އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބަކީ އެ ޕާޓީގެ ތާރީޚުގައިވެސް އަންނާނެ އެންމެ ފޯރިގަދަ، އަދި އެހާމެ ބޮޑަށް ބައިބައިވުންތައް ތިލަވެގެންދާނެ އިންތިޚާބެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން އެނބުރި ޕާޓީއާ ގުޅިވަޑައިގެން، ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމުން ޕާޓީގެ އާންމު ގިނަ މެންބަރުންތަކެއްގެ ހިތްތަކުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ސިޔާސީ މައިދާނުގައި އަބަދުވެސް އާންމުން ސިއްސުވާލާ ފަދަ ބޮޑެތި ސުރުޚީތައް ހޯއްދެވުމަށް މަޝްހޫރު ނަޝީދުގެ މި ފަހަރުގެ ކެމްޕޭން ވެސް ބިނާވެފައިވަނީ ހަމަ އެ މުސްކުޅި ފޯމިއުލާގެ މައްޗަށެވެ. އެއްވެސް ހެއްކެއް ނުވަތަ ސާފު ރޭވުމެއް ނެތް ބޮޑެތި ވައުދުތަކާއި، މިއަދު ބުނާ ބަސް މާދަމާ ދޮގުކުރާ، އުސޫލެއް ނެތް ސިޔާސަތު މިއަދުގެ ހޭލުންތެރި އާންމު މެންބަރުންނަށް ވިއްކޭނެބާވައެވެ؟
ނަޝީދު މޮޅީ ހަމައެކަނި ނޫސްތަކުގެ ސުރުހީ ހޯއްދަވާކަށް ނޫނެވެ. އެކި ކަހަލަ ޑްރާމާތަކަށް ވެސް ވަރަށް މޮޅެވެ. ގޭގެއަށް ވަންނަވައި ކުޑަކުދިންނަށް ބަކުން ކާން ދެއްވުމާއި ފޮޅައިސާފު ކުރެއްވުމާއި ރޮށި ދަންމަވައި، ރިހާކުރު ކައްކަވައިދެއްވައިގެން ފޮޓޯ އާއި ވީޑިއޯތައް އުފައްދަވައެވެ.

"ރީނދޫ ލޭ" އާއި 2023ގެ ހިތްދަތި ހަނދާންތައް
ށ. ކޮމަންޑޫ ހަރުގޭގައި ހުންނަވައި އަސަރާއެކު ނަޝީދު ވިދާޅުވީ "އަޅުގަނޑު ކަނޑާލީމާ އަބަދުވެސް އަންނާނީ "ރީނދޫ ލޭ" ކަމަށާއި، ދެން ދުވަހަކުވެސް އެމްޑީޕީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ނަޝީދު ވަޑައިގަތުމާއި، "ދަ ޑިމޮކްރެޓްސް" އުފެއްދެވުމަށްފަހު، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ވައްޓާލައްވަން ނަޝީދު ހިއްޕެވި ހިއްޕެވުމުގެ ހިތްދަތި ހަނދާންތައް ޕާޓީގެ އާންމު މެންބަރުން އަދި ހަނދާން ނުނެތޭކަން ނަޝީދާ ވާދަކުރައްވާ މީކާއިލް އަޙްމަދު ނަސީމްގެ ކެމްޕޭނުން ދަނީ ހަނދާންކޮށްދެމުންނެވެ.
މިދިޔަ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް ޕާޓީ ވާދަކުރިއިރު، އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ނަޝީދުގެ ތާއީދު އިބޫ ޞޯލިހަކަށް ނުދެއްވައެވެ. އެމްޑީޕީއާ ދެކޮޅަށް ނަޝީދު ކުރެއްވި ވަރުގަދަ ކެމްޕޭނުގެ ސަބަބުން، 15 ހާސް ވޯޓުގެ ތަފާތުން އެމްޑީޕީއަށް ވެރިކަން ގެއްލިގެން ދިޔައީ ރައީސް ނަޝީދުގެ އަމިއްލަފުޅު އެދުމުގެ ސަބަބުންނެވެ. މިއަދު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނުކުމެވަޑައިގެން، 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީއަށް މަދުވަނީ "ނަޝީދުގެ ނުފޫޒު" ކަމަށް ވިދާޅުވެ ނަޝީދާ ކޯލިޝަން ހެއްދެވި ނަމަވެސް، އާންމު މެންބަރުން ދެކެނީ މިއީ ބާރުވެރިންގެ މެދުގައި ކުޅެވޭ ސިޔާސީ ކުޅިގަނޑެއްގެ ގޮތުގައެވެ.
ނަޝީދުގެ ސިޔާސަތެއް ނެތް ހުސް ޝިއާރުތައް
އެއްވެސް ޕްލޭނެއް ނުވަތަ ސިޔާސަތެއް ނެތި ނަޝީދު ދައްކަވާ "ފޮނި" ވާހަކަފުޅުތަކުގެ ސިލްސިލާގެ ތެރެއިން، އދ. މާމިގިލީގެ އިތުރުން ގދ. ތިނަދޫގައި ވާހަކަދައްކަވަމުން ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ ބޮލަކަށް ޖެހޭ އާމްދަނީ ދެގުނަ ކުރުމުގެ މަސައްކަތް އެމްޑީޕީގެ ސިޔާސަތުތަކުން ފައްޓަވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި އެމްޑީޕީގެ ސެކްރެޓޭރިއޭޓުން "ޕްރޮޖެކްޓް އޮފީހެއް" އުފައްދައި، ކައުންސިލްތަކާ ގުޅިގެން، ގޭގެއަށް ވަންނަ އާމްދަނީ ދެގުނަ ކުރާނެ މަގުތައް ދައްކައިދޭނެ ކަމަށް ވައުދުވެވަޑައިގަތެވެ. އުމުރުން ދުވަސްވީ މީހުންގެ ޕެންޝަނާއި އާސަންދަ ތައާރަފް ކުރެއްވީ ތިމަން މަނިކުފާނޭ ނަޝީދު ވަރަށް ގިނައިން ވިދާޅުވެއެވެ. އެއީ ތެދެއްތޯ ސުވާލު ދަންނަވަން ޖެހެނީ ރައީސް މައުމޫނުގެ އަރިހުންނެވެ. އެއީ އަދި ތެދެއް ކަމުގައި ވިއަސް، ހަމައެކަނި އެ ސިޔާސަތުގެ ނިވާފަތްގަނޑުގައި ނަޝީދުގެ ނާގާބިލްކަމެއް އަބަދަކު ނުފޮރުވޭނެއެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ ބޮލަކަށް ޖެހޭ އާމްދަނީ ދެގުނަ ކުރައްވާނީ ކިހިނަކުންކަން ސާފުކޮށް ވިދާޅުނުވެ، ރައްޔިތުންގެ ސަމާލުކަން ހޯއްދަވަން މިފަދަ ސުރުޚީތައް އީޖާދު ކުރެއްވުމަކީ ނަޝީދުގެ ޓެލެންޓެކެވެ! މިއަދުގެ ހަގީގަތަކީ ނަޝީދު މި ވާދަކުރައްވަނީ ރާއްޖޭގެ ވެރިކަމަކަށް ނޫނެވެ- އެމްޑީޕީގެ ޗެއާޕާސަން ކަމަށެވެ. ދައުލަތުގެ ބަޖެޓެއް ނުވަތަ މާލީ ސިޔާސަތެއް ތަންފީޒު ކުރުމުގެ އެއްވެސް ބާރެއް ނެތް އިދާރީ މަގާމަކަށް ކުރިމަތިލައްވައިގެން ހުންނަވައި، މިފަދަ ގައުމީ ސިޔާސަތުތަކުގެ ވާހަކަ ދެއްކެވުމަކީ ހަމައެކަނި ވޯޓު ހޯއްދަވަން ދައްކަވާ ހުސް ދަޅަކަމުގައި ބެލެވިދާނެއެވެ.

ކޯލިޝަންގެ ހަގީގަތް އޮޅުވާލުމާއި މަތިން ޖަހާލާ އައިސިން
ނަޝީދުގެ ސިޔާސީ އޮޅުވާލުންތައް އެންމެ ބޮޑަށް ހާމަވެގެންދިޔައީ، ގދ. ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ހަގީގަތްތަކުންނެވެ. އިބޫ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން އެއްވެސް ޕާޓީއަކަށް އެކަނި ނުކުމެ ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެއެވެ. މާޒީގައި ނަޝީދުވެސް އަދި ރައީސް އަބްދުﷲ ޔާމީންވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުންކަން އިބޫ ހަނދާންކޮށްދެއްވިއެވެ. އެމްޑީޕީގައި މިވަގުތު ތިބި މެންބަރުންގެ އިތުރަށް ވެރިކަން ހޯދަން 90 ހާހަށްވުރެ ގިނަ ވޯޓު ބޭނުންވާއިރު، އެކަން ކުރެވޭނީ އެހެން ވިސްނުންތަކަށް މަރުހަބާ ކިޔައިގެން ކަމަށް އިބޫ ވިދާލުވުމުން، މި ހަގީގަތް ގަބޫލުކުރައްވަން ބޭނުންފުޅުނުވެ، ގދ. ފަރެސްމާތޮޑާގައި ހުންނަވައި ނަޝީދު ވަނީ އިބޫގެ ވާހަކަފުޅަށް ހޫނު ރައްދެއް ދެއްވައި، ކޯލިޝަން ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ސަރުކާރު ބަލިކުރުމަކީ އަދާލަތު ޕާޓީގެ އެހީއެއް ނުވަތަ ޖުމްހޫރީ ޕާޓީގެ މަދަދުވެރިކަން ހޯދައިގެން ކުރަންޖެހޭ ކަމެއް ކަމަށް އެއްގޮތަކަށް ވެސް ދެކިގެން ނުވާނެ ކަމަށެވެ. އެހެން ޕާޓީތަކުގެ މީހުން ގާތްކޮށްގެން އުޅެނީ ހަމައެކަނި "މަތިން ޖަހާލާ އައިސިންއެއްގެ" ގޮތުގައި ކަމަށާއި، މައިގަނޑު މަސައްކަތް ކުރާ ހަގީގީ ބާރަކީ އެމްޑީޕީގެ "ރީނދޫ ލަޝްކަރު" ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.
އެމްޑީޕީއަށް އެކަނި 160 ހާހަށްވުރެ ގިނަ ވޯޓު ހޯދޭނެ ކަމަށް ވިދާޅުވެ، އެހެން ޕާޓީއެއްގެ "އުނގަށް އެރިގެން" މަގާމުތައް ބަހަން ބޭނުންނުވާ ކަމަށް ނަޝީދު ވިދާޅުވި އިރު، ފެންނާން އޮތް ސިޔާސީ ހަގީގަތަކީ މުޅިން ތަފާތު އެއްޗެކެވެ. ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް އިންތިޚާބީ ތާރީޚުގައި، ރިޔާސީ އިންތިހާބަކުން، އެކަނި ނުކުމެ 50 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯދުނު އެއްވެސް ޕާޓީއެއް ނެތްއިރު، އެހެން ޕާޓީތަކަކީ ހަމައެކަނި "އައިސިން" ކަމަށް ބުނެ ގްރާސްރޫޓް މެމްބަރުންގެ ލޮލުގައި އަނދުން އަޅުއްވަން ނަޝީދު މި ދައްކަވަނީ ހަމައެކަނި ވޯޓު ހޯދަން ވައިގެ ތެރޭގައި އުދުހޭ ހުސް ހިސާބުތަކެކެވެ.

ނަޝީދުގެ އެއް ލައްކަ މެމްބަރުންގެ ހުސް ހިސާބާއި ބަލިވާ މީހުން ދުރުގައި ތިބުން
އަމާޒަކީ އެމްޑީޕީއަށް "އެއް ލައްކަ މެމްބަރުން ހަމަކުރުން" ކަމަށް ވިދާޅުވެ މީޑިއާގެ ފަލަ ސުރުޚީތައް ނަޝީދު ހޯއްދެވި އިރު، މީގެ ކުރިން އެމްޑީޕީ "ރޫޅާލާނެ" ކަމުގެ އިންޒާރާއެކު ޕާޓީ ދޫކޮށްލެއްވީ ހަމަ އެ ބޭފުޅާ އެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ދަފުތަރަށް ބަލާއިރު މިއީ ވުމަށް ވަރަށް ދުރު، ހަގީގަތާ ޚިލާފު، މީޑިއާ ދަޅައެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުން މިވަގުތު އެމްޑީޕީގައި ތިބީ އެންމެ 43،784 މެމްބަރުންނެވެ. އެ ވިދާޅުވާ އެއް ލައްކަ ހަމަކުރަން ނަޝީދު އަދި ބައި ލައްކަ މެންބަރުން ހޯއްދަވަން ޖެހެއެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީގެ މެމްބަރުންގެ އަދަދު ދެގުނައަށްވުރެ އިތުރުކުރާނެ ކަމަށް ނަޝީދު ވައުދުވެވަޑައިގަންނަވާއިރު، އެމަނިކުފާނު ދެއްވާ އިންޒާރުތަކާއި ޕާޓީގެ އެތެރޭގެ އަމަލުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ނަޝީދު ވިދާޅުވަނީ "ބަލިވާ މީހުން ތިބެން ޖެހޭނީ ދުރުގައި" ކަމަށެވެ. މިފަދަ ބަސްމަގާ އެކު ޕާޓީ އަށް އެއް ލައްކަ ހަމަވުމަށް ވުރެ ގާތީ ޕާޓީއާ މެމްބަރުން ދުރުވުމެވެ.

ރޮޒައިނާގެ ކުއްލި ބަދަލާއި އަމިއްލަ އެދުމުގެ ސިޔާސަތު
މި އިންތިޚާބުގެ ތެރެއިން އެންމެ ހައިރާންކުރުވަނިވި، އަދި އެހާމެ ބޭއިންސާފު މަންޒަރެއް ފެނިގެންދިޔައީ އައްޑޫ މަރަދޫ-ފޭދޫގައި ބޭއްވި ނަޝީދުގެ ކެމްޕޭން އޮފީސް ހުޅުވުމުގެ ޖަލްސާއިންނެވެ. ނަވާރަވަނަ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރަކަށް އިންނެވިއިރު، ނަޝީދުގެ ބައިބައިކުރުމުގެ ސިޔާސަތަށް އެމްޑީޕީ ތެރެއިން އެންމެ ގަދައަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ނަޝީދަށް ދެއްވި ރޮޒައިނާ މިއަދު މިވަނީ ކުއްލިއަކަށް ރައީސް ޞާލިހްގެ ފެކްޝަން ދޫކުރައްވައި، ނަޝީދުގެ ފަޅިއަށް ފުންމާލައްވައިފައެވެ. އެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ "ރައީސް ނަޝީދާ ނުލާ އެމްޑީޕީއަށް ކާމިޔާބެއް ނެތް" ކަމަށާއި، 2028 ކާމިޔާބު ކުރަން އެމަނިކުފާނު ގެންނަވާ ޖޯޝާއި ފޯރި މުހިންމު ކަމަށެވެ. ދެހާސް ތޭވީހުގެ ޕްރައިމަރީގައި ނަޝީދަކީ ޕާޓީ ހަލާކުކުރާ ބޭފުޅެއް ކަމަށް ވިދާޅުވި ރޮޒައިނާ މިއަދު މިވަނީ ނަޝީދުގެ ފައިންޕުޅުބުޑަށް ވެއްޓިވަޑައިގެންފައެވެ. ރައީސް ޞާލިހްގެ ތާއީދު އޮތް މީކާއިލް ބާކީކޮށް، ނަޝީދު ހޮވިއްޖެނަމަ "ޕާޓީން ދުރުވި އެންމެން އަނބުރާ އަންނާނެ" ކަމަށް ރޮޒައިނާ ވިދާޅުވިއިރު، މިއީ އާންމު މެންބަރުންގެ ލޮލުގައި އަނދުން އެޅުވުން ނޫން އެހެން ކަމެއް ނޫނެވެ. މިއިން އެނގެނީ ނަޝީދުގެ މި އިންތިޚާބަކީ އިސްލާހީ މަސައްކަތެއް ނޫން ކަމާއި، މިއީ ހަމައެކަނި ބާރާއި މަގާމުތައް ބަހާލަން ސިޔާސީ ނާޖާއިޒު ފައިދާ ނަގާ މީހުން ކުޅޭ ގޭމެއް ކަމެވެ.
ނަޝީދު މާފަށް އެދިވަޑައިގަތުމާއި ބަސް ބަދަލު ކުރެއްވުމުގެ އިތުރުފުޅު
ނަޝީދުގެ ކުއްލި ކުއްލިއަށް ބަދަލުވާ ސިޔާސަތުގެ ދަށުން އަމިއްލަ އެދުން ބޮޑުވެ، އާންމު މެންބަރުންގެ އަގު ކުޑަކޮށްލެއްވި އެހެން މަންޒަރެއް ރ. ދުވާފަރުން ފެނުނެވެ. ދެހާސް ތޭވީހުގައި ޕާޓީ މަގުމަތިކޮށްލައްވާފައި ވަޑައިގަތުމަކީ މާފަށް އެދިވަޑައިގަންނަވަންޖެހޭ ކަމެއްތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން މާފަށް އެދިވަޑައިގަތުމަށް ފަހު ނަޝީދު ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުންވެސް ނަޝީދުގެ އަރިހުން މާފަށް އެދެން ޖެހޭނެކަމަށެވެ. ނަޝީދުގެ މި ބަސްފުޅާ އެކު މުޅި ޕާޓީތެރެ ހޫނުވިއެވެ. ހއ. ކެލާގައި ހުންނަވައި މީކާއިލް ވަނީ މިކަމަށް ވަރުގަދަ ރައްދެއް ދެއްވައިފައެވެ. ނަޝީދުގެ އަމިއްލަފުޅު ބޭނުމަށް އާންމު މެންބަރުން މަގުމަތި ކޮށްލެއްވުމަށް ފަހު ނަޝީދުގެ އަރިހުން މާފަށް އެދެން މި ޖެހުނީ އަނެއްކާވެސް އާންމު މެންބަރުންނަށެވެ. ލީޑަރުން ލީޑަރުންނަށް ވަނީ އާންމު މެންބަރުންގެ ބުރަ މަސައްކަތާއި ގުރުބާނީން ކަމަށާއި، އާންމުން މާފަށް އެދެން ނުޖެހޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.
"ނަޝީދު ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރައީސް ކަމަށް ގެނައީ އެމްޑީޕީގެ އާންމު މެންބަރުން. އެ ބޭފުޅުންނަށް އެ މަގާމުތަކާއި ދާއިމަށް އެ ލިބޭ އިނާޔަތާއި ޝަރަފު ލިބެނީ އާންމު މެންބަރުންނާ ހެދި،" މީކާއިލް ހަނދާންކޮށްދެއްވިއެވެ.

އެ ވިދާޅުވާ "ކައްޒާބަކީ" ކޮން ބޭފުޅެއްކަން އޮޅިއްޖެ
މީކާއިލްގެ ވަރުގަދަ ރައްދާއެކު، ނަޝީދު ހއ. މުރައިދޫއަށް ވަޑައިގެން މުޅިން އާ ދޮގެއް ހައްދަވައި ސިޔާސީ އޮޅުވާލުމެއް އޮޅުވާލެއްވިއެވެ. މުރައިދޫގައި މެންބަރަކު ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ "އަޅުގަނޑެއް ނުބުނަން އެކަހަލަ ވާހަކައެއް. އާންމު މެންބަރުން އަޅުގަނޑު ކައިރިން މާފަށް އެދޭކަށް ނުޖެހޭނެ" ކަމަށެވެ. މިއީ ކަނޑައެޅިގެން ނަޝީދު ހެއްދެވި އިތުރުފުޅެކެވެ. މީގެން ހާމަވެގެންދާ ހަގީގަތަކީ، ނަޝީދު މިއަދު ވެވަޑައިގަންނަވާ ވައުދަށް މާދަމާ އިންކާރު ކުރައްވާނެކަމެވެ. އެ ވިދާޅުވާ "ކައްޒާބަކީ" ކޮން ބޭފުޅެއްކަން މިހާރު އޮޅިއްޖެއެވެ.
ނަޝީދުގެ ހުދުމުޚުތާރު އިންޒާރު "ބަލިވާ މީހުން ތިބެން ޖެހޭނީ ދުރުގައި"
ނަޝީދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ބަފާގެ ގޮތުގައި އަމިއްލަފުޅަށް ދެކެވަޑައިގެންނެވި ނަމަވެސް، ޕާޓީގެ ގައުމީ މަޖިލީހުގެ މެސެޖު ގްރޫޕުގައި ހިނގި ބަހުސެއްގައި އެމަނިކުފާނުގެ ހަގީގީ ކުލަވަރު ވަނީ ފެނިފައެވެ. ޖޫން 12ވަނަ ދުވަހުގެ އިންތިހާބުން ބަލިވާ ބޭފުޅުން ޕާޓީގެ ކަންކަމާ ދުރުގައި ތިބެންޖެހޭނެ ކަމަށް ނަޝީދު އެ ވަޓްސްއަޕް ގްރޫޕުގައި ވިދާޅުވިއެވެ. އަދި "ކައިރީގައި ތިއްބަވަން ޖެހޭނީ މޮޅުވާ ބޭފުޅުން" ކަމަށް ނަޝީދު ވިދާޅުވުމުން މުޅި ޕާޓީ ވަނީ ހޫނުވެފައެވެ. މިއީ ވަރަށް ހުދުމުޚުތާރު، ނާތަހުޒީބު އިންޒާރެކެވެ. މީގެން ވެސް ހާމަވަނީ ނަޝީދަކީ އެއްވެސް އިރެއްގައި ޑިމޮކްރެސީއަސް ލޯބި ކުރެއްވި ބޭފުޅެއް ނޫންކަމަވެ. މުޅިން ވެސް އިސް ކުރެއްވީ އަމިއްލަ އެދުން ފުޅެވެ.

ސަރުކާރު %5 އަށް ތިރިކޮށްލައްވާނެ ކަމުގެ އިންޒާރު
ނަޝީދުގެ ހަރުކަށި ބަސްމަގާއި ސަރުކާރަށް ދެއްވާ އިންޒާރުތައް އޭގެ އެންމެ މަތީ މިސްރާބަށް ދިޔައީ ގދ. ތިނަދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައެވެ. މިހާރުގެ ސަރުކާރުން ހުދުމުޚުތާރު ވެރިކަމެއްގެ ސިފަތައް ފެންނަން ފަށައިފައިވާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު %5އަށް ތިރިކޮށްލައްވާނެ ކަމުގެ ސެންސޭޝަނަލް އިންޒާރެއް ދެއްވައިފައެވެ. ކައުންސިލް އިންތިޚާބާއި، ފެންނަ ނުފެންނަ ވޯޓުގެ އިތުރުން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އިން ސަރުކާރު ހިންގާ ޕާޓީ ބަލިވެފައިވާތީ، ރައީސް މުއިއްޒު ހުންނެވީ "ތިން ބަލިން ބަލިވެ، ތިންފަށްވެފައި" ކަމަށާއި، ދެން ވަޑައިގަންނަވަން ޖެހޭނީ ސީދާ ގެއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ މެންބަރުންނަށް ދައުވާކޮށްފި ނަމަ ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވާނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ސަރުކާރަށް ހަރުކަށި އިންޒާރެއް ދެއްވައިފައެވެ.
"އެ ވިސްނުން ވެސް ނުގެންނަވާތި! އެއީ ރަތް ރޮނގެއް. އެ ރޮނގު ހުރަސް ނުކުރައްވާތި ޑރ. މުއިއްޒު،" ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ވުރެ މައްޗަށް ރައީސް މުއިއްޒަށް ނޭރުއްވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އާންމު މެންބަރުން ސުވާލު އުފައްދަނީ، ޕާޓީގެ އެތެރޭގެ އިދާރީ އިންތިޚާބެއްގެ ކެމްޕޭނުގައި ގައުމީ ފެންވަރުގެ މިފަދަ "ބޮޑުހަނގުރާމައިގެ" އިންޒާރުތައް ދެއްވުމަކީ ހަގީގަތުގައި ޕާޓީ ބާރުވެރިކުރުންތޯ ނުވަތަ އަމިއްލަ ސިޔާސީ ބާރު ދެއްކެވުންތޯއެވެ؟

ނަޝީދުގެ މަޖިލިސް ބަޣާވާތް އަދި ވެރިކަން ވައްޓާލެއްވުމުގެ ވައުދު
ނަޝީދުގެ ގަޑުބަޑު ސިޔާސަތު އެންމެ މައްޗަށް ދިޔަތަން ފެނުނީ ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާއެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިންތިޚާބު ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރައްވާނެ ކަމަށެވެ. މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު (62 ގޮނޑި) ހޯދައިގެން ވެރިކަން ވައްޓާލާނެ ކަމަށް ވިދާޅުވާއިރު، މިހާރު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު އޮތީ 73 ގޮނޑިއާއެކު ވެރިކަން ކުރާ ޕީއެންސީ އަށެވެ. ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި، ޕީއެންސީގެ ގިނަ މެންބަރުން ޕާޓީ ބަދަލުކޮށް އެމަނިކުފާނާ ގުޅޭނެއެވެ. އަދި މި މަސައްކަތުގައި ރައީސް ޔާމީނާއި، ރައީސް ޞޯލިހުވެސް އެމަނިކުފާނާއެކު ތިއްބެވި ކަމަށް ވިދާޅުވިއެވެ. މިއީ، ސަމާލުކަން ހޯއްދެވުމަށް، އެއްވެސް ރޭވުމެއް ނެތި ނަޝީދު ދައްކަވާ ހުސް ހޮޅި ވާހަކަކަން، އެމަނިކުފާނުގެ ގިނަ ވާހަކަތަކަށް ވިސްނާލުމުން އެނގެއެވެ.

ނިންމުން
އެމްޑީޕީގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބަކީ ހަމައެކަނި ވަގުތީ ސިޔާސީ މަގާމެއް ހޮވުމުގެ ފުރުސަތެއް ނޫނެވެ. މިއީ ޕާޓީގެ އާންމު ގާސްރޫޓް މެންބަރުން، މާޒީގެ ހިތްދަތި ތަޖުރިބާތަކާއި ހަގީގަތެއް ނެތް ހުސް ވައުދުތަކާ މެދު ފުންކޮށް ވިސްނަންޖެހޭ ވަގުތެކެވެ. ސަރުކާރު %5އަށް ތިރިކޮށްލާނަމޭ ވިދާޅުވެ، އެހެން ޕާޓީތަކަކީ ހަމައެކަނި "އައިސިން" ކަމަށް ސިފަކުރައްވައި ނަޝީދު ދައްކަވާ ސެންސޭޝަނަލް ސިޔާސަތުތަކާއި، "ރަތް ރޮނގުތަކުގެ" އިންޒާރުތަކަށް އާންމު މެންބަރުން އަނެއްކާވެސް ހެއްލޭނެބާވައެވެ؟ ނޫނީ ޕާޓީއަށް ބޭނުންވަނީ އަމިއްލަ އެދުމާއި ޒާތީ އަދާވަތްތެރިކަމުން ބޭރުވެ، އެންމެން ގޮވައިގެން ހަގީގީ އަމަލީ ސިޔާސަތެއް ތަންފީޒުކުރާނެ އާ ބާރެއްބާވައެވެ؟ އެ ހުރިހާ ސުވާލެއްގެ ޖަވާބު ސާފުވެގެންދާނީ ހުކުރު ދުވަހުގެ ވޯޓު ފޮށިންނެވެ.
