ކޮންމެ މަޚްލޫޤެއްވެސް ކަމެއް ކުރާނީ އޭގެ އަމިއްލަ ފައިދާއަށް ހެއްޔެވެ؟ މިއީ ބައެއް ފަލްސަފާވެރިންގެ ދުނިޔެއާ މެދު ވިސްނާ ވިސްނުންތަކުގެ ތެރެއިން އަސާސީ އެއް ވިސްނުމެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި މިއީ މަޚްލޫޤުންގެ ފިޠުރަތުގައި ލައްވައިފައިވާ ސިފައެކެވެ. އެހެންކަމުން އެއްވެސް މަޚްލޫޤެއް އެހެން މަޚްލޫޤަކަށް އެހީތެރިވެދިނުމަށް އޭގެ އަމިއްލަ ފައިދާއެއް ނުވާނަމަ މަސައްކަތެއް ނުކުރާނެއެވެ. މި ވިސްނުމުގެ އަލީގައި ޖަނަވާރުންގެ ތެރޭގައި އެކަތި އަނެކައްޗަށް އެހީވާއިރު، އޭގެ އަމިއްލަ ބާވަތާއި ވައްތަރަށް ފެތޭ ޖަނަވާރުންނަށް އެހީވާތަން ފެންނަނީ ކީއްވެގެންކަން ސާފެވެ. އެއީ އޭގެ އަމިއްލަ ނަފްސަށް ކަމެއް ދިމާވާ ހިނދުގައި އޭގެ ވައްތަރުގެ އެހެން ޖަނަވާރުންގެ ފަރާތުން އެހީ ލިބޭނެ ކަމުގެ އުންމީދު ދެމެހެއްޓުމުގެ ބޭނުމުގައެވެ.
ނަމަވެސް މި ވިސްނުމާ ބޮޑުތަނުން ޚިލާފުވާ ގޮތަށް ބައެއް ފަހަރު ޖަނަވާރުން ޢަމަލު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ޖަނަވާރުން ބައެއް ފަހަރު އޭގެ ބާވަތާއި ވައްތަރަށް ނުފެތޭ ޖަނަވާރުންނަށް ރައްކާތެރިކަން ދޭތަން ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ޚާއްޞަކޮށް ޖަނަވާރުން އިންސާނުންގެ ތެރެއިން ކުޑަކުދިންނަށް ހިމާޔަތްދެނީ ކީއްވެގެން ހެއްޔެވެ؟ ކުރީގައި ގެނެވުނު ނަޒަރިއްޔާތުން އޭގެ ދަރިއަށް ހިމާޔަތްދޭން މަޖުބޫރުވާ ސަބަބު ފަހުމުވެއެވެ. އެއީ އޭގެ ނަސްލު ދެމެހެއްޓުމަށް ޓަކައި އެފަދަ ދަނޑިވަޅެއްގައި އޭގެ ހަށިގަނޑުން އަންގާ އެންގުމަށް ތަބާވާން ޖެހޭތީއެވެ. ނަމަވެސް ޖަނަވާރެއް ކަމާ ނުބެހޭ އިންސާނެއްގެ ކުޑަ ދަރިޔަކަށް ހިމާޔަތް ދޭން އޭގެ ހަށިގަނޑަށް އަންގަނީ ކޮން ނިޒާމަކުން ހެއްޔެވެ؟ ތިރީގައި މިވާ ހިނގާފައިވާ ހާދިސާތަކުން ޖަނަވާރުންގެ ގައިގައިވާ މިފަދަ އަޖައިބުކުރުވަނިވި ކަންކަން ސިފަވެގެންދާނެއެވެ.

އީތިއޯޕިއާގައި، ރަހީނުކޮށްގެން ގެންގުޅުނު 12 އަހަރުގެ އަންހެން ކުއްޖަކަށް ސިންގާތަކެއް ހިމާޔަތް ދިން ވާހަކަ
މީގެ 20 އަހަރު ކުރިން، އިތިއޯޕިއާގައި ހިނގި ހާދިސާއަކީ ދުނިޔެ ސިއްސުވާލި ވާހަކައެވެ. އިތިއޯޕިޔާގެ 12 އަހަރުގެ އަންހެން ކުއްޖެއް ސްކޫލުން ގެއަށްދިޔަ މަގުމަތީގައި ހަތް މީހުންގެ ގްރޫޕެއް އޭނާ ފޭރިގަތެވެ. ނޫސް މީޑިއާތަކުގައި އެމީހުން އެގޮތަށް ޢަމަލު ކުރީ އެ ކުއްޖާއަށް ކައިވެނިކުރަން މަޖުބޫރުކުރުވަން ކަމުގައި ލިޔެފައިވެއެވެ.
އެންމެ ފުރަތަމަ އެކުއްޖާ ވަގަށް ނަގައިގެން ގޮސް އެ ކުއްޖާ ގެންގުޅުނީ އެކަހެރި ތަނެއްގައި ކަމަށް ވެއެވެ. ނަމަވެސް ފަހުން އެކުއްޖާ ގޮވައިގެން އެމީހުން އެހެން ތާކަށް ދާން ދަތުރުކުރި މަގުމަތީގައި އެ ކުއްޖާގައި ތަޅައި އަނިޔާ ކުރާ އަޑަށް އޭނާގެ ހިމާޔަތަށް އައީ ފުލުހުންނެއް ނޫނެވެ. ނުވަތަ ކައިރި ސަރަޙައްދުގައި އުޅުނު އިންސާނީ ޙައްޤުތައް ރައްކާތެރިކުރާ ޖަމާޢަތެއްގެ މީހުންނެއް ވެސް ނޫނެވެ. އޭނާ ރޯ އަޑު އިވިގެން އޭނާއަށް އަނިޔާކުރި މީހުން ފަހައި ދުއްވައިގަތީ އެތަނަށް އައި ތިން ސިންގާއެވެ.
އެ ކުއްޖާގެ ވިލެޖު މީހުންނަށް އޭނާ ފެނުނީ ހަތް ދުވަސް ފަހުންނެވެ. މަންޒަރު ދުށް މީހުން ރިޕޯޓުކުރީ އެ ކުއްޖާ ފެނުނު އިރުގައިވެސް އޭނާގެ ވަށައިގެން އެ ތިން ސިންގާ ތިބިކަމަށެވެ. ނަމަވެސް އެ ކުއްޖާ ސަލާމަތްކުރަން މީހުން ދިއުމުން އެ ސިންގާތައް އެ ސޮރުމެންގެ ހޮހަޅައަށް އަނބުރާ ދިޔައީ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ސިންގާތައް އެ ކުއްޖާއަށް ރައްކާތެރިކަން ނުދިންނަމަ އެ ކުއްޖާއަށް މާ ބޮޑެތި އަނިޔާތަކެއް ވީހެވެ. މިގޮތަށް ފޭރިގަނެގެން ރަހީނުކުރާ ކުދިންނަށް ގިނަ ފަހަރަށް ކައިވެންޏަށް އެއްބަސްނުވަންޏާ ރޭޕްކޮށް މަރައިލައިފައިވެސް ވެއެވެ.
މި ހާދިސާ ދިރާސާކުރި ވައިލްޑް ލައިފް މާހިރެއް ކަމުގައިވާ ސްޓުއާޓް ވިލިއަމްސް ހިއްސާކުރި ގޮތުގައި އެފަދަ ކަންތައްތަކަކީ އާންމު ގޮތެއްގައި ވާ ކަންތައްތަކެއް ނޫނެވެ. ސިންގާއަކީ އިންސާނުން ކައި ހަދާ ޖަނަވާރެކެވެ. ނަމަވެސް އެ ކުއްޖާއަށް އެތަކެތި ހިމާޔަތް ދިނީ އެ ކުއްޖާ ރޯއަޑު އިވުނީމާ ކަމަށް ވެދާނެއެވެ. ސިންގާތަކަށް އެއީ ކުޑަ ސިންގާއެއް ކަމަށް އޮޅުން އެރީކަމުގައި ވެދާނެއެވެ.

ކެންޔާގައި މަގުމަތީގައި ޕްލާސްޓިކު ކޮތަޅަކަށް ލައިފައި އެއްލައިލާފައި އޮތް ކުއްޖެއް ސަލާމަތްކުރި ވާހަކަ
އެ ކުއްޖާ ލާފައިއޮތް ކޮތަޅު އެ ކުއްތާ ވަނީ މަގުމަތީގައި ދަމައި ކޫއްތައިފައި ގެންގޮސް އޭތި ވިހައިގެން އުޅުނު ދަރިންތަކުގެ ތެރެއަށް ލައި އެކުއްޖާ ބަލަހައްޓައިފައެވެ. އެކުއްޖާ ފެނުނީ އެ ސަރަޙައްދުގެ ރައްޔިތެއް ކަމަށްވާ ޕީޓަރ މުގޭ އަށެވެ. އޭރުވެސް މަންމަ ކުއްތާ އޮތީ އެކުއްޖާ އޭގެ ބަނޑުދަށުލައިގެންނެވެ. އެ ކުއްޖާ އެއްލައިލައިފައި އޮތްތަނާ އެ ކުއްޖާ އޮތްތަނާ ދެމެދުގައި ދެ ކިލޯމީޓަރު ދުރުމިން ވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ބިންމަތީގައި އޭތި ކޮތަޅު ކޫއްތާފައި ގެންދިޔަ ނިޝާންތައް ހުރިކަމަށް ވެއެވެ. އަދި އެ ކުއްޖާއަށް ގެއްލުމެއް ނުވާ ގޮތަށް އެ ދެ ސަރަޙައްދު ވަކިކުރަން ޖަހައިފައިވާ ނަރު ފެންސެއްވެސް ކުއްތާ ހުރަސް ކޮށްފައިވާކަން ވެސް މީހުންނަށް ސާބިތުވެއެވެ.

މަޑަގަސްކަރުގައި ގެއްލުނު 3 އަހަރުގެ ކުއްޖަކަށް ލީމަރއެއް ހިމާޔަތްދިން ވާހަކަ
ބޯކޮށް ގަސްހެދިފައިވާ ސަރަޙައްދެއްގައި ކުޅެން އުޅެނިކޮށް ތިން އަހަރުގެ ކުއްޖެއް 2011 ވަނަ އަހަރު ގެއްލުނެވެ. އެރޭ އެކީގައި އޭނާގެ ޢާއިލާ މީހުންނާއި ރަށުމީހުން އޭނާގެ ނަންގޮވަމުން މުޅި ސަރަޙައްދުގައި ހިނގިއިރު ވެސް އޭނާއެއް ނުފެނުނެވެ. އެމީހުންގެ އެންމެ ބޮޑު ބިރަކަށް ވީ އެ ކުއްޖާ ވަލުޖަނަވާރެއް ދަމައިހަލައި ވަލުތެރެއަށް ވެއްދިކަމުގެ ބިރާއި ވަޅުގަނޑަކަށް އެ ކުއްޖާ ވެއްޓިފައި އޮވެދާނެކަމުގެ ބިރެވެ.
ނަމަވެސް އޭގެ އަނެއް ދުވަހު އޭނާ ހޯދަން ނުކުތް މީހުންނަށް އެ ކުއްޖާ ފެނުނީ ސަލާމަތުން ގަހެއްގެ ބުޑުގައި އިންދައެވެ. އޭނާގެ ހަރަކާތްތައް ބަލަން ލީމަރއެއް އެތާނގައި މަތީ އޮފިގަނޑެއްގައި އިނެވެ. ޚަބަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ލީމަރ އެ ކުއްޖާ އިންތަނަށް ގޮސްފައި ވަނީ އެ ކުއްޖާ ރޯއަޑަށެވެ. އަދި އެކުއްޖާގެ ހިމާޔަތުގައި މަންމައެއް ފަދައިން އެ ކުއްޖާއަށް ބަލަން މުޅި ރޭ އޭތި ހޭދަކޮށްފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ވެއެވެ.
ލީމަރުންނަކީ އޭގެ ވަށައިގެންވާ މާޙައުލު ބަލައި ފާސްކުރާ، އިޖްތިމާޢީ ޖަނަވާރެއް ކަމުގައި ވީނަމަވެސް މި ލީމަރގެ ފަރާތުން އެ ފެނުނީ ވަރަށް މަދުން ނޫނީ ނުފެންނަ ޢަމަލެއް ކަމަށް އެންޓަނަނަރީވޯ ޔުނިވަރސިޓީގެ ވައިލްޑްލައިފް ބަޔޮލޮޖިސްޓެއް މި ހާދިސާއާ ގުޅިގެން މީޑިއާއަށް މަޢުލޫމާތު ދީފައިވެއެވެ. އާންމު ގޮތެއްގައި ވަލުގައި އުޅޭ ލީމަރުން އިންސާނުންނާ ކައިރިއެއް ނުވާނޭ ކަމަށް، އަމުދުން ކުޑަ ކުއްޖަކަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ފާރަލައިދީފައިވާ ވާހަކަތަކަކީ އެއްގޮތަކަށްވެސް އަޑުއިވިފައިނުވާ ވާހަކައެއް ކަމުގައި އޭނާ ބުނެފައިވެއެވެ.
އެ ކުއްޖާ ފެނިގެން ގެއަށް ގެންދަން އުޅެން ފެށުމުން އެ ލީމަރު އެއްވެސް އަޑެއް ވެސް ނުލައްވާ ގަސްތަކުގެ މައްޗަށް ފުންމައިގެން ގޮސް ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މަތީގައި ބަޔާންކުރެވުނު ހާދިސާތަކުގެ މައްޗަށް ބިނާކޮށް ކޮންމެ މަޚްލޫޤެއް އެހެން މަޚްލޫޤަކަށް ޢަމަލު ކުރަނީ އޭގެ އަމިއްލަ ފައިދާއަށް ކަމަށް ޤަބޫލުކުރަން ދަތިވެއެވެ. މަތީގައި ބަޔާންކުރެވިފައިވާ އެއްވެސް ހާލަތެއްގައި ކުއްޖާއަށް އެހީވެދީގެން އެއިން އެއްވެސް ޖަނަވާރަކަށް އޭގެ އަމިއްލަ ދިރިހުރުމަށް ނުވަތަ ނަސްލު ދެމިގެން ދިޔުމަކަށް ފައިދާއެއް ނުވެއެވެ. ނަމަވެސް ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުޑަކުއްޖާއަށް އެހީތެރިވެދިނުމަށް އޭގެ ފިޠުރަތުގައި ހިމެނިފައިވާ އެހެން ބައެއް މަޖުބޫރުކުރުވައިފައިވާކަން ދޭހަވެއެވެ. އެއީ ތިމާގެ ހިމާޔަތަށް ބޭނުންވާ މީހުންނަށް ރަޙުމްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިފައެވެ. އަމިއްލަ އެދުމެއް ނެތި އެހެން މަޚްލޫޤުންނަށް އޯގާތެރިކޮށް ކަންތައް ކޮށްދިނުމަކީ ވެސް ފިޠުރަތުގެ ބައެއް ކަމަށް ވަރަށް ގިނަ ފަލްސަފާވެރިން ޤަބޫލުކުރާ މައިގަނޑު އަސާސީ އެއް ވިސްނުމެވެ. މަތީގައި ބަޔާންވެފައިވާ ވާހަކަތަކަކީ މި ވިސްނުން ރަމްޒުކޮށްދޭ އާދަޔާ ޚިލާފު މިސާލުތަކެވެ.
