Support Us

ޕާކިސްތާންގެ ބޯޑަރު ކައިރީގައި އޮންނަ އަފްޣާނިސްތާންގެ ނަންގަރުހަރު ޕްރޮވިންސްގެ ތޫރުހާމު ޓައުންގައި އަފްޣާނިސްތާންގެ ސިފައިން

އަފްޣާނިސްތާނުން ޕާކިސްތާނަށް ދިން ހަމަލާތަކެއްގައި 10 މަރު

އަފްޣާނިސްތާނުން ޕާކިސްތާނަށް ދިން ހަމަލާތަކެއްގައި 10 މީހުން މަރުވެއްޖެކަމަށް އޮފިޝަލުން މިއަދު ބުނެފިއެވެ.

އިއްޔެ ދިން ހަމަލާތަކުގައި އާއްމުން މަރުވިކަމަށް ޕާކިސްތާނުން ބުންޏެވެ. އަފްޣާނިސްތާނުން ބުނީ ހަމަލާތައް ދިނީ ޕާކިސްތާންގެ އަސްކަރީ މަރުކަޒުތަކަށްކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ސީޒްފަޔާ މިހާރު އޮތީ ނާޒުކު ފައްތަރެއްގައިކަމަށާއި ދެ ގައުމުގެ ބޯޑަރުގައިކުރާ ހަނގުރާމައަކަށް ފުޅާވެގެން ހިނގައިދާނެކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

އަފްޣާނިސްތާން އޮފިޝަލުން ބުނީ އަފްޣާނިސްތާނުން ހަމަލާތައް އަމާޒުކުރީ އަފްޣާނިސްތާނަށް ޕާކިސްތާންގެ ފަރާތުން ހަމަލާތައް އަންނަ ސަރަހައްދުތަކަށްކަމަށެވެ.

ޕާކިސްތާނުން ބުނީ އަފްޣާނިސްތާނުން ދިން ހަމަލާތަކަކީ ޕާކިސްތާންގެ ސިޔާދަތަށް ނުރައްކާކުރުންކަމަށެވެ.

އަފްޣާނިސްތާންގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު އިނާޔަތުﷲ ހުވާރަޒްމީ ބުނީ އަފްޣާނިސްތާނުން ދިން ހަމަލާތަކަކީ ޕާކިސްތާނުން ތަކުރާރުކޮށް އަފްޣާނިސްތާނަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއްކަމަށެވެ.

"އަހަރެމެން އަހަރެމެންގެ ބިމާއި ރައްޔިތުން ދިފާއުކުރާނަން،" އޭނާ ބުންޏެވެ.

ޕާކިސްތާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ޝަފުގަތު އަލީ ހާން އަފްޣާނިސްތާންގެ ހަމަލާތައް ކުށްވެރިކުރިއެވެ.

"މިއީ ޒިންމާދާރުކަމެއް ނެތް، އަހަރެމެން ކައްކުވައިލަންވެގެން ދިން ހަމަލާތަކެއް. މި ކަމަށް ރައްދު ދިނުމުގެ ހައްގު އަހަރެމެންނަށް ލިބިގެންވޭ،" އޭނާ ބުންޏެވެ.

އެންމެ ފަހުން ދެ ގައުމުން ބަދަލުކުރި ހަމަލާތަކަކީ ވޭތުވެދިޔަ މަސްތަކުގައި އެއް ގައުމުން އަނެއް ގައުމަށް ވައިގެ މަގުން ރެއިޑް ޖެހުމާއި ދެ ގައުމުގެ ބޯޑަރުގައި ހަނގުރާމަވެރިން އުޅޭކަމަށް ތުހުމަތުތައް ކުރަމުން ދިން ހަމަލާތަކެކެވެ.

އެމެރިކާ އާއި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުގެ ފައުޖުތައް 2021 ގައި އަފްޣާނިސްތާނުން ފޭބުމުން އަފްޣާނިސްތާންގެ ސަރުކާރާ ހަވާލުވި ތޯލިބާން ޖަމާއަތުން ޕާކިސްތާންގެ ތޯލިބާނަށް އަފްޣާނިސްތާންގެ ތެރޭގައި ހިމާޔަތް ދީފައިވާކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ. އަދި ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާދެނީ ޕާކިސްތާން ތޯލިބާން ހަނގުރާމަވެރިން އަފްޣާނިސްތާން ތެރޭގައި ފިލައިގެން އުޅޭ ތަންތަނަށްކަމަށް ވެސް ޕާކިސްތާނުން ބުނެއެވެ.

ދެކުނު އޭޝިއާގެ ދެ އަވަށްޓެރިންގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަ ގެންނަން މަސައްކަތްކުރަމުންދާ ސަރަހައްދީ ގައުމުތަކުން ދެ ގައުމަށް ގޮވައިލައިފައިވަނީ މަޑުމައިތިރިކަން އިސްކުރުމަށާއި ހަމަލާ ބަދަލުކުރުން ފުޅާނުކުރުމަށްޓަކައި ސުލްހައިގެ ވާހަކަތަކަށް އެނބުރި ދިއުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *