ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ނުވަތަ ޚާރިޖީ ގުޅުންތަކުގެ ތެރޭގައި އިއްތިފާގުތަކަކީ ވަރަށް މަދުން ނޫނީ ހިނގާ ކަންކަމެއް ނޫނެވެ. ކޮންމެ ބަހަކާއި، ކޮންމެ ހަރަކާތަކާއި، އަދި ކޮންމެ ބަޔާނަކީވެސް ވަރަށް ބޮޑަށް ބަލައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ފަރުމާކުރެވިފައިވާ ކަންކަމެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ރަސްމީ ދަތުރުފުޅެއްގައި ނިއުދިއްލީގައި، އިންޑިއާ ސަރުކާރުގެ މެހެމާނެއްގެ ގޮތުގައި ހުންނަވަނިކޮށް، ފޯޅަވަހީގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ބުނެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ރަސްމީކޮށް އިއުލާންކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ ސީދާ ރާއްޖޭގެ މޫނުމަތީގައި ޖެހި ޑިޕްލޮމެޓިކް އެތިފަހަރެކެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ނިކަމެތިކޮށްލަން އިންޑިއާއިން ގަސްދުގައި ކުރި ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއާއި މޮރިޝަސްގެ މެދުގައި މިވަގުތު އޮތީ ވަރަށް ނުތަނަވަސް ގުޅުމެކެވެ. ރާއްޖެއިން ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުނުކުރުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާ ދެކޮޅަށް ދިވެހި ސަރުކާރުން ވަރުގަދަ ސިޔާސަތެއް ކަނޑައެޅުމުން، މި އަހަރުގެ ފެބްރުއަރީ މަހު މޮރިޝަސްއިން ވަނީ ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުން ކަނޑައިލައިފައެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ރާއްޖޭގެ އެންމެ އިސް އެއް ވަޒީރު އިންޑިއާގެ ފަސްގަނޑުގައި ހުންނަވަނިކޮށް، ރާއްޖޭގެ ރަސްމީ ސިޔާސަތާ ސީދާ އިދިކޮޅަށް އިންޑިއާއިން ބަޔާން ނެރުމަކީ އިހުތިރާމްގެ ކަންފުޅެއްވެސް ނެތް އަމަލެކެވެ. މިއީ އިންޑިއާއިން މޮރިޝަސްއަށް ދިން ސިޔާސީ ޔަގީންކަމެއްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ދިން އިންޒާރެކެވެ. އިންޑިއާ ކަނޑުގެ ބާރަކީ ތިމަންނާމެންކަން ދެއްކުމަށްޓަކައި، ރާއްޖެ ފަދަ ކުޑަ ގައުމެއްގެ އިސްތިގުލާލާއި ގައުމީ މަސްލަހަތު އިންޑިއާއިން ގުރުބާންކޮށްލީއެވެ. އިންޑިއާއިން ބޭނުންވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ނިއުދިއްލީގެ ރުހުން އޮވެގެން ކުރިއަށްދާ އެއްޗަކަށް ހެދުމަށެވެ. މިއީ މިނިވަން ދައުލަތެއްގެ ސިޔާދަތަށް އަރައިގަތުމުގެ އަމަލެކެވެ.
އިންޑިއާގެ ބަޔާނަކީ ވަރަށް ނުރައްކާތެރި، މައުލޫމާތު އޮޅުވާލުމުގެ ރޭވުމެކެވެ. އިންޑިއާއިން މިހާރު ޖަވާބުދޭންޖެހޭ ސީދާ ސުވާލެއް އެބައޮތެވެ. ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ތާރީޚީ ސިޔާދަތީ ބާރެއް އޮތް ކަމަށް އެ ގައުމުން ނިންމީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ހެއްޔެވެ؟ ޖިއޮގްރަފީއަށް ބަލާއިރު، މޮރިޝަސްއަކީ އެފްރިކާގެ ބައްރަށް ނިސްބަތްވާ، ދެކުނު-ހުޅަނގު އިންޑިއާ ކަނޑުގެ ގައުމެކެވެ. ފޯޅަވަހި އޮންނަނީ މޮރިޝަސްއާ 2،000 ކިލޯމީޓަރަށްވުރެ ދުރުގައެވެ. އެއާ ހިލާފަށް، ފޯޅަވަހި އޮންނަނީ ރާއްޖޭގެ ދެކުނުން އެންމެ 500 ކިލޯމީޓަރު ކައިރީގައެވެ. ފޯޅަވައްސަކީ ޖިއޮގްރަފީގެ ގޮތުން ދެކުނު އޭޝިއާގެ ކަނޑުގެ ސަރަހައްދުގެ ބައެކެވެ. އިންޑިއާއިން މޮރިޝަސްއަށް މިހާ ބޮޑަށް ތާއީދުކުރާ ސަބަބަކީ އެއީ އިންސާފަށް ކުރާ ކަމެއް ނޫނެވެ.
މޮރިޝަސްގެ އާބާދީގެ ބޮޑު ބައަކީ އިންޑިއާގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. މޮރިޝަސްގެ ސަރުކާރަކީ އިންޑިއާ ބޭނުންހާ ގޮތަކަށް އަނބުރާލެވޭ ސަރުކާރެކެވެ. ފޯޅަވަހި މޮރިޝަސްއަށް ލިބުމަކީ، ނުސީދާކޮށް އެތަނުގެ ކޮންޓްރޯލް އިންޑިއާއަށް ލިބުމެވެ. މިއީ އިންޑިއާ ކަނޑުގައި އިންޑިއާގެ ސަރަހައްދީ ބާރު ގަދަކުރުމަށްޓަކައި މޮރިޝަސް ބޭނުންކޮށްގެން އިންޑިއާއިން ހިންގާ ސިޔާސީ ރޭވުމެކެވެ.
އިންޑިއާއަކީ އދ.ގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޓީގެ ފުރަތަމަ މުގައްރިރެވެ. އެހެންކަމުން، 1946 ވަނަ އަހަރު އދ. އިން އެކުލަވާލި، އަމިއްލަ ވެރިކަމެއް ނެތް ސަރަހައްދުތަކުގެ މިލްކުވެރިކަން ލިބެންޖެހޭ ޤައުމުތަކުގެ އޮނިގަނޑުން ރާއްޖެ ބާކީކޮށްލީ އިންޑިއާގެ މުގައްރިރު ކަމުގެ ދަށުން، ރޭވިގެންނެވެ. މިއީ މީގެ 80 އަހަރު ކުރިން ފެށިގެން އިންޑިއާއިން ކުޅެމުން އައި ގޭމެކެވެ. މިއީ ފޯޅަވައްސާއި ރާއްޖޭގެ ތާރީޚީ ގުޅުން އ.ދ ތެރެއިން ފޮހެލުމަށް އިންޑިއާއިން ހިންގި ހީލަތްތެރި އަމަލެކެވެ. އޭރުގެ އިނގިރޭސި އިސްތިއުމާރީ ބާރުން ހިމާޔަތް ހޯދައިގެން އޮތް ގައުމެއްގެ ގޮތުގައި ރާއްޖެ ބާއްވައިފައި، ފޯޅަވަހި ރާއްޖެއާ ވަކިކޮށްލީ އިންޑިއާ އާއި އިނގިރޭސިން ގުޅިގެންނެވެ. މިހާރުވެސް އިންޑިއާއިން މަސައްކަތް ކުރަމުންދަނީ ދިވެހި ސަރުކާރުން ގެންގުޅޭ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ބަލިކޮށް، ކުރީގެ ރައީސް ނަޝީދާއި އެމް.ޑީ.ޕީ އަލުން ވެރިކަމަށް ގެނެސްގެން ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ބިންގަލަކީ "އިންޑިއާ ފަސްޓް" ކަމުގައި ހެދުމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގައިވެސް މޮރިޝަސް ފަދަ އިންޑިއާގެ ބަހަށް ކިޔަމަންވާ ސަރުކާރެއް ބޭއްވުމެވެ. ރައީސް ނަޝީދުގެ ސަރުކާރެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، އިސްތިގުލާލު އިންޑިއާއަށް ދޫކޮށްލާނެކަން އެމީހުންނަށް އެނގެއެވެ. މިއީ މުޅި އިންޑިއާ ކަނޑު އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ރާވާފައިވާ ބޮޑު ރޭވުމެކެވެ. އިންޑިއާ އެދޭ ގޮތަށް ދީލާލާނެ އެމް.ޑީ.ޕީ ވެރިކަމެއް އަތުވެއްޖެ ނަމަ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ޔަޤީނެވެ.
ފޯޅަވަހީގެ މިލްކުވެރިކަން ލިބުން އެންމެ ހައްޤީ ދިވެހި ރާއްޖެއަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވުމަކީ ތާރީޚީ ހަގީގަތުގެ މައްޗަށް ބިނާކޮށް ވިދާޅުވެފައިވާ ވާހަކަފުޅެކެވެ. މޮރިޝަސްގެ ދައުވާއަށްވުރެ ރާއްޖޭގެ ދައުވާ މާ ބޮޑަށްވެސް ވަރުގަދައެވެ. ސާދަވަނަ ގަރުނާއި ސޯޅަވަނަ ގަރުނުގެ ރާއްޖޭގެ ރަސްމީ ލިޔުންތަކާއި، އިހުގެ ބޯދާ ސަނަދުތަކުގައި ރާއްޖޭގެ ދެކުނުގެ ބޯޑަރު އޮތީ ފޯޅަވަހި ހިމެނޭ ގޮތަށްކަން ބަޔާންކޮށްފައިވެއެވެ. ދިވެހި މަސްވެރިންނަކީ ޒަމާނުއްސުރެ އެ ސަރަހައްދުގައި މަސްވެރިކަންކޮށް، އެ ރަށްތަކުގެ ބޭނުން ހިފަމުން އައި ބައެކެވެ. ހަމައެއާއެކު، ދިވެހި ބަހާއި އަކުރު ފޯޅަވަހީގެ އިހުގެ މަހާނަގާތަކުން ފެނިފައިވުމަކީ އެތަނަކީ ދިވެހިން ގޮސް އުޅުނު ތަނެއްކަމުގެ ބޮޑު ހެއްކެކެވެ. މިއީ އެއްވެސް ބަޔަކަށް އިންކާރު ކުރެވޭނެ ހަގީގަތެއް ނޫނެވެ. މޮރިޝަސްގެ އެއްވެސް އާސާރީ ނިޝާނެއް އެތަނަކުން ފެންނާކަށް ނެތެވެ. ޖިއޮގްރަފީގެ ގޮތުން ބަލާއިރުވެސް، ރާއްޖެ އާއި އެ ސަރަހައްދާ ދެމެދު އޮތް ގާތްކަމަކީ އިންކާރު ކުރެވެން ނެތް ހަގީގަތެކެވެ. ފޯޅަވަހީގެ އަތޮޅުތަކަކީ ރާއްޖޭގެ އަތޮޅުތަކުގެ ސިލްސިލާއާ ގުޅިފައިވާ، ޖިއޮލޮޖިކަލް ގޮތުންވެސް އެއް އުފެދުމެކެވެ. މި ހަގީގަތްތައް ހުރިއިރު، އިންޑިއާއިން މޮރިޝަސްގެ ބަލިކަށި ދައުވާއަށް ތާއީދުކުރުމަކީ ދިވެހިރާއްޖޭގެ ތާރީޚާއި ހައްގުތަކަށް އަރައިގަތުމެވެ. މިއީ ރާއްޖޭގެ ހައްގުތައް ފޭރިގަތުމަށް ހިންގާ އިންތިޒާމުވެފައިވާ އަމަލެއް ކަމަށް ބަލައި ދިވެހި ސަރުކާރުން މިކަން ކުށްވެރިކުރަން ޖެހެއެވެ.
ފޯޅަވަހި ލިބެންޖެހެނީ މޮރިޝަސް އަށް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ވިދާޅުވުމަކީ ފޯޅަވަހީގެ މިލްކުވެރިކަން ހޯދުމަށް ދިވެހި ރާއްޖެއަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. އިންޑިއާގެ ނުފޫޒުން އެއްކިބާވެ، ރާއްޖެއިން ޖެހެނީ އެމެރިކާއާއި އިނގިރޭސިވިލާތާއެކު ވަރުގަދަ އެއްބަސްވުމެއް ހަދާށެވެ. މޮރިޝަސް އިން ރާވައިފައި އޮތީ ޑިއެގޯ ގާޝިއާ، 99 އަހަރަށް އެމެރިކާއަށް ކުއްޔަށް ދޭގޮތަށެވެ. ދިވެހި ރާއްޖެއިން މިކަން މާ ފުރިހަމައަށް ކޮށްދެވިދާނެއެވެ. ރާއްޖެއިން ޑިއެގޯ ގާޝިއާ އެމެރިކާއަށް 200 އަހަރަށް ކުއްޔަށް ދީ، މުޅި އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާއަށް ފުރުސަތު ދީގެން ރާއްޖޭގެ ސަލާމަތާއި އިގްތިސޯދު ކަށަވަރު ކުރެވިދާނެއެވެ. މިއީ އިންޑިއާގެ ބަހަށް ނަށާ ބައެއްގެ ގޮތުގައި އޮތުމަށްވުރެ ރާއްޖެއަށް މާ ފައިދާ ބޮޑު ގޮތެކެވެ. ސަބަބަކީ ދިވެހި ރާއްޖެއަކީ މޮރިޝަސްއަށްވުރެ ބޮޑަށް އިންޑިއާ ކަނޑުގެ މެދުގައި ފެތުރިފައިވާ ބޮޑު ފާރަކަށް ވާތީއެވެ. މިފަދަ ސްޓްރެޓީޖިކް ގުޅުމެއްގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ދާއިމީކޮށް ކަށަވަރުވެ، ސަރަހައްދީ ބާރަކަށް ރާއްޖެ ވެގެންދާނެއެވެ.
ފޯޅަވަހީގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެނަމަ، އެއީ ރާއްޖޭގެ އުފެއްދުންތެރިކަން ބޮލަކަށް 50 ހާސް ޑޮލަރަށް އުފުލާލަން ލިބޭނެ ބޮޑު ބާރަކަށް ވާނެއެވެ. މިއީ ހަމައެކަނި ހުވަފެނެއް ނޫނެވެ. މިއީ ކުރެވިދާނެ ކަމެކެވެ. ފޯޅަވަހީގައި ސިންގަޕޫރު ނުވަތަ ދުބާއީ ފަދަ ވަރުގަދަ މާލީ މަރުކަޒެއް ގާއިމްކޮށް، "ދުވަހަކުވެސް ނުނިދާ" މާލީ ހަބަކަށް އެތަން ހެދޭނެއެވެ. މީގެ ސަބަބުން ދުނިޔޭގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނާނެއެވެ. އަދި ފޯޅަވަހީގެ ރަށްތައް މުޅިން ތަފާތު ލަގްޒަރީ ފަތުރުވެރިކަމުގެ ބްރޭންޑެއްގެ ގޮތުގައި މާކެޓް ކުރެވޭނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން މުޅިން އާ ހަރުފަތަކަށް ގެންދާނެ ކަމެކެވެ. ހަމަ އެއާއެކު، އައްޑޫއަކީ ދުނިޔޭގެ ހަނގުރާމަމަތީ މަނަވަރުތަކާއި ބޮޑެތި މުދާ އުފުލާ ބޯޓުފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތްދޭ މަރުކަޒަކަށް ހަދައި، ފަތުރުވެރިކަމާ އެއްވަރުގެ އާމްދަނީއެއް ހޯދޭނެއެވެ. މި އިކޮނޮމިކް ޓްރާންސްފޯމޭޝަންގެ ސަބަބުން ރާއްޖެ ވެގެންދާނީ މި ސަރަހައްދުގެ އެންމެ މުއްސަނދި އަދި ބާރުގަދަ ގައުމަށެވެ. ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިންތިހާއަށް މަތިވެގެންދާނެއެވެ. ދިވެހި ރާއްޖެ އަކީ އެއްވެސް އިރެއްގައި އިންޑިއާގެ ދަށުވެފައި އޮންނަޖެހޭ ބައެއް ނޫނެވެ. ދިވެހިންނަކީ އެއަށް ވުރެ ވިސްނުން ތޫނު ބައެކެވެ. ދިވެހި ރާއްޖެއަކީ އެއަށް ވުރެ ވަސީލަތް ގިނަ ޤައުމެކެވެ. ފޯޅަވައްސަކީ އެފަދަ ވަސީލަތްތަކުގެ ބައެކެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖަޔަޝަންކަރުގެ ދައުވަތަކަށް އިންޑިއާ އަށް ވަޑައިގެން ދިވެހި ޚާރިޖީ ވަޒީރު ހުންނަވަނިކޮށް، އިންޑިއާއިން ރާއްޖެއަށް ދިން މި ޑިޕްލޮމެޓިކް "ހަމަލާ" އަކީ ދިވެހިން ދުވަހަކުވެސް ހަނދާން ނައްތާލައިގެން ވާނެ ކަމެއް ނޫނެވެ. މިއީ ރާއްޖެ ނިކަމެތިކޮށްލައި، އިންޑިއާގެ ބަހަށް ނަށާ ބައެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ހިންގި ހީލަތްތެރި އަމަލެކެވެ. މިއީ އަޅުވެތިކަމުގެ އާ ފަރުދާއެކެވެ. މޮރިޝަސް އާއި އިންޑިއާ ބުނާހާ ގޮތަކަށް ނަށާނެ ވެރިއެއްގެ ގޮތުގައި ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް އިންޑިއާ މިވަނީ ފޫގަޅާފައެވެ. ސުވާލަކީ ރައީސް މުއިއްޒު މިކަމާ މެދު އަމަލު ކުރައްވާނީ ކޮންގޮތަކަށް ބާވައެވެ؟ ނިމިދިޔަ ރެފަރެންޑަމްގައި ސަރުކާރަށް ލިބުނު ބަލީގެ ނުރަނގަޅު އަސަރުން ސަލާމަތްވުމަށް ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް އެންމެ ރަނގަޅު މަގަކީ އިންޑިއާއިން މި އިއުލާން ކުރި ސިޔާސީ މުޤާބަލާގައި ކެރިވަޑައިގެން ދިވެހީންގެ ކޮޅު ނެންގެވުމެވެ. މިއީ ހުރިހާ ދިވެހީން އެއްގަލަކަށް އަރުވަން ދިވެހި ސަރުކާރަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ސަރަހައްދީ "ބިގް-ބުލީ"ގެ ކުރިމަތީގައި ކުޑަކުޑަ ދިވެހި ރާއްޖެ ހަށި ފޮޅައިލައިފައި ތެދުވަންވީއެވެ.
ރާއްޖޭގެ ކުރިމަގު އޮތީ އިންޑިއާގެ ނުފޫޒުގެ ދަށުގައެއް ނޫނެވެ. ރާއްޖޭގެ ކުރިމަގު ގުޅިފައި އޮތީ ފޯޅަވަހި ހޯދުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއެކު ހެދޭ ވަރުގަދަ އެއްބަސްވުމެއްގެ މައްޗަށެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހީން ތަނަވަސް ބަޔަކަށްވެ، ދުނިޔޭގެ ސުލްހަ ޤާއިމް ކުރުމުގެ އެންމެ ވަރުގަދަ މަރުކަޒަކަށް، އިންޑިއާ ކަނޑުގެ މެދުތެރޭގައިވާ ދިވެހި ރާއްޖެ ވެގެންދާނެއެވެ. މިކަން ކުރެވޭ ވަރުގެ ލީޑަޝިޕެއް ދިވެހި ސަރުކާރުން ދައްކައި، އިންޑިއާގެ ޑިޕްލޮމެޓިކް ހަމަލާތަކަށް ވަރުގަދަ ރައްދެއްދީ، ޤައުމުގެ އިސްތިގުލާލު ކަށަވަރު ކުރަންޖެހެއެވެ. ކުޑަކުޑަ ދިވެހި ރާއްޖެއިން މިކަން ކޮށް، މުޅި ދުނިޔެއަށް ސާބިތުކޮށްދޭން ޖެހެއެވެ. ދިވެހި ގައުމުގެ ހައްގުތައް ހޯދުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް ގައުމީ ވާޖިބެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ނިކަމެތިކޮށްލުމުގެ ގޮތުން، ރާއްޖޭގެ މޫނުމަތީގައި އިންޑިއާއިން މިޖެހި ޑިޕްލޮމެޓިކް އެތިފަހަރަށް ނުސިހި، އިންޑިއާގެ ނުފޫޒުން ސަލާމަތްވެ، ދިވެހި ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވަގުތަކީ މިއީއެވެ.
