ފިރިހެނަކު އޭނާގެ އަނބިގޮއްޔެ ގެއްލިގެން އެކަން ރިޕޯޓުކުރަން ފުލުސް އޮފީހަށް ހާޒިރުވެއްޖެއެވެ. މައްސަލަ ރަޖިސްޓްރީ ކުރަން އިން ފުލުސްމީހާ ފިރިމީހާ ގާތުން އެ އަންހެންމީހާގެ ވަނަވަރު އޮޅުންފިލުވަން މަސައްކަތްކުރިއެވެ.
ފުލުސްމީހާ: އަނބިމީހާ ގެޔަށް ނާންނަތާ މިހާރު ކިތައް ގަޑިއިރުވެއްޖެ؟
ފިރިހެން މީހާ: އިއްޔެ މެންދުރު ނައްޓައިލި ގޮތަށް އަދި ގެއަކަށް ނާދޭ.
ފުލުސްމީހާ: އޭނާގެ އުމުރުން ކިތައް އަހަރުތޯ؟
ފިރިހެން މީހާ: ސީދާ އެހެން ބުނާކަށް ނޭނގެ. 40 އަހަރު ހެން ހީވަނީ.
ފުލުސްމީހާ: އޭނާގެ އިސްކޮޅަކީ؟
ފިރިހެން މީހާ: 5 ފޫޓަށް ވުރެން ތަންފުކެއް ދިގުކަންނޭގެ. މާ ރަނގަޅަކަށް ނޭނގެ.
ފުލުސްމީހާ: (ފިރިހެން މީހާއާ ދިމާލަށް ފާޑަކަށް ބަލައިލައިފައި) އިނދެގެން އުޅޭތާ ކިހާ ދުވަހެއް ވެއްޖެ؟
ފިރިހެން މީހާ: (އިނގިލިން ގުނައިލައިފައި) 10 އަހަރު
ފުލުސް މީހާ: އޭނާގެ އިސްތަށިގަނޑު ބުޅިތަ؟ ފަންތަ؟
ފިރިހެން މީހާ: (ބޯކަހަމުން) އިސްތަށިގަނޑު ދޯ… ހީވަނީ ބުރުގާ އަޅައިފައިހެން ހުންނަނީ.
ފުލުސްމީހާ: ހީވަނީ؟؟؟!
ފިރިހެން މީހާ: ލައްބަ. މާ ޔަގީނެއް ނޫން
ފުލުސްމީހާ: ބޭރަށް ނުކުތް އިރުގައި ލައިގެން ހުރީ ކޮންކަހަލަ ހެދުމެއް؟
ފިރިހެންމީހާ: ހަމަ އެއްގޮތަކަށް ވެސް ނޭނގެ.
ފުލުސްމީހާ: އޭނާގެ ފޮޓޮއެއް އެބައޮތްތޯ ފޯނުގައި؟
ފިރިހެން މީހާ: (ފޯނު އެތައް އިރެއް ވަންދެން ސްކްރޯލު ކޮށްފައި) ނޫނޭ. ފޮޓޮއެއް ނެތޭ.
ފުލުސްމީހާ: ޔަގީންތޯ އަނބިމީހާކަން؟
ފިރިހެންމީހާ: ޔަގީން، ޔަގީން.
ފުލުސް މީހާ: (މާނޭވާއެއް ލައިފައި) އަޅުގަނޑަށް އޭނާ ހޯދަން ފަސޭހާވާނޭ އެއްވެސް މައުލޫމާތެއް ދެވެން އެބައޮތްތޯ؟
ފިރިހެން މީހާ: (ވަރަށް ހިތްދަތި ރާގަކަށް) އާދެ. އޭނާ ފިލީ އަޅުގަނޑުގެ ސައިކަލަށް އަރައިގެން.
ފުލުސްމީހާ: ސައިކަލު ތަފުސީލު އެނގޭތޯ؟
ފިރިހެންމީހާ: (ވަގުތުން ފޯނުން ސައިކަލުގެ އެތައް ސަތޭކަ ފޮޓޯތައް ދައްކަމުން) މިއީ އެންމެ ފަހުގެ ސްކޫޕީ. ކަޅުކުލަ. ވަރަށް ޗާލުވާނެ. ވަރަށް ހަލުވިވާނެ. އިންޖީނު 4 ސްޓްރޯކު. އެންމެ ކޫރުމެއްވެސް ނުހުންނާނެ.
ފުލުސްމީހާ: އަވަހަށް ގެއަށް ދުރުވޭ. އަޅުގަނޑުމެން ތި ބޭފުޅާގެ ސައިކަލު ހޯދައިފައި އަންގައިލާނަން.



advertisment