ބޮޑުމަހަކީ ކޮންމެ އަހަރަކު އެއްފަހަރު ހިޖުރަ ކުރާ އެއްޗެކެވެ. މިގޮތުން މިއަހަރު އޮސްޓްރޭލިއާގެ ބޮޑު މަހެއް ހިޖުރަކުރުމުގެ ތެރޭގައި މަގު ގެއްލި، ކިނބޫ އުޅޭ ކޯރެއްގެ ތެރެއަށް ވަދެވިއްޖެއެވެ. މި ބޮޑުމަސް ކޯރު ތެރެއިން ލާފައި އެއްގަމަށް 30 ކިލޯމީޓަރަށް ވަނީ ވަދެފައެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި މި ހިޖުރައިގެ ތެރޭގައި ތިން ބޮޑުމަހަކަށް މަގު ގެއްލިފައިވެއެވެ. ނަމަވެސް މީގެ ތެރެއިން ދެ ބޮޑުމަސް އަމިއްލައަށް ކޯރުން ނިކުމެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ބޮޑު މަސްތައް ފުރަތަމަ ފެނިފައި ވަނީ އޮސްޓްރޭލިއާގެ އީސްޓް އެލިގޭޓަރ ރިވާރ އިންނެވެ. މި މަންޒަރު ފެނިފައި ވަނީ އެ ގައުމުގެ އެންމެ ބޮޑު ނޭޝަނަލް ޕާކު ކަމަށްވާ ކަކަޑޫ ނޭޝަނަލް ޕާކުގައި ބޯޓު ދުއްވަން ތިބި ބަޔަކަށެވެ.
"މީ މީގެ ކުރިން ރިކޯޑް ކުރެވިފައިވާ ކަމެއް ނޫން. ހަމައެކަނި މި ސަރަހައްދަކުން ނޫން، މުޅި އޮސްޓްރޭލިއާ އިންވެސް މިހާ އެއްގަމަށް ބޮޑު މަސް އެރިކަމެއް ރިކޯޑްކުރެވިފައެއް ނެތް. ކޯރު ކިލަނބުވީމަ އަދި ނޭނގެ ކިތައް މަސް އެތާ އޮތް ކަމެއްވެސް،" ދައުލަތުގެ މެރިން އިކޯސިސްޓަމްގެ ސައިންސްވެރިއެއް ކަމަށްވާ ކެރޮލް ޕާމަރ ބުންޏެވެ.
ކެރޯލް އިތުރަށް ބުނިގޮތުގައި ބޮޑުމަސްތައް ކޮންމެ އަހަރަކު ސްޕްރިންގ މޫސުމުގައި ވިހެއުމަށްޓަކައި އޮސްޓްރޭލިއާގެ ހޫނުމިން ހެޔޮވަރު ކަނޑުތަކަށް ހިޖުރަކުރެއެވެ. އަދި އެއަށްފަހު ކެއުމަށްޓަކައި އެންޓާކްޓިކާއަށް ދަތުރުކުރެއެވެ. މި ބޮޑު މަހަށް މަގު ގެއްލުނީ މި ދަތުރުގައި ކަމަށްވެއެވެ.
ކޯރުގެ ފުން ހިސާބުގައި ބޮޑުމަހަށް ކިނބުލުގެ ކިބައިން ނުރައްކަލެއް ނެތަސް، ކޯރުގެ ތިލަ ހިސާބަކީ މި މަހަށް ކިނބުލުގެ ނުރައްކާ ކުރިމަތިވެދާނެ ފަދަ ހިސާބެކެވެ. އެހެންކަމުން އޮފިޝަލުން މިހާރު މި މަސް ކޯރުން ނެރުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން ކޯރުގެ ވަކި ހިސާބުތަކުގައި ބޯޓު ދަތަރު ކުރުން ވަނީ މަނާކޮށްފައެވެ.
ބޮޑު މަސް މިހާރު އޮތީ ކަނޑާ 20 ކިލޯމީޓަރު ދުރުގައެވެ. މި ބޮޑުމަސް އަމިއްލައަށް ނުނިކުމެއްޖެނަމަ އޮފިޝަލުން ބުނާ ގޮތުން އިތުރު މަސައްކަތްތަކެއް ކުރަން ރާވަމުންދެއެވެ. މިގޮތުން އެސޮރު ބޭރުކުރުމަށް ބާރު އަޑުތައް ލެއްވުން ނުވަތަ އެހެން ބޮޑުމަހުގެ ރިކޯޑިންގ އިއްވުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ.
"ކޮންމެ ގޮތަކަށް ބެލިއަސް މީ ކުރަން ވަރަށް އުނދަގޫ ކަމެއް. އެކަމަކު އެންމެންވެސް މިކަން އެންމެ ހެޔޮ ގޮތުގައި ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ." ކެރޯލް ބުންޏެވެ.