Support Us

އެންމެ ހަނަފަސް ސަހަރާ ކޮންމެ ދަހަރަކުން އެއް ފަހަރު މާމެލާމެލިން ޖަރީވުން ފެށިއްޖެ

ދެކުނު އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ ސިލީ (އާއްމު ނަމުން ކިޔާ ނަމަ "ޗިލީ")ގައި އޮންނަ ދުނިޔޭގެ އެންމެ ހަނަފަސް ސަހަރާ، އެޓަކެމަ، މާމެލާމެލިން ޖަރީވަނީ ކޮންމެ ދަހަރަކުން އެއް ފަހަރު ކަމަށްވާއިރު އެ ދުވަސް އަތުވެއްޖެއެވެ.

ކޮންމެ 10 އަހަރަކު މާ ފޮޅޭ ސަހަރާގައި އަންނަ ޖަނަވަރީއާ ހަމައަށް މާތައް ފޮޅިފައި ހުންނާނެ ކަމަށްވެއެވެ.

ލަފާކޮށްފައި ނުވާ ކަހަލަ ގޮތަކަށް މި އަހަރަކީ އާދަޔާހިލާފަށް ބޯކޮށް ވާރޭ ވެހުނު އަހަރެކެވެ. ޖުލައި އަދި އޮގަސްޓް މަހު 60 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހުމުގެ ސަބަބުން މި ވަގުތު އެ ބިމުގައި ވަނީ 200 ބާވަތެއްގެ ގަސް ފަޅައިފައެވެ.

ސަހަރާ މިހާރު ފެންނަނީ ފިޔާތޮށި، ދަނބު، ރީނދޫ، ރަތް، ނޫ އަދި ހުދު ކުލައިން ޖަރީވެފައިވާ ތަރަފާލެއް (ފޮޓޯ) ގޮތަށެވެ.

"ހީވަނީ ހިނދުކޮޅަކަށް ސަހަރާއިން އެ ތަނުގެ ހިތް ހުޅުވައިލިހެން،" ތިމާވެއްޓާ ބެހޭ ސިލީގެ ތަޖުރިބާކާރަކު ބުނެލިއެވެ.

ހޫނާއި ހަނަފަސްކަމުން މި ހިތްގައިމު މަންޒަރު ދެމިހުންނާނީ މަދު ހަފުތާތަކަކަށް ކަމަށް ބައެއް ސައިންސްވެރިން ބުންޏެވެ.

"މިއީ ގުދުރަތުގެ ހިތްވަރާއި އަނެއްކޮޅުން ގުދުރަތުގެ ނާޒުކުކަން ވެސް ހަނދާން ކޮށްދޭ ކަމެއް،" ސައިންސްވެރިއަކު ކޮމެންޓްކުރިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން މި ކަހަލަ ނާދިރު މަންޒަރުތައް މާ ގިނައިން ފެންނަން ފަށާނެ ކަމަށް ވެސް ބައެއް ސައިންސްވެރިން ބުންޏެވެ.

"ނިދާފައިވާ" އޮށްތައް އަލުން ފަޅަނީ 15 މިލިމީޓަރުގެ ފެން ލިބުމުންނެވެ. އަދި ގަސްތައް ފަޅަނީ ފެނާއި ހޫނުކަމާއި އިރުގެ އަތްވާއި ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތް ނުވަތަ ހިއުމިޑިޓީ ވެސް އެކަށީގެންވާ ހާލަތަކަށް ދިޔުމުންނެވެ.

ޖަނަވަރީއާ ހިސާބަށް ދެމިހުންނާނީ ހަނަފަސްކަމާ ކުރިމަތިލެވޭނެ ވަރުގަދަ ގަސްތައް ކަމަށް ވާއިރު ގިނަ ގަސްތައް މި ފެށޭ ނޮވެމްބަރު މަހު ރަބީއު މޫސުން ފެށުމުން ނެތިގެންދާނެ ކަމަށްވެއެވެ.

"ހުރިހާ އޮށްތަކެއް ނުފަޅައިނެ. ބައެއް އޮށްތައް މަޑުކުރާނެ. އަންނަ ޖީލަށް ވެސް ބައެއް އޮށްތައް ދެމިގެންދާނެ. އަދި އަނެއް ބައި އޮށްތައް ހަޔާތުގެ ދަތުރުގައި މަރުވެގެންދާނެ،" ސިލީގެ ގުދުރަތީ ތާރީހު ދައްކުވައިދޭ ގައުމީ ދާރުލްއާސާރުގައި ދައްކަން ބަހައްޓާނެ ގަސްގަހާގެހި ކަނޑައަޅާ ކިއުރޭޓަރުންގެ ވެރިޔާ ވިކްޓަރ އާޑިލްސް ބުންޏެވެ.

ސިލީގެ ވެރިރަށް ސެންޓިއާގޯއިން 497 މޭލު (800 ކިލޯމީޓަރު)ގެ ރާސްތާއެއް ދަތުރުކޮށްފައި ވެސް ފަތުރުވެރިން މި މަންޒަރު ބަލަން އެބަދެއެވެ.

"މިއީ ނާދިރުކޮށް ދިމާވާ ފައިދާ ނަގަން ޖެހޭ ކަންތައްތައް. އަހަރެން ހީކުރި ވަރަށްވުރެ ވެސް ބަލައިލަން ރީތި،" މަރިތުޒާ ބެރޭރާ ކިޔާ މަންމައަކު ބުންޏެވެ.

އުމުރުން 44 އަހަރުގެ މަރިތުޒާ އޭނާގެ ދެ ކުދިން ގޮވައިގެން ހަ ގަޑިއިރު ދުއްވައިފައި ދިޔައީ ލާނޮސް ޑި ޗާލޭ ނަމަކަށް ކިޔައި، ހިމާޔަތް ކޮށްފައިވާ ގައުމީ ޕާކަކަށެވެ.

މިއީ ރައްކާތެރިކުރަން ޖެހޭ ވަގުތީ ސަހަރާ މާތަކެއް ކަމަށް ބައްލަވައިފައި ސިލީގެ ރައީސް ގަބްރިއެލް ބޮރީކް ވަނީ 2023 ގައި ތަންކޮޅެއް އެތެރެވަރީގައި 220 އަކަ މޭލު (570 އަކަ ކިލޯމީޓަރު)ގެ، ގައުމީ އާ ޕާކެއް ގާއިމުކޮށްފައެވެ. އެއީ ދުނިޔޭގެ އެންމެ ދިގު މަގު ކަމަށްވާ ޕޭން-އެމެރިކަން ހައިވޭ، ޑެސަޓް ބްލޫމް ގައުމީ ޕާކާ ގުޅުވައިލައިފައިވާ ގޮތަށެވެ. ގާތްގަނޑަކަށް 19،000 މޭލު (30،000 ކިލޯމީޓަރު) ދިގު މި ހަލިމަގު 14 ގައުމު ގުޅުވައިލަދެއެވެ. އެއީ އުތުރު އެމެރިކާ ބައްރުގެ ކެނެޑާއިން ފެށިގެން ދެކުނު އެމެރިކާ ބައްރުގެ އެންމެ ދެކުނުގައި އޮންނަ ސިލީއާއެވެ.

"ސިލީގައި މި ފެންނަ ގޮތަށް މި ގުދުރަތީ ކަންތައް ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނުހިނގައި،" ވިކްޓަރ އިތުރުކޮށްލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *