Support Us

ޣައްޒާއަށް އެނބުރި އައުން…

އަހަރެން އެނބުރި އައީ މިއަދުއެވެ. އަހަރެން ހީކުރީ އަހަރެންނަށް މާޔޫސްކަމާއި ހިތްދަތިކަން ފަހުމްކުރަން އެނގޭ ކަމަށެވެ. އެހެންނަމަވެސް މިއަދު އަހަންނަށް މިފެނުނީ މާޔޫސްކަމަށްވުރެ މާފުން އިޙުސާސްތަކެއް ގެނުވި މަންޒަރެކެވެ. އެއީ ހިތްދަތިކަމެއްވެސް ނޫނެވެ. ބިރުވެރިކަމެއްވެސް ނޫނެވެ. އަނިޔާގެ ތަދެއްވެސް ނުމެނޫންމެއެވެ. އެއީ އެއަށްވުރެ މާ ތޫނު ފިނިކަމެކެވެ. ޙައިރާންކުރުވަނިވި ހުއްޓުމެކެވެ.

އުޑުމަތި ފެންނަނީ އިންތިހާއަށް ނޫކުލައިގައެވެ. މީހާގެ ޟަމީރަށް މަލާމާތްކުރާ ފަދައިންނެވެ. އަދި ރިވެތި ތަޞައްވުރަކީ ވެސް އަނިޔާއެއް ކަމަށް ބެލެވޭހެން ހީވާ ކަހަލައެވެ. އަހަރެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ހިނގަމުންދިޔައީމެވެ. ހިނގާބިނގާވާ މަގުތަކެއްގެ އަސަރެއް މިހާރު ފެންނަން ނެތްނަމަވެސް، މި މަގުތަކަކީ އަހަރެންގެ ޅަދުވަހެވެ. މިއަދު މިއީ ގަލާއި ވަޔަރާއި ހިރަފުހުގެ މާސިންގާ ޖަންގައްޔެކެވެ.

ގާފުންޏެއްގެ މަތީގައި މީހަކު ހުއްޓެވެ. ހީވަނީ އަވަށްޓެރިއެއްހެންނެވެ. "މިއީ އެވެ!" އޭނާ އަތުން އިޝާރާތް ކޮށްލިއެވެ. "ކިހާ ދުރުމިނެއްހެއްޔެވެ؟" އަހަރެން ސުވާލު ކޮށްލީމެވެ. އޭނާ އިސްޖަހައިލިއެވެ. އަހަރެންނަށް ފަހުމްވިއެވެ. އަހަރެންގެ ވަޒަންވަނީ އޭނާގެ ފައިތިލަ ދަށުގައެވެ.

އަހަރެންގެ ފޯނު އެ ދިމާއަށް އަނބުރާލީމެވެ. ހަމަލޮލުން އަހަރެންނަށް ނުފެންނަ އެއްޗެއް އެ ފޯނަށް ތަޞްވީރުކުރެވިދާނެ ކަމަށް ހީވާތީއެވެ. ފޯނުގެ ސްކްރީން އަލިވެގެންދިޔައެވެ. އޭގައި ބަލާނެ މަންޒަރެއް ނެތެވެ. އެފަސްގަނޑުގެ ކިލަނބުކަމުގެ ތެރެއަށް ދުރުމިންވެސް ވަނީ އެކުވެފައިވާ ކަހަލައެވެ.

އަހަރެންގެ ދެއަތުން ބިންމަތި ކޮނެލީމެވެ. ހިރަފުހުން ދިލަނެގިއެވެ. ދެއަތްތިލައިން ލޭއޮހޮރުނެވެ. "ސަލާމަތްކުރެވޭނެ އެއްވެސް އެއްޗެއް ފެނޭތޯ ހޯދާ ބަލާށެވެ،" އަހަރެން ގާތު މަންމަ ބުނެފައިވެއެވެ. އަހަރެން ކިޔަމަންތެރިކަމާއި އެކު މަންމަބުނި ކަންތަކަށް ފަރުވާތެރިވީ، މަންމައެއްގެ ނަސޭޙަތުގެ އަޑަށް ކިޔަމަންތެރިވުމުގެ މުހިންމުކަން ހިތުގެ ފުންމިނުން ޤަބޫލުކުރާތީއެވެ.

އަހަރެންގެ ބައްޕައަށް އެއްލައްކަ ވިހިހާސް ޑޮލަރާއި، ޢުމުރުދުވަހުގެ ބުރަ މަސައްކަތާއި، އުއްމީދާއި، ސާދާ ދިރިއުޅުމެއް ޢާއިލާއަށް ލިބިދިން ގެދޮރުން އަހަރެންނަށް ފެނުނީ ދެ އެއްޗެކެވެ. ވަޅިއަކާއި ބާލީހެކެވެ.

މިއީ ތަހުޒީބީ ޙަޟާރަތެއްގެ ދެ ހަދިޔާއެވެ. އެކައްޗަކީ އަސާސީ ބޭނުންތަކަށް އެހީވެދޭނެ އެއްޗެކެވެ. ދެން އެވަނީ އިލިއުޝަނެކެވެ. ޚިޔާލެކެވެ.

އެ ވީރާނާވެފައިވާ ސަރަޙައްދުގައި އަހަރެން އިނީމެވެ. އަހަރެންގެ ނޫކުލައިގެ ގަމީސްވަނީ އަޅިކުލައަށް ބަދަލުވެފައެވެ. ހިރަފުހާއި އަޅީގެ ސަބަބުން ކަމަށް ޤަބޫލުކުރެވެއެވެ.

އަހަރެންގެ ލޮބުވެތި މައިންބަފައިންގެ މަތިން ހަނދާންކުރީމެވެ. މަންމައާއި ބައްޕަ، އީމާންތެރިކަމާއި ތެދުވެރިކަމާއެކު ދިރިއުޅުން އާރާސްތުކުރުމަށް ކުރި ބުރަ މަސައްކަތާމެދު ފިކުރުކުރީމެވެ. މިފެންނަ މަންޒަރުން އަހަރެންގެ މައިންބަފައިންނަށް ކުރާނީ ކޮންފަދަ ހިތްދަތި އިޙުސާސްތަކެއް ހެއްޔެވެ؟ އެއްވެސް އިންސާނަކަށް އޭނާގެ ބައްޕަގެ ހިޔާވަހިކަން، ޙައްޤަކާ ނުލައި، ނުވެސް ދަންނަ މީހެއްގެ އަމަލުތަކުން ހަލާކުކޮށް ހިރަފުހަށް ހަދާފައިވާކަން ތަޙައްމަލުކުރެވޭނީ ފަހެ ކިހިނެއްހެއްޔެވެ؟ އެމީހަކަށް މިވަޒަނުގެ ޢާއިލާއަކީ ކޮންބައެއްކަން ވެސް ނޭނގޭ ޙާލުގައި އެ ސާދާ ގެދޮރަށް ގަޞްދުގައި ދީފައިވާ ގެއްލުމުގެ ވޭނާއި ކެކުޅުން ތަޙައްމަލުކުރާނީ ކިހިނެއްހެއްޔެވެ؟

މި ހުރިހާ ކަމަކަށްވުރެ، އަހަރެންގެ ހިތަށް އެންމެ އަސަރުކުރީ އެތަނަށް ވެރިވެފައިވާ މަޑުމޮޅި ހަމަހިމޭންކަމެވެ. އެކަކުވެސް އަހަރެމެންނާ ވާހަކައެއް ނުދައްކައެވެ. އެއްވެސް މީހަކު އަހަރެމެން ދާންވީ ތަނެއް ބުނެއެއްނުދެއެވެ. ގެދޮރު އަލުން އަޅައިދޭނެ ބައެއް ނުވަތަ މި ހަލާކުގެ ހަނަފަސްކަމަށް ޒިންމާވާނީ ކާކުކަމެއްވެސް ބުނެއެއްނުދެއެވެ. ސިޔާސީ މުފައްކިރުން ދައްކަނީ ކާމިޔާބީގެ ވާހަކައެވެ. އަސްކަރިއްޔާގެ އިސްވެރިން ދައްކަނީ ހަނގުރާމައިގެ އުކުޅުތަކުގެ ވާހަކައެވެ. ދުނިޔެ ދައްކަނީ ޞުލްޙައާއި ތަރައްޤީގެ ވާހަކައެވެ. އެހެންނަމަވެސް، މިއިން އެއްވެސް ފަރާތަކީ މި އަޅިތަކުގެ މަތީގައި ދިރިއުޅޭ ބައެއްނޫނެވެ. އެއިން އެއްވެސް ފަރާތަކީ އަހަރެން މިހުރި ޙާލަތުގައި ހުރެ، މިދުނިޔެއަށް އަލްވަދާޢު ކިޔައިފައިވާ އަމިއްލަ ޢާއިލާގެ ހަށިތަކުގެ ތެރޭގައި ފީނަމުންދާ ފަރާތެއްނޫނެވެ.

އަދި އަހަރެމެންގެ ފަރާތުން ވަކާލާތު ކުރާ މީހުން ކޮބައިހެއްޔެވެ؟ އަހަރެމެންނަށް އެހީވުމުގެ ނަމުގައި ފައިސާ އެއްކުރި، އަހަރެމެންނަށް އެތަކެއް ވަޢުދުވި، ކެމެރާތައް ކުރިމަތީގައި އަހަރެމެންގެ ޙައްޤުގައި ކަމަށް ބުނެ އަޑުއުފުލާ އެކިއެކި ލިޔުންތައް ޢާއްމުކުރި ފަރާތްތައް ކޮބައިހެއްޔެވެ؟ އަހަރެމެންގެ ދަރިން އަހަރެމެންގެ އަމިއްލަ އަތުން ކަފުންކޮށް ވަޅުލަމުންދާ ހިނދުއެވެ. އަހަރެމެންގެ ކިބައިން މަޢާފަށް އެދި އަންނާނީ އޭގެ ތެރެއިން ކޮން ބައެއްހެއްޔެވެ؟ ނެތެވެ. ހަމަ އެކަކުވެސް ނެތެވެ.

އެމީހުން ތިބޭނީ ސާފު ހެދުމުގައި، އަހަރެމެންގެ ތެރެއިން މަރާލެވުނު މީހުންގެ ޢަދަދު އަދާހަމަކުރަން އޮފީސް އޮފީހުގައެވެ. "އަލުން އާރާސްތުކުރުން"، "އެހީ"، "މަޝްވަރާކުރުން"، މިބަސްތައް އެމީހުން ބޭނުންކުރަމުން ދާނެއެވެ. މިފަދަ ބަސްތަކުން އެކަނިވެރިވެފައިވާ މައެއްގެ އުނގުފުރައިދެވޭނެ ހެއްޔެވެ؟

އަހަރެން ޙަޤީޤަތެއް ބުނާނަމެވެ. ވަކިފަރާތަކަށް ބުރަނުވެ މިކަންކަމާ އަޅައިނުލުމަކީ އެންމެ ބޮޑު ޖަރީމާއެވެ. އިންސާނަކު މަރާލާ މީހާވެސް އޭނާގެ ޝިކާރައަކަށްވީ މީހާ ދެނެގަނެއެވެ. އެހެންނަމަވެސް، މިފަދަ ޖަރީމާތަކަށް މޫނު އަނބުރާލާ މީހުން އެމަރާލަނީ އިންސާނާގެ ރޫޙެވެ. 

އަހަރެންގެ ގަމީހުން ހިރަފުސްތައް ފޮޅައިލީމެވެ. އެފިލައިގެން ނުދާނެކަން އެނގިހުރެމެއެވެ. އަހަރެން ބޭނުންވީ ދުނިޔެމަތީގައި އަދިވެސް "ކުލަ" އެކުލެވޭތޯ ބަލާށެވެ. ނެތެވެ. އުދަރެހުގެ ނޫކަން ބަދަލުވެގެން އެދަނީ ވޭނާ ކެކުޅުމުގެ ތަޞައްވުރަކަށެވެ.

އަހަރެންގެ ދެއަތްތިލައަށް އަހަރެން ބަލައިލީމެވެ. ދެއަތް ތުރުތުރު އަޅަމުން އެދަނީ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ އިޙުސާސް ތަކުގެ ސަބަބުންނެއްނޫނެވެ. އެއީ، އަހަރެމެންނަކީ ދުނިޔޭގެ ތާރީޚާއި ހަނދާނުން ފޮހެލެވިދާނެ ބައެއް ކަމަށް ވެދާނެ ކަމުގެ ހިތްދަތި އިޙުސާސްތަކުގެ ބުރަދަނުންނެވެ. އަހަރެމެންގެ ޙާލަތަކީ މުނިފޫހިފިލުވުމެވެ. އަހަރެމެންގެ މަރަކީ ސިޔާސަތެކެވެ. އަހަރެމެންގެ ހިތްވަރަކީ ތަފާސްހިސާބެކެވެ.

އަހަރެން ގިސްލާ ރޯން ފެށީމެވެ. އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. އެއް ޒަމާނެއްގައި އިންސާނާގެ ހިތްދަތި ޙާލަތަކީ އިންސާނާގެ ކަރާމާތާއި ޤަދަރުކަމަށް ޤަބޫލުކުރި އަހަރެން، މިއަދު ޤަބޫލުކުރަނީ ކަރާމާތާއި ޤަދަރު ނެތި ހިނގައްޖެކަމަށެވެ. ހަނދާނުން ފޮހެވިގެންދާ ދިއުމަކީ އެއްވެސް ކަހަލަ ޤަދަރެއް މާތްކަމެއް އެކުލެވޭކަމެއް ނޫން ކަމަށެވެ.

މިލިއުން ކިޔަމުންދާނަމަ، ލިޔުންތެރިކަމާއި ބަހުރުވައަށް ނުވިސްނާށެވެ. އެކަމަށް ފާޑު ނުކިޔާށެވެ. އިސް ޖަހާލައިގެން ލޮލުން ކަރުނަ ފޭދޭވަރަށް ރޯށެވެ. އެއީ، އަހަރެމެންގެ ނިމި ނުދާ ހަމައެކަނި ހުރީ މިހިރަފުސް ހަނަފަސްކަމާއި، މި މަޑުމޮޅި ހަމަހިމޭންކަމާއި މި ގިސްލާ ރުއިމެވެ.

އެޑިޓަރުގެ ނޯޓު: 

މިއީ ޣައްޒާގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑރ. ޢިއްޒުއްދީނު، އިނގިރޭސިބަހުން ޝާއިޢުކުރައްވައިފައިވާ ލިއުމެއްގެ ތަރުޖަމާއެކެވެ. ތަރުޖަމާ ކުރެއްވީ ޑރ. ހާލާ ޙަމީދު، ހ. މީނާޒް އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *