އަތްލާ ކޮންމެ އެއްޗެއް ރަނަށް ބަދަލުވާ ރަސްކަލެއްގެ ވާހަކަ ކުޑައިރު އަޑުއެހި ހަނދާން އެބަހުރިހެއްޔެވެ؟ ތުރުކީގެ އާކިއޮލޮޖިސްޓުން މިފަހަރު ހޯދި ހޯދުމުގައި ފެނުނީ މި ރަސްކަލުން ވެރިކަން ކުރި އަވަށް ކަމަށް ބެލެވޭ ގަދީމީ އަވަށެކެވެ.
މިދިޔަ އަހަރު ސެންޓްރަލް ތުރުކީގައި ހުރި އުސް ފަސްގަނޑެއް އާކިއޮލޮޖިސްޓުން ދިރާސާކޮށްފައިވެއެވެ. އެ ހިސާބުގަނޑުގައި މަސައްކަތްކުރާ ދަނޑުވެރިއެއްގެ މައުލޫމާތަށް އާކިއޮލޮޖިސްޓުން އެހިސާބުގަނޑުގެ ކެނެލްއަކަށް ދިޔައެވެ. ދަނޑުވެރިޔާ ބުނި ގޮތުގައި ނޭނގޭ މަންޒަރުތަކެއް ކުރަހާފައި ހުރި ބޮޑެތި ގާތަކެއް އެ ކެނެލްގައި ހުއްޓެވެ.
"ފެންގަނޑުގެ މަތިން ބޮޑެތި ގާގަނޑުތަކެއް އަހަރުމެން ދުށިން. އެހެންވެ އަހަރުމެން އަވަހަށް ކެނެލް ތެރެއަށް ފުންމާލިން. އުނަގަނޑާ ހަމައަށް ފެން ހުރި،" ޔުނިވަރސިޓީ އޮފް ޗިކާގޯގެ އާކިއޮލޮޖިސްޓެއް ކަމަށްވާ ޖޭމްސް އޮސްބޯން ބުނެފައިވެއެވެ.
"އަހަރުމެންނަށް ވަގުތުން އެނގުނު އެއީ ގަދީމީ އަވަށެއްކަން. އޭގައި ލިޔެފައި ހުރި ބަހަކީ ލޫވިއަން ބަސް. އެއީ އެ ހިސާބުގަނޑުގައި ބްރޮންޒް އަދި އަޔަން އޭޖްގައި ބޭނުންކުރި ބަސް،" އޭނާ އިތުރަށް ބުނެފައިވެއެވެ.
ގާތަކުގައި ލިޔެފައި ވަނީ ހަނގުރާމައަކުން ކާމިޔާބު ހޯދި ވާހަކައެއްކަން ލޫވިއަން ބަހުގެ މާހިރުންގެ އެހީއާއެކު އެނގިގެން ދިޔައެވެ. ގާތަކުގައި ވަނީ މީގެ 3000 އަހަރު ކުރީގެ އަނަޓޯލިއާ ކިންގްޑަމްގެ ފްރިޖިއާ ނަމަކަށް ކިޔުނު ރަސްކަން، ހަނގުރާމައިން ބަލިވި ވާހަކައެވެ.
ފްރިޖިޔާގައި މިދާސް ކިޔާ ބައިވަރު ރަސްކަލުން ވެރިކަން ކޮށްފައިވެއެވެ. ނަމަވެސް ގާތަކުގައި ލިޔެފައިވާ ތާރީހު ދިރާސާ ކުރުމާއެކު، އެއީ އަތްލާ ކޮންމެ އެއްޗެއް ރަނަށް ބަދަލުވާ ރަސްކަލުން ކަމަށްވާ މިދާސްގެ ވެރިކަން ކަމަށް ބެލެވެއެވެ.
ގަލުގައި ލިޔެފައިވަނީ ހަރްޓާޕުސް ނަމަކަށް ކިޔާ ރަސްކަލެއް ކަމަށް ވެސް ދިރާސާތަކުން ދައްކާފައިވެއެވެ. މިދާސް ހައްޔަރުކޮށް، ހަނގުރާމައިން ނަސްރު ހޯދައިފައިވަނީ ހަރްޓާޕުސް ކަމަށްވެއެވެ.
މިކަމުގައި އެންމެ ހައިރާން ކުރުވާ ކަމަކަށް ވެފައިވަނީ ހަރްޓާޕުސްއާއި އޭނާގެ ވެރިކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް އާކިއޮލޮޖިސްޓުންނަށް އެނގިފައި ނެތުމެވެ.
"އަހަރުމެންނަށް އެއްވެސް މައުލޫމާތެއް ލިބިފައި އޮތް ރަސްކަލެއް ނޫން ހަރްޓާޕުސް އަކީ. މި ހޯދުމާއެކު މުޅިން އާ ވެރިކަމެއްގެ މައުލޫމާތު މި ލިބުނީ. މި ފަސްގަނޑުގެ ތެރޭގައި ގަނޑުވަރުތަކާއި، ބިނާތަކާއި، ގެތައް ހުންނާނެ ކަމަށް ލަފާކުރެވޭ. މިއީ ވަރަށް ވަރުގަދަ ހޯދުމެއް. އެހާމެ ނަސީބު ރަނގަޅު ހޯދުމެއް. އެކަމަކު މިއީ އާ މައުލޫމާތު ތަކެއްގެ ފެށުން އެކަނި،" އޮސްބޯން ބުނެފައިވެއެވެ.