ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލުމަށް އީރާނާއެކު ހަދާ ޑީލްގައި މިއަދު ސޮއިކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"ހަނގުރާމަ ނިންމައިލުމަށް އީރާނާއެކު ބޮޑު އެއްބަސްވުމަކާ ހަމައަށް ދެންމެ އައިސްފިން،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
ހަނގުރާމަ ހުއްޓައިލުމުގެ ޑީލްގައި ސޮއިކުރެވޭނެ ސީދާ ގަޑި ނުބުންޏަސް ބެލެވެނީ ޑީލްގައި ސޮއިކުރެވޭނީ ރާއްޖެ ގަޑިން މި ރޭ ނުވަތަ މާދަމާ ހެދުނު ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސުލްހަ ގާއިމުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ބުނީ ޑީލްގައި އިލެކްޓްރޯނިކްކޮށް ސޮއިކުރުމަށް އީރާނާއި އެމެރިކާއިން ތައްޔާރުވަމުންދާކަމަށެވެ.
ޑީލްގައި ސޮއިކުރެވޭނެ އިރެއް އީރާނުން އަދި ކަށަވަރުނުކޮށްދެއެވެ. އީރާންގެ އޮފިޝަލުން ތަކުރާރުކޮށް ބުނަމުންދަނީ ސޮއިކުރެވޭނެ ވަގުތު ޔަގީންނުވާކަމަށާއި ޑީލްގައި އިތުރަށް މުރާޖައާކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ.
"ޑީލްގައި މިއަދު ސޮއެއްނުކުރެވޭނެ. ނަމަވެސް އަންނަން އޮތް ދުވަސްތަކުގައި އޭގައި ސޮއިކުރެވިދާނެ،" އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ބުންޏެވެ.
ޓްރަމްޕްގެ ވިދާޅުވުމާއި ބާޣައީ ބުނި ވާހަކަ ފުށުއަރާތީ ބެލެވެނީ އީރާންގެ އިސްވެރިން ޑީލްގެ އޮނިގަނޑަށް އެންމެ ފަހުގެ ރުހުން ނުދޭކަމަށެވެ.
ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު ހުކުރު ދުވަހު ބަންދުކޮށްލިއިރު ތެޔޮ ފީފާއެއްގެ އަގު ހުރީ 87 ޑޮލަރު (1،341ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment