ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހި ރާއްޖޭގެ ނޫސްތަކުގައި، މީގެ 37 އަހަރު ކުރީގެ ބަގާވާތުގެ ވާހަކަތައް ލިޔެއެވެ. އެދުވަހު އެކިއެކި ފަރުދުންނަށް ކުރެވުނު ތަޖުރިބާ ތަކުގެ ވާހަކަ ލިޔެއެވެ. އަދި މީގެ 13 އަހަރު ފަހުން، 50 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރާއިރު، 2038 ވަނަ އަހަރު ވެސް އަޅުގަނޑުމެން ހަމަ މިހެން ލިޔެލިޔެ، އަމިއްލައަށް ފަހުރުވެރިވޭވެ ތިބޭނީތޯއެވެ؟ ކިތައްމެ ގިނަ ބަޔަކު ނުރުހުނު ކަމުގައި ވިއަސް، ހަޤީގަތަކީ 3 ނޮވެމްބަރު 1988 ވަނަ ދުވަހުގެ ފަތިސް ގަޑީގައި، ސްރީލަނކާގެ ތަމަޅަ ބާއިންގެ ޖަމާއަތެއް ކަމުގައިވާ ޕްލޯޓު ޖަމާއަތުގެ، މުންޑު އަރުވާޖަހައިގެން ތިބި، އާދައިގެ ހަނގުރާމަވެރިން ކޮޅެއް ގޮވައިގެން، އާދައިގެ ލަކުޑި ބޯޓުތަކެއްގައި، ހަމައެކަނި އޭކޭ-47ގެ ބަޑި ހިފައިގެން، ދިވެހީންގެ ދެ މީހަކާ އެކު، މާލެ އަރައި ހިންގަން އުޅުން ބަގާވާތް ކާމިޔާބު ނުވީ ހަމަ ކިރިޔާއެވެ. އެދުވަހު ދިވެހި އުއްމަތަށް ލިބުނު ނަސްރަކީ ވަކި ދިވެއްސެއްގެ މާބޮޑު މޮޅުކަމަކުން ލިބުނު ނަސްރެއް ނޫނެވެ. ހާލަތެއްގެ ތެރެއަށް ބަޔަކު ވެއްޓުމުން، އިންސާނީ ފިތުރަތުގައިވާ ގޮތަށް އެވަގުތަކު ތިބި ބަޔަކު، އެބަޔަކަށް ކުރެވުނު ކަމެއް ކުރިއެވެ. ނަމަވެސް އެދުވަހު ކަން ހިނގައި ދިޔަގޮތަށް ބަލައިލުމުން އެނގޭ ހަޤީގަތަކީ އެދުވަހު ދިވެހީންނަށް ލިބުނު ނަސްރަކީ މާތް ﷲ ދެއްވި ފުރިހަމަ ނަސްރެއް ކަމެވެ. ވަކި ބައެއްގެ މޮޅުކަމުން ލިބުނު ނަސްރެއް ނޫންކަމެވެ.
ކޮންމެ ނަސްރުގެ ދުވަހެއްގައި އަމިއްލައަށް ފަހުރުވެރިވެ، ސިޔާސީ މީހުން ގަދަ ބަސް ބުނެ، ގިރުވާނު ކޮޅަށް ޖެއްސަކަސް މި ދިވެހި ރާއްޖެއަކީ ސުޕަރ ޕަވަރަކަށް ނުވެއެވެ. އަނދިރި އަނދިރީން ގަތުލުކޮށް، ޕޯޗުގީޒުންގެ ކިބައިން ދިވެހި ޤައުމަށް މިނިވަންކަން ހޯދައި ދެއްވުމަށް އުތީމު މުހައްމަދު ތަކުރުފާނާއި އެރަދުންގެ ތިން ކޮއްކޯފުޅުން ހިންގެވި ގެރިއްލާ ހަނގުރާމައަކީ ކިތައްމެ ހިއްވަރުގަދަ ޖިހާދެއް ކަމުގައި ވިއަސް، ދިވެހީނަށް އެދުވަހުވެސް ނަސްރު ލިބުނީ ﷲ ދެއްވި ފުރިހަމަ ނަސްރެއްގެ ގޮތުގައެވެ. މާތް ﷲ، އެކަލާނގެ ދީނަށާއި، އެދީނުގެ މަތީގައި ތިބި ދިވެހީންގެ ބަޔަކަށް ދެއްވި ނަސްރެކެވެ. ނޮވެމްބަރު ތިނެއްގައި ވެސް ލިބުނީ އެފަދަ ނަސްރެކެވެ. މީގެން ލިބިގަންނަން ޖެހޭ އެންމެ ބޮޑު އިބުރަތަކީ، ދިވެހީންގެ މިނިވަންކަމުގެ އެންމެ ބޮޑު ރައުސުލްމާލަކީ ދިވެހީންގެ ދީންކަމެވެ. އިސްލާމް ދީން ކަމެވެ.
ނަމަވެސް، ތިމަންމެނަކީ މުސްލްމުންނޭ، ހަމައެކަނި ދުލުން ބުނެލާފައި، ދިވެހީންނަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށް ބުނެ، ފަހުރުވެރިވެފައި ތިބެވޭކަށް ނެތެވެ. ބަވަނަވަމުން، ބަދަލުވަމުންދާ ދުނިޔޭގައި ޤައުމުތައް، ހާއްސަކޮށް ކުދި ޤައުމުތައް، މިޒަމާނުގައި އަޅުވެތި ކުރަނީ ކޮންމެހެން ކަނޑިއާއި ބަޑި ހިފައިގެން ސިފައިން އަރައި ހަނގުރާމަ ކޮށްގެނެއް ނޫނެވެ. ގިނަ ޤައުމުތައް މިޒަމާނުގައި މިނިވަންކަން މަތީ ތިބެނީ ނަމަކަށެވެ. ހަޤީގަތުގައި ދުނިޔޭގެ ގިނަ ޤައުމުތަކަކީ މިހާރު އެމެރިކާ އާއި ޔޫރަޕުގެ "އަޅުން"ނެވެ! މެދު އިރުމަތީގެ ގިނަ ޤައުމުތަކަށް އިޒްރޭލު ކުރިމަތީ ކުޑަ ކަކޫ ޖަހައި، މުސްލިމުންގެ ހައްޤުގައި ބަހެއް ބުނަން ނުކެރިގެން އުޅެނީ މިދެންނެވި އަޅުވެތިކަމުގެ ސަބަބުންނެވެ. ގިނަ ޤައުމުތައް ތިބެނީ އިގްތިސޯދީ ގޮތުން ފިތިފައެވެ. ހުޅަނގުގެ ސިޔާސަތާއި ހިލާފުވެއްޖެ ނަމަ އަޑިއަޑިން ރާވައިގެން އެ ޤައުމެއްގެ ސަރުކާރު ވައްޓާލަން އިސްތިއުމާރީ ދައުލަތްތަކުން ފަންޑު ކުރެއެވެ. ނުވަތަ ސީދާ މިލިޓަރީ ހަމަލާއެއްވެސް ދީފާނެއެވެ. ނުވަތަ އެމެރިކާއިން މިހާރު ބޭނުންކުރާ ވިޔަފާރީގެ "ހަތިޔާރު" ކަމުގައިވާ "ޓެރިފް" ފަދަ އިސްތިސޯދީ ހަތިޔާރުން ތަޅައި ބަލިކޮށްލަ އެވެ.
ދުރުގައި ތިބެގެން، ސަރަހައްދީ އަދި ހުޅަނގުގެ ބޮޑެތި ބާރުތަކުން، ކުދި ޤައުމުތައް ބަލި ކުރަން މިހާރު ބޭނުން ކުރާ މައިގަނޑު ދެ އުކުޅެއް ވެއެވެ. ފުރަތަމަ އުކުޅަކީ ކުދި ޤައުމުތަކުގެ ދީނީ އަޤީދާ ބަލިކަށި ކޮށް، ޒުވާން ޖީލުތައް ބޭރުގެ ސެކިއުލަރ ފިކުރަށް ގެންދިއުމެވެ. ދެވަނަ އުކުޅަކީ ލޯނު، ހިލޭ ސްކޯލަޝިޕް ފަދަ "އެހީ" ދީގެން އިގްތިސޯދީ ދަންތުރާގައި ކުދި ޤައުމުތައް ޖެއްސުމެވެ. މީގެ މާނައަކީ ބޮޑެތި ޤައުމުތަކުން ލޯނު ނުނަގާށެކޭ ނޫނެވެ. އަދި ބޮޑެތި ޤައުމުތަކުންދޭ އެހީ ނުހޯދާށެކޭ ވެސް ނޫނެވެ. ނަމަވެސް ބަވަނަ ވަމުންދާ މި ދުނިޔޭގައި ދިވެހީން ނަށް ވެވުނު ވަރަކުން އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތް ކުރަން ޖެހެއެވެ. އަދި ބޮޑެތި ބާރުތަކުން ހިންގާ ބައިނަލްއަޤްވާމީ ސިޔާސީ ވާދަވެރިކަމުގެ އޮއިވަރު ގައި ނުޖެހި، ރައީސް މައުމޫން ގެންގުޅުއްވި ފަދަ ވަކިފަރާތަކަށް ނުޖެހޭ، މެދުމިނުގެ، އެންމެނާ ވެސް ގުޅޭ، ބައިނަލްއަޤްވާމީ ސިޔާސަތެއް ގެންގުޅެން އެނގެން ޖެހެއެވެ. އަދި ޒުވާން ޖީލަށް އިސްލާމީ އަޤީދާގެ މުހިއްމުކަން ދަސްކޮށްދީ، އިސްލާމްދީނުގެ ނަގިލި މިފަސްގަނޑުގައި ހަރުކުރަން ޖެހެއެވެ. މިނިވަންކަމުގެ ހަޤީގީ ދެ މުލަކީ އިސްލާމް ދީނާއި، އިގްތިސޯދީ ފުދުންތެރިކަމެވެ.
ސަތޭކަ ޕަސެންޓު ފުދުންތެރި ޤައުމަކަށް މި ކުޑަކުޑަ ދިވެހި ރާއްޖެއަކަށް ދުވަހަކު ވެސް ނުވެވޭނެއެވެ. ބޮޑުބައި ޖެހޭނީ ހަމަ އިމްޕޯޓު ކުރާށެވެ. ބިދޭސީ މަސައްކަތްތެރީން ވެސް ގެންނަން ޖެހޭނެއެވެ. ނަމަވެސް މިހާރު މިދާ ރޭޓުގައި ބިދޭސީންގެ އަތްމައްޗަށް ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިމާރާތް ކުރުމާއި، ފެހުމާއި، ވާޑާން ކުރުން ފަދަ އެތައް މަސައްކަތެއް ދޫކޮށް، ދިވެހީން އަމާން ދޭން ވެއްޖެ ނަމަ ދުވަސް ކޮޅަކުން މިއީ ދިވެހީންގެ ޤައުމަކަށް ނުވާނެއެވެ. މިހާރުވެސް މާލޭގެ ގިނަ ކަޑަތަކާއި، މާޓުތަކާއި، މާރުކޭޓު ގޮޅި ތަކާއި، ފެރީތަކާއި މަސްދޯނިފަހަރުގެ ފަޅުވެރީންކަމާއި، މިފަދަ އެތައް ވިޔަފާރިއެއް، ދިވެހީންގެ ނަމުގައި ހިންގަނީ އަސްލު ބިދޭސީންނެވެ. ތޮއްޑޫ ފަދަ އެތައް ރަށެއްގެ ކަރަ އާއި އެހެނިހެން ގޮވާން ދަނޑުތައް ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ސުޕަމާކެޓް ޗެއިން ހިންގަނީ ދިވެއްސެއްގެ ނަމުގައި އަސްލު ލަންކާ މީހެކެވެ. އައިނު ވިއްކާ އެތައް ފިހާރައަކީ ދިވެހީންގެ ނަމުގައި ލަންކާ އާއި އިންޑިއާ މީހުން ހިންގާ ތަންތަނެވެ. އެތަންތަނުގެ މުއައްޒަފުންނަކީ 99% ލަންކާ ނުވަތަ އިންޑިއާ މީހުންނެވެ. މިއީ އިގްތިސޯދީ އަޅުވެތިކަމެވެ.
މިނިވަންކަމުގެ އެންމެ މުހިއްމު އެއް ތަނބު ކަމުގައިވާ އިގްތިސޯދީ ފުދުންތެރިކަމުގެ ތަނބު ފީވެ، ރެނދުލައި، ވެއްޓެން ކައިރިވެއްޖެއެވެ. މިނިވަން ކަމުގެ ދެވަނަ ތަނބު ކަމުގައިވާ އިސްލާމްދީނުގެ ތަނބުގައި ހިފަހައްޓައިގެން ތިބީ މަދު މުސްކުޅިން ކޮޅެކެވެ. ޒުވާން ޖީލު ފެންނަނީ ކުރު ހެދުމާއި ކުރު ސޯޓުލައިގެން ފަރަންޖީން އުޅޭގޮތަށް އުޅޭތަނެވެ. ބިރަކާ ނުލައި މަޖާ ކުރާތަނެވެ. ހިނދުކޮޅު އައިސްފައި ތިބޭ ތަނެވެ. މިސްކިތްތަކުގެ ސަފުތަކުގައި ގިނައީ ބަންގާޅިންނެވެ.
އިގްތިސޯދީ ފުދުންތެރިކަމުގެ ތަނބާއި، އިސްލާމް ދީނުގެ ތަނބު ފުނޑުފުނޑުވަމުން ދާއިރު، ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު ސިޔާސީ މީހުންނާއި ދިވެހި ބައެއް ރައްޔިތުން ގިރުވާނު ކޮޅަށް ޖަހައި، އަމިއްލައަށް ފަހުރުވެރިވެ، ޕެރޭޑު ދުއްވައި، އުފާ ފާޅުކޮށް ހޮލިޑޭ ކުރުމަކުން މިނިވަންކަން ވަރުގަދައެއް ނުވެއެވެ. ދެއްވި ނަސްރަށް ޝުކުރުވެރިއެއް ވެސް ނުވެވެއެވެ.
ނޮވެމްބަރު ތިން ވަނަ ދުވަހުގެ ޖަލްސާތަކުގެ އަޑާއި، ހަވާ އެރުވުމުގެ ދިއްލުންތަކާއި، ސިޔާސީ ތަޤްރީރުތަކާއި، ނޫސްތަކުގެ ފަލަ ސުރުހީތައް ފަނޑުވެ، އަޑު މަޑުވެގެން ގޮސް، އަނެއްކާ ވެސް އާ އަހަރެއް ފެށޭ އިރު، ދިވެހީންގެ މި މިނިވަންކަން ދެމިއޮންނާނީ ބިދޭސީންގެ އަތްމައްޗަށް ނޭނގިތިބެ ދޫވަމުން މިދާ އިގްތިސޯދީ މިނިވަންކަން އަނބުރާ ހޯދިގެންނެވެ. އިގްތިސޯދީ ފުދުންތެރިކަން އަލުން ހޯދިގެންނެވެ. ރައީސް އަމީނާއި، ރައީސް ނާސިރާއި، ރައީސް މައުމޫނާއި، ރައީސް ޔާމީން ފަދަ ވެރީން ގެންގުޅުއްވި އަދި ރައީސް މުއިއްޒު އެ ގެންގުޅުއްވާ ވަތަނީ ރޫހު ދިރުވައިގެންނެވެ. އަދި އިސްލާމްދީނަށް ލޯބި ކުރާ، އެ ދީނުގެ އުސޫލްތަކަށް އުފަލާއެކު އަމަލުކުރާ އިސްލާމީ، ޒުވާން ޖީލެއް ބިނާ ކުރެވިގެންނެވެ. މިދެކަން ވެސް ކުރެވޭނީ އަމަލުން އެކަން ކޮށްގެންނެވެ. ހަމައެކެނި ލިޔެވޭ އަކުރަކުން ނުވަތަ ބުނެލާ ބަހަކުން މިކަމެއް ނުވާނެއެވެ.
