އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމަ ކުރިއަށް ގެންގޮސްފިނަމަ އީރާނަކީ ދުޝްމިނު ސިފައިންގެ ގަބުރުސްތާނަކަށް ހަދައިލައިނެ ކަމަށް އީރާނުން ބުނެފިއެވެ.
"ޗަބަހާރު ސިޓީން ފެށިގެން މާޝަހްރު ސިޓީއާ ދޭތެރޭގައި އޮތް ސަރަހައްދު ދުޝްމިނު ސިފައިންގެ ގަބުރުސްތާނަކަށް އަހަރެމެން ހަދައިލައިނެ ކަމާމެދު ޝައްކު ނުކުރާތި،" އީރާންގެ އިސްލާމީ އިންގިލާބު ލަޝްކަރުގެ ކަނޑުސިފައިންގެ ބައިގެ ސިޔާސީ ވެރިޔާގެ ނައިބު މުހައްމަދު އަކްބަރްޒާދޭ ބުންޏެވެ.
އޭނާ ބުނީ ދުޝްމިނުންގެ ހާލަތު މިހާރު ބަލިކަށި ކަމަށާއި މިހެންވެ މިހާރު މެދުކަނޑައިލައިފައިވާ ހަނގުރާމަ އެމެރިކާ-އިސްރާއީލު އިއްތިހާދުން އަލުން ކުރިއަށް ގެންދިއުމަކީ ދުރުގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ހަނގުރާމަ އަލުން ކުރިއަށް ގެންގޮސްފިނަމަ އީރާން އޮތީ ރައްދު ދޭން ތައްޔާރަށް ފުރިހަމައަށް ހަތިޔާރު ހިފައިގެން ކަމަށް އޭނާ ބުންޏެވެ.
އީރާނުން ބުނީ އެމެރިކާއާއެކު ސުލްހައިގެ މުއާހަދާއެއް ގާއިމުކުރުމުގެ ވިސްނުން ހުރި ކަމަށާއި ނަމަވެސް ސީޒްފަޔާ މުގުރައިލައިފައި އެމެރިކާއިން އީރާނަށް ހަމަލާތަކެއް ދިނުމުން އެމެރިކާއަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށެވެ.
އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު މަހްމޫދު ނަބަވީއަން (ފޮޓޯ) ބުނީ އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިނުލައި އޮއްވައި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުރިހާ ގައުމަކަށް އެއްވެސް ޝަރުތެއް ނެތި ހިލޭ ހުޅުވައިލުން ވާނީ އީރާންގެ މަސްލަހަތާ ފުށުއަރާ ކަމަކަށް ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 99 ޑޮލަރު (1،526ރ.)ގައި ހުރެފައި މިއަދު ހުރީ 96 ޑޮލަރު (1،480ރ.)އަށް ދަށްވެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment