Support Us

ކޮލަމް ކަލާވެހި: ހިންދު މަކުނުގެ ޝުހުރަތު

ރާމާމަކުނަކީ އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި، އެންމެ ގާތް، އެންމެ އެހީތެރި ހިންދުކަރައިގައި ތަފާތު އެކި ތަންތަނުން، ތަފާތު އެކި ގޮތްގޮތަށް، ތަފާތު އެކި ޙައިޘިއްޔަތުގައި ތިއްބާ ފެންނަ، ކުޑަބޮޑުމިނާއި ބާވަތުން ވެސް ގިނަ މަޚޫލޫޤެކެވެ. ހިންދުކަރައިގެ ޖަންގަލިތަކުން ފެށިގެން ފައްޅިތަކާ ހަމަޔަށް، އަދި ހަމަ އެހެންމެ، އާބާދީ ގިނަ ޝަހަރުތަކުގައި ދިރިއުޅޭ ބައެއް މީހުން އެއީ ނުފޮރުއްޕާނެކޭ ބުނާ ހިސާބުން ފެށިގެން ގޮސް އެޔަށް އަޅުކަންކުރާ ހިސާބަށް ވެސް ރާމާމަކުނުގެ ބާވަތްތައް އެ ކަރައިގައި އުޅޭ މެއެވެ. އެހެންކަމުން، އެ ކަރައިގެ ރާމާމަކުނުގެ މަޝްހޫރުކަމުގެ ވާހަކަޔަކީ ދައްކައިކޮޅުންލާކަށް އޮތް ވާހަކަޔެއް ނޫނޭ، ދެން އެ ވާހަކަ އަލުން ފަށަފަށައިގެން ދެއްކުމަކީ ކޮން ބޭނުމެއް ހުރި ކަމެއްހޭ ވެސް ބައެއް ބޭފުޅުން ވިދާޅުވުން އެކަށީގެންވެއެވެ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާން މި އުޅެނީ އަދި އެހެން ވާހަކަޔެކެވެ.

އަޅުގަނޑު ދަންނަވާން މި އުޅެނީ ހިންދުކަރައިގެ އެހައި މަޝްހޫރު ނޫން ހިސާބެއްގައި އޮންނަ، ވަރަށް އާދައިގެ އެކަމަކު ބޯ ޖަންގައްޔެއްގައި އުޅޭ، ރާމާމަކުނުގެ ވަރަށް އާދައިގެ ވައްތަރެއްގެ ވާހަކައެވެ. އިސްކޮޅާއި ރޫފަޔަށް ބެއްޔަސް، ކެހެރީގެ ކުލަޔަށް ބެއްޔަސް، އޭތީގެ ހޭރުމާއި އަޑަށް ވިސްނިޔަސް، ހަމަ އެއްވެސް ބާވަތަކުން ޚާއްޞަކަމެއް ލިބިގެންނުވާ މަކުނެއްގެ ވާހަކައެވެ. ރާމާމަކުނަށް އަޅުކަންކުރާ މީހުން ވެސް ހަމަ އެއްވެސް ސަމާލުކަމެއް އެޔަށް ނުދޭނޭ ބާވަތެއްގެ ވާހަކައެވެ. މަކުނު ހިފައިގެން ހައިވާނުބަގީޗާތަކަށް ވިއްކާން އުޅުނަސް ހަތަރު އަނާގެ އަގަށް ވެސް ނުވިކޭނޭ މަކުނެއްގެ ވާހަކައެވެ. ޔަޢުނީ، ހަމަ އެއްވެސް ބާވަތެއްގެ ޚާއްޞަ މަޝްހޫރުކަމެއް ނުވަތަ ޝުހުރަތެއް އެއިން އެއްވެސް މުފުރަދު މަކުނަކަށް ލިބޭނޭ ގޮތެއް ޢަމުދުން ނެތް މަކުނެއްގެ ވާހަކައެވެ. ދެން އެހެންވިއްޔާ، އަޅުގަނޑު އެ މަކުނުގެ ވާހަކަ ނަގަނަގައިގެން ދައްކާން މި އުޅެނީ އަނެއްކާ ކޮން މަޤްޞަދެއްގައިތޯ ތިޔައިން ބޭފުޅަކު އައްސަވައިފާނޭތީ… ވާހަކަޔައިގެން ކުރިޔަށްދާނަމެވެ.

އެކަމަކު ދަންނަވަންތޯއޭ، މި ދެންނެވި ބާވަތުގެ އާދައިގެ ގެލެރީ ބާވަތުގެ މަކުނުބާގައިގެ ތެރޭގައި ވެސް މަޝްހޫރުކަން ބޭނުންވެފައިވާ، ނުވަތަ މަޝްހޫރުކަމަށް ފެންބޮވައިގެންފައިވާ މަކުނެއް ނުވަތަ ދެތިން މަކުނު ނަމަވެސް އުޅުމަކީ ހަމަ އެކަށީގެންވާ ކަމެއް، އަޅެ ނޫންތޯއެވެ؟ އެހެންކަމަށް ވަންޏާ، އެ ފަދަ މަކުނެއް އެ ކަމަކަށް އެ ދަހިލަވާ ޝުހުރަތު ހޯދައިގަންނާން ކޮށްފާނޭ ކަންކަމަކީ ކޮބައިތޯ ބަލައިލުމަކީ ވެސް ނެތްކަމެއް ނޫން، އެހެންނޫންތޯއެވެ!

އާދެ! ޝުހުރަތަށް ބޭނުންވާ އާދައިގެ ކަމީނާ މަކުނަކަށް ހަމަ ގައިމު ވެސް ކުރެވިދާނޭ އެއް ކަމަކީ، ތިމާ މިހައިތަނަށް އެކުއުޅުނު އާދައިގެ މަކުނުގެ ބައިގަނޑުން ވަކިވެ، ތިމާގެ ނައުޢަށް ވުރެ މަތީ ނައުޢެއްގެ ރާމާމަކުނު ކޮށްއުޅޭ މޮޅު ކަންކަން ހޯދައިގަނެ، ތިމާޔަކީ އެ ކަންކަން ކޮންމެވެސް ވަރަކަށް ކުރާން ދަންނަ މަކުނަކަށް ހެދިގެން، ފަހުން މި ދެންނެވި ބާވަތުގެ މަކުނުގެ ބައިގަނޑެއްގެ ތެރެޔަށް ދޭތެރެދޭތެރެއިން ވަދެއުޅޭން ފެށުމެވެ. އަދި މި ގޮތަށް ދުވަސްކޮޅަކު އުޅެލުމަށް ފަހު، ފަހުން މި ދެންނެވި ބާވަތުގެ މަކުނުގެ ތެރެއިން ވެސް ކަންކަމަށް ކުޅަދާނަކަމަށް ފާހަގަކުރެވޭ ބައެއް ޚާއްޞަ މަކުނު ކޮށްއުޅޭ މޮޅު ކަންކަމަށް ފާޑުކިޔުމުގެ އަޑުތައް ލައްވައި، އެ ކަންކަމުގައި ހުންނަ ކުދިކުދި އުނި ކަންކަން އިޝާރާތުން ނަމަވެސް ފާހަގަކޮށް، އެ ކަންކަން އެއީ ފާހަގަކުރާން ޖެހޭ ވަރުގެ ބޮޑެތި ކަންކަންކަމަށް ހަދައި، އެ ކަންކަމަށް އިޝާރާތްކުރާ އަޑުތައް ބާރަށް ގޮއްވަމުން ގަސްގަހު ކުރީން، ފުރާޅުފުރާޅު މަތީން، ވައްވައްޖަހަމުން އެތަންމިތާނގައި ދުވެނަގާނީއެވެ. ނަތީޖާޔަކަށް ވާނީ، ހަމަ ކުޑަ ދުވަސްކޮޅެއް ކުރީން އެއްވެސް މަޝްހޫރުކަމެއް ލިބިފައި ނެތް ގެލެރީ މަކުނު ކުއްލިޔަކަށް މަޝްހޫރުވެގެންދިޔުމެވެ. ތިމާގައި ހުރި ކުޅަދާނަކަމަކުން، ނުވަތަ ތިމާ ކުޅަ މޮޅު ކަމަކުން ނޫނެވެ. ތިމާޔަށް ވުރެ ކުޅަދާނަ، ތިމާޔަށް ވުރެ ހީވާގި އެހެން މަކުނެއްގެ މަސައްކަތުން ފެންނާން ހުރި ނުވަތަ ދައްކާން ހުރި، ނުވަތަ ހުރިކަމަށް ބުނާ، އެތައް އުނި ސިފައެއް ދައްކައިގެންނެވެ.

އާދައިގެ ރާމާމަކުނެއް އެއް ޒަމާނެއްގައި ޝުހުރަތު ހޯދައިއުޅުނު ގޮތަކީ ދެވަނަ ގޮތެވެ. މި ދެވަނަ ގޮތް ކާމިޔާބުވާނީ އިހުޒަމާނުގައި ސާމުކަރައިގައި އުޅުއްވިކަމަށް ބުނާ ޒާތުގެ ރަސްކަލެއްގެ ދަރުބާރެއް އަދިވެސް ދުނިޔޭގެ ކޮންމެވެސް ތާކު އޮތްތޯ ބަލައި، އޮތް ނަމަ އެ ދަރުބާރަކަށް ވަދެ، ކޮންމެވެސް ހިންތާއެއް ހަދައިގެން ރަސްގެޔާ ހަވާސާކަމެއް ހޯދައި، އެ ފަދަ ހަވާސާކަމެއް ލިބިއްޖެތަ، ރަސްގެ އިސްތަށިފުޅަށް ނޫނީ ކޮނޑުފުޅަށް  ސަވާރުވެވޭނޭ ގޮތެއް ހޯދައިގެނެވެ. މިއީ ދުލުން ބުނެލާން ފަސޭހަ، ލިޔާން އެހައި ފަސޭހަނުވިޔަސް ކުރާން އަދި އެޔަށްވުރެ މާ ދަތި އުނދަގޫ ކަމެކެވެ. އެހެނަސް، އެ ކަން ވެއްޖެ ނަމަ، މަކުނު ބޭނުން މަޝްހޫރުކަން އެއޮތީ އަތްމަތިވެފައެވެ. އެއީ މަކުނު ދެން މަޝްހޫރުވާނީ ރަސްގެ ކޮނޑުފުޅަށް ސަވާރުވެ އިންނަ މަކުނުފުޅުގެ ނަމުގައެވެ. ރަސްގެ ވާތު ކަންފަތްޕުޅުގެ ފޫޅުގަނޑުގައި މަކުނުފުޅު ހިފައި ދަމައިލީމައި ރަސްގެ އިސްތަށިފުޅު ވާތަށް އެނބުރޭހައި ބާރު ހުރި މަކުނުފުޅުގެ ގޮތުގައެވެ. އެކަމަކު މި ދެންނެވި ބާވަތުގެ ރާޖާއިންނަކީ މާޒީވެފައިވާ ބައެއް، އެހެންނޫންތޯއެވެ!

މިހައިތަނަށް އަޅުގަނޑަށް މި ދެންނެވުނީ ހިންދުކަރައިގެ އެހައި މަޝްހޫރު ނޫން ހިސާބެއްގައި އޮންނަ، ވަރަށް އާދައިގެ އެކަމަކު ބޯ ޖަންގައްޔެއްގައި އުޅޭ، ރާމާމަކުނުގެ ވަރަށް އާދައިގެ ވައްތަރެއްގެ ގެލެރީ އަދި ކަމީނާ މަކުނެއް މަޝްހޫރުކަމަށް ފެންބޮވައިގެންފި ނަމަ، އެ މަކުނަށް ކަން ކުރެވިދާނޭ ދެ ގޮތެއްގެ ވާހަކައެވެ. މި ޒަމާނުގައި އުޅެވިދާނޭ ގޮތެއްގެ ވާހަކަޔާއި، އިހުޒަމާނުގެ ރަސްކޮއިލުން ކުރެ ކޮއިލެއްގައި ކަން ކުރެވިފައި އޮވެދާނޭ ގޮތެއްގެ ވާހަކައެވެ. ދެން ހިންދުކަރައިގެ ޖަންގަލިތަކުގައި މިހައިރު އުޅޭ ރާމާމަކުނުގެ ކަންކަން ހުންނަނުހުންނަ ގޮތެއް އަޅުގަނޑަކަށް ނުވެސް އެނގޭނެ، އެހެންނޫންތޯއެވެ! އެހެންކަމުން، މި ވާހަކަ މި ހިސާބަށް ހުއްޓައިލައިފައި، އިންސީންގެ މައްޗަށް ވިސްނައިފިކުރުކުރުމާ ދިމާޔަށް އަޅުގަނޑުގެ ހިތް ހުއްޓައިލާންކަމަށެވެ!