Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: އަފިހުންގެ ރާނީ

ދުނިޔޭގެ ގިނަ ބަޔަކަށް އެނގިފައިވާ ގޮތުގައި، ޕަބްލޯ އެސްކޮބާ އަކީ ދުނިޔޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރި މީހާއެވެ. އެކަމަކު، އެސްކޮބާއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކި މީހަކު ދުނިޔޭގައި އުޅުނުކަން އެނގޭ ހެއްޔެވެ؟ އޭނާގެ ތާޖާއި ތަޚުތުގެ ބިރު ދައްކައިގެން މަސްތުވާތަކެތި ވިއްކައި، މުޅި ދުނިޔެ ލޫޓްވާލައިގެން އޭނާގެ ޤައުމު އާރާސްތުކުރިއެވެ.

ޕަބްލޯ އެމިލިއޯ އެސްކޮބާ ގަވިރިއާ މަޝްހޫރު ނަމުން ނަމަ، ޕަބްލޯ އެސްކޮބާ އަކީ 1 ޑިސެމްބަރު 1949 އިން– 2 ޑިސެމްބަރު 1993 އަށް ކޮލަމްބިއާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހެކެވެ. އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން ބޮޑު އިރުހާބީއެކެވެ. އަދި އޭނާއަކީ ސިޔާސީ މީހެއްވެސް މެއެވެ. އޭނާ އަކީ މެޑެލިން ކާޓޭލްގެ ބާނީ އަދި ހަމައެކަނި ލީޑަރެވެ. "ކޮކެއިންގެ ރަސްގެފާނު"ގެ ނަމުން މަޝްހޫރުވެފައިވާ އެސްކޮބާ އަކީ ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ މުއްސަނދި އެއް ކުށްވެރިޔާއެވެ.

އެސްކޮބާ މަރުވިއިރު އޭނާގެ މުއްސަނދިކަން 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި 1980 ގެ އަހަރުތަކާއި 1990 ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް، އޭނާ ފުޅާ ދާއިރާއެއްގައި އެމެރިކާގައިވެސް ކޮކެއިންގެ ވިޔަފާރި ކުރިއެވެ. އެމެރިކާގެ އެހީތެރިކަމާއެކު، ކޮލަމްބިއާ ފުލުހުން އެސްކޮބަރ މަރާލީ 02 ޑިސެމްބަރ 1993 ގައެވެ.

ރާނީ ވިކްޓޯރިއާގެ ރަނިކަމުގައި އިނގިރޭސި ދައުލަތުން އަފިހުންގެ ވިޔަފާރި، ބިލިއަން ޕައުންޑްގެ ވިޔަފާރިއަކަށް ބަދަލުކޮށް، ޗައިނާއަށް ގިނަ އަދަދެއްގެ އަފިހުން އެތެރެކޮށް ވިއްކަން ފެށިއެވެ. އަދި އޭގެ މަސްތުގައި ޖެހި އެތައް ބަޔަކު ދެވިހިފުމުގެ ސަބަބުން، ޗައިނާ ސަރުކާރުން އަފިހުންގެ ވިޔަފާރި ބަންދު ކުރުމަށް މަސައްކަތް ކުރުމުން، ފުރަތަމަ ފަހަރަށް "އޮޕިއުމް ހަނގުރާމަ" ނުވަތަ ފުރަތަމަ އަފިހުން ހަނގުރާމަ ފެށުނެވެ.⁠

"ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ދުވަސް ވަންދެން މަސްތުވާތަކެތި ވިޔަފާރިކުރީ އިނގިރޭސިންނެވެ." އެމީހުންގެ އަމިއްލަ ޤައުމުގައި އަފިހުން ބޭނުންކުރުމާ ދެކޮޅަށް ގާނޫނުތައް ފާސްކޮށް، ޗައިނާއާއި އިންޑިއާގައި، އެތައް މިލިއަން ބަޔަކު މަސްތުވާތަކެތީގެ ޝިކާރައަށް ހަދައިލީ، އަފިހުންގެ ގެއްލުން ނިކަން ރަނގަޅަށް އެނގި ތިބެގެންނެވެ.

އަފިހުން ވިއްކައިގެން އިނގިރޭސި އަމްބަރާޠޫރިއްޔަތަށް ލިބުނު ފައިދާ ނިސްބަތަކީ އެއް ދުވަސްވަރެއްގައި، އިނގިރޭސި ދައުލަތުގެ އަހަރީ އާމްދަނީގެ %20 އެވެ. ބައެއް މީހުން ބުނާގޮތުގައި، އަފިހުންގެ ވިޔަފާރިން އިނގިރޭސި ދައުލަތަށް ލިބުނީ، ހަމައެކަނި ޓެކްސްގެ ގޮތުގައި އީސްޓް އިންޑިއާ ކޮމްޕެނީއިން ދެއްކި ޓެކްސް ފައިސާ އެކަންޏެވެ. ⁠

އިނގިރޭސީން ގައުމުތައް އިސްތިޢުމާރު ކުރުމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިންސާނުން އަޅުވެތި ކުރުމަށް ބޭނުންކުރީ "ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީ" އެވެ. އީސްޓް އިންޑިއާ ކުންފުންޏަކީ، ސީދާ އިނގިރޭސި ދައުލަތުގެ ބެލުމުގެ ދަށުން، ދުނިޔެ އިސްތިޢުމާރު ކުރަން ބޭނުންކުރި ޓޫލްއެކެވެ. އެ ކުންފުނީގެ ވުޖޫދާއި، ބާރުވެރިކަން ބަރޯސާވެފައި އޮތީ ސީދާ އިނގިރޭސި ދައުލަތަށެވެ. އިނގިރޭސި ދައުލަތުން، އެ ކުންފުންޏަށް ބާރުތައް ދީ، ޝާހީ ކަނޑުގެ ސިފައިންނާއި، އެއްގަމު ސިފައިންނާއި، ވައިގެ ސިފައިން މެދުވެރިކޮށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ވިޔަފާރީގެ މޮނޮޕޮލީތައް ކޮންޓްރޯލް ކުރިއެވެ.

އެންތްރޮޕޮލޮޖިސްޓް ނިކޮލަސް ސޮންޑަރސް ލިޔެފައިވާ ފޮތެއް ކަމަށްވާ، "ދަ ޕޮޕީ: އަ ކަލްޗަރަލް ހިސްޓްރީ ފްރޮމް އެންޝަންޓް އިޖިޕުޓް ޓު ފްލެންޑަރސް ފީލްޑްސް ޓު އަފްޣާނިސްތާން (2013)" ގައި ބަޔާންކޮށްފައިވެއެވެ. އަފިހުންގެ ވިޔަފާރިން، އިނގިރޭސި އިސްތިޢުމާރީ އިޤުތިޞާދުގެ ޠަބީޢަތަށް ވަރަށް ބޮޑަށް ބަދަލެއް އަންނާނެކަން އިނގިރޭސި ދައުލަތަށް އެނގެއެވެ. ލަންޑަންގެ ބޮޑެތި ގިނަ ޢިމާރާތްތަކާއި، މުއައްސަސާތަކާއި އަދި ބިނާވެށި ތަރައްޤީ ކޮށްފައިވަނީ އަފިހުން ވިއްކައިގެންނާއި އަދި އަފިހުނާ ގުޅިގެން ހިނގި ދެ ހަނގުރާމައިން އިނގިރޭސި ދައުލަތާއި، ވިޔަފާރިވެރިންނަށް ލިބުނު ޚާލިސް ރިހީގެ މުއްސަނދިކަން ބޭނުންކޮށްގެންނެވެ.

ބައެއް، ތާރީޚު ޢިލްމުވެރިން ލިޔެފައިވާ ގޮތުގައި، ރާނީ ވިކްޓޯރިއާއަކީ ހަމައެކަނި އަފިހުން ބޭނުންކުރި މީހެއް ނޫނެވެ. އޭނައަކީ "އަފިހުންގެ ރާނީއެވެ." އޭނާ ރަނިކަންކޮށް ބެލެހެއްޓީ ދުނިޔޭގެ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރީގެ މައްޗަށް ބިނާވެފައިވާ ބޮޑު އަމްބަރާޠޫރިއްޔަތެކެވެ. އިނގިރޭސި ދައުލަތުން އިންޑިޔާ އިސްތިޢުމާރުކޮށްގެން ހޭދަވީ 190 އަހަރުގެ ތެރޭގައި އިންޑިއާއިން 100 މިލިއަން މީހުން މަރާލާފައިވެއެވެ.

އާންމު ދަނޑުވެރިކަމަށް ޚާއްސަކޮށްފައިވާ ބިންތައް، އަފިހުން ހެއްދުމަށް ބޭނުންކުރުމުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވިއެވެ. ކުރިން ދަނޑުވެރިކަމަށް ބޭނުންކުރި ރަނގަޅު ބިންތައް، ބާރުގެ ބޭނުންކޮށްގެން، އަފިހުން ހެއްދުމަށް ބަދަލުކުރުމުގެ ސަބަބުން 1770 ވަނަ އަހަރު ބަންގާޅަށް ކުރިމަތިވި ބަނޑުހައި ހޫނުކަމުގައި 30 މިލިއަން މީހުން މަރުވިއެވެ. އެހެންނަމަވެސް، އިނގިރޭސި ދައުލަތުން އިސްކަމެއް ދިނީ އެމީހުންނަށް ނެގެން އޮތް ފައިދާއެއް އަފިހުން ވިއްކައިގެން ނެގުމަށެވެ. އެކަމުގައި ކިތަންމެ ގިނަ ބަޔަކު މަރުވި ކަމުގައިވިޔަސް، އެމީހުންނަށް ވަރިހަމައެވެ. އަފިހުންގެ އެކްސްޕޯޓްގެ މައްޗަށް ދިއުމުގެ ސަބަބުން އީސްޓް އިންޑިއާ ކޮމްޕެނީގެ ފައިދާ އެތައް ގުނައެއް އިތުރުވީއިރު، އެއާ އެއްވަރަށް އިނގިރޭސި ދައުލަތަށްވެސް ދެއްކި ޓެކްސް އިތުރުވެފައިވެއެވެ. ޗައިނާއަށް އެތެރެކުރި އަފިހުންގެ އަދަދު މައްޗަށް ދިއުމުގެ ސަބަބުން އަފިހުން ބޭނުންކުރާ މީހުންނާއި އަދި އަފިހުނަށް ދެވިހިފާފައިވާ މީހުންގެ އަދަދުވެސް ޗައިނާގައި އެތައް ގުނައެއް އިތުރުވިއެވެ.

ޓެއިލަރ 1857، އަދި ރޯންޓްރީ 1906، މި ދެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި މީލާދީން 1800 ވަނަ އަހަރުން ފެށިގެން މީލާދީން 1900 ވަނަ އަހަރާއި ހަމައަށް ފާއިތުވީ 100 އަހަރުގެ ތެރޭގައި ޖުމްލަ 1،091،214 ފޮށީގެ އަފިހުން، ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީއިން ޗައިނާއަށް އެކަނި އެތެރެކޮށް ވިއްކާފައިވެއެވެ. މިއިން ކޮންމެ ފޮއްޓެއްގައި 40 ކިލޯގެ އަފިހުން ބަންދުކޮށްފައިވެއެވެ. ބައެއް ރިޕޯޓްތަކުގައިވާ ގޮތުން ކޮންމެ ފޮއްޓެއްގައި 70 ކިލޯގެ އަފިހުން ބަންދުކޮށްފައިވެއެވެ. މި ލިޔުމުގެ ބޭނުމަށް ބަލާފައިވާނީ ކޮންމެ ފޮއްޓެއްގައި ހުރީ 40 ކިލޯ ކަމަށެވެ. އެހެންވީމާ، އެއީ ޖުމްލަ 43،648،560 ކިލޯގެ އަފިހުނެވެ.

އިނގިރޭސި ވިލާތުގެ އޭރުގެ ހަތަވިވަރާ ބެހޭގޮތުން 1967ގައި ޑީން އަދި ކޯލް ހަދާފައިވާ ދިރާސާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 1821 ވަނަ އަހަރު، އަފިހުން ވިއްކައިގެން 290 މިލިއަން ޕައުންޑު، އަދި 1831 ވަނަ އަހަރު، އަފިހުން ވިއްކައިގެން 340 މިލިއަން ޕައުންޑު ލިބިފައިވެއެވެ. މި ޢަދަދުތަކަށް ބަލާއިރު، 100 އަހަރުގެ ތެރޭގައި އަފިހުން ވިއްކައިގެން ގާތްގަޑަކަށް ޖުމްލަ 27 ބިލިއަން ޕައުންޑް އިނގިރޭސި ދައުލަތަށް ލިބިފައިވެއެވެ.

މިތަނުގައި ވަރަށް ކުރުގޮތަކަށް މި ބަޔާންކުރީ، އިސްތިޢުމާރީ އިނގިރޭސިންގެ އަނިޔާވެރިކަމާއި، އެމީހުންގެ މުޑުދާރު ތާރީޚުގެ ތެރެއިން ކުޑަކުޑަ މިންވަރެކެވެ. އޭރު ދުނިޔެ އިސްތިޢުމާރުކޮށް، މުޅި ދުނިޔޭގެ އިޤުތިޞާދު ކޮންޓްރޯލް ކުރުމަށް ބޭނުންކުރީ ކުންފުންޏެކެވެ. މިއަދު، އެކަން ކުރަނީ ސިހުޔޫނީ ދައުލަތް ޤާއިމުކޮށް، އެމީހުން މެދުވެރިކޮށްގެންނެވެ. ފަރުދާގެ ފަހަތުގައި ތިބީ ހަމަ، ދޮން ނަސްލުގެ އިނގިރޭސިންނެވެ. އެމެރިކާއޭ ކިޔަސް އެއީވެސް ހަމަ އިނގިރޭސިންނެވެ. ތަފާތުވަނީ ހަމައެކަނި އުޅޭ ތަނެވެ. މީގެ 242 އަހަރުކުރިން އެމެރިކާއަކީވެސް، އިނގިރޭސިންގެ ކޮލޮނީއެކެވެ.