ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރަށް މިހާރު މިވަނީ ދެ އަހަރާއި ހަ މަސް ވެފައެވެ. ދައުރު ދެބައިވި އިރު، ބާކީ އޮތް ދެ އަހަރާއި ބައިގެ ތެރޭ ރައީސްގެ ޒައާމަތުގެ ލެގަސީ އަކަށް ވެގެން ދާނީ ކޮން ކަންތައްތަކެއް ބާވައެވެ؟ މި ނަޒަރުން ވިސްނާ އިރު ރައީސް މުއިއްޒުގެ ވެރިކަމުގައި ބިންގާ އެޅިދާނެ ތަފާތު ލެގަސީތަކުގެ ތެރެއިން މުހިއްމު ހަ ކަމެއް ތިރީގައި ފާހަގަކޮށްލާނަމެވެ.
1. މަރުގެ ހުކުމް ތަންފީޒު ކުރުން
އަދުލުއިންސާފު ގާއިމްކުރަން މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށާއި އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރާ ބިލް އޮތީ ފަހުގެ މަރުހަލާގައި ކަމަށް ރައީސް މުއިއްޒު މީގެ މަހެއްހާ ދުވަސް ކުރިން، 23 މާޗްގައި ވިދާޅުވިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މަރުގެ އަދަބު ދިނުމަކީ މިއަދާ ހަމައަށް ވެސް ރާއްޖޭގައި ތަންފީޒުނުވެ އޮތް ކަމެއްކަން ފާހަގަ ކުރައްވަމުން، ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލް ތައްޔާރުކުރުން މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށާއި، އެޓާނީ ޖެނެރަލް އޮފީހުން އެ މަސައްކަތް ނިންމައި، ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން، މަޖިލީހަށް އެ ބިލް ހުށަހަޅާނެ ކަމަށެވެ.
ޑްރަގް ވިޔަފާރީގެ މަޅީގައި ޖެހި ދިވެހި ރައްޔިތުން، ހާއްސަކޮށް ދިވެހި ޒުވާނުން ހަލާކުވެގެން ދިއުން ހުއްޓުމަށްޓަކައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމަކެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުންނާއި ބޭރުގެ އެކިއެކި ޖަމާއަތްތަކުން މުނާފިޤްކަމާއެކު ރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރުވައި، މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ބާރުއަޅަމުން ދިޔަކަމުގައި ވިއަސް ސިންގަޕޫރު ފަދަ ޤައުމުތަކުން މިސާލުނަގައި، މަޖުލީހުން މި ބިލް ފާސްކޮށް، ސަރުކާރުން ބިލް ތަސްދީގުކޮށް، ރައީސް މުއިއްޒާއި ހޯމް މިނިސްޓަރ އަލީ އިހްސާނުގެ ބެއްލެވުމުގެ ދަށުން، މި ދައުރުގައި މަރުގެ ހުކުމް ފުރަތަމަ ފަހަރަށް ތަންފީޒު ކުރެއްވުމަށް މި ސަރުކާރަށް އަޅުގަނޑު ގޮވާލަމެވެ. މިކަން މިގޮތަށް ކުރައްވައިފި ނަމަ އެކަން ވެގެން ދާނީ ރައީސް މުއިއްޒުގެ ވަރަގުދަ ލެގަސީއަކަށެވެ.
މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ހުޅުނގުގެ ޤައުމުތަކުން ދިވެހި ރާއްޖެއަށް ބާރު އަޅާއިރު ނިމިދިޔަ އަހަރު ސިންގަޕޫރުގައި 17، އެމެރިކާގައި 47، އަދި ސައުދީ އަރަބިއާގައި 340 ކުށްވެރިންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވެއެވެ. މިއީ މައިގަނޑު ގޮތެއްގައި މުޅިންވެސް މީހުން މެރުމާއި ޑްރަގްގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވި މީހުންނެވެ. އެހެންކަމުން މި މީހުން މެރުމާއި، ގޭންގް ކުށްތަކާއި، ޑްރަގްގެ ވިޔަފާރި މި ޤައުމުން ނައްތާލުމުގެ އެންމެ މުހިއްމު މަސައްކަތަކަށް ވާނީ މަރުގެ ހުކުމް ތަންފީޒު ކުރުމެވެ. އެކަން ކުރައްވައި ދައްކަވާށެވެ! މިފަހުގެ ތާރީހެއްގައި ރައްޖޭގެ އެއްވެސް ވެރިއަކަށް ކުރައްވަން ކެރިވަޑައިގެންފައިނުވާ މިކަން ރައީސް މުއިއްޒު ކުރައްވައިފިނަމަ މިކަން ވެގެން ދާނި އެމަނިކުފާނުގެ ވަރުގަދަ ލެގަސީއަކަށެވެ.
2. ފޯޅަވަހީގެ މިލްކުވެރިކަން ދިވެހީންނަށް ހޯއްދަވައިދެއްވި ރައީސް؟
އިނގިރޭސި ވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލުމަށް ކުރިން ނިންމި ނިންމުން މިވަގުތަށް ހުއްޓާލައިފައި އޮތް ކަމުގައި ވިއަސް، އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން މަސައްކަތް ކުރުމަށް ރާއްޖޭން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ މާޗް މަހު ދިވެހި ސަރުކާރުން ބުނެފައިވެއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު އިނގިރޭސި ވިލާތުގެ ދަ ޓެލެގްރާފް ނޫހަށް ކަށަވަރު ކޮށްދެއްވި ގޮތުގައި، އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދެއްވުމަށް ނިންމަވާފައިވާ ނިންމެވުމާ ދެކޮޅަށް ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ދިވެހި ސަރުކާރުން އަންނަނީ ދިރާސާ ކުރަމުންނެވެ. ދިވެހި ސަރުކާރުން މިގޮތަށް ނިންމުމާ ގުޅިގެން މޮރިޝަސްގެ ސަރުކާރުން ދިވެހި ދައުލަތާ ގުޅުން ކަނޑާލަން މި އަހަރުގެ ފެބްރުއަރީ މަހު 27 ގައި ނިންމިއެވެ. ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ މިލްކުވެރިކަމުގެ ހިޔާލް ތަފާތުވުންތަކާ ގުޅިގެން، ރާއްޖެއާ ހާރިޖީ ގުޅުން ކަނޑާލަން މޮރިޝަސް ސަރުކާރުން ނިންމި ނިންމުމަކީ ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށް ރައީސް މުއިއްޒު މިދިޔަ މަހު، ވަރަށް ކެރިވަޑައިގެން، މޮރިޝަސް އަށް ޗެލެންޖް ކުރައްވާފައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖެއާ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް އެ ގައުމަށް ހައްގު ނުވާނެ ކަމަށެވެ. އެއްވެސް ގައުމަކާ ޗާގޯސް ހަވާލުކުރާ ނަމަ، ހަވާލުކުރަން ޖެހޭނީ އެ ތަނުގެ ހައްގުވެރި ފަރާތާ ކަމަށާއި، އެއީ ރާއްޖެ ކަމަށް، އެ މަނިކުފާނު ވިދާޅުވި އެވެ.
ޗާގޯސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަން ހޯދުމަށް އިނގިރޭސި ވިލާތް، އެމެރިކާ އަދި އ.ދ އާ ގުޅިގެން ބައިނަލްއަޤްވާމީ ޤާނޫނުގެ ތެރެއިން ކުރަން ހުރި ހުރިހާ މަސައްކަތެއް އަވަސްކޮށް، ފޯޅަވަހީގެ މިލްކުވެރިކަން ދިވެހި ދައުލަތަށް ހޯދުމުގެ މަސައްކަތް އަވަސް ކުރައްވައި، މިކަން ކޮޅެއްގައި ޖެއްސެވުމަކީ ރައީސް މުއިއްޒުގެ ސަރުކާރަށް ލިބިގެންދާނެ ވަރުގަދަ ލެގަސީ އަކަށް ވާނެއެވެ. ފޯޅަވަހީގެ މިލްކުވެރިކަން ދިވެހީންނަށް ހޯއްދަވައިދެއްވި ރައީސް އަކަށް ވެވަޑައިގަތުމުގެ ލެގަސީ މަނިކުފާނު ހޯއްދަވާށެވެ. އެކަން ދިވެހީންނަށް ކޮށްދެއްވާށެވެ.
3. އެއް މަހުން އެއް ބިލިއަން ޑޮލަރު ދެއްކި ސަރުކާރު! ދަރަނިން ސަލާމަތް ވެފައިވާ ޤައުމަކަށް ރާއްޖެ ހެދުން
ނޮވެމްބަރު 17، 2023 ގައި ރާއްޖޭގެ ވެރިކަމާ ރައީސް މުއިއްޒު ހަވާލުވެވަޑައިގެންނެވި އިރު، އިދިކޮޅު ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން އޭރު އެންމެ ގަދައަށް ދެއްކި އެއް ވާހަކައަކީ، ދަރަނި ނުދެއްކިގެން، އެއް އަހަރުތެރޭ ރާއްޖެ ބަނގުރޫޓުވާނެ ވާހަކައެވެ. ރައީސް ސޯލިހްގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 500 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ) ނުދެއްކޭނެ ކަމަށް އިދިކޮޅުން ބުނަމުން ދަނިކޮށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން މި އޭޕްރިލް މަހުގެ ދެވަނަ ދުވަހު ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ މި ބޮޑު ލޯނު (ބައި ބިލިއަން ޑޮލަރު) ދައްކައިފައެވެ. މީގެ އިތުރުން، ރައީސް ސޯލިހުގެ ސަރުކާރަށް އިންޑިއާއިން ދޫކުރި 400 މިލިއަން ޑޮލަރު (6 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް މި މަސް ނިމުމުގެ ކުރިން ދައްކަން މަޖުބޫރުވުމާ ގުޅިގެން 23 އޭޕްރިލްގައި އެ ލޯނުވެސް މި ސަރުކާރުން ދެއްކިއެވެ. އެހެން ކަމުން އެއް މަސް ދުވަހުގެ ތެރޭ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު (އާދެ އެއް ބިލިއަން ޑޮލަރު) ގެ ދަރަނި މި ސަރުކާރުން ދެއްކި ދެއްކުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ޤާބިލްކަމުގެ ހެއްކެކެވެ. ރައީސްގެ ރިއާސަތުގެ ލެގަސީ އަކަށް ދެން ހަދަން ޖެހެނީ އިތުރު ލޯނެއް ނުނަގައި، ދަރަނި ދައްކަމުން، މި ދައުރު ނިމޭ އިރު، ރާއްޖެއަކީ ދަރަނިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމެވެ.
4. ތިންމަސް ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރާއްޖޭގައި ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރުން
ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ސްޓޯރޭޖު ހެދުމަށް މާލެ ކައިރިން ދެ ފަޅެއް ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވިއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދައިފައިވާ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން، އެސްޓީއޯ މެދުވެރިކޮށް، ނޭޝަނަލް އޮއިލް ރިޒާވް ގާއިމްކުރުމުގެ މަސައްކަތުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފައި ކަމަށެވެ. މިހާރު ރާއްޖޭގައި ރައްކާ ކުރެވެނީ ވިއްސަކަށް ދުވަހަށް ބޭނުންވާވަރުގެ ތެލުގެ މިންވަރެކެވެ. އަހަރު ދުވަހަށް ބޭނުންވާ ވަރަށް ރާއްޖޭގައި ތެޔޮ ރައްކާކުރެވޭ ނިޒާމެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވިއަސް ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާ އަށް ބަލައި މި މުއްދަތު ތިން މަސްދުވަހަށް ކުރުކޮށް، ތިންމަސް ދުވަހަށް ބޭނުންވާ ވަރަށް ޕެޓްރޯލް، ޑީސެލް އަދި ޖެޓް ފިއުލް ރާއްޖޭގައި ރައްކާ ކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވިއްޖެ ނަމަ އެކަން ވެގެން ދާނީ ރައީސް މުއިއްޒުގެ ވެރިކަމުގެ އަނެއް ބޮޑު ލެގަސީއަށެވެ.
5. ހަކަތައިގެ 50% އަކީ އިއާދަކުރަނިވި ހަކަތަ އަށް ހެދުން
ރާއްޖޭގެ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް އަހަރަކު ގާތްގަނޑަކަށް ތިން މިލިއަން ފީފާގެ ތެޔޮ ހޭދަވެއެވެ. މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހުނެވެ. މި ސަރުކާރުގެ އަނެއް ލެގަސީ އަކަށް ހަދަންޖެހެނީ އަހަރަކު 10 ބިލިއަން ރުފިޔާ ތެލަށް ހޭދަކުރަންޖެހޭ ޖެހުން ދަށްކޮށް، ތެލަށް ބަރޯސާވުން ރާއްޖޭގައި ކުޑަކޮށް، އިރުގެ އަލިފަދަ އިއާދަ ކުރަނިވި ހަކަތައިގެ ސިނާއަތް ފުޅާކުރުމުގެ މަސައްކަތެވެ. ރާއްޖޭގައި ޕެޓްރޯލާއި ޑީސަލް ބޭނުން ކޮށްގެން އުފައްދާ ހަކަތައިގެ 50% އިއާދަކުރަނިވި ހަކަތަ އަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ފަސް ވަނަ ލެގަސީ އަށް ހަދަންޖެހެއެވެ.
6. އާބާދީ "ބޮން" ޑިފިއުޒް ކުރައްވައި، އާބާދީ އިތުރު ކުރުމުގެ ޤައުމީ މަޝްރޫއެއް ފެއްޓެވުން
ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ބައި މިލިއަން، ނުވަތަ ފަސް ލައްކައާ ހަމައަށް ދާ މަންޒަރު ނުފެންނަ ކަމަށް ދައުލަތުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 2040 ހާ ތާނގައި 427,994 އަށް ޕީކްވުމަށް ފަހު އޭގެ ފަހުން ދިވެހީންގެ އާބާދީ މުސްކުޅިވެ، ކުދިން ހޯދާވަރު މަދުވެ، ވިހާ ކުދިންނަށް ވުރެ މަރުވާ މީހުން ގިނަވެ، އާބާދީގެ ޖުމްލަ 2050 އިން ފެށިގެން ދަށަށްދާން ފަށާނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރެފައިވާ މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2062-2022 ގައި ބަޔާންކޮށްފައި ވެއެވެ. މީގެ 37 އަހަރު ފަހުން، 2062 ވަނަ އަހަރު އަންނައިރު، ވެރިރަށް މާލެ ފިޔަވާ އެހެން ރަށްރަށުގައި (ރާއްޖެ ތެރޭގެ ރަށްރަށުގައި) ދިވެހިންނަށް ވުރެ ގިނައިން ދިރިއުޅޭނީ ބިދޭސީން ކަމަށް ވެސް މި ތަފާސްހިސާބުތަކުން ދައްކައެވެ. އެ އަހަރު އަންނައިރު، ދިވެހިންގެ އާބާދީގެ 60 ޕަސެންޓް ދިރިއުޅޭނީ މާލެ ސަރަހައްދުގައި ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ. އެހެން ކަމުން ދިވެހި އާއިލާތަކުން ދަރިން ހޯދާ ނިސްބަތް މަދުވުމަށް ހައްލެއް ހޯދައި، ކޮންމެ އާއިލާއަކުން ހަތަރެއް ނުވަތަ ފަސްވަނަ ދަރިއަކު ހޯދުމުން، އިތުރުވާ ހަތަރެއް އަދި ފަސް ވަނަ ދަރިފުޅަށް ދައުލަތުން އެލަވެންސެއް ދިނުމާއި، ހަތަރު ދަރީންނަށް ވުރެ ގިނައިން ހޯދާ އާއިލާތަކަށް ދައުލަތުން ބޯހިޔާވަހިކަން (ފްލެޓެއް) ދިނުން ފަދަ ތަފާތު އިނާޔަތްތައް ދީގެން ވިއަސް ދިވެހި އާބާދީ އިތުރުކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މިއީ ރައީސް މައުމޫނު އަބްދުލްގައްޔޫނު ހިންގެވި އަސާސީ ތައުލީމްގެ ޤައުމީ މަޝްރޫއު ފަދަ ފުޅާކޮށް މި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތެކެވެ. މި ދައުރު ނިމުމުގެ ކުރިން މިކަމުގެ މާސްޓަރ ޕްލޭނަކާއި ޤައުމީ މަޝްރޫއެއް އިފްތިތާހްކޮށް، ބޮޑު އާއިލާތަކަށް އިނާޔަތްތައް ދޭން ފަށައި، މަސައްކަތް ފެށިއްޖެ ނަމަ ރައީސް މުއިއްޒު ވެގެންދާނީ ދިވެހީންނަށް ކުރިމަތިވެފައިވާ އާބާދީ ނެތިގެން ދިއުމުގެ ބޮޑު ބިރު، ނުވަތަ އެކްސިސްޓެންޝަލް ތްރެޓުގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރައްވަން މަސައްކަތް ފެއްޓެވި ރައީސަށެވެ. މިއީ ވަރުގަދަ ލެގަސީ އަކަށް ވާނެއެވެ.
މަތީގައިވާ ހަ ކަމަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ހަ ލެގަސީއަށް ހައްދަވައި، މި ދައުރު ނިމުމުގެ ކުރިން ދިވެހި ރައްޔިތުންނަށް ދައްކަވައިފި ނަމަ 2028 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ކާމިޔާބު ލިބިވަޑައިގަތުމަކީ ވަރަށް ކައިރި ކަމެކެވެ. ޑްރަގާއި ގޭންގުގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި މަރުގެ ހުކުމް ތަންފީޒު ކުރައްވައި، ފޯޅަވަހީގެ މިލްކުވެރިކަން ދިވެހި ރާއްޖެ އަށް ހޯއްދަވައިދެއްވައި، ދަރަނިން ސަލާމަތްވެފައިވާ ޤައުމަކަށް މި ޤައުމު ހައްދަވައި، ތެޔޮ ގަންނަން އަހަރަކު 10 ބިލިއަން ރުފިޔާ ހޭދަކުރަންޖެހޭ ޖެހުން މަދު ކުރެއްވުމަށްޓަކައި ޤައުމަށް ބޭނުންވާ ހަކަތައިގެ 50% އިއާދަކުރަނިވި ހަކަތަ އަށް ބަދަލު ކުރައްވައި، ތިން މަސް ދުވަހުގެ ތެޔޮ ރައްކާ ކުރެވޭނެ ޤައުމީ ތެޔޮ ސްޓޯރޭޖެއް ޤާއިމް ކުރައްވައި، ދިވެހީންނަށް ކުރިމަތިވެފައިވާ އާބާދީ ނެތިގެން ދިއުމުގެ ބޮޑު ބިރުން ދިވެހި ޤައުމު ސަލާމަތް ކުރައްވަން މަސައްކަތް ފެއްޓެވުމަކީ ރައީސް މުއިއްޒުގެ ވަރުގަދަ ހަ ލެގަސީ އަށް ހައްދަވަން އަވަހަށް މަސައްކަތް ފައްޓަވާށެވެ. މަނިކުފާނުގެ 2028 އޮތީ މާދުރަކު ނޫނެވެ!
