Support Us

ކޮލަމް ކޯދު: ފަލަސްތީނުގެ މައްސަލައިގެ މައްޗަށް އިތުރު ކަޅިއެއް

ފަލަސްތީނުގެ މައްސަލައިގެ މައްޗަށް އިތުރު ކަޅިއެއް އެއްލަން ގަސްދުކުރާ އިރު، މި ލިޔުމުގައި، ދެތިން ނުކުތާއް ފާހަގަކޮށްލަން ގަސްދުކުރަމެވެ. އެންމެ ފުރަތަމަ ބޭނުން ވަނީ މިއަދު ޣައްޒާގައި ހިނގަމުންދާ މައްސަލައިގެ ފެށުމާ ބެހޭ ގޮތުން އެއްޗެއް ބުނުމެވެ. ދެން، އިޒުރޭލުގެ މި އުދުވާނީ ހަމަލަތަކުގެ ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އަހުލުވެރިން ބަރުދާސްތުކުރަމުންދާ ދަތި އުނދަގޫތަކުގެ މައްޗަށް ބަލައިލުމާއި އިޒުރޭލުގެ އަދުގެ އުދުވާނީ ހަމަލާތަކުގެ ނިމުން އަތުވެދާނެ ގޮތުގެ މައްޗަށް ވެސް ބަލާލުމެވެ. އަދި، ނިންމާލުމުގެ ގޮތުން، ފަލަސްތީނުގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނެވޭނީ ކިހިނެއްކަމުގެ މައްޗަށް ވެސް އެއްޗެއް ބުނެލަން ވެސް ގަސްދުކުރަމެވެ.

މިއަދު ހިނގަމުންދާ އިޒުރޭލުގެ އުދުވާނީގެ ހަމަލަ ފެށުމެއް ކަމުގައި ފާހަގަކުރަނީ 7 އޮކްޓޯބަރު 2023 ކަމުގައެވެ. އެ ދުވަހު ޣައްޒާގައި ދިމޮކުރަސީގެ އުސޫލުން، ސަރުކާރެއް ގާއިމުކޮށް ވެރިކަން ހިންގާލުމަށްޓަކައި، އެތަނުގެ ރައްޔިތުން ހޮވި، ޕާޓީއެއް ކަމުގައި ހަމާސްގެ ފަރާތުން އިޒުރޭލަށް ދިން ހަމަލާއާ ވިދިގެންނެވެ. ނަމަވެސް، މިއީ މައްސަލައިގެ ފެށުމެއް ކަމުގައި ނުބެލެވޭނެއެވެ. ފަލަސްތީނުގައި ފަލަސްތީނުގެ އަސްލު އަހުލުވެރިންކަމުގައިވާ އަރަބިން، އެތައް އަނިޔާތަކެއް ބަރުދާސްތުކުރަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. 1948ގައި އިޒުރޭލު ގާއިމުވކުރުމަށް ފަހު، ހަތްލައްހުޅަނގު އައްސޭރީ ގައްޔާއި އިރުމަތީ ގުދުސްގައެވެ. ބައިނަލް އަގުވާމީ ގޮތުން ބަލާއިރު، ޣައިރު ގާނޫނީ ސިފައެއްގައި އެތަންތަނުގައި ވަޒަންވެރިވެގަތް ޔަހޫދީން ފަލަސްތީނުގެ އަހުލުެރިންނަށް ހަމަލާދީ، މަރައި އަދި އެ މީހުންގެ ދަނޑު ބިންތަކަށް ގެއްލުންދީ ހަލާކުކުރުމަކީ ހުއްޓުމެއް ނެތި ހިނގަމުންދާ ކަންކަމެވެ. މީގެ އިތުރުން، ބައިނަލް އަގުވާމީ ގާނޫނުތަކުގެ ހަމަތަކާއި އާންމު އިންސާނީ އަޚުލާގުގެ ހަމަތަކުން ބޭރުން، ފަލަސްތީނުގެ އަހުލުވެރިންގެ ގޭގެއަށް އިޒުރޭލު ސިފައިން ވަދެ، ފާސްކޮށް، މައިން އެ މައިންގެ ދަރިންގެ ކުރިމަތީ ބަރަހަނާކޮށް ހަދައެވެ. އަދިވެސް، އިޒުރޭލުގެ ދައުލަތުގެ ބާރުތައް ފަލަސްތީނުގެ ގެތަކާއި އިމާރަތްތައް ވެސް، އެކި އެކި ބަހަނާތައް ދައްކައިގެން – މިސާލަކަށް މިއީ ހުއްދަ ނެތި އެޅިފައިވާ ތަނެކޭ ކިޔައި – ތަޅާލައި ބިމާ ހަމަކޮށްލައެވެ. ދެން، ޣައްޒާގެ ހާލަތު ހެއްޔެވެ؟ އެ ތަނަކީ، 2005 އިން ފެށިގެން، 'ހުޅުވާލެވިފައިވާ ޖަލެކެވެ'. އެތަނުން ނިކުތުމާއި ވަނުން އޮތީ ސީދާ އިޒުރޭލުގެ އަތް ދަށަށް ގެނެވިފައެވެ. އެއީ އެއްގަމު މަގުން ވިޔަސް ނޫނީ ކަނޑުމަގުން ވިޔަސް ވެހެވެ. ޣައްޒާގެ ވައިގެ ބަނދަރު ވަނީ 2006 ގައި އިޒުރޭލު ހަލާކުކޮށްލާފައެވެ.

މި ނަންގަތް ސަބަބުތަކަށްޓަކައި ފަލަސްތީނުގެ އެކިއެކި ޖަމާއަތްތަކުން އައީ މިނިވަންކަމުގެ ހަނގުރާމައެއް އިޒުރޭލާ ކުރަމުންނެވެ. 1994 ގައި ސޮއިކުރެވުނު އޮސްލޯ ސުލްހައިގެ އެއްބަސްވުންތަކަށް ފަހު، ފަލަސްތީނުގެ ގިނަ ޖަމާއަތްތަކުން، އިޒުރޭލާ ހަނގުރާމަކުރުން ހުއްޓާލިއެވެ. ނަމަވެސް، އޮސްލޯގެ ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން މާ ބޮޑު މިނިވަންކަމެއް ނުލިބުމާއި އަދިވެސް، އިޒުރޭލުގެ އިހުތިލާލާއި އަދި އެކަމާ ވިދިގެން ކުރިމަތިވާ އަނިޔާތަކުގެ ސަބަބުން، މިނިވަން ހޯދުމުގެ ގޮތުން ހަމާސްގެ ފަރާތުން އިޒުރޭލާ ކުރިމަތިލިއެވެ. ހަމާސްގެ 7 އޮކްޓޯބަރުގެ ހަމަލާއަކީ ވެސް ހަމަ މި މިނިވަންކަން ހޯދުމުގެ ކުރިމަތިލުމުގެ ސިލްސިލާގެ ތެރެއިން ބޮޅެކެވެ. (މިކަމުގެ ރަނގަޅު ނުރަނގަޅު ކަނޑައަޅާލުމަކީ މި ލިޔުމުގެ މައުޟޫއިން ބޭރު ކަމެކެވެ.)

ދެވަނަ ނުކުތާއަކަށް އޮތީ ޣައްޒާގެ އަހުލުވެރިންނަށް ކުރިމަތިވެފައިވާ ދަތި އުނދަގޫތަކާއި ހިތާމައެވެ. އެންމެ ފުރަތަމަ، އެ މީހުންގެ ގެތަށް ހަލާކުކޮށްލެވުނެވެ. އެ ތަންތަނަށް ބޮން އަޅައި ބިމާ ހަމަކޮށްލެވުނެވެ. ގިނަ ޚަރަދުތަކާއި ބުރަ މަސައްކަތުން ބިނާކޮށްފައިވާ ގެ ހަލާކުކޮށްލެވުމުން ދެން ވާނެ ގޮތް ވިސްނާލަބަލާށެވެ. އުޅޭނެ ތަނެއް ނެތި މަގުމަތިވީއެވެ. ވަގުތީ ފޭލިގެތަކަށް ވަންނަންވީއެވެ. ދެެން ކުރިމަތިވީ އުނދަގުލަކީ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިޔުމެވެ. ޣައްޒާގެ އުތުރުން ދެކުނަށެވެ. އަސްކަރީ ބާރު ބޭނުންކޮށްގެންނެވެ. މި ގޮތަށް، އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ބަދަލުވާ އިރު، އަމިއްލަ ހުރިހާ އެއްޗެއްހެން ގެއްލޭ ގޮތް ވެއެވެ. އަމިއްލަ ހުރިހާ އެއްޗެއް ނުގެންދެވޭތީއެވެ. އެ އާ ސަރަހައްދަކަށް ދެވެންޏާ ދެވެނީ ހަމައެކަނި އަމިއްލަ ޖާނާއިގެންނެވެ. އެކަމުގެ ވެސް މާ ބޮޑު ޔަގީން ކަމެއް ނޯވެއެވެ. އެތައް ބަޔަކު މަރުވެއެވެ. މިހާތަނަށް ފަސްދޮޅަސް ހާސް މީހުން ޝަހީދުވެއްޖެއެވެ. އިޒުރޭލުގެ ބޭރަހުމީ އަސްކަރިއްޔާގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުންނެވެ. ކާ އެތިކޮޅެއް ބަލާ ދިޔުން ވެސް ވެފައި އޮތީ ދޫނި މަޅިޖަހައި، ދޫނި ހިފަން އުޅޭ އުޅުމަކާއެވެ. އަދި ކިއެއް ހެއްޔެވެ؟ އެއަށް ވުރެ ވެސް ގޯހެވެ. ދޫނި މަޅި ޖަހަނީ ދޫނި ހިފައިގެން ގެންގުޅޭށެވެ. ނަމަވެސް، ކާއެތިކޮޅު 'މަޅީގެ ތެރެއަށް އަޅައި' ގެނެސް، ބަޑިޖަހައި މަރާލެވެނީއެވެ. މި ފަދަ އުނދަގޫތަކާއި، ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިން މަރުވެ ހިތާމަކުރާ ހިތާމަތުކުގެ އިތުރުން، މުޅި ޣައްޒާގައި އާންމު ބަނޑުހައިހޫނުކަމެއް ފެތުރިފައި ވެއެވެ. ދުވާލަކު އެންމެ ފަހަރަކު ކާލައިގެން އުޅޭ މީހުންނާއި އެ ވަރު ވެސް ނުލިބޭ މީހުން އެބަ އުޅެއެވެ.

ދެން، ފަލަސްތީނުގެ އަހުލުވެރިންނަށް ހެޔޮއެދޭ އެންމެންގެ ހިތުގައި ވެސް އުފެދޭ ސުއާލަކީ، މި މައުސާވީ އުނދަގޫތަކާއި ހިތާމަތައް ނިމުމަކަށް އަންނާނީ، ކިހިނެއް ކޮން އިރަކުން ހެއްޔެވެ؟ މި ސުއާލުގެ ސީދާ ޖަވާބެއް ދޭން ވަރަށް ވެސް ދައްޗެވެ. އެހެން ނަމަވެސް، އެކަމާ ބެހޭ ގޮތުން ވެސް ފާހަގަކޮށްލަން ޖެހޭ ދެތިން ކަމެއް އެބަ އޮތެވެ.

މި ގޮތުން އެންމެ ފުރަތަމަ ފާހަގަކޮށްލަން ޖެހެނީ މި އަނިޔާވެރި އުދުވާނީ ހަމަލާއަށް އިޒުރޭލުން ނިމުމެއް ގެންނަން ބޭނުން ނުވާނެ ކަމެވެ. ސަބަބަކީ އިޒުރޭލު އުފެދުނިއް ސުރެން ވެސް އިޒުރޭލުގެ ސިޔާސަތު ބިނާވެފައި އޮތީ ފަލަސްތީނުގެ އަސްލު ވަޒަން ވެރިން އެ ތަނުން ނެރުމެވެ. އިޒުރޭލުގެ ފުރަތަމަ ބޮޑު ވަޒީީރު ބެން ގޫރިޔޯން ފަދަ ސިޔާސީ ވެރިންގެ ސިޔާސަތަކީ ފަލަސްތީނުގެ އަސްލު ވަޒަން ވެރިންނަށް ދަތިކުރުމެވެ. އަމިއްލައަށް ފަލަސްތީނު ދޫކޮށް ދޭތޯއެވެ. އިޒުރޭލުގެ އެހެން ބޮޑުވަޒީރެއް ކަމުގައިވާ ގޯލްޑަ މޭޔާ ބުނެފައި ވަނީ ފަލަސްތީނަކީ މީހުން ނެތް ހުސްކޮށް އޮތް ތަނެއް ކަމުގައެވެ. އިޒުރޭލުގެ މިހާރުގެ ސަރުކާރުގެ ބައެއް ވަޒީރުން ފަލަސްތީނުގެ އަސްލު އަހުލުވެރިން ތަނުން ނެރުމަށް ނޫނީ ނިޔުކިލިޔަރު ހަތިޔާރު ބޭނުންކޮށްގެން ނަމަވެސް މަރާލުމަށް ވެސް ގޮވާލައިފައި ވެއެވެ. މިހުރިހާ ކަމަކުން އެނގެނީ ހަނގުރާމަ ހުއްޓަން އިޒުރޭލުން ބޭނުން ނުވާނޭ ކަމެވެ. އެމީހުން ބޭނުންވާނީ، އެކަން ވެވެން އޮތިއްޔާ، އެތަނުން ފަލަސްތީނުގެ އަހުލުވެރިން ހުސްކުރުމެވެ. އެ މީހުންގެ 'ބޮޑު، އެބަހީ، ޖާގައިގެ ގޮތުން ތަނަވަސް އިޒުރޭލު އުފެއްދުމަށެވެ. މި ބޮޑު އިޒުރޭލުގައި ސަރަހައްދީ ބައެއް ގައުމުތަކުގެ ބިންތައް ވެސް ހިމެނެއެވެ. ލުބްނާނު، ސީރިޔާ އަދި ސައުދި އެރޭބިޔާގެ ބައެއް ބިންތަކެވެ.

އިޒުރޭލުން ހަނގުރާމަ ހުއްޓަން ބޭނުން ނުވުމަކީ އެ ހަނގުރާމައަށް ވަގުތީ ނިމުމެއް ނައުމެއް ނޫނެވެ. އެކަން ކުރަން އިޒުރޭލަށް މަޖުބޫރު ކުރުވަފާނެ ދެ ސަބަބެއް އޮވެއެވެ. ހުޅަނގުގެ ދައުލަތްތަކުން އިޒުރޭލަށް ޕުރެޝަރުކުރާ ކުރުމެވެ. އެންމެ ފާޅު ގޮތެއްގައި މިކަން އެންމެ ފުރަތަމަ ފެނިގެން ދިޔައީ އަޔަރލެންޑުންނެވެ. ދެން، އެއަށް ފަހު، ނޯވޭއާއި ފުރާންސުންނެވެ. އަދި، އިނގިރޭސިވިލާތާއި ކެނެޑާއިންނެވެ. މީގެ އިތުރުން، މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގެ ކުރިމަތީ ހެން އިޒުރޭލުގެ އަގު ވެއްޓުމެވެ. އެ މީހުންގެ ހަގީގަތް ނެތް ވާހަކަތަކާއި އޮޅުވާލުންތަކުގެ ހަގީގަތް ހާމަވެ، ފާޅުވެގެން ދިޔުމެވެ. މިސާލަކަށް، ހޮސްޕިޓާތަކަށާއި މިސްކިތްތަކަށާއި ކަނީސާތަކަށް ބޮން އަޅަނީ ހަމާސްގެ ހަނގުރާމަވެރިން އެތަންތާ ފިލާ ތިބޭތީއޭ ބުނުމާ ބުނުމުގެ ހަގީގަތެއް ނެތްކަން ސާފުވެ ފާޅުވުމެވެ.

ހަނގުރާމަ ހުއްޓާލަން، އިޒުރޭލަށް ދެން މަޖުބޫރު ކުރުވާނެ އަނެއް ސަބަބަކީ މިސިރާއި ސައުދި އެރޭބިޔާ ފަދަ އަރަބި ގައުމުތަކުން އެކަން ކުރުމަށް ތެދުވުމެވެ. 1973 ގައި އޮކްޓޯބަރުގެ ހަނގުރާމައިގައި މަރްހޫމު މަލިކު ފައިސަލް އެޅިފަދަ ފިޔަވަޅެއް އަޅާފާނެ ކަމުގެ ބިރުހީވުމެވެ. މިހާރު ކަންކަން އޮތް ގޮތުގެ މައްޗަށް ބަލާލާއިރު، މިއީ ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ. މައިގަނޑު ސަބަބަކީ އަރަބިންގެ ވަރަށް ގިނަ ގައުމުތަކުން ދެކޭ ގޮތުގައި ހަމާސަކީ ވެސް އަރަބި ގައުމުތަކަށް އޮތް ނުރައްކަލެއް ކަމުގައި ދުށުމެވެ. މި ފަދަ ގައުމުތައް ދެކޭ ގޮތުގައި – މިސާލަކަށް މިސުރާއި ސައުދި އެރޭބިޔާ – ހަމާސަކީ ޓެރަރިސްޓު ޖަމާއަތެކެވެ. އެފަދަ ގައުމުތަކުގެ ނަޒަރުގައި ހަމާސްގެ ގަބޫލުކުރުންތަކަކީ އިޚުވާނުލް މުސްލިމޫންގެ ޖަމާއަތުގެ ގަބޫލުކުރުންތައް ގަބޫލުކުރާ ބަޔެކެވެ. އަރަބި ބައެއް ގައުމުތައް ދެކޭ ގޮތުގައި އިޚުވާނުންނަކީ ވެރިކަމަށް އިންގިލާބު ގެންނަން އުޅޭ ބައެކެވެ. އެހެންވެ، އިޚުވާނުންނަކީ ނުރައްކާތެރި ނިރުބަވެރި ބައެއްގެ ގޮތުގައި ކަނޑައަޅައި ހަމާސްއާ އިދިކޮޅުވެވެނީއެވެ. އަދި، ހަމާސް ބާރުވެރި ކުރުވަފާނޭ ފިޔަވަޅެއް އަޅަން ވެސް ބޭނުން ނުވަނީއެވެ.

މިހެން ކަން އޮތް ކަމުގައި ވިޔަސް، ހުޅަނގުގެ ގައުމުތަކޭ އެއްފަދައިން ހަނގުރާމައަށް ނިމުމެއް ގެންނަން އަރަބިން ވެސް ބޭނުން ވެއެވެ. މިކަމަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވަނީ ހަނގުރާމައަށް ނިމުމެއް އަންނަ އިރު، ބާރުވެރިވެފައި ހަމާސް އޮތުމުގެ އިހުތިމާލު އޮތުމެވެ. އެންމެން ހެން ބޭނުން ވަނީ ހަމާސްގެ ބާރު ކަނޑުވާލައި އޭގެ ބަދަލުގައި ޣާޒާ ވެސް އަދި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ވެސް 'ޕެލެސްޓީނިއަން އޮތޯރިޓީ' (ޕީ.އޭ.)ގެ ބާރުގެ ދަށަށް ގެނައުމެވެ. ނޫން ނަމަ، ހަމާސް އަމާންދީ ހަތިޔާރު ބެހެއްޓުމެވެ. އަދި، އެ ހަތިޔާރުތައް ނައްތާލައި، އިޒުރެލާއި ހަނގުރާމަކުރުމުގެ ގާބިލުކަން މުޅިން އެއްކޮށް ނައްތާލުމެވެ.

ކޮންމެއަކަސް ލަފާކުރެވެނީ، ލަސްވެގެން، ކުރިއަށް އޮތް މަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް އަތުވެދާނޭކަމަށެވެ. މީގެ މާނައަކީ ފަލަސްތީނުގެ މައްސަލަ ހައްލުވުމެއް ނޫނެވެ. ހަނގުރާމަ ނިމުމަށް ފަހު، އެ ވާހަކަތައް ދެކެވޭނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމުގެ ވާހަކަތަކެވެ. މިކަން ވާނީ 1967 ހަމައަށް އޮތް އިޒުރޭލުގެ އިމުގެ ސަރަހައްދު އިޒުރޭލުން ބަލައިގަނެގެންނެވެ. މިހާރު ކަންތައް އޮތް ގޮތުން އެއީ ވާނޭ ކަމެއް ހެނެއް ހިޔެއް ނުވެއެވެ.

މިހާރު ކަން އޮތް ގޮތޭ ބުނާ ބުނުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ މިހާރު ހަނގުރާމަ ކުރުމުގެ ހަގީގީ ބާރެއް އޮތީ އިޒުރޭލު އަތް މަތީ އެކަންޏެވެ. ފަލަސްތީނުގެ އަހުލުވެރިން ބޭނުން ވިޔަސް، އެ މީހުންގެ ޖާނާއި މާލު ދިފާއުކުރުމުގެ ހަގީގީ ބާރެއް އެ މީހުންގެ އަތުގައި ނެތެވެ. ތާރީޚު ބުނެދޭ ވާހަކައަކީ ސުލްހައެއް ގާއިމުވެ ދިޔުމަށްޓަކައި، ހަނގުރާމަކުރާ ދެފަރާތައް ވެސް އެއްވަރަކަށް ހަނގުރާމަ ކުރުމުގެ ބާރު ލިބިފައި އޮތުމެވެ. ދާދި ފަހުން އިޒުރޭލާއި އީރާނާ ދެމެދު ހިނގި ބާރަ ދުވަހުގެ ހަނގުރާމައިން ވެސް މިކަން ފެނުނެވެ. 1979 އިން ފެށިގެން އިރާނަކީ އިޒުރޭލަށް ވެސް އަދި އަރަބި ގައުމުތަކަށް ވެސް އޮތް ނުރައްކަލެއް ކަމުގައި ބެލެވުނެވެ. އަދި، އިޒުރޭލުން ގޮވަމުން ދިޔައީ އީރާނު ލުބްނާނަކަށް ނޫނީ ސީރިޔާއަކަށް ހަދާލުމެވެ. އިޒުރޭލު ބޭނުންވި ވަގުތެއްގައި ބޮން އެޅޭނޭ ތަނެއްގެ ގޮތުގައި އޮތުމެވެ. ނަމަވެސް، ނިމިދިޔަ ބާރު ދުވަހުގެ ހަނގުރާމައިން އެނގުނީ އީރާނު އަތުގައި ވެސް އިޒުރޭލާ ހަނގުރާމަ ކުރެވިދާނެ ކަމުގެ އެކަށޭނަކަމެއް އޮތް ކަމެވެ. އެހެންވެ، ކީރިތި ގުރުއާނުގައި، ޔަހޫދީން ސިފަކުރެވިފައިވާ ފަދައިން، 'ވަރުގަދައަށް ހިމާޔަތް ކުރެވިފައިވާ ރަށްތަކެއްގައި ނޫނީ ފާރެއްގެ ބިއްދޮށުގައި (قُرًى مُّحَصَّنَةٍ أَوْ مِن وَرَاءِ جُدُرٍ) ތިބެގެން ހަނގުރާމަ ކުރެވެން ނެތުމުން، މާނައަކީ އެއްވެސް ގެއްލުމެއް ތަހައްމުލުކުރަން ނުޖެހި ހަނގުރާމަ ކުރެވެން ނެތުމުން، އީރާނާ އިދިކޮޅަށް މި ވަގުތު ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ނޭދުނީއެވެ. ކީރިތި ގުރުއާނުގެ ހަޝްރު ސޫރަތުގެ މި އާޔަތުގައި – ސާދަ ވަނަ އާޔަތުގައި – އިޝާރަތް އެކުރަނީ، ބާރަ ދުވަހުގެ ހަނގުރާމައިން އޭގެ ތެދުކަން ފެނިގެން ދިޔަ ހަގީގަތަށެވެ. ބާރުގެ ގޮތުން ހަމަހަމަ ގޮތެއްގައި ތިބެ، ހަނގުރާމަކުރުމުގެ ކެރުމާއި ހިއްވަރެއް ޔަހޫދީންގެ ނޯންނާނޭކަމެވެ.

އެހެންވިމާ މި ކަމަން ވެސް އެނގެނީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ އެކަށޭނަކަމަކާއި ބާރެއް އަރަބިން ލިބިގަނެ، އަދި، އެ އެކަށޭނަކަމާއި ބާރު ބޭނުން ކޮށްފާނެ ކަމުގެ ބިރު ހީވާ ދުވަހަކުންނެވެ. މިކަން ލިބިގަނެވޭނީ، އެންމެ ފުރަތަމަ، ސިކުނޑިތައް ތަރައްގީ ކުރެވި، އަމިއްލަ ނަފްސަށް އިތުބާރުކުރެވި، ކަންކަން އަމިއްލައަށް ކުރެވޭނެކަން އަމިއްލަ ނަފްސަށް ޔަގީންކޮށްދެވިގެންނެވެ. ސިކުނޑިއާއި ވިސްނުން މާތްﷲ ދެއްވާފައި ވަނީ ވަކި ބަޔަކަށް ނޫނެވެ. އެންމެނަށް ވެސް އެކަން ދެއްވާފައި ވެއެވެ. ނަމަވެސް، އެނެމް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރަނީއެވެ. އޭގެ ބޭނުންކޮށް، އަމިއްލަ ޖާނާއި މާލު ދިފާއުކުރުމުގެ އެކަށޭނަކަން އުފެއްދުނު ދުވަހަކުން މެނުވީ ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް އައުން ދުރުކަމުގައި ބުނެވިދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *