ޙަޤީޤަތަކީ، އަހަރެންނަކީ ކުޑައިރުއްސުރެ ވެސް އެއްވެސް ކަމަކަށް 'ނޫނެކޭ' ބުނަން ދަތި މީހެކެވެ. އެހެން މީހުންގެ މައްސަލަތައް ހައްލު ކޮއްދިނުމަކީ އަހަރެންގެ ޒިންމާއެއް ކަމުގައި ވަރަށް އަވަހަށް އަހަރެންގެ ބޮލަށް ނަގައިގަނެވޭ މީހަކެވެ. މި ސިފަޔާ ހުރެ، ގިނަ ފަހަރު އަހަރެންނަށް ވަނީ އެކި ކަހަލަ ދަތިތަކާ ވެސް ކުރިމަތިލާން ޖެހިފައެވެ.
މީގެ ހަޔެއްކަ ހަފުތާކުރީ ހުކުރު ދުވަހެއްގެ ހެނދުނެވެ. ހަފުތާގައި އަހަރެންނަށް ހުސްކޮށް ލިބޭ ހަމައެކަނި ދުވަސް ކަމަށްވާތީ، ގޭގެ ސިޓިން ރޫމުގައި ކޮފީއެއް ހިފައިގެން ޓީވީ ބަލަން އިނދެވުނެވެ. ގޭގެ ހުރިހާ އަންހެންވެރިން އުޅުނީ ބަދިގޭގައި ހުކުރު ދުވަހުގެ ބޮޑު ކެއްކުމުގެ މަސައްކަތުގައެވެ. މި ވަގުތު އަހަރެންގެ ފޯނަށް މެސެޖެއް އައުމުން ބަލައިލިއިރު، އެއީ އަހަރެންގެ ކެފޭއަށް ގަވައިދުން ކޭކު ހަދައިދޭ މީހާއެވެ. އޭނާ ބުނީ، އޭނާ މިހުރީ އަހަރެންގެ ގޭ ދޮރުމަތީގައި، ރަހަ ދައްކާލަން އެއްޗެއް ހިފައިގެން އައިސްކަމަށެވެ.
އަހަރެން ތިރިއަށް ފައިބައިފީމެވެ. އޭނާ އަހަރެންގެ އަތަށް ކަރުދާސް ކޮތަޅެއް ދިއްކޮށްލިއެވެ. އޭގެ ތެރޭގައި އޭނާގެ ރަޙްމަތްތެރި އަންހެނެއް ހަދައިފައިވާ ސޭންޑުވިޗެއްގެ އެއްބައި އޮންނާނޭ ކަމަށް ބުންޏެވެ.
އަހަރެން އެތެރެއަށް ވަދެ، މި ސޭންޑުވިޗު ތަށްޓަކަށް ލައިގެން އައިސް ޓީވީ ކުރިމަތީގައި އިނދެ ކާލައިފީމެވެ. އޭތި މީރެވެ. އަޅައިފައި ހުރީ ކުޅިކޮށް ހަދައިފައިވާ ކުކުޅެވެ. ޗީސްގެ ރަހައާއި ލޮނުމިދުގެ ރަހަ ދޭ ސޯސްއެއްވެސް އަޅައިފައިވެއެވެ.
"މީތި މީރޭ، ރަހަތައް ވަރަށް އެއްވަރޭ" ޖަހައިފައި ކޭކު ހަދައިދޭ މީހާއަށް އަހަރެން މެސެޖެއް ކޮށްލީމެވެ. އަދި ހޯމަ ދުވަހު އެ އަންހެން މީހާއާ ބައްދަލުކޮށްލަން ހިނގާށޭވެސް ބުނީމެވެ. އެހެން ބުނެފައި އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ޓީވީއިން ދައްކަމުންދިޔަ ޕްރޮގްރާމަށް އަލުން ސަމާލުކަން ދޭށެވެ.
އަހަރެން ބަލަމުންދިޔަ ޕްރޮގްރާމަށް އަލުން ސަމާލުކަން ދޭން އުޅެނިކޮށް، އަނެއްކާވެސް މެސެޖެއް އައި އަޑު އިވިއްޖެއެވެ. އަނެއްކާވެސް ކޭކުހަދައިދޭ މީހާއެވެ. އޭނާގެ މެސެޖުގައި އޮތީ، އެ އަންހެން މީހާއަކީ އެހެން ކެފޭއަކަށް ކޭކާއި ފޮނިބޯކިބާ ވިއްކާ މީހެއް ކަމަށާއި، މިކަން އަހަރެންނަށް އޯކޭތޯއެވެ.
އަހަރެން ވިސްނާލީމެވެ. އެ ބުނާ ކެފޭގެ ވެރިފަރާތަކީ ތަންކޮޅެއް ޒާތްކޮޅު ބޮޑު މީހެކެވެ. ވަރަށް ވިސްނާފައި އަހަރެންގެ ކެފޭ ފިޔަވާ އެހެން ކެފޭއަކަށް އެ ސޭންޑުވިޗު ނަހަދަނިކޮށް، އަހަރެންނަށް 'އޯކޭ' ކަމަށް ބުނެފީމެވެ. އެކަމަކު، "އަނެއް ކެފޭގެ މީހާ ކައިރީގައި އަހާލައްޗޭ" ވެސް އަހަރެން ބުނީމެވެ.
ދެން އެ ހަފުތާ ބަންދުގައި ކޭކު ފޯރުކޮށްދޭ މީހާގެ އިތުރު ޚަބަރެއް ނުވެއެވެ.
އާދީއްތަ ދުވަހު ހެނދުނު ކޭކު ހަދައިދޭ މީހާ ވަރަށް ދިގު މެސެޖެއް އަހަރެންނަށް ކޮށްފިއެވެ. އެ އަންހެން މީހާ އަހަރެންގެ ކެފޭއަށް ސޭންޑުވިޗު ހަދައިދެންތޯ އަހާލުމުން ވަރަށް މައްސަލަ "ގޯސްވެއްޖެ" ކަމަށް މެސެޖުގައި އޮތެވެ. އަނެއް ކެފޭގެ މީހާ ވަރަށް ރުޅިގަދަވެގެން، ދެން އެއްވެސް ކެފޭއަކަށް އެހެން އެއްވެސް އެއްޗެއް ނުހެދޭނެ ކަމަށް އަންހެން މީހާ ކައިރީގައި ބުނެފި ކަމަށް އޭނާ ބުންޏެވެ. މިކަމުގެ ސަބަބުން އެ އަންހެން މީހާ ވަރަށް ދެރަވެފައިވާ ކަމަށާއި، ދެން ހަދާނީ ކިހިނެއްތޯ ވެސް އޭނާ އަހާފައި އޮތެވެ.
"މާދަމާ ބައްދަލުކޮށްފައި މި ވާހަކަ ދައްކަން ހަދާނީ ދޯ؟" އަހަރެން ބުނީމެވެ.
އޭގެ އަނެއް ދުވަހު ކޭކުހަދައިދޭ މީހާ، ސޭންޑުވިޗު ހަދާމީހާ ގޮވައިގެން ކެފޭއަށް އަތުވެއްޖެއެވެ.
ސޭންޑުވިޗު ހަދާ މީހާއަކީ ބިރުން ސިހިސިހި ހުންނަ މީހެކެވެ. އަހަރެން ބޭނުންވީ އޭނާގެ ހަދާ ސޭންޑުވިޗު އަހަރެންގެ ކެފޭގައި ބެހެއްޓޭނެ ގޮތަކާ މެދު މަޝްވަރާކުރާށެވެ. އަހަރެންނަށް ވާހަކަ ނުފެށެނީސް އޭނާ ވާހަކަ ފަށައިފިއެވެ. އަނެއް ކެފޭގެ މީހާ އޭނާ ކައިރީގައި ދެން ތަކެތި ގެންނާނެ ކަމެއް ނެތް ކަމަށް ބުނި ކަމަށް އޭނާ ބުންޏެވެ.
އަހަރެން އެ ކެފޭގެ މީހާއާއި އޭނާއާ ދެމެދުވެފައިވާ އެއްބަސްވުމަކީ ކޮބައިތޯ އެހީމެވެ. އޭނާ ބުނީ، އެ ކެފޭއަށް ކޮންމެ ދުވަހަކު ހަތަރު ކޭކާއި ހަތަރު ބޯކިބާ އަޅައިދެނީ މަހު މުސާރައަކަށް ކަމަށެވެ.
އަހަރެން ފިކުރު ބޮޑުވިއެވެ. އުސޫލެއްގެ ގޮތުން އަހަރެންގެ ކެފޭއަށް ކާބޯތަކެތި ހަދައިދޭ މީހުންނަށް އަހަރެން މަހު މުސާރައެއް ނުދެމެވެ. އަހަރެންނަކީ އެމީހެއް ގެނައި އެއްޗަކަށް ލާރި ދޭ މީހެކެވެ. އެ ވާހަކަ ބުނަން އަހަރެން އަނގަ ހުޅުވާލި ތަނާ، ކޭކު ހަދާމީހާ އިނދެފައި ބުނީ، މި ސޭންޑުވިޗު ހަދާ މީހާއަކީ އެކަނިވެރި މައެއް ކަމަށާއި، އޭނާގެ އާމްދަނީ ހަމަޖެހިފައިވަނީ ކުރީގެ ކެފޭއިން ލިބެމުން އައި މަހު މުސާރައަށް ކަމުގައެވެ. ދެން އެ ދެ މީހުން ދެއްކީ ގައުމުގެ އިގުތިސާދީ ހާލަތުގެ ސަބަބުން ކާބޯތަކެތި ހަދާ މީހުންނަށް ފުރުސަތުތައް ހަނިވެފައިވާ ވާހަކައެވެ.
އަހަރެން ދާހިއްލަން ފެށިއެވެ. މި ބައްދަލުވުން މިދަނީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. މިހާރު އެ އަންހެން މީހާއާއި ކޭކުއަޅާ މީހާއާ ދެމީހުންވެސް ތިބީ އަހަރެންނަށް އުންމީދުން ފުރިގެންވާ ނަޒަރަކުން ބަލާށެވެ. "ހައްލަކީ އަހަރެން"ނޭ ބުނާ ކަހަލަ ގޮތަކަށެވެ. ވެގެން އުޅޭގޮތުގެ ޒިންމާ އަހަރެންގެ ކޮނޑަށް އަރާ ސަވާރު ވެއްޖެއެވެ.
އަހަރެން ކަރުކެހިލާފައި ދެން އޭނާއަށް ހެދޭނީ ކޯއްޗެއްތޯ އަހައިފީމެވެ. އޭނާ ބުނީ ކޭކާއި ފޮނިބޯކިބާ އެކަނި ކަމަށެވެ. އަހަރެންގެ ކެފޭގައި ފޮނި ބޯކިބަލެއް ނުހިނގާނެކަން އަހަރެންނަށް ޔަގީނެވެ. ކެފޭއަށް އިތުރު ކޭކެއް ބޭނުމެއް ނުވެއެވެ. ކެފޭއަށް ކޭކު ހަދައިދޭ މީހާ އިނީ އޭނާއާ ޖެހިގެންނެވެ. ހައްލަކީ ހަމައެކަނި ސޭންޑުވިޗުތާއެވެ.
ސޭންޑުވިޗު ހަދައިދޭ މީހާގެ މާލީ ހާލަތަށް "ހައްލެއް" ގެނެސްދިނުމަށް އަހަރެން ފޯނު ނެގީމެވެ. އާންމުކޮށް ސޭންޑުވިޗު ތަންތަނުން ގަނެގެން ކާ އަގުގައި އޭނާގެ އަތުން ކިތައް ސޭންޑުވިޗު ގަނެގެންތޯ އޭނާގެ މަހު މުސާރައާ ގާތްކުރާ އަދަދެއް ޖެހޭނީ ބަލަން ބޭނުންވިއެވެ.
ހަމަ އެ ވަގުތު އެ އަންހެން މީހާ ބުނީ، އޭނާގެ ގޭގެ ކަންތައްތައް ހުންނަ ގޮތުން ދުވާލަކަށް ހެދޭނީ 10 ސޭންޑުވިޗު ކަމަށެވެ. އަހަރެން ފޯނު މޭޒުމަތީގައި ބޭއްވީމެވެ.
ގަބޫލުކުރަން ދަތިވެދާނެއެވެ. މި ކިޔައިދިނީ އަހަރެން "ދެވަނަ އަންބަކާ ކައިވެނި ކުރަން" ދިމާވި ގޮތުގެ ވާހަކައެވެ.
