު ލުބްނާނަށް ހަމަޖެހުން ގެނައުން،" އައުންގެ އޮފީހުން ބުންޏެވެ.
އިސްރާއީލާއެކު މިއަދު ވާހަކަތައް ކުރިއަށްނުގެންދަން ލުބްނާން ސަރުކާރަށް ހިޒްބުﷲއިން ގޮވައިލިއެވެ.
އިސްރާއީލުން ބުނީ ހިޒްބުﷲއިން އިސްރާއީލުގެ އުތުރު ސަރަހައްދަށް ހަމަލާދިނުން ކުރިއަށްގެންދާހާ ހިނދެއްގައާއި ލުބްނާންގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ދުރުކުރެވެންދެން އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނެ ކަމަށެވެ.
"އިސްރާއީލުގެ ރައްޔިތުންނާއި ސިފައިންގެ ރައްކާތެރިކަމަކީ އަހަރެމެން އެންމެ އިސްކަންދޭ ކަންތައް،" އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް އަދި އަސްކަރިއްޔާގެ ޗީފް އޮފް ސްޓަފް، ލެފްޓިނަންޓް ޖެނެރަލް އެޔާލު ޒަމީރު ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މީގެ އިތުރުން ނަތަންޔާހޫ ވަކިން ބުނީ އިސްރާއީލުގެ ރައްޔިތުންނާއި ސިފައިންނަށް ކޮށްފާނެ ނުރައްކާތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ހިންގާނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ.
މާރޗް މަހުން ފެށިގެން އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ލުބްނާންގެ 12،164 ރައްޔިތުން ޒަހަމްވެފައިވެސްވެއެވެ. އަދި 11،000 އަށްވުރެ ގިނަ އިމާރާތް އެއްކޮށް ހަލާކުވެފައިވެއެވެ. އިމާރާތްތަކަށް ލިބުނު ގެއްލުން 1.3 ބިލިއަން ޑޮލަރު (20 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށް އދ. އާއި ލުބްނާންގެ ދިރާސާ ކުރާ މަރުކަޒަކުން ބުންޏެވެ.



advertisment